ކ. މާލެ
|
22 ޖޫން 2025 | އާދީއްތަ 13:36
ފަށާއިރު ޕްރޮގްރާމްގައި ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވާހަކަދައްކަވަނީ
ފަށާއިރު ޕްރޮގްރާމްގައި ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ދިއްގަރު ހައުސިން ޔުނިޓް
ދިއްގަރުގައި ހައުސިން ޔުނިޓް އެޅުމަށް ބިންގާއެޅި ނަމަވެސް މިހާރު އެ ބިންގާ ފެންނަން ވެސް ނެތް: ކައުންސިލްގެ ރައީސް
މިއަދާ ހަމައަށް ހައުސިން ޔުނިޓްތަކުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވޭ
އެމްޓީސީސީއާއެކު ސޮއިކުރި ފަހުން ދެ ފަހަރެއްގެ މަތިން ހައުސިން ޔުނިޓް އެޅުމަށް ގެޒެޓްގައި އިއުލާން ކޮށްފައިވޭ
57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް ޖެނުއަރީގައި އިއުލާން ކޮށްފައިވޭ

މ.ދިއްގަރުގައި ހައުސިން ޔުނިޓް އެޅުމަށް ބިންގާއެޅި ނަމަވެސް މިހާރު އެ ބިންގާ ފެންނަން ވެސް ނެތް ކަމަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ނިޝާން ވިދާޅުވީ 75 ހައުސިން ޔުނިޓް އެޅުމަށް ނިންމާ އެކަން އިއުލާން ކުރި ކަމަށާއި، ބޮޑު ރަސްމިއްޔާތެއްގައި ބާއްވާ ބިންގާ އެޅި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، މިއަދު އެ ބިންގާ ވެސް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ހައުސިން ޔުނިޓް އެޅުމަށް ފުރަތަމަ ކުރެހުމުގައި ދެއްކި ގޮތާއި، އިއުލާން ކުރި ގޮތް ތަފާތު ކަމަށެވެ. ވަކިވަކި ހައުސިން ޔުނިޓްތައް އަޅަން ރައްޔިތުން ބޭނުންވި ނަމަވެސް ފްލެޓުތައް އެޅުން އެއީ ސަރުކާރުގެ ޕޮލިސީ ކަމަށް ހައުސިން މިނިސްޓްރީން އެންގި ކަމަށް ނިޝާން ވިދާޅުވިއެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއެކު، އެ ޕޮލިސީ ވެސް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނިޝާން ވިދާޅުވީ ހައުސިން ޔުނިޓްތަކުގައި ވެސް ވާނުވާ ނޭނގޭ ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާއެކު ސޮއިކުރި ފަހުން ދެ ފަހަރެއްގެ މަތިން ދިއްގަރުގައި 75 ހައުސިން ޔުނިޓް އެޅުމަށް ގެޒެޓްގައި އިއުލާން ކޮށްފައިވާ ކަމަށާއި، އެ މައުލޫމާތު ސާފުކުރުމުން އެއީ ހައުސިން މިނިސްޓްރީއަށް އޮޅިގެން ކުރެވިފައިވާ އިއުލާނެއް ކަމަށް އަންގާފައިވާ ކަމަށް ނިޝާން ވިދާޅުވިއެވެ.

ހައުސިން ޔުނިޓްތައް އެޅުމަށް އެޅި ބިންގާ މިހާރު ފެންނާކަށް ނެތް. ފުރަތަމަ ހައުސިން ޔުނިޓްގެ ވާހަކަ ދެކެވެމުންއައިރުގައި ފޮޓޯގައި ހުރި ވަކިވަކިން ހުރި ހައުސިން ޔުނިޓްތަކެއް. ފަހުން މި މައުލޫމާތު ލިބޭ ގޮތުގައި ވަކިވަކިން ނޭޅޭ. ފްލެޓު އަޅަން މިޖެހެނީ. އަޅުގަނޑުމެން ރައްޔިތުންގެ ބައްދަލުވުމެއް ވެސް ބޭއްވިން މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް. ވަރަށް ބޮޑު މެޖޯރިޓީއެއް ބޭނުންވަނީ ހަމަ ވަކިވަކި ޔުނިޓްތަކެއް ގޯތީގައި ވަކިން އަޅައިގެން ދިރިއުޅެން. އަޅުގަނޑުމެން އެ ހިފައިގެން ސަރުކާރުގެ ހާއްސަކޮށް ހައުސިން މިނިސްޓްރީއަށް އަޅުގަނޑުމެން ދިޔައިން. ގޮސްފައި މަޝްވަރާ ކުރިން ރައްޔިތުން ބޭނުންވަނީ މިގޮތޭ. އެހެންނަމަވެސް އޭރު އަޅުގަނޑުމެންނަށް މިނިސްޓްރީން ދެއްވި ޖަވާބަކީ ސަރުކާރުގެ ޕޮލިސީއެއް ނޫނޭ ވަކިވަކި ރޯހައުސްތައް އެޅުމަކީ. ސަރުކާރުގެ ޕޮލިސީއަކީ ހަމަ ފްލެޓު އެޅުމޭ. އެބަދަލެއް ނުވާނޭ. އެހެން ތިއްބައި ކުއްލިއަކަށް ވަރަށް ފަހުން ރައީސްގެ ވައުދެއް ގޯތީގައި ގެދޮރު އަޅައިދޭނަމޭ. އެހެންވީމަ ޕޮލިސީ މިހާރު ބަދަލުވީ.

ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން

ދިއްގަރުގައި ހިމެނޭ ގޮތަށް ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް ސަރުކާރުން ޖެނުއަރީ މަހުގެ ތެރޭގައި އިއުލާން ކުރިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މައުލޫމާތުދޭ ގޮތުގައި، މިއަހަރަށް ކަނޑައެޅި ބަޖެޓުގައި އުމްރާނީ ތަރައްގީގެ ދާއިރާއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ބޯހިޔާވަހިކަމަށެވެ. އެގޮތުން މިދާއިރާއިން 2.8 ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާއިރު، 1.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވަނީ ސަރުކާރުގެ އިޖްތިމާއީ ބޯހިޔާވަހިކަމުގެ އުމްރާނީ މަޝްރޫއުތަކަށް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މިއަދާ ހަމައަށް މިކަމާ ގުޅުންހުރި އެއްވެސް މަޝްރޫއެއް ފެށިފައިނުވެއެވެ.

- ކޮމެންޓް