ކ. މާލެ
|
25 މެއި 2021 | އަންގާރަ 17:45
ބަންގާޅުކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ގަޑިއަކު 110 މޭލަށް ވައި ގަދަވާނެ
ބަންގާޅުކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ގަޑިއަކު 110 މޭލަށް ވައި ގަދަވާނެ
ހިންދުސްތާނީ ޓައިމްސް
ޔާސް ކޮޅިގަނޑު
ބަންގާޅުކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވަނީ
އިންޑިއާގެ އިރުމަތީ އައްސޭރިއަށް މިހާރު ދަނީ ދަތުރުކުރަމުން
ކުރިއަށް އޮތް 12 ގަޑިއިރު ތެރޭ ބާރުގަދަ ތޫފާނަކަށް ބަދަލުވެގެން ދާނެ

ކުރިއަށް އޮތް 12 ގަޑިއިރު ތެރޭ ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެގެން ދާނެ ކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނެފިއެވެ.

"ޔާސް" ގެ ނަމުން ނަންދެވިފައިވާ މި ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެ އިންޑިއާގެ އިރުމަތީ އައްސޭރިއަށް ދަތުރުކުރަމުން ދާތީ އެ ސަރަހައްދުގެ ތިރި ހިސާބުތަކުގައި ދިރިއުޅެމުންދާ މީހުން ވަނީ ރައްކާތެރި ހިޔާތަކަށް ބަދަލުކޮށްފައެވެ.

މި ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެ, ގަޑިއަކު 110 މޭލަށް ވައި ގަދަވާނެ ކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ލަފާކޮށްފައިވެއެވެ. އެއާއެކު މި ކޮޅިގަނޑު އިންޑިއާގެ އިރުމަތީ ދެ ސްޓޭޓް ކަމަށްވާ ވެސްޓް ބެންގޯލް އަދި އޮޑިޝާއަށް ބުދަ ދުވަހު މެންދުރު ފޯރާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

ޔާސް ކޮޅިގަނޑު އިންޑިއާއާ ކައިރިވަމުން މި ދަނީ, ޓައުކްޓޭ ތޫފާން އިންޑިއާއަށް އެރިތާ އެންމެ 10 ވަރަކަށް ދުވަސް ފަހުންނެވެ. އެ ތޫފާނުގައި 150ށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ބަންގާޅު ކަނޑުގައި އުފެދުނު ތޫފާން އިންޑިއާގެ އިރުމަތީ އައްސޭރިއަށް ދަތުރުކުރަމުން ދާއިރު, އެގައުމުގެ ވައިގެ އަދި ކަނޑުގެ ސިފައިން ތިބީ ތޫފާނުގައި ލިބިދާނެ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުގައެވެ. އެގޮތުން އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރުތަކާއި އެހެނިހެން އުޅަނދުތައްވެސް ވަނީ ތައްޔާރުކޮށްފައެވެ. ހަމައެހެންމެ އޮޑީޝާގެ ޑިޒާސްޓާ ރެޕިޑް އެކްޝަން ފޯސްގެ 800އަށް ވުރެ ގިނަ މީހުން ރިލީފް މަސައްކަތްތަކުގައި ހަރަކާތްތެރިވުމަށް ތައްޔާރުވެތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް