ކ. މާލެ
|
13 އޭޕްރިލް 2021 | އަންގާރަ 12:33
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް
ރާއްޖެއެމްވީ
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް ހުޅުުވުން ލަސްވަނީ ސައުދީގެ އޮފިޝަލުންނަށް ނާދެވިގެން: ސަރުކާރު
 
ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭނެ
 
މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު

ކިންގް ސަލްމާން މިސްކިތް ހުޅުުވުން ލަސްވަނީ ސައުދީގެ އޮފިޝަލުންނަށް ނާދެވިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ސައުދީ ބޭފުޅުންނަށް ވަޑައިގެންނެވޭ ގޮތް ނުވުމުގެ އިތުރުން އެ މިސްކިތުގައި ގާއިމުކުރަން ޖެހޭ ވަސީލަތްތައްް ގާއިމުކޮށް އަދި ނުނިމޭކަމަށާއި އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ކިންގް ސަލްމާން މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތެއް ކަމަަށާއި، އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައުދީ ސަރުކާރުން ފާޅުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 15 ޖާގައިގެ 5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިންގް ސަލްމާން މިސްކިތުގެ ފަސްވަނަ ފަންގިފިލާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ ޖާގައިގެ މަލްޓި ޕާރޕަސް ހޯލެއްގެ ގޮތުގައެވެ.

މި މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ކޮށްފައި ވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ. މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ.

ސަލްމާން މިސްކިތް ހުޅުވުމަށް ސަރުކާރުން ތައްޔަރުވަމުން އަންނައިރު 2017 ވަނަ އަހަރު ތުރުކީގެ ކުންފުންޏަކާ ޙަވާލުކޮށްގެން ބިނާކޮށްފައިވާ "ކިންގް ސަލްމާން" މިސްކިތުގެ ޑިޒައިންއަކީ މެލޭޝިއާ ކުންފުންޏެއްގެ ޑިޒައިންއެއްކަމަށް ބުނެ، އެ ކުންފުނިން އެކަމާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ދީފައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މިސްކިތުގެ ކުރެހުމަކީ ޔާމީން ސަރުކާރުގައި އެހެން ކުންފުންޏަކުން ކުރަހާފައިވާ ކުރެހުމެކެވެ. އެގޮތުން މެލޭޝިއާ ކުންފުންޏަކުން މި ކުރެހުމުގެ ޑިޒައިން ވެސް ރާއްޖެއާ ހިއްސާކޮށް ޕްރެޒެންޓޭޝަން މެދުވެރިކޮށް ވެސް ޑިޒައިނިންގ އާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. ނަމަވެސް، ޔާމީން ސަރުކާރުން މި މަސައްކަތް ތުރުކީގެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، މިސްކިތް އިމާރާތް ކޮށްފައިވަނީ މެލޭޝިއާ ކުންފުނިން ހިއްސާކުރި ކުރެހުމުގެ މައްޗަށެވެ. ކުދި ކުދި ބަދަލުތައް ގެނެސްފައި ވީނަމަވެސް، މިއީ މެލޭޝިއާގެ ކުންފުނީގެ ޑިޒައިންއެއް ކަމަށް އެ ކުންފުނިން ދައުވާ ކުރެއެވެ. އަދި އޭރު މަސައްކަތް ޙަވާލުކުރިއިރުވެސް މި ކަންކަމުގެ މައުލޫމާތު, ކުރީ ސަރުކާރަށް ވެސް އެނގޭނެ ކަމަށް ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މެލޭޝިއާގެ ކުންފުނިން މިހާރު ވަނީ އެކަމާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ރަސްމީކޮށް ދީފައެވެ. އެގޮތުން ކޮޕީރައިޓްގެ ދައުވާ ކުރުމަށް ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ސައޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އުތުރު ފަރާތު ސަރަހައްދުގައި އިމާރާތްކުރި "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ޙަވާލުކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެގޮތުން މިސްކިތް އެޅުމަށް ޓާމެކްސް ކުންފުންޏާ ހަވާލުކުރީ 500 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށް ކަމަށް އޭރުގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް