ކ. މާލެ
|
19 އޭޕްރިލް 2021 | ހޯމަ 08:42
އަނދިރީގައި ޕްރޮގްރާމަށް އިންޓަރވިއުދިން މީހެއް: އެންމެ ފުރަތަމަ މަސްތުވާތަކެތި ބޭނުން ކުރަން ފެށީ އުމުރުން 14 އަހަރުގައި
އަނދިރީގައި ޕްރޮގްރާމަށް އިންޓަރވިއުދިން މީހެއް: އެންމެ ފުރަތަމަ މަސްތުވާތަކެތި ބޭނުން ކުރަން ފެށީ އުމުރުން 14 އަހަރުގައި
ރާއްޖެއެމްވީ
މަސްތުގެ ބަލިމަޑުކަން
އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
 
މިއަދު ދަރިފުޅަށްވެސް އެނގޭ މަންމައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން
 
އެންމެ ފުރަތަމަ އެއީ ސަޅި އެއްޗެއް ކަމަށް ހީކުރި
 
މަސްތުވާތަކެތި ބޭނުން ކުރަންފެށީ އާއިލީ މައްސަލައެއްގެ ތެރެއިން

މަސްތުވާތަކެތީގެ ބަލިމަޑުކަމުގެ ތެރޭގައި އެތައް ބަޔަކު މި މުޖުތަމައުގައި ދިރިއުޅެމުންދެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިކަމުން އަރައިގަންނަންވެސް ބޭނުންވެއެވެ. އެމީހުންނަށް ބޭނުންވަނީ މުޖުތަމައުގެ އެއްބާރުލުމެވެ.

ލިޔުމުގައި މި ބަލާލަނީ ރާއްޖެޓީވީން ގެނަސްދޭ 'އަނދިރީގައި' ޕްރޮގްރާމަށް އިންޓަރވިއުދިން މީހެއްގެ ދިރިއުޅުމަށެވެ.

އަޒްލިފާ (ޚިޔާލީ ނަމެއް) މަސްތުގެ ދުނިޔެއަށް ގެނބިގެން ދިޔައީ އުމުރުން އެންމެ 14 އަހަރުގައެވެ. އޭނާ ތައުލީމު ހާސިލް ކުރަމުން ގެންދިޔައީ އަމީނިއްޔާ ސްކޫލުގައެވެ. އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި މަންމަ އާއި ބައްޕަ ވަރިވީއެވެ. އޭނާގެ ދިރިއުޅުން ވެސް ބަދަލުވީއެވެ. ވެއްޓެންދަނީ ކޮންފަދަ އަނދިރިކަމެއްގެ ތެރެއަށްކަން އޭރަކު ނޭގެއެވެ.

އާއިލާގައި ޖެހުނު މައްސަލަތަކާމެދު ވިސްނުމަށް ގޮނޑުދޮށުގައި އެކަނި ވަގުތު ހޭދަކުރުން އާދައަކަށްވިއެވެ. ގޮނޑުދޮށުން ދިމާވި މީހަކު ދިއްކޮށްލީ ކޮންފަދަ އެއްޗެއް ކަމެއް އޭރަކު ނޭގެއެވެ. ނަމަވެސް ހުރިހާ ކަމެއްގެ ހައްލު ކަމަށް ބުންޏެވެ. އެމީހާ ދިއްކޮށްލި އެއްޗަކީ ދިރިއުޅުން އިތުރު ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުމުގެ ފެށުމެވެ. އެއީ "ސަޅި" އެއްޗެއް ކަމަށް އޭރު ސިފަކުރެވުނެވެ. ގަބޫލުވެސް ކުރެވުނެވެ.

އަޒްލިފާގެ މަންމައަކީ އޭނާގެ ދިރިއުޅުމެވެ. މަންމަ ދުނިޔޭން ވަކިވެގެން ދިޔުން އެއީ ބަރުދާސްތު ނުކުރެވުނު ކަމެކެވެ.

މިހާރު މިކަން ކުރަމުން އަންނަތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އަޒްލިފާ ބުންޏެވެ. ފެށުނީއްސުރެ ބޭނުން ކުރަމުން އައީ ހެރޮއިން އެވެ. ހެރޮއިން ނުލިބޭނަމަ ގައިގަ ރިއްސުމާއި ނުނިދުމާއި ބޭރަށް ހިންގުންފަދަ ކަންކަން ދިމާވެއެވެ. އެހެންވެ މުޅިދުވަސް ހޭދަ ކުރަން ޖެހެނީ ހެރޮއިން ހޯދުމުގައެވެ. އެކަމަށް ޚަރަދުކުރަނީ މަންމަގެ ގޯތި ކުއްޔަށްދީގެން ލިބޭ އާމްދަނީންނެވެ. މަހުގެ 15 އަށް ނުދަނީސް ބައެއް ފަހަރު ފައިސާ ހުސްވެއެވެ. އެހިސާބުން އަތުގައި ހުންނަ ފޯނުފަދަ ތަކެތި ވިއްކައިގެން ނަމަވެސް ރަހުމަތްތެރިން އަތުން ދަރަންޏަށްވެސް ފައިސާ ނަގައިގެން ވިޔަސް ހެރޮއިން ހޯދަންޖެހެއެވެ.

އަޒްލިފާގެ ހަތް އަހަރުގެ ދަރިއެއް ހުރެއެވެ.، އެ ދަރިފުޅަށްވެސް މަންމަ މަސްތުވާތަކެތި ބޭނުން ކުރާކަން އެނގއެވެ. ދަރިފުޅު އަމިއްލައަށްވެސް ޖެންޑަރއަށް ދާން ބޭނުންވާ ވާހަކަ ކިޔައެވެ.

މިކަންކަން މިހެން ހުރީމާ މަސްތުގެ ދުނިޔެއިން އަރައިގަތުމަށް އޭނާ މިހާރު މަސައްކަތް ކުރެއެވެ. ފަރުވާ ހޯދުމަށްޓަކައި ރިހިބިލިޓޭޝަން ސެންޓަރުގެ ސާދަދިހަޔަކަށް އެތައް ފަހަރަކު ގުޅައެވެ. އެކަމަކު ޑޮކްޓަރަކަށް މިއަދާއި ހަމައަށްވެސް ނުދެއްކެއެވެ. އެކަން ނުވަނީ ނެޝަނަލް ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ ކިއު ދިގު ކަމުންނެވެ.

މިހާތަނަށް އައިއިރު އަޒްލިފާ މަސްތުވާތަކެތި ބޭނުން ކުރަމުން އައީ އެކަންޏެވެ. އެކަނި ބޭނުން ކުރާވަގުތު، އޯވަރޑޯޒްވެގެން މަރުވެގެންދިޔަ ރަހުމަތްތެރިން މަތިން ހަނދާންވެއެވެ. ޖެހިލުންވެއެވެ. އޯވަރޑޯޒް ވެގެން މަރުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. މަރުވާން ބޭނުންވަނީ ހަޔޮލަފާ ރަގަޅު މީހެއްގެ ގޮތުގައެވެ.

އަޒްލިފާގެ ފުރަތަމަ ދަރިފަޅުކީ ދޮންބައްޕަ އޭނާ ރޭޕްކޮށްގެން ލިބުނު ދަރިއެއް ކަމަށް ބުންޏެވެ. ބަނޑުބޮޑުކަން އެނގުމުން ދިރިއުޅުމުގެ މަތިން ފޫހިވިއެވެ. އަމިއްލައަށް ފުލުހަށް ގުޅައިގެން އަމިއްލައަށް ހައްޔަރުވިއެވެ.

އެެއީ ތަންކޮޅެއް ކުރިއެވެ. މިހާރު އަޒްލިފާގެ ދިރިއުޅުމުގައި އަދިވެސް ހާސިލް ކުރަން ބޭނުންވާ ކަންކަން އެބަހުއްޓެވެ. އެންމެ ބޮޑު އުންމީދަކީ މި އަނދިރިކަމުން އަރައިގަތުމެވެ. މަސްތުވާތަކެތި ބޭނުންކުރާ ކޮންމެ ފަހަރަކު އެއީ އެންމެ ފަހު ފަހަރު ކަމުގައި ބަލައެވެ. އުންމީދަކީ މި ބަލިން ސަލާމަތްވެ މުޖުތަމައު ބަލައިގަންނަ ކަހަލަ މީހަކަށް ވުމެވެ. އެކަމަކު ކިތަންމެ ވަރަކަށް މަސައްކަތްކުރިއަސް މުޖުތަމައުން ބަލަނީ ވަލު ޖަނަވާރެއް ފަދައިންނެވެ. އެކަމާ ވަރަށް ދެރަވާ ކަމަށް އަޒްލިފާ ބުންޏެވެ. އެއްކަލަ ދުވަހު 'ސަޅި' ވެގެން ހިފި އެތި ވެގެން ދިޔައީ ދިރިއުޅުން މިހިސާބު ފުނަށް ވައްޓާލި އެއްޗަށެވެ. މިއަދު އަޒްލިފާ އެހެރީ ސަލާމަތްވާން ކެތްމަދުވެފައެވެ.

އާއިލާގެ މައްސަލަތައް އޭރު ދިމާނުވިނަމަ އޭރުގެ ރަހުމަތްތެރިންނާވެސް ދިމަލެއް ނުވާނެއެވެ. އާއިލީ މައްސަލަތަކަކީ ހަގީގަތުގައި މަސްތުގެ ބަލިމަޑުކަމަށް ގިނަ ބަޔަކުދާން މެދުވެރިވާ އެއް ސަބަބެވެ.

މަސްތުވާތަކެތީގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެ މުހިންމު ކަމަކީ ރަގަޅު ފަރުވާއެއް ލިބުމެވެ. އެކަމަކު އެންމެ އެކަށޭނެ ރަނގަޅު ފަރުވާއެއް ރާއްޖެއިން ލިބޭތޯ ސުވާލު އުފެދެއެވެ. ފަރުވާ ދެމުން އަންނަ މީހުންނާއި ފަރުވާ ހޯދަމުން އަންނަ މީހުންވެސް ރާއްޖެއިން އެންމެ އެކަށޭނެ ފަރުވާއެއް ނުލިބޭކަމަށް ގަބޫލުކުރެއެވެ.

މަސްތުގެ ބަލިމަޑުކަމުން އަރައިގަނެވޭނީ މުޖުތަމައުގެ މަސައްކަތާއެކު، މިއަދު އަޅުގަނޑުމެންގެ ޒިންމާއެއް މިއީ މަސްތުވާއެއްޗިއްސާއި ބެހޭ މައުލޫމާތު ސްކޫލުތަކުންވެސް ކިޔައިދިނުން. މިއަދު މަސްތުވާތަކެއްޗަކީ ރާއްޖެއިން ފަސޭހައިން ލިބޭ އެއްޗެހި. އެހެންވެ އަޅުގަނޑުމެން އެބަޖެހޭ މަސްތުވާތަކެއްޗަށް ނޫނެކޭ ބުނާނެ ހުނަރު އުފައްދަން.
އަލީ އަދީބު - އިންޓަނޭޝަނަލް ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް ޑްރަގް ރިޑަކްޝަން ޓްރެއިނަރ
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
33%
33%
33%
0%
ކޮމެންޓް
20 އޭޕްރިލް 2021 | އަންގާރަ 17:51
ވަހީދު
މަސްތުވާ ތަކެތި ކެއުމާއި ބުއިމަށް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމާއި ކަންކަމުގައި ކެތްތެރިވުމަށް މިއިންސާނާ އުފެއްދިފަރާތުން އަންގަވާފައިވޭ