ކ. މާލެ
|
13 މެއި 2021 | ބުރާސްފަތި 18:24
މިހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމުލައްސިޓީގެ ގެއެއްގައި ފެންބުޑުވެފައި
މިހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމުލައްސިޓީގެ ގެއެއްގައި ފެންބުޑުވެފައި
ޕޮލިސް
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ
މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް
 
އައްޑޫ ސިޓީގެ ހަ އަވަށުން ޖުމްލަ  315 ގެޔަކަށް ވަނީ ގެއްލުން ވެފައި
 
ވިއްސާރައިގައި ފުވައްމުލަކު 60 އިންސައްތަ ގޭގެޔަށް ފެނުގެ އަސަރު ކޮށްފައިވޭ
 
ހުރިހާ ހިސާބަކަށް ވައިގަދަވެ ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރޭ

މޫސުން ގޯސްވެ، ރާއްޖޭގެ ގިނަ ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެކި ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ވިއްސާރައިގައި ފުލުހުންގެ އެހީތެރިކަން:

މި ވިއްސާރައިގައި އާންމުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވާރޭވެހި ބައެއް ރަށްރަށުގައި ފެން ބޮޑުވެ ގޯތި ގެދޮރާއި މުދަލަށް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން ފެންބޮޑުވުމުގެ ހާދިސާތައް ދިމާވި ހުރިހާ ރަށެއްގައި، ރައްޔިތުންނަށް އެހީތެރިވުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

'ރާއްޖެ އެމްވީ' އަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ވިއްސާރައިގައި އާންމުކޮށް ފެންބޮޑުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ އައްޑޫސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ޅ. ހިންނަވަރަށް ކަމަށެވެ. މި ރަށްރަށުގައި ފެން ހިންދުމާއި، ވެލިބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ވިއްސާރައިގައި އައްޑޫ ސިޓީއަށް ލިބުނު ގެއްލުން:

މިހާރު ކުރަމުންދާ ވިއްސާރައިގައި ބުދަދުވަހުން ފެށިގެން 24 ގަޑިއިރު މެދުކެނޑުމެއް ނެތި އައްޑޫ ސިޓީއަށް ވާރޭ ވެހި ބޮޑެތި ގެއްލުން ތަކެއް ލިބިފައިވެއެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސާދިގު 'ރާއްޖެއެމްވީ' އަށް ވިދާޅުވީ މި ވިއްސާރައިގައި އާންމުކޮށް އައްޑޫ ސިޓީގެ ހުރިހާ ހުރިހާ އަވަށަކަށް އެކިވަރުގެ ގެއްލުން ވެފައި ވާކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ ހަ އަވަށުން ޖުމްލަ  315 ގެޔަކަށް ގެއްލުން ވެފައި ވާކަމަށް ވިދާޅުވިއެވެ.

ވިއްސާރައިގައި އައްޑޫ ސިޓީގެ ގެތަކަށް ވެފައިވާ ގެއްލުން ތަކަށް ބަލާއިރު، އެންމެ ބޮޑެތި ގެއްލުން ލިބިފައިވަނީ ހިތަދޫއަށެވެ. ހިތަދޫގެ 135 ގެޔަކަށް ފެނުގެ އަސަރު ކޮށްފައި ވާއިރު، 85 ގެޔަކަށް ބޮޑެތި ގެއްލުން ވެފައި ވެއެވެ. ދެވަނައަށް އެންމެ ގެއްލުންވި ފޭދޫގެ 84 ގެޔަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

މަރަދޫފޭދޫގެ 40 ގެޔަކަށް ފެންވަދެފައި ވާއިރު، 26 ގެޔަކަށް ބޮޑެތި ގެއްލުން ލިބިފައިވެއެވެ. މަރަދޫއިން 13 ގެޔަކަށް ގެއްލުންވިއިރު، 5 ގެޔަށް ބޮޑެތި ގެއްލުން ވިއެވެ. މީދޫއިން 26 ގެޔަކަށް ފެނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ. ވިއްސާރައިގައި އެންމެ މަދު ގެޔަކަށް ގެއްލުން ލިބުނީ ހުޅުދޫ އަށެވެ. ހުޅުދޫން ފެނުގެ އަސަރު ކޮށްފައި ވަނީ ހަތް ގެޔަކަށެވެ.

މި ވިއްސާރައިގައި އައްޑޫ ސިޓީގެ 4 ގެޔަކުން މީހުން ބަދަލުކޮށް، އެމީހުން ނިދާނެ ތަނާއި، ކެއިން ބުއިމުގެ ކަންތައްތައް ހަމަޖައްސައިދޭން ޖެހުނު ކަމަށް މޭޔަރު ސާދިގު ވިދާޅުވިއެވެ.    

ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ހިތަދޫގެ ނަރުދަމާގެ ނިޒާމުން ނަޖިސް ފެން ބޭރުވެފައި ވެއެވެ. އޭގޭ ސަބަބުން ހިތަދޫގެ ގިނަ ސަރަހައްދުތަކަށް ނަޖިހުގެ އަސަރުކޮށްފައި ވާކަން މޭޔަރު ފާހަގަކުރެއްވިއެވެ. ފެން ތަޣައްޔަރުވުމުގެ ސަބަބުން، ސިއްހީ ގޮތުން ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ޕަބްލިކް ހެލްތާއި ހިއްސާކުރައްވާފައި ވާކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އައްޑޫ ލިންކް ރޯޑުގައި ހުރި އަޑިގަނޑުތައް ކަނޑައިގެން ގޮސް ގެއްލުން ވެފައި ވާކަމަށް ސާދިގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ތަންތައް ބެއްދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށާއި، އޭގެ ސަބަބުން އުޅަނދު ދުއްވާ މީހުންނަށް ކުރިމަތިވެދާނެ ނުރައްކަލުގެ އިންޒާރު ދެމުން ގެންދާކަމަށެވެ.

ފުވައްމުލައް ސިޓީގައި ފެން ބޮޑުވެ ގިނަ ގެތަކަކަށް ފެން ވަދެފައިވޭ:

މޫސުމީ މި ވިއްސާރައިގައި ފުވައްމުލަކަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައި ވެއެވެ.

ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ، ބުދަދުވަހުން ފެށިގެން މެދުނުކެނޑި ވެހުނު ވާރޭގައި، ރަށުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައި ވާކަމަށެވެ. ބައެއް ހިސާބުތަކުގައި ހެދިފައިވާ ފެންގަނޑުގެ ފުންމިނުގައި 18 އިންޗި ހުންނާނެ ކަމަށް ލިރާރު ވިދާޅުވިއެވެ.

ލިރާރު ވިދާޅުވީ ބޯކޮށް ވެހުނު ވާރޭގެ ސަބަބުން، ފެނުގެ އަސަރު ކޮށްފައި ވަނީ ކަނޑައެޅިގެން ކިތައް ގެޔަށް ކަމެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ލިބުނު ގެއްލުމުގެ އެސެސްމަންޓެއް މިހާރު ހަދަމުން ދާކަމަށް ވިދާޅުވިއެވެ. އެކަމަކު ލަފާ ކުރެވޭ ގޮތުގައި 60 އިންސައްތަ ގޭގެޔަށް ފެނުގެ އަސަރު ކޮށްފައި ވާކަމަށާއި އޭގެ ތެރެއިން 4 ގެއެއްގެ މީހުން އެހެން ގެތަކަށް ބަދަލު ކުރަން ޖެހުނު ކަމަށް ވެސް ވިދާޅުވިއެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑު ވުމުގެ ހާދިސާތައް އާންމުކޮށް ކުރިމަތިވާ ފުވައްމުލަކުގައި، މި ފަހަކަށް އައިސް ކުރިމަތިވާ އެންމެ ބޮޑު މައްސަލަ އަކީ ވާރޭ ވެހުމުގެ ސަބަބުން ނަރުދަމާގެ ނިޒާމުގައި މައްސަލަޖެހި ނަޖިސްފެން ބޭރުވުމެވެ. މިފަހަރުވެސް މި މައްސަލަ ކުރިމަތިވެ، ބައެއް ގޭގޭގެ ފާޚާނާއިން ނަޖިސްފެން ބޭރުވެ، ރަށުގެ ފެން ތަޣައްޔަރު ވެފައި ވާކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

ވިއްސާރައިގައި ފެން ބޮޑުވެ ގޭގެއަށް ފެންވަނުމުގެ ސަބަބުން، ފުވައްމުލަކު ގިނަ ގޭގައި ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ވެސް ވަނީ ހަލާކުވެފައެވެ.

މި ވިއްސާރައިގައި ކުރިއަށް އޮތް 48 ގަޑި އިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވެ ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރައިން ވަނީ ލަފާ ކޮށްފައެވެ. އެހެން ކަމުން ފެން ބޮޑުވުމާއި ވައި ގަދަވުމުގެ ސަބަބުން ގޯތި ގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެ ސަމާލު ވުމަށް ނޭޝަނަލް ޑިޒާސްޓާސް މެނޭޖްމަންޓު އޮތޯރިޓީން އިލްތިމާސް ކުރެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
20%
0%
80%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
ޖަޒީރާ ޓެލެގްރާމް ޗެނަލް މެދުވެރިކޮށް ހަށިވިއްކުމުގެ ނެޓްވޯކް ހިންގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ހޯމް މިނިސްޓަރާއި ފުލުހުން ކްރިމިނަލް ކޯޓުގެ ގާޒީން ނުރައްކަލަށް ހުށަހަޅައި، ކޯޓުގެ ޙުރުމަތް ކެނޑުމުން މައްސަލަ ބަލަނީ
ހަންކެޑެ މަޝްރޫއުގެ ހުރިހާ ކްރެޓިޑެއް ލިބޭނީ އެމްޑީޕީ ސަރުކާރަށް: މޭޔަރު އަލީ ނިޒާރު
އައްޑޫސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މަކަރާއި ހީލަތުން އޮޅުވާލައިގެން ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަނީ
މަގުތަކުން ފެން ހިނދި އާންމު ހާލަތަށް އަންނަންދެން، ކުނި ނުނެރުމަށާއި، ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވުމަށް އިލްތިމާސްކޮށްފި