ފަހު ދިހައިގައި ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ކަނޑައަޅައިފި
26 އެޕްރީލު 2021 | ހޯމަ 17:30ދަމުނަމާދު ކުރުމަށް 23 މިސްކިތެއް ހަމަޖައްސާފައިވޭ


އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާދުކުރަނީ
މި ރަމަޟާން މަހުގެ ފަހު ދިހައިގައި ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 1442 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ މިސްކިތްތަކުގެ ތެރެއިން ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ދަމުނަމާދު ކުރުމަށް 23 މިސްކިތެއް ހަމަޖައްސާފައިވާއިރު، އިއުތިކާފަށް ތިބުމަށް 08 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
1441 ވަނަ އަހަރުގެ ރަމަޟާން މަހު މާލެ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ދަނީ ޖަމާއަތުގައި ނަމާދު ކުރަމުންނެވެ. އަދި މިސްކިތްތަކުގައި ވަރަށް ފުރިހަމައަށް އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.






