އދ. އަތޮޅުގައި މިދިޔޔަ ދެ އަހަރު އެކަނިވެސް، 148 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ކުރިއަށްގެންސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ކުރިޔަށް ގެންދާ ސިލްސިލާ ކެމްޕެއިން ހަރަކާތް "ރަށްވެހި ފަތިސް"ގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވަނީ ސަރުކާރުން އދ. އަތޮޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާކަން ފާހަގަ ކުރައްވާފައެވެ. ރައީސް ވިދާޅުވީ އދ. އަތޮޅުގައި ވެސް 265 ދަރިވަރުން ހިލޭ މަތީތައުލީމް ހާސިލްކުރަމުން އަންނަ ކަމަށާއި 891 ފަރާތަކަށް 14.8 މިލިއަން ރުފިޔާ އިންކަމް ސަޕޯޓްގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެސްއެމްއީ ލޯން 17 ފަރާތަކަށް 32.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އޮމަދޫ
އޮމަދޫ ގައި އިންޖީނުގެ ތަރައްގީކޮށްފައިވާ ކަމަށާއި، އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފެނުގެ ނިޒާމުގެ މަސައްކަތް ވެސް ޓެންޑާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ރަށް ގިރުމުގެ މައްސަލައިގައި އީއައިއޭ ހަދަމުން އަންނަ ކަމަށޢި ހަތަރު ވަނަ ކުއަރޓަރުގައި އެ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބަނދަރު ހަދައި، ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ. މިދިޔަ ދެ އަހަރު ތެރޭގައި 23.4 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫތައް ހިންގާފައިވާ ކަމަށް ވިދާޅުވިއެވެ.
ދިގުރަށް
ދިގުރަށަކީ ލޯކަލް ޓޫރިޒަމް އެންމެ ފުޅާ އެއް ރަށަށްވާއިރު އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްފައި ނުވާކަން ފާހަގަކުރެއްވުމުން ރައީސް ސޯލިހު ވިދާޅުވީ އެ މަޝްރޫ މި މަހުގެ 16ގެ ކުރިން ބަޔަކާ ހަވާލުކޮށް ސޮއުކުރާނެ ކަމަށެވެ. ދިގުރަށުން ގޯތިދޫކުރުމުގެ ކަންކަން ޕްލޭނުން މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ކަމަށާއި ކައުންސިލްއަށް އެކަން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ރަށްގިރުމުގެ މައްސަލައިގެ ސަރވޭ ދެވަނަ ކުއަރޓަރުގައި ފަށާނެ ކަމަށް ވިދާޅުވިއެވެ. މިސްކިތް އެޅުމުގެ މަސައްކަތް ވެސް އޮތީ ޓެންޑާ މަރުހަލާގައި ކަމަށް ވިދާޅުވިއެވެ. ދިގުރަށުގެ އެއްވެސް ކަމެއް ނުވެ ނުދާނެ ކަމަށާއި، ހުރިހާ ވައުދެއްވެސް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި 17 މިލިއަން ރުފިޔާ މިދިޔަ އަހަރު ހަރަދުކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދަނގެތި
ދަނގެތި ނަރުދަމާގެ މަސަައްކަތް މި މަހު 16ގެ ކުރިން ހަވާލުކުރާނެ ކަމަށާއި ފެނުގެ ނިޒާމް ގާއިމްކޮށްފައިވީ ނަމަވެސް އެކަމުގައި މައްސަލަތަކެއް އުޅޭ ކަމަށް ވިދާޅުވިއެވެ. އަދި އެކަން ވީ އެންމެ އަވަހަކަށް ހައްލުކޮށް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ. ސިއްހީ ނިޒާމު ހަރުދަނާކުރުމަށް މި ހަފްތާ ބަންދުގައި ސަރވޭ ޓީމެއް ގޮސް ބެލުމަށް ފަހު ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ބޭސް ލިބުމުގައި ހުރި ދަތިތައް ވެސް އަންނަ ހަފްތާގެ ފަހުން ލިބޭނެ މަގު ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ. ސްކޫލުން ބޭނުންވާ ކަންކަމާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއްގެ އިތުރަށް ޔޫތު ސެންޓަރެއް އެޅުން މި އަހަރުގެ ބަޖެޓުގައި ނެތް ކަމަށް ވިދާޅުވިއެވެ. އަދި ރަށްގިރުމާއި ބަނދަރާއި ޖެޓީގެ ކަންކަން ވެސް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
މަންދޫ
މަންދޫގައި އަރާފައިބާނެ ގޮތެއް ނެތި 10 އަހަރުވެފައިވާ މައްސަލަ ކައުންސިލް އިންތިހާބުގެ ކުރިން އެކަން ހައްލުކޮށްދެއްވުމަށް އެރަށު ކެންޑިޑޭޓް އެދިވަޑައިގަތުމުން ރައީސް ވިދާޅުވީ އެކަން އެމްޓީސީސީއާ ކޮންޓްރެކްޓް ކުރެވި އީއައިއޭ ކުރިއަށްދާ ކަމަށެވެ. އެކަން ނިމުމާ އެކު އަމަލީ މަސައްކަތް ފަށަނެ ކަމަށް ވިދާޅުވިއެވެ. ސްކޫލްގައި ދެބުރި އިމާރާތެއް އެޅުމުގެ މަސައްކަތާއި ފުޓުބޯޑަ ދަނޑުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށު ކައުންސިލަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރަށުގެ ސިއްހީ މަރުކަޒުން ލެބޯޓްރީގެ ހިދުމަތް ލިބޭނެ މަގު ވެސް ފަހިކޮށްދެއްވާނެ ކަމަށާއި، އިތުރު ވަގުތަށް ހިދުމަތް ދެވޭނެ ގޮތް ހެލްތު މިނިސްޓްރީން ބަލާނެ ކަމަށް ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒު ހެދުމުގެ މަސައްކަތް ޓެންޑާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މަހިބަދޫ
މަހިބަދޫގެ ބޯހިޔާވަހިކަމަށް ބިން ދޫނުކޮށް 30 އަހަރުވެފައިވާކަން ކެންޑިޑޭޓް ފާހަގަކުރެއްވުމުން ރައީސް ވިދާޅުވީ މި އަހަރު ތެރޭގައި މުޅި ރާއްޖޭގެ އެކި ހިސާބުން ބިން ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މަހިބަދޫ މަގު ހެދުމުގެ ފޭސް 2 ގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށާއި، އަމަލީ މަސައްކަތް މި އަންނަ އަހަރު ފަށާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކޮށް އަންނަ މަހު ހުޅުވާލާނެ ކަމަށެވެ. އަދި ޑޮކްޓަރުން ވެސް އިތުރުކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް މެރިކަލްޗާ ތަރައްގީކުރަން މަހިބަދޫގެ މަސައްކަތްތައް 7 ފަރާތަކަށް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން މަހިބަދޫ ކޮށިތަކުގައި 4،000ށް ވުރެ ގިނަ ފާނަ ބޮޑުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. 34 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ ހިންގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކުނބުރުދޫ
ކުނބުރުދޫ ގައި ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓްކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބަނދަރާއި ސްކޫލް އަދި ކައުންސިލް އިދާރާގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ. އެރަށުގައި މާބޮޑު މަސައްކަތްތަކެއް ކުރެވިފައިނުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ 3 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ ޕްރޮޖެކްޓު ހިންގިފައިވާ ކަމަށެވެ.
މާމިގިލި
މާމިގިލި ސިއްހީ މަރުކަޒަށް ރަނގަޅު އަޕްގްރޭޑެއް ގެނައުމުގެ މަސައްކަތްކުރާ ކަމަށާއި މާމިގިލީ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ ބިޑް އަލުން ހުޅުވާލަނީ ކުރިން ލިބުނު އަގު ބޮޑުވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. ސްކޫލްގެ ޑިޒައިން ނިންމައި މި މަހުގެ ފަހުކޮޅު ޓެންޑާކޮށްފައިވާ ކަމަށް ވިދާޅުވިއެެވެ. އެގޮތުން އޭވީ ރޫމާއި ހޯލު ފަދަ ތަންތަން ހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި ވެސް ހުރި 12،000 ޓަނުގެ ކުނި ކުރިއަށް އޮތް ހަތް މަސްުދުހުގެ ތެރޭގައި ވެމްކޯއިން ނިންމާނެ ކަމަށާއި، ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ދެވަނަ ކުއަރޓަރުގައި ފަށާނެ ކަމަށް ވިދާޅުވިއެވ. ރަށު މަގު ހެދުމުގެ މަސައްކަތް މިދިޔަ އަހަރު ހަވާލުކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ނިމެނެ ކަމަށް ވިދާޅުވިއެވެ. މިދިޔަ ދެ އަހަރު 21 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ހަންޏާމީދޫ
ހަންޏާމީދޫ ބަނދަރުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ފެނުގެ ނިޒާމުގެ މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބޮޑު ކާށި ހުރަޔާ ދިއްގިރި ކައުންސިލްގެ ދަށަށް ބަދަލުކޮށް ރަށު ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތެއްވޭތޯ ބަލާއިރު ދިއްގިރި އަކީ އެ އަތޮޅު ކައުންސިލް އަށް ވަރުވާއަށް ދޫކޮށްފައިވާ ރަށެއް ކަމަށް ވިދާޅުވިއެވެ. އަދި ބޮޑު ކާށިހުރާ އަކީ ޓޫރިޒަމް މިނިސްޓްރީގެ ރަށެއް ކަމަށާއި ބަޔަކަށް ދޫނުކުރާ ނަމަ ހެދޭނެ ގޮތެއް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ. ސްކޫލަށް ކްލާސް އިތުރުކުރުން މި އަހަރުގެ ބަޖެޓުގައި ނެތް ކަމަށާއި އެއަށް ގޮތެއް ހެދޭތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ. ޒުވާނުންނަށް އިޖުތިމާއި މަރުކަޒު ވެސް މިއަހަރުގެ ބަޖެޓުގައި ނެތް ކަމަށް ވިދާޅުވިއެވެ. އަދި ހެލްތު ސެންޓަރުގެ އިމާރާތްވެސް ބަޖެޓުގައި ނެތް ކަމަށް ވިދާޅުވިއެވެ. މިދިޔަ ދެ އަހަރު 8.3 މިލިަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.