Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސްތުގެ ބަލިމަޑުކަމުގައި ޖެހިފައިވާ މީހުން

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

މަސްތުވާތަކެތި ބޭނުންކުރާތާ މިހާރު 35 އަހަރު ވެދާނެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 3 މެއި 2021 | ހޯމަ 04:43
މަސްތުވާތަކެތީގެ ބަލިމަޑުކަމުގައި ޖެހިފައިވާ މީހަކު ރާއްޖެޓީވީގެ އަނދިރީގައި ޕްރޮގްރާމަށް އިންޓަރވިއުދެނީ

މަސްތުވާތަކެތީގެ ބަލިމަޑުކަމުގައި ޖެހިފައިވާ މީހަކު ރާއްޖެޓީވީގެ އަނދިރީގައި ޕްރޮގްރާމަށް އިންޓަރވިއުދެނީ

ގެވެށި އަނިޔާއަކީ މިކުޑަކުޑަ ރާއްޖޭގައިވެސް އާންމުވެފައިވާ މައްސަލައެކެވެ. އާއިލާގެ ތެރޭގައި ޖެހޭ އެކިއެކި މައްސަލަތައް ބޮޑުވެ ގެވެށި އަނިޔާގެ ތެރެއަށް ގެނބިފައިވާ އެތައް ބަޔަކު ރާއްޖޭގައި އެބަތިއްބެވެ. އެކަމަކު ބަސް ބުނަން ކެރެނީ އަދި މައްސަލަ ހިފައިގެން މުއައްސަސާތަކާ ހަމަޔަށް ނިކުންނަން ކެރެނީ އޭގެ ތެރެއިން މަދު ބަޔަކަށެވެ.

ރިޕޯޓުގައި މި ބަލައިލަނީ ގެވެށި އަނިޔާގެ އަނދިރިކަމުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު މަސްތުވާތަކެތީގެ ބޭނުން ކުރާ އަންހެނެއްގެ ވާހަކައަށެވެ. މިއީ ރާއްޖެޓީވީގެ އަނދިރީގައި ޕްރޮގްރާމަށް އޭނާ ދީފައިވާ އިންޓަރވިއުއަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ.

ހުރިހާ ކަމެއްގެ ފެށުމަކީ ފިރިމީހާއެވެ. ފިރިހެނެއްގެ އަވައިގައި ޖެހުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިވެންޏާއި ހަމައަށް ދިޔައިރު ފިރިމީހާ އަކީ ކޮންކަހަލަ މީހެއްކަން ސާރާއަކަށް (އަސްލު ނަމެއް ނޫން) ނޭނގެއެވެ. އިތުބާރު ކުރެވުނީ ކޮށްގެން ނުވާނެ މީހަކަށެވެ. އެއީ ސާރާގެ ދިރިއުޅުން އަނދިރީގެ ތެރެއަށް ގެނބިގެން ހިނގަދާނެ ކަމެއްކަން އޭރު ހިތަކަށްވެސް ނާރައެވެ.

ކައިވެނިކޮށް ސާރާ ބަނޑުބޮޑުވި ހިސާބުން ފިރިމީހާގެ އުޅުމަށް ބަދަލު އައިކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ފިރިމީހާއަކީ ރާ ބޯ މީހެއްކަންވެސް އެނގުނެވެ. ދެން ފެށުނީ މައްސަލަތަކެވެ. ދެ މީހުންގެ ދެމެދުގައި ހިނގަން ފެށީ ޒުވާބެވެ. ފިރިމީހާގެ ފަރާތުން ކުރިމަތިވާން ފެށީ އަނިޔާއެވެ. އަނިޔާތަކަށް ބަސްނުބުނެ ހަނު ހުރުމުން ދުވަހެއް ދުވަހަކަށް އެ އަނިޔާތައް ވެސް ދިޔައީ އިތުރު ވަމުންނެވެ.

އުމުރުން 54 އަހަރުގެ ސާރާ މަސްތުވާތަކެތި ބޭނުން ކުރާތާ މިހާރު 35 އަހަރު ވެދާނެއެވެ. މަސްތުގެ ދުނިޔެއަށް ދިޔުމުގެ ފަހަތުގައި ވަނީ އަލަތު ފިރިމީހާއެވެ. ރަލުގެ މަސްތުގައި ހުރެ އަނިޔާ ކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. އުނަގަނޑު ބިންދާލުމުގެ ސަބަބުން އެއްއަހަރާއި އަށްމަސް ވަންދެން ނުހިނގި އެދުމަތީގައި އޮންނަންވެސް ޖެހުނެވެ. އުނަގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިހާރުވެސް ހުންނަނީ ހަތަރު ބޯލްޓް އަޅުވާފައެވެ. ސާރާ ބުނިގޮތުން ފިރިމީހާ އޭނާ ވަރިކޮށް ދޫކޮށްލީ ތިންވަނަ ދަރިއަށް ބަލިވެ އިންދައެވެ. އެރެޔަކީ އެހެން ރޭރޭވެސް ފަދައިން ފިރިމީހާ ކުރަމުންދިޔަ ކަންކަން ހުއްޓާލުމަށް އްެދި ރޮއި އާދޭސް ކުރި ރެއެކެވެ.

ސާރާ ބުނީ މިހެން އުޅުމުގެ ތެރޭގައި ވަރަށް އިތުބާރުކުރެވޭ މީހަކު އައިސް އެމީހާގެ ގެޔަށް ދިޔުމަށް އެދުނު ކަމަށެވެ. އެގެޔަށް ދިޔުމުން ފިކުރުކުރަން ނުޖެހޭ ކަހަލަ ބޭހެކޭ ބުނެފައި ދިނީ ޒާތެއްގެ އެއްޗެކެވެ. އެ އެއްޗެއް ހަތަރު ދުވަހު ބުއި ފަހުން ތަފާތު ގޮތްތަކެއް ވަމުން ދިޔައެވެ. ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށުމާއެކު ރަހުމަތްތެރިޔާާގެ ކައިރިޔަށް ގޮސް ސުވާލުކުރީމާ ޖަހައިލީ ހިނިގަނޑެކެވެ. "ކަލޭ ތިހިރީ ބަލިވެފައި" ކަމަށް ބުންޏެވެ. "ކަލޭ ޖެހޭނީ ދެން ބޯން" ކަމަށް ވެސް ބުންޏެވެ. މިވަރުގެ އަނިޔާއެއް ދިނީ ކީއްވެތޯ ސުވާލު ކުރީމާ ޖަވާބެއްވެސް ނުދިނެވެ.

މަސްތުވާތަކެތި ބުއިމަށް މަގުމަތީގައި ސަލާން ޖަހަމުން ދުވަން ސާރާވެސް ލަދު ގަނެއެވެ. އެކަމާ ވަރަށް ބޮޑަށް ދެރަވެއެވެ. މިގޮތަށް އުޅޭތީ ދަރީންވެސް އަޅައެއް ނުލައެވެ. މިކަމުން ސަލާމަތްވާން ދެ ފަހަރެއްގެ މަތީން ރިހެބަށް ވެސް ވަނީ ގޮސްފައެވެ. އެކަމަކު މަސްތުވާތަކެތި ނުލިބިއްޖެނަމަ ފިޓް ޖެހޭތީ އެތަކެތި ބޭނުން ކުރަން މިހާރު މަޖުބޫރެވެ.

ސާރާ ބުނީ އޭނާގެ ހަޔާތަކީ މިހާރު މަގުމައްޗަށް އެއްލާލެވިފައިވާ ހަޔާތެކެވެ. މިކަމުން ސަލާމަތްވާން އޭނާ ބޭނުމެވެ. ސަރުކާރާއި އާންމު ފަރާތްތަކުގެ އެހީތެރިކަން ވެސް ނުހަނު ބޭނުމެވެ.

ތެދެކެވެ! ދިވެހިރާއްޖޭގައި އެފަދަ މީހުނަށް ފަރުވާދެވޭނެ އެކަށޭނެ ވަސީލަތެއް ނެތެވެ. އާންމުންވެސް އެ މީހުންނާމެދު ބަލައި އުޅެނީ "ވަލު ޖަނަވާރުން"ގެ ގޮތުގައެވެ. ސިޔާސީ ފަރާތްތަކުން ވެސް ރަށުތެރެ ހައިޖާނުކުރަން އެ ވެރީންގެ ބޭނުން ކުރެއެވެ. މިއަދު އެ މީހުން ބޭނުންވަނީ އާންމުންގެ އެހީތެރިކަމެވެ. މުޖުތަމައުން އެ މީހުން ބަލައިގަނެ މި ހާލަތުން އަރައި ގަތުމަށް ނުހަނު ބޭނުންވެއެވެ.  

އިތުރަށް ކިޔާލަން

02 މެއި 2021

"ހިންދެމިލައި ދެލޯ މަރާލީ އެކުވެރިޔާ ވިންދުޖަހާކަން ޔަގީން ކުރުމަށްފަހު"

02 މެއި 2021
"ހިންދެމިލައި ދެލޯ މަރާލީ އެކުވެރިޔާ ވިންދުޖަހާކަން ޔަގީން ކުރުމަށްފަހު"
25 މެއި 2020

ފުރަބަންދުގައި އޮފީހުގައި ހުއްޓައި ބެލަރުސްގައި ހުރި އެންމެ ގާތް އެކުވެރިޔާގެ ފަރާތުން ލިބުނު ތަފާތު ސަޕްރައިޒް!

25 މެއި 2020
ފުރަބަންދުގައި އޮފީހުގައި ހުއްޓައި ބެލަރުސްގައި ހުރި އެންމެ ގާތް އެކުވެރިޔާގެ ފަރާތުން ލިބުނު ތަފާތު ސަޕްރައިޒް!
27 މާރިޗު 2020

ކޮވިޑް-19 ގެ ސަބަބުން ފިރިމީހާގެ އަސްލު އުޅުން ފެނިއްޖެ!

27 މާރިޗު 2020
ކޮވިޑް-19 ގެ ސަބަބުން ފިރިމީހާގެ އަސްލު އުޅުން ފެނިއްޖެ!
07 ފެބުރުއަރީ 2020

ކައިވެންޏަށް އަހަރެއް ނުވޭ، ކުއްލިއަކަށް ޚަބަރު ލިބުނީ ފިރިމީހާ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް!

07 ފެބުރުއަރީ 2020
ކައިވެންޏަށް އަހަރެއް ނުވޭ، ކުއްލިއަކަށް ޚަބަރު ލިބުނީ ފިރިމީހާ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް!
21 ސެޕްޓެމްބަރު 2019

މުސްކުޅި އަންހެނަކު ވާގިނެތިފައިވާ ފިރިމީހާ ސަލާމަތްކުރަން ކުރި އާދޭސް: "ހެޔޮނުވާނެ މި ބޭބެ ނެރެދީ!"

21 ސެޕްޓެމްބަރު 2019
މުސްކުޅި އަންހެނަކު ވާގިނެތިފައިވާ ފިރިމީހާ ސަލާމަތްކުރަން ކުރި އާދޭސް: "ހެޔޮނުވާނެ މި ބޭބެ ނެރެދީ!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު