ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 377.4 މިލިއަން ރުފިޔާ ސަރުކާރުން ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ސަރުކާރުން ވަނީ މިހާތަނަށް 21,258 ފަރާތަކަށް 377.4 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ކުރި އަސަރާ އެކު ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. އެގޮތުން މި އެލަވަންސް 2020 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ދޫކުރަން ފަށާފައިވާ އިރު، އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކޮންމެ މީހަކަށް ވެސް ގިނަ ވެގެން ލިބޭނީ 5،000 ރުފިޔާއެވެ.
މި އެލަވަންސް ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، 2020 ވަނަ އަހަރުގެ މަރޗް 1 ގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ނުވަތަ މުސާރަ ނުލިބޭގޮތަށް ނޯޕޭއަށް ފޮނުވާފައިވާ ނުވަތަ މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް ލިބޭނެ ކަމަށް ފިނޭންސްއިން ބުނެއެވެ.
އެގޮތުން ވަޒީފާއިން ވަކި ކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު 5000 ރުފިޔާ އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވާފައިވާ ފަރާތެއްނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށާއި އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނި ކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.
ފިނޭންސްއިން ވަނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށް ދޭން ނިންމާފައިވާ މި އެލަވަންސްއަށް ހުށަހަޅާފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ މީހެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ މީހަކަށް އެލަވަންސް އެއް ނުލިބޭނެ ކަމަށް ވެސް ބުނެފައެވެ.