ކ. މާލެ
|
25 އޭޕްރިލް 2021 | އާދީއްތަ 08:52
އިންޑިޔާގެ ނަރަޔަން ހޮސްޕިޓަލުގެ ބޭރުގައި ކޮވިޑްގެ ބަލި މީހެއް
އިންޑިޔާގެ ނަރަޔަން ހޮސްޕިޓަލުގެ ބޭރުގައި ކޮވިޑްގެ ބަލި މީހެއް
އަލްޖަޒީރާ
އިންޑިޔާ ވޭރިއަންޓް
އިންޑިޔާ ވޭރިއަންޓް އެނގެނީ ކިހާވަރަކަށް؟
 
އެހެން ވޭރިއަންޓްތަކާއި އަޅާބަލާއިރު މިވޭރިއަންޓް ފެތުރޭ މިންވަރު ދަށް
 
ދުނިޔޭގެ 21 ގައުމަކުން ވަނީ މިވޭރިއަންޓް ފެނިފައި
 
އިންޑިޔާގައި ކޭސްތައް އިތުރުވެފައިވަނީ މި ވޭރިއަންޓްގެ ސަބަބުންކަން އަދި ސާފެއް ނުވޭ

އިންޑިޔާއަކީ މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ. ކޭސްތައް ގިނަވެ ބަލި މީހުންނާއިގެން ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. ބަލި މީހުންނަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ދަނީ ކޮންމެ ދުވަހަކުވެސް ގެއްލެމުންނެވެ.

އިންޑިޔާގައި ކޮވިޑްގެ ހާލަތު މިހާހިސާބަށް ގޮސްފައިވާއިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ ކޭސްތައް މިހާ ބޮޑަށް އިތުރުވެފައިވަނީ އިންޑިޔާއިން ފެނިފައިވާ ކޮވިޑް ވޭރިއަންޓް ބީ.ވަން.ސިކްސްވަންސެވެން ގެ ސަބަބުންތޯއެވެ. ދުވާލެއްގެ މައްޗަށް ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި ތިން ދުވަހުގެ ތެރޭގައި އެއް މިލިއަންގެ ރިކޯޑެއް އިންޑިޔާގައި ގާއިމުވީ މިވޭރިއަންޓުގެ ސަބަބުންތޯއެވެ.

މިވޭރިއަންޓް އެންމެ ފުރަތަމަ އިންޑިޔާއިން ފެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި ވޭރިއަންޓް މިހާރުވަނީ ދުނިޔޭގެ އެކި ހިސާބުތަކުން ފެނިފައެވެ. އޭގެތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ، އިސްރާއީލް އަދި ސިންގަޕޫރު ހިމެނެއެވެ. އެކި ގައުމުތަކުން މި ވޭރިއަންޓް ފެނުމާއި އަދި މިހާރު އިންޑިޔާގެ ހާލަތަށް ބަލައި އިނގިރޭސިވިލާތާއި ކެނެޑާ ފަދަ ގައުމުތަކުން ވަނީ އިންޑިޔާއަށް ދަތުރުނުކުރުމަށް ނިންމާފައެވެ. އިންޑިޔާއިން އެގައުމުތަކަށް މީހުން އެތެރެވުން ވަނީ ހުއްޓުވާފައެވެ.

މި ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނީ ކޮންއިރަކު؟

ވައިރަހަކީ އަބަދުވެސް މިޔުޓޭޓް ވަމުން އަންނަ އެއްޗެކެވެ. ކޮވިޑް-19ށް ބަލާނަމަ އެތައް ހާސް މިޔުޓޭޝަނެއް މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އެބައުޅެއެވެ. އޭގެތެރެއިން ބައެއް މިޔުޓޭޝަންތަކަކީ ކަންބޮޑުވާންޖެހޭ މިޔުޓޭޝަންތަކެކެވެ.

ގްލޯބަލް ޑާޓާ ބޭސް އިން ހާމަކޮށްފައިވާ ގޮތުގައި އިންޑިޔާއިން އެންމެ ފުރަތަމަ ބީ.ވަން.ސިކްސްވަންސެވެން ފެނިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

މި ވޭރިއަންޓް ގިނައިން ފެންނަކަމަށް އިންޑިޔާގެ ހެލްތު މިނިސްޓްރީން ފުރަތަމަ ބުނީ މާރޗް މަހުގެ ފަހުކޮޅުއެވެ. އެއީ އޭރު ހާލަތު ގޯސްވަމުން އައި މަހާރަޝްތުރާ ސްޓޭޓުން ފެންނަމުންދިޔަ ކޭސްތަކުގެ ސާމްޕަލްތަކުގެ ތެރެއިން 15 އާއި 20 އިންސައްތަ ސާމްޕަލްގެ ތެރެއިން މި ވޭރިއަންޓް ފެންނަން ފެށުމުންނެވެ. މިއަދަދު މިހާރު ހުރީ 60 އިންސައްތައިގައެވެ.

މި ވޭރިއަންޓް ފެތުރިފައިވަނީ ކިހާ މިންވަރަކަށް؟

އިންޑިޔާގައި ކޮވިޑް-19ށް ޓެސްޓް ކުރެވެމުންދާ މިންވަރަށް ބަލާއިރު އިންޑިޔާގެ ތެރޭގައި މި ވޭރިންޓް ފެތުރިފައިވާ ހަލުވިމިނާއި މިންވަރު ދެނެގަނެވޭ ގޮތެއް ނުވެއެވެ. އިންޑިޔާގެ މަހަރާޝްތުރާ ސްޓޭޓްގައި ޖެނުއަރީ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށް ޓެސްޓް ކުރި 361 ސާމްޕަލްގެ ތެރެއިން 220 ސާމްޕަލުން ވަނީ މި ވޭރިއަންޓް ދެނެގަނެވިފައެވެ.

ގްލޯބަލް ޑާޓާބޭސް އިން ހާމަކޮށްފައިވާ ގޮތުގައި މި ވޭރިއަންޓް ދުނިޔޭގެ 21 ގައުމަކުން ވަނީ މިހާރު ފެނިފައެވެ. ހަމައެކަނި މިމަހުގެ ތެރޭގައިވެސް މި ވޭރިއަންޓް ވަނީ 18 ގައުމަކުން ފެނިފައެވެ.

ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ސަބަބުން މި ވޭރިއަންޓް ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާއިރު އިނގިރޭސިވިލާތުގައި ފެބްރުއަރީ މަހުގެ 22 ގެ ފަހުން ވަނީ މި ވޭރިއަންޓްގެ 103 ކޭހެއް ފެނިފައެވެ. އެހެންކަމުން އިންޑިޔާއިން އިނގިރޭސިވިލާތަށް އައުން ވަނީ މަނާކޮށްފައެވެ.

އިިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ވަނީ އެހެން ވޭރިއަންޓްތަކެކޭ އެއްގޮތަށް އިންޑިޔާ ވޭރިއަންޓަކީވެސް ތަހުގީގުކުރަމުންދާ ވޭރިއަންޓެއްގެ ގޮތުގައި ލިސްޓުކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް މިއީ ކަންބޮޑުވާންޖެހޭ ވޭރިއަންޓެއްގެ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ.

މި ވޭރިއަންޓާމެދު ކަންބޮޑުވާން ޖެހޭތަ؟

އިންޑިޔާއިން ފެނިފައިވާ ކޮވިޑްގެ ވޭރިއަންޓް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ކަނޑައަޅާފައިވަނީ ވޭރިއަންޓް އޮފް އިންޓްރަސްޓްގެ ގޮތުގައެވެ. މާނައަކީ އެ ވޭރިއަންޓަކީ މިޔުޓޭޓްވުމުގައި ވައިރަސްގެ އެމިނޯ އެސިޑަށް ބަދަލުތަކެއް ގެނުވާ ވޭރިއަންޓެކެވެ. އަދި އެ ވޭރިއަންޓްގެ ސަބަބުން ކޮމިޔުނިޓީ ޓްރާންސްމިޝަން އަކަށްގޮސް އެތައް ކުލަސްޓަރ އެއް އެކި ގައުމުތަކަށް ފެނިފައިވެއެވެ. އަދި ޑަބްލިޔުއެޗްއޯގެ ކަމާބެހޭ ޓީމުން އެ ވޭރިއަންޓަށް ބަދަލުވަމުންދާ ގޮތް ބަލަމުންދާނެއެވެ.

ފާހަގަކޮށްލެވޭ އެހެން ވޭރިއަންޓްތައް ކަމުގައިވާ ބްރެޒިލް، ދެކުނު އެފްރިކާ އަދި އިނގިރޭސިވިލާތުން ފެނިފައިވާ ވޭރިއަންޓްތަކަކީ "ވޭރިއަންޓް އޮފް ކޮންސަރން" ގެ ނަން ދީފައިވާ ވޭރިއަންޓްތަކެވެ. އެ ވޭރިއަންޓްތަކަކީ ހަލުވިމުނުގައި ފެތުރެމުންދާ ވޭރިއަންޓްތަކެވެ. އަދި މި ވޭރިއަންޓްތަކަށް ވެކްސިނާއި އެންޓިބޮޑީން ކުރާ އަސަރު ކުޑައެވެ.

އިންޑިޔާއިން ފެނިފައިވާ ވޭރިއަންޓުގެ އަދި އިތުރު މިޔުޓޭޝަންތަކެއްވެސް އުޅެއެވެ. އޭގެތެރޭގައި ފާހަގަކޮށްލެވޭ ދެ މިޔުޓޭޝަނެއް އުޅެއެވެ. މިދެ މިޔުޓޭޝަން އެއްވެ ޑަބަލް މިޔުޓެންޓެއް ވަނީ އުފެދިފައެވެ.

އެންމެ ފުރަތަމަ ފެނުނު މިޔުޓޭޝަން އާއި ދެކުނު އެފްރިކާ، ބްރެޒިލް އަދި އިނގިރޭސިވިލާތުން ފެނިފައިވާ ވޭރިއަންޓްތަކާއި އެއްގޮތް ކަމެއް ހުރެއެވެ.

އަނެއް މިޔުޓޭޝަން ދެނެގަނެވިފައިވަނީ ކެލިފޯރނިއާގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުންނެވެ. މި މިޔުޓޭޝަން ހަލުވިމިނުގައި ފެތުރޭކަން ވަނީ ދެނެގަނެވިފައެވެ.

ސައިންސްވެރިން ބުނެފައިވަނީ އިންޑިޔާގެ މި ވޭރިއަންޓަކީ ނުރައްކާތެރި ވޭރިއަންޓެއްކަން ދެނެގަތުމަށް އަދި އިތުރު ހެކި ނުވަތަ އިތުރު ސާމްޕަލް ބޭނުންވާ ކަމަށެވެ.

މި ވޭރިއަންޓާ ގުޅޭގޮތުން އެހާ ބޮޑަށް ނޭނގެނީ ކީއްވެ؟

ސައިންސްވެރިން ބުނާގޮތުގައި އިންޑިޔާ ވޭރިއަންޓްގެ ޑާޓާތަކުގެ ތެރެއިން ގިނަ ޑާޓާތަކަކީ ފުރިހަމަނުވާ ޑާޓާތަކެވެ. އަދި ލިބިފައިވަނީވެސް މަދު ސާމްޕަލްތަކެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އެއީ އިންޑިޔާއިން 298 ސާމްޕަލް އަދި ދުނިޔޭގެ އެކި ހިސާބުތަކުން 656 ސާމްޕަލެވެ. އެހެންކަމުން މި ވޭރިއަންޓާ ގުޅޭގޮތުން އެކަށީގެންވާ ދިރާސާތައްކުރެވި ބަލަންވާ ވަރަށް ކަންކަން ބެލުމުގެ ފުރުސަތެއް ނުލިބެއެވެ.

އެއާ ޚިލާފަށް އިނގިރޭސިވިލާތުން ފެނިފައިވާ ވޭރިއަންޓުގެ 384،000 ސީކުއެންސް ވަނީ ދިރާސާގައި ބޭނުންކޮށްފައެވެ.

އިންޑިޔާގައި އެންމެ ފުރަތަމަ މި ވޭރިއަންޓްގެ ކޭސްތައް ފެނުނު ފަހުން މުޅި ދުނިޔެއިން މި ވޭރިއަންޓްގެ ފެނިފައިވަނީ 400 އެއްހާ ކޭސްކަމަށް އެމެރިކާގެ ލޫޒިއާނާގެ ސްޓޭޓް ޔުނިވަރސިޓީގައި މަސައްކަތްކުރައްވާ ވިރޮލޮޖިސްޓް ޑރ ކަމިލް ވިދާޅުވިއެވެ.

އިންޑިޔާގައި ކޭސްތައް އިތުރުވާން ދިމާވީ މި ވޭރިއަންޓުގެ ސަބަބުންތަ؟

އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ފަހުން އިންޑިޔާގައި ދުވާލެއްގެ މައްޗަށް ދެ ލައްކައަށް ވުރެ ގިނަ މީހުންނަށް އަންނަނީ ކޮވިޑް ޖެހެމުންނެވެ. މިއަދަދު މިދިޔަ އަހަރު ހުރީ ދުވާލަކު 93،000 ގައެވެ. އަނެއްކޮޅުން މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

ޔުނިވަރސިޓީ އޮފް ކެމްބްރިޖްގައި މަސައްކަތްކުރައްވާ ޕްރޮފެސަރ އެއްކަމުގައިވާ ރަވީ ގުޕްތާ ވިދާޅުވީ އިންޑިޔާގެ އާބާދީ ބޮޑުކަމާއި އެއްތަނެއްގައި އެތައް ހާސް ބަޔަކު އުޅެމުންދިޔުމާއެކު ވައިރަހަށް ފަސޭހަކަމާއެކު މިޔުޓޭޓްވަމުން ދެވޭނެއެވެ.

މިހާތަނަށް އައިއިރު އިންޑިޔާގައި ކޭސްތައް އިތުރުވެފައިމިވަނީ މިވޭރިއަންޓްގެ ސަބަބުން ކަމެއް ނުވަތަ މިފަހުން އިންޑިޔާގައި ބޭއްވި ބޮޑެތި އެއްވުންތަކާއި ވައިރަހު ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މީހުން ސަމާލުކަން ނުދިނުން ކަމެއް ސާފެއް ނުވެއެވެ. އިންޑިޔާގައި މިފަހަކުން ވަނީ ދީނީ ބޮޑެތި އެއްވުންތަކާއި ސިޔާސީ ބޮޑެތި ރެލީތައް ބާއްވާފައެވެ. މިފަދަ ތަންތަނުގައި އެތައް ބަޔަކު މާސްކު ނާޅައި އުޅެފައިވާއިރު ގައިދުރުކަމެއްވެސް ނެތެވެ. އެކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުން ވަނީ ފާޅުކޮށްފައެވެ.

ވެލްކަމް ސެންގަރ އިންސްޓިޓިއުޓްގައި މަސައްކަތްކުރައްވާ ޑރ ޖެފްރީ ބަރެޓް ވިދާޅުވާ ގޮތުގައި އިންޑިޔާގައި ކޭސްތައް އިތުރުވާން ދިމާވީ މި ވޭރިއަންޓްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ހެކި ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ. ޑރ ޖެފްރީ އިތުރަށް ވިދާޅުވީ މި ވޭރިއަންޓަކީ މިދިޔަ އަހަރުން ފެށިގެން އިންޑިޔާގައި އުޅެމުން އަންނަ ވޭރިއަންޓެކެވެ. އެހެންކަމަށްވާނަމަ ހާލަތު މިހިސާބަށް އައުމުގައި މަސްތަކެއް މިވަނީ ހޭދަވެފައެވެ. އެހެންކަމުން އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ފެނިފައިވާ ވޭރިއަންޓްތަކާ އަޅާކިޔާއިރު މިވޭރިއަންޓް ފެތުރޭ މިންވަރުގައި ލަސްތަކެއް އުޅޭ ކަމަށް ވިދާޅުވިއެވެ.

ހައިދަރުއާބާދުގައި ހުންނަ ސެލިޔުލަރ އެންޑް މޮލިކިޔުލަރ ބައޮލޮޖީ ސެންޓަރުގެ ޑިރެކްޓަރ ރާކޭޝް މިޝްރާވެސް ވިދާޅުވީ މިފަދަ ވާހަކައެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުން ފާހަގަކުރެވިފައިވާ ވޭރިއަންޓްތަކާއި އަޅާބަލާއިރު މި ވޭރިއަންޓް ފެތުރޭ މިންވަރު ދަށެވެ. މި ވޭރިއަންޓް ދިރާސާކުރަމުން ގެންދަވާ ރާކޭޝް ވިދާޅުވީ މަޑުމަޑުން މި ވޭރިއަންޓް ވެގެންދާނީ އެންމެ އާންމު ވޭރިއަންޓަށް ކަމަށެވެ.

މި ވޭރިއަންޓް ވެކްސިނަށް މަސައްކަތްކުރޭތަ؟

މި ވޭރިއަންޓުން ފެނިފައިވާ އެއް މިޔުޓޭޝަން ވެކްސިނަށް ކުރާ އަސަރު ކުޑައެވެ. ސައިންސްވެރިން އަންނަނީ މި ވޭރިއަންޓަށް ވެކްސިނުން ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ. އެކަމުގެ ޓެސްޓްތައް ހަދަމުންނެވެ.

ބައެއް މާހިރުން ބުނާގޮތުގައި ވެކްސިނުން އެންމެ ހާލަތު ގޯސްވާ މީހައަށްވެސް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ފޯރުކޮށްދޭނެއެވެ. އެހެންކަމުން ވެކްސިން ޖެހުމަކީ މުހިންމު ކަމެކެވެ.

މިކަމުން އަރައިގަނެވޭނީ ކިހިނެއް؟

ބަލިޖެހިފައިވާ މީހުން އިތުރުވެފައިވާއިރު އެތައް ވޭރިއަންޓްތަކެއް އަންނަނީ ފެންނަމުންނެވެ. މިޝްރާ ވިދާޅުވާ ގޮތުގައި އިންޑިޔާގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ވައިރަސް ވީއެންމެ އަވަހަކަށް ކޮންޓްރޯލް ކުރަންޖެހެއެވެ.

އަނެއްކޮޅުން ބީ.ވަން.ސިކްސްވަންއެއިޓް ވޭރިއަންޓްވެސް ވަނީ އިންޑިޔާއިން ފެނިފައެވެ. މިއީ ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް އިންޑިޔާއިން ފެންނަމުންދާ ވޭރިއަންޓެވެ.

އިނގިރޭސިވިލާތުން ފެނިފައިވަނީ އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ވޭރިއަންޓްކަމަށްވިޔަސް އެގައުމުގައި ވަނީ ކޮވިޑްގެ ކޭސްތައް ކޮންޓްރޯލްކޮށްފައެވެ. އެހެންކަމުން އެކަން ވާނެކަމަށް މިޝްރާ ވިދާޅުވިއެވެ.

އެކަމަށް ބޭނުންވަނީ ހަލުވިކަމާއެކު ވެކްސިން ޖެހުމާއި ލޮކްޑައުންކޮށްގެން ވީއެންމެ އަވަހަށް ފިޔަވަޅުތައް އެޅުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
25%
0%
25%
0%
25%
25%
ކޮމެންޓް
ގުޅުންހުރި
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި