ޕަބްލިކް ޑިފެންޑަރ އޮފީހޭ ބުނުމުން ގިނަ ބަޔަކަށް އެއީ ކޮން އޮފީހެއްކަން ނޭނގުމަކީ ވެދާނެކަމެކެވެ. ދިވެހި ބަހުން ބުނާނަމަ އެއީ މީސް ދިފާއީ އޮފީހެވެ. ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫންއަސާސީ ވުޖޫދަށް އައިއިރު މީސް ދިފާއީ އޮފީހުގެ މަސައްކަތުގެ ވާހަކައަށް ރިއާޔަތްކޮށްފައިވެއެވެ. މިއަދާހަމައަށް އައިރުވެސް ރަސްމީ ސިފައެއްގައި މިއޮފީސް ވުޖޫދަށް ގެނެވިފައި ނުވެއެވެ. އެހެންނަމަވެސް މިއޮފީހުން ކުރަންޖެހޭ މަސައްކަތްތައް ކުޑަކޮށްނަމަވެސް ބަންޑާރަނާއިބުގެ އޮފީހުން ކުރަމުން ގެންދެއެވެ.
ޕަބްލިކް ޑިފެންޑަރ އޮފީހަކީ ކޮބާ؟
ޕަބްލިކް ޑިފެންޑަރ އޮފީހަކީ ދައުލަތުން ދައުވާކުރާ މައްސަލަތަކުގައި އެމީހެއްގެ ނަފްސުގެ ދިފާއުގައި ގާނޫނީ ގޮތުން މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ އޮފީހެވެ. މިފަދަ މީހުންނަށް މި އޮފީހުގެ ފަރާތުން ގިނަ ފަހަރަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ ޖިނާއީ މައްސަލަތަކުގައެވެ.
މިބާވަތުގެ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދައުލަތުން ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އެމާއްދާގައި ބުނެފައިވަނީ މިހެންނެވެ. ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާއަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަން ނެތް މީހަކުނަމަ، އޭނާއަށް ދައުލަތުން ގާނޫނީ ވަކީލަކު އައްޔަންކޮށް ދޭން ވާނެކަމަށެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގެ ގޮތުގައި ރާއްޖޭގެ ގާނޫން ދަންނަ މައްސަލަތައް ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫން 12/2016 ގެ 22 ވަނަ މާއްދާގައެވެ. މިކުށްތަކުގެ ތެރޭގައި ހިމެނެނީ މީހުން މެރުމާއި، މަނީލޯޑަރ ކުރުމާއި، މީހުން ޓްރެފިކް ކުރުމާއި، މުދަލާއި ޒާތުން ކުރެވޭ ކުށްތަކުގެ ތެރެއިން 1 ލައްކަ ރުފިޔާއިން ފެށިގެން މަތީ އަދަދުގެ ކުށްތަކާއި، ކޮރަޕްޝަނާއި، މާރާމާރީގެ އަނިޔާވެރި އަމަލުތަކާއި، ދައުލަތުގެ އިސްތިގުލާލާއި މިނިވަންކަމަށް ގެއްލުންވާ އަމަލާއި، ކުޑަކުދިންނާމެދު ހިންގޭ ޖިންސީ އަމަލުގެ ކުށާއި، މަސްތުވާތަކެތި ޓްރެފިކް ކުރުންފަދަ ކުށްތަކެވެ.
މިބާވަތުގެ މައްސަލަތަކުގައި ދައުލަތުން (ޕްރޮސެކިއުޓަރުން) ދައުވާ އުފުލާނީވެސް ޖިނާއީ ބޮޑެތި މައްސަލަތަކުގެ ގޮތުގައެވެ. އަދި އެމައްސަލަތައް ސާބިތުވެއްޖެނަމަ އަންނަ ހުކުމްތައްވެސް ބޮޑުވެގެން ދެއެވެ. އާންމުކޮށް މިބާވަތުގެ މައްސަލަތަކުގައި ހުކުމުގެ ބަރުދަނަކީ އުމުރަށް ނުވަތަ 25 (ފަންސަވީސް) އަހަރަށް ޖަލަށްލުމެވެ. މީހެއްގެ އުމުރުދުވަހުގެ ހުކުމަކީ 25 (ފަންސަވީސް) އަހަރު ކަމަށް ގާނޫނުން ކަނޑައަޅާފައިވެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް
ޕަބްލިކް ޑިފެންޑަރ އޮފީހަކީ މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި ބަލައިގެންފައިވާ އޮފީހެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ހަންގޭރީއާއި، ސިންގަޕޫރާއި، އޮސްޓޭލިޔާގެ ބައެއް ސްޓޭޓްތައް ހިމެނެއެވެ. އަދި މިނޫންވެސް ގިނަ ގައުމުތަކުގައި މިއޮފީސް އެކިއެކި ނަންނަމުގައި ގާއިމް ކުރެވިފައިވެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި މި އޮފީސް މަސައްކަތްކުރާ ގޮތްވެސް ތަފާތެވެ. ބައެއް ތަންތަނުގައި އެއްބަސްވުމާއި ޚިލާފުވުމާއި، ފައިސާގެ މައްސަލަތަކާއި، މުދަލުގެ މައްސަލަތަކާއި އަދި މިނޫންވެސް މައްސަލަތަކުގައި ދައުވާކުރާ ފަރާތާއި އަދި ދައުވާ ރައްދުވާ ފަރާތަށް ވެސް މި އެހީތެރިކަން ފޯރުކޮށްދެއެވެ. މިނޫން ބައެއް ތަންތަނުގައި ވަރި ކައިވެންޏާއި ޚަރަދާއި މުދާބެހުމާއި، ދަރިފުޅުގެ ހަޟާނާތުގެ މައްސަލަތަކުގައިވެސް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއެވެ.
މިއީ ރައީސްގެ ވައުދެއް
ޕަބްލިކް ޑިފެންޑަރ އޮފީހަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އެޖެންޑާ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ މުހިންމު ވައުދެއްކަން ފާހަގަކުރަމެވެ. މިކަމަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެންމެ ފަހުން އެކުލަވާލި މަގު ޗާޓުގައިވެސް މިކަން ވަނީ ހިމަނާފައެވެ. އެހެންނަމަވެސް މިއަދާހަމައަށް މިއޮފީސް އަދި ވުޖޫދުވެގެން އައިސްފައި ނުވެއެވެ.
މަތީގައި ބަޔާން ކުރެވުނު އޮފީސް ވުޖޫދަށް ގެންނަންޖެހޭ އެންމެ މުހިންމު ސަބަބަކީ ޖިނާއީ މައްސަލަތަކުގައި ދައުވާ އުފުލަނީ ބައެއް ހާލަތްތަކުގައި އެންމެ ރަނގަޅު މީހާކަމަށް ނުވެދާނެ ކަމަށްޓަކައެވެ. ޖިނާއީ ގާނޫނު ދަންނަ ގޮތަކީ ކުށްކުރި މީހަކު ޝަރީއަތުން ވީއްލިގެން ދިޔަޔަސް ކުށް ނުކުރާ މީހަކަށް އަދަބު ނުދިނުމެވެ.
ކުށްނުކުރާ މީހަކަށް އަދަބު ދެވިދާނެ ހުރިހާ މަގެއް ބަންދުކުރުމަކީ ކުރުން ލާޒިމްކަމެވެ. އަދި ކުށްކޮށްފައިވާ މީހެއްކަމަށް ބެލެވޭ މީހެއްކަމުގައި ވިޔަސް އޭނާއަށް އިޖުރާއީ ގޮތުން ހައްގުތައް ކަށަވަރުކޮށްދީފައިވަނީ ހެޔޮކޮށްތޯ ބެލުމަކީ ކުރަންޖެހޭ ކަމެކެވެ.
އަބަދުވެސް ޖިނާއީ ގާނޫނުގައި ގާނޫން މާނަކުރާނީ ކުށްކޮށްފައިވާ މީހާ (މުއްތަހަމް) ގެ މަސްލަހަތު އިސްކޮށްގެންނެވެ. އެނޫންގޮތަކަށް އެކަން މާނަ ކުރަން ވެއްޖެނަމަ ކުށްނުކުރާ މީހުންނަށް އަދަބު ދެވޭތަން ގިނަވެ، މުޖުތަމައުގައި އެކަކަށްވެސް ރައްކާތެރިކަމެއް ނުލިބޭނެއެވެ. އެކަމުގެ އާޚިރު ނަތީޖާއަކީ ގައުމުގެ ގާނޫނީ ނިޒާމް ރޫޅިގެން ދިޔުމާއި ނިޒާމް އެއްގަލަކަށް ނޭރުމެވެ.