ކ. މާލެ
|
1 މާރޗް 2021 | ހޯމަ 10:31
ގުޅުންތައް ތާޒާވި ދުވަސްވަރު ރައީސް ޔާމީނާއި ބޮޑުވަޒީރު މޯދީ މީޑިއާއަށް މައުލޫމާތު ދެއްވަނީ
ގުޅުންތައް ތާޒާވި ދުވަސްވަރު ރައީސް ޔާމީނާއި ބޮޑުވަޒީރު މޯދީ މީޑިއާއަށް މައުލޫމާތު ދެއްވަނީ
ދަ ނޭޝަން
އިންޑިޔާ އާއި ރާއްޖޭގެ ގުޅުން
އުތުރު ތިލަފަޅުގެ މަޝްރޫއު ވަޅުޖެހުމުގެ ފަހަތުގައިވާ ސިއްރު
ބޭނުންގޮތަށް ކަންކަން ނުވީމާ ކޮމަންވެލްތުންވެސް ވަނީ ވަކިވެފައި
އެކަން ނުކުރެވުނީމާ މަޝްރޫއުގެ މުހިންމުކަން ގެއްލި ބަސްމަގުވެސް ބަދަލުވި
"ސިފަވަރު" މަޝްރޫއަކީ ވަކި ކަމަކަށް އަމާޒުކޮށްގެން ކުރަން އުޅުނު ވިޔަފާރިއެއް

ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަޒީރުންނަށް 2016 ވަނަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހަކީ ވަރަށް ބާރު ބޮޑު ދުވަހެކެވެ. އެއީ ވަރަށް އަވަދިނެތި ވަރަށް ބުރަކޮށް އުޅުއްވަން ޖެހިވަޑައިގެންނެވި ދުވަހެކެވެ. 

އެދުވަހު ހެނދުނު ރައީސް ޔާމީނު އުޅުއްވީ އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ކޮމަންވެލްތު ޖަމާއަތުގައި ހިމެނޭ އަވައްޓެރި ބޮޑު ދެ ގައުމެއްގެ ބޮޑުވަޒީރުންނަށް ފޯނުން ގުޅުއްވައިގެން ވަރަށް ބޮޑު މުހުތާދެއްގެ ވާހަކައިން އާދޭސް ދަންނަވަން ރައީސް ޔާމީނަށް ގަޑި ހަމަޖެހިފައި އޮތީވެސް އެދުވަހުގެ މެންދުރުއެވެ.  

އެދުވަހަކީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް ނުވަތަ ސީމެގްގެ ބައްދަލުވުން ބޭއްވުނު ދުވަހެވެ. ބައްދަލުވުމުގެ އެޖެންޑާގެ ކުރީގައި އޮތީ ދިވެހިރާއްޖޭގެ މައްސަލައެވެ. އެއީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ކަންކަމަށް ރައީސް ޔާމީނުގެ ސަރުކާރުން އިހުމާލުވެ ރައްޔިތުންނާމެދު އަނިޔާވެރިވާތީ ސީމެގު ވޮޗަށް ރާއްޖެ ލާނީތޯ ނުވަތަ ނުލާނީތޯ ކަނޑައެޅުމުގެ ބައްދަލުވުމެވެ. 

ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގެ ބައިވެރިންނަށް މައުލޫމާތު ދެއްވައި ސަރުކާރުގެ ފަރާތުން ޖަވާބުދާރީވެ ވަކާލާތު ކުރެއްވުމަށްޓަކައި ލަންޑަނަށް ވަޑައިގެން ތިއްބެވީ ޚާރިޖީވަޒީރު ދުންޔާ މައުމޫނާއި ބަންޑާރަނާއިބު މުހައްމަދު އަނިލްއެވެ. މި ދެބޭފުޅުންނަށްވެސް އިރުއިރުކޮޅާ ގުޅުއްވައިގެން އިރުޝާދު ދެއްވަން ރައީސް ޔާމީނަށް ޖެހިވަޑައިގެންނެވިއެވެ. 

ޔާމީނުގެ އުކުޅަހު ޖަލްސާ 

ކުރިންވެސް ދެންނެވުނު ފަދައިން ރައީސް ޔާމީނު ދުވަސް ފެއްޓެވީ އުކުޅަހުގައި ބޭއްވި ޖަލްސާއަކުންނެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ވާހަކަކޮޅު މިއަދު ކުރުކޮށްލަންޖެހެއެވެ. މިއަދަކީ ސަރުކާރަށް ވަރަށް ވަރުގަދަ އިމްތިހާނެއް ކުރިމަތިވާ ދުވަހެކެވެ. ދިވެހިރާއްޖެއާ ދޭތެރޭގައި އަޅާނީ ކޮން ފިޔަވަޅެއްކަން ކުރިއަށްއޮތް ތިންހަތަރު ގަޑިއިރުގެ ތެރޭގައި ކޮމަންވެލްތުން ނިންމާނެއެވެ. މިއީ މުސީބާތެކެވެ. ސީމެގްގެ ވޮޗަށް ދިވެހިރާއްޖެ ލައިފިއްޔާ ދެން ދިވެހި ރައްޔިތުން ތަހައްމަލް ކުރަންޖެހޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ ވިސްނާވަޑައިގަންނަވާށެވެ. 

ޑރ ވަހީދުގެ ދައުރުގައިވެސް މި ސީމެގަކުން ރާއްޖޭގެ ހަންނޮޅާލިއެވެ. ސަރުކާރުން މިކުރާ މަސައްކަތަކީ އަލުން އެހިސާބަށް ދިޔަނުދިނުމުގެ މަސައްކަތެވެ. އެ މުސީބާތް ތަކުރާރުވިޔަ ނުދިނުމުގެ މަސައްކަތެވެ. އުކުޅަހުގެ ޖަލްސާވެސް ކުރުކުރަން ޖެހެނީ މި މަސައްކަތުގައި އެހީތެރިވެދެވޭނެ މުހިއްމު ބޮޑު ދެ ގައުމެއްގެ ބޮޑުވަޒީރުންނަށް ފޯނުކުރަން ޖެހިފައި އޮތުމުންނެވެ. އެގާރަގަޑިބައިގެ ކުރިން އެކަން ކުރަން އެބަޖެހެއެވެ. އެހެންވީމާ އުކުޅަހުގެ ބައްދަލުވުން ކުރުކޮށްލަނީއެވެ. 

މޯދީގެ ފޯންކޯލް

އެދުވަހު އެވަރަކުން ޖަލްސާ ކުރުކޮށްލައްވާފައި އެގާރަގަޑިބައިގެ ކުރިން ރައީސް ޔާމީނު ގުޅުއްވި ދެ ބޭފުޅުންނަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފެވެ. އެތެރެ ކޮއިލުން ލިބިފައިވާ މައުލޫމާތުން އެނގޭގޮތުގައި މޯދީއާ ވާހަކަ ދެއްކެވީ ތަރުޖަމާނަކު މެދުވެރި ކުރައްވައިގެންނެވެ. ބޮޑުވަޒީރު މޯދީގެ އަރިހުން ރައީސް ޔާމީނު އެދިވަޑައިގެންނެވީ އެންމެ ކަމަކަށެވެ. އެއީ ކޮމަންވެލްތުގެ އެންމެ ބިޔަ އެންމެ އާބާދީ ބޮޑު އަދި ނުފޫޒުވެސް އެންމެ ބޮޑު ގައުމުގެ ގޮތުގައި އިންޑިޔާއިން ސީމެގުގެ ކަންތަކުގެ ތެރެއަށްވަދެ ސީމެގުގެ އެޖެންޑާއަށް ރާއްޖެ ނުލާނެގޮތް ހަމަޖައްސައިދިނުމެވެ. އެކަމުގެ ބަދަލެއްގެ ގޮތުން އިންޑިޔާއިން އެދުނު ކޮންމެ ކަމަކަށް ރާއްޖެއިން ރުހޭނޭ ކަމުގެ ބަސް ދެއްވިއެވެ. މިވާހަކައަށް އާނއެކޭވެސް ނޫނެކޭވެސް މޯދީ ވިދާޅެއް ނުވިއެވެ. ފޯންކޯލު އެހިސާބުން ނިމުނީއެވެ.

ބޭރު ދުނިޔެއާ ބޮޑަށް މުއާމަލާތު ކުރެއްވީ ދުންޔާ މައުމޫން - ރައީސް އޮފީސް

ދުންޔާ އާއި އަނިލްގެ މަސައްކަތް

ލަންޑަނުގައި އޮތް ސީމެގްގެ ބައްދަލުވުމުގެ ބައިވެރިންނަށް ދުންޔާ އާއި އަނިލް އެދުވަހު ވަރަށް ބޮޑު ޔަގީންކަމެއް ދެއްވިއެވެ. ވިދާޅުވިއެވެ. ވަގުތު ބޭނުމެވެ. ވަގުތު ދީފިއްޔާ ނަތީޖާނެރެ ދައްކާނަމެވެ. ކަންބޮޑުވުންތައް ހައްލުކޮށްދޭނަމެވެ. ކޮމަންވެލްތަށްވެސް ރާއްޖެއަށްވެސް އަދި އިންޑިޔާއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ ޓެރަރިޒަމެވެ. އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ސަރަހައްދުގެ ދޮރޯށިތައް ޓެރަރިސްޓުންނަށް ބަންދު ކުރުމަށްޓަކައި އިންޑިޔާއާ ގުޅިގެން ޚާއްސަ ކަންތައްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ކުރާނޭ ކަންކަމުގެ އޮނިގަނޑެއް މިދަނީ ހަދަމުންނެވެ.

ކޮންމެއަކަސް މިޒާތަކުން ވައުދުތަކެއް ވެގެން ސީމެގުން ރާއްޖެއަށް ވަގުތު ދީފިއެވެ. އެންގިއެވެ. މިދެނީ ހަ މަސްދުވަހެވެ. ނަތީޖާ ނެރެ ދައްކާށެވެ. އެހެންނޫނީ ދެން ބާއްވާ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ސީމެގު ވޮޗަށް ލާނަމެވެ. ސީމެގުން މިގޮތަށް ނިންމާފައި މުހުލަތެއް ދިނީމާ ޔާމީނުގެ ސަރުކާރުން އެއީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރިއެވެ. ސީމެގުގެ އެޖެންޑާއަށް ރާއްޖެ ނުލަޔޭ ލާކަށްނުވެސް އުޅެޔޭ ބުނެ ފޮރިން މިނިސްޓްރީން ހަމައެދުވަހު ބަޔާނެއްވެސް އާއްމު ކުރިއެވެ.

އުތުރު ތިލަފަޅުގެ މަޝްރޫއު އިންޑިޔާގެ އޮފިޝަލަކަށް މޭޖަރ ޖެނެރަލް ޝިޔާމް ކިޔައިދެއްވަނީ - އެމްއެންޑީއެފް

އިންޑިޔާ-ދިވެހިރާއްޖޭގެ ގުޅުމަށް އައި ކުއްލި ބަދަލު

ލަންޑަނުގައި ބޭއްވި ބައްދަލުވުމުން ނިންމި ނިންމުމަށް އިންޑިޔާގެ ނުފޫޒު ފޯރިވަރު ސާފެއް ނޫނެވެ. ރައީސް ޔާމީނު އެދިވަޑައިގެންނެވި ގޮތަށް މިކަމުގައި މޯދީ އެހީތެރިވެ ވަޑައިގެންނެވިކަން ސާފެއް ނޫނެވެ. އެކަމަކު ވަރަށް ސާފު ކަމެއް އޮތެވެ. އެދުވަހަށް ފަހު ޔާމީނުގެ ސަރުކާރާއި އިންޑިޔާގެ ގުޅުމަށް އާރޯކަމާއި ތާޒާކަން އައެވެ. އިންޑިޔާއަށް ވަޑައިނުގެން ހުންނެވުމަށްފަހު ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޔާމީނު އިންޑިޔާއަށް ވަޑައިގެންނެވީވެސް މިދުވަހަށް އެންމެ ދޮޅުމަސް ފަހުންނެވެ. ވަޑައިގެންނެވީވެސް ވަރަށް ބޮޑު ވަފުދަކާއެކުގައެވެ. އެޕްރީލް ދިހަޔަކުން އެގާރައަށް ކުރެއްވި މި ދަތުރުފުޅުގައި ދެގައުމުގެ މެދުގައި ޖުމްލަ ހަ އެއްބަސްވުމެއް ނުވަތަ ކަރުދާހެއްގައި ސޮއިކުރެވުނެވެ. 

ރައީސް ޔާމީނާއި ބޮޑުވަޒީރު މޯދީގެ ހާޒިރުގައި ސޮއިކުރެވުނު ހަ ކަރުދާހުގެ ތެރެއިން އެއްކަރުދާހަކީ ޑިފެންސް އެކްޝަން ޕްލޭނެވެ. އުތުރު ތިލަފަަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ހެދުމުގެ ވާހަކަ ހިމެނެނީ މި ކަރުދާހުގައެވެ. މީގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިންޑިޔާގައި ހުންނެވި ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދެވެ. އިންޑިޔާގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް ސެކްރެޓަރީ މޯހަން ކުމާރެވެ. ސޮއިކޮށް ނިމިގެން މީޑިއާގެ ކުރިމަތީގައި ރައީސް ޔާމީން ވިދާޅުވެ އިއުލާން ކުރެއްވިއެވެ. އިންޑިޔާގެ ސަލާމަތަކީ ދިވެހިރާއްޖޭގެ ވެސް ސަލާމަތެވެ. ދިވެހިރާއްޖޭގެ ސަލާމަތަކީ އިންޑިޔާގެ ވެސް ސަލާމަތެވެ. މިއީ އެކައްޗެކެވެ. އެހެންވީމާ ކުރިއަށް ދާނީ ގުޅިގެން އެކަތިގަޑެއްގެ ގޮތުގައެވެ. ދެ ގައުމުގެ ދޭތެރެޔަށް އެހެން ބަޔަކަށް ނުވަދެވޭނެއެވެ. 

ރައީސް ޔާމީނު އެނބުރި މާލެ ވަޑައިގެންނެވީ އިންޑިޔާ އާއި ދިވެހިރާއްޖޭގެ އަސްކަރީ ގުޅުމުގެ އައު މަރުހަލާއަކާއި އައު ބާބެއް ފެށިއްޖެކަން އިއުލާން ކުރައްވަމުންނެވެ. ބޮޑުވަޒީރު މޯދީވެސް ނިކަން އަވަހަށް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވައި އެ ދައުވަތު މޯދީވެސް ގަބޫލުފުޅު ކުރެއްވުމަށްފަހުއެވެ. ރައީސް ޔާމީނު މާލެ ވަޑައިގެން ނިކަން ގާތްގާތުގައި ދެފަރާތުގެ އަސްކަރީ ތަޖުރިބާކާރުންގެ ބައްދަލުވުންތަކެއްވެސް ބޭއްވުނެވެ. މީގެ ތެރޭގައި ނިއުދިއްލީގައި ބޭއްވުނު ޖޮއިންޓް ސްޓާފް ޓޯކްސް އަކާއި މާލޭގައި ބޭއްވުނު ފުރަތަމަ ޑިފެންސް ކޯޕަރޭޝަން ޑައިލޮގު ވެސް ހިމެނުނެވެ. 

އުތުރު ތިލަފަޅުގައި ގާއިމުކުރާ "ސިފަވަރު" މަޝްރޫއާއި އެނޫންވެސް މަޝްރޫއުތަކުގައި މިބައްދަލުވުންތަކުން ކުލަޖެހެމުން ފެވެމުން ދިޔައިރު ސީމެގުން ރާއްޖެއަށް ދިން ހަ މަހުގެ މުހުލަތުވެސް ދިޔައީ އަވަސްކަމާއެކު ފާއިތުވަމުންނެވެ. ކުރާނަމޭ، ކުރެވޭނެޔޭ ބުނި އެއްވެސް ކަމެއް ޔާމީނުގެ ސަރުކާރަކުން ނުކުރެއެވެ. އެހެންގޮސް މުއްދަތުވެސް ހަމަވެއްޖެއެވެ. 

އުތުރު ތިލަފަޅުގެ މަޝްރޫއަކީ ވަކި ބޭނުމަކަށް ހިންގާން އުޅުނު މަޝްރޫއަކަށް ވެގެން ފަހުން ބަސްމަގު ބަދަލުވި - ރާއްޖެއެމްވީ

މޭބިސްކަދުރު ހިތިވުން 

ކޮމަންވެލްތުން ދިން މުހުލަތު ހަމަވީއިރު ކުރާން އެއްބަސްވި އެއްވެސް ކަމެއް ކޮށްފައިނުވާތީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސީމެގް ވޮޗަށް ރާއްޖެ ލައިފިއެވެ. ރައީސް ޔާމީން އުޅުއްވީ ކުރަންޖެހޭ މަސައްކަތް ނުކުރައްވައި ނުފޫޒުގަދަ ގައުމުތަކުގެ އެހީގައި ކަންކަން ކުރެވޭތޯއެވެ. ދުލެއް ނުދީ ފަރުޖެއްސޭތޯއެވެ. އެކަން ނުވީމާ ދެން އިސްކުރެއްވީ މާވަރުގަދަ ކޯފާއެކެވެ. 

ޖެހިގެން އައި އޮކްޓޫބަރު މަހު ކޮމަންވެލްތުންވެސް ރާއްޖެ ވަކިވީއެވެ. އެ ޖަމާއަތުން ބޭރުވެގަތީއެވެ. މި ކޯފާގެ އަސަރު ދެން ފޯރީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭނަށެވެ. ހުތްވީ ދެ ގައުމުގެ ގުޅުމެވެ. އެހެންވާނެތާއެވެ. ރައީސް ޔާމީނު ހީފުޅުކުރެއްވީ އުތުރު ތިލަފަޅު ދެއްކީމާ ދެން އަބަދުވެސް އިންޑިޔާއިން ސީމެގުގެ ކަންތަކާ އުޅެދޭނެ ކަމަށެވެ. ސަރުކާރުން ކުރާ ކަންކަމާ ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ބެހިގަންނަ ކޮންމެ ފަހަރަކު އިންޑިޔާގެ އައްޑަނައިގެ ހިޔަލަށް ވަދެވޭނެ ކަމަށެވެ. އެހެން ނުވިކަން ޔަގީންވީމާ ދެން ސިޔާސަތުވެސް ބަދަލުވީއެވެ. މޭބިސްކަދުރުވެސް ހިތިވީއެވެ. ދެ ގައުމަކަސް މިއީ އެކައްޗެކޭ ވިދާޅުވެފައިވަނިކޮށް އޭގެ ފަސް މަސް ފަހުން ދެން ވިދާޅުވާން ޖެހިވަޑައިގަތީ މިއީ ދޭއްޗެކޭ އެވެ. 

މި ހިސާބުން އުތުރު ތިލަފަޅުގެ މަޝްރޫއުގެ ވާހަކަ ހުއްޓިއްޖެއެވެ. ޗައިނާއާއި އެމެރިކާވެސް އެތަނުގައި މަޝްރޫއު ހިންގަން އެބަ ބޭނުންވެޔޭ، އެހެންވީމާ އިންޑިޔާއަށް އެކަނި ތިޔަ މަޝްރޫއު ދޫކޮށްލުން ރަގަޅެއް ނުވާނެޔޭ، އަދިވެސް ވިސްނާން އެބަޖެހެޔޭ، މިޒާތަކުން ސަރުކާރުގެ ވާހަކަޔާއި ބަސްމަގު ބަދަލުވެއްޖެއެވެ. ބޮޑުވަޒީރު މޯދީވެސް ރާއްޖެއަށް ވަޑައިނުގެން މަޑުކުރައްވައިފިއެވެ. އޭނާ ރާއްޖެއަށް ދެން ވަޑައިގެންނެވީ ޔާމީނުގެ ދައުރު ނިމިގެން ރައީސްކަމާ އިބްރާހިމް މުހައްމަދު ސާލިހު ހަވާލުވެވަޑައިގަތުމުން 2019 ވަނަ އަހަރުގެ މެދުތެރޭގައެވެ. މޯދީވެސް ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވުމަށްފަހު ވަޑައިގެންނެވި ފުރަތަމަ ގައުމަކަށް ރާއްޖެ ހެއްދެވުމުގައި ސަބަބެއް އޮތެވެ. އެއީ ރައީސް ޔާމީނު ކަންތައް ކުރެއްވި ގޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް
1 މާރޗް 2021 | ހޯމަ 15:48
ހައްޕު
ކޮބައިތަ ހިސާބު ޓީޗަރު އަދުރޭ..... އިންޑިއާ ދެކެ މިއަންނަ ރުޅި އަދި ކިރިޔާތާ މިތިލަވީ ؟
1 މާރޗް 2021 | ހޯމަ 14:31
ހަސަން އިބްރާހިމް
ލިޔުންތެރިޔާގެ މި ޖުމުލަ " މޯދީވެސް ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވުމަށްފަހު ވަޑައިގެންނެވި ފުރަތަމަ ގައުމަކަށް ރާއްޖެ ހެއްދެވުމުގައި ސަބަބެއް އޮތެވެ. އެއީ ރައީސް ޔާމީނު ކަންތައް ކުރެއްވި ގޮތެވެ." ދެން ލިޔާ ލިޔުމެއްގައި ތަފްސީލުކޮށް ލިޔެ ދީބަލާށެވެ.ކުރިން ލިޔުންތެރިޔާ ކީ ލަވަތައް ފަރިއްސަށް ވެގެން ތިއުޅޭ ސަބަބުވެސް ލިޔެދެއްވައްޗެވެ.
1 މާރޗް 2021 | ހޯމަ 10:52
ލަތީފް
ސަރުކާރު ޕްރޮމޯޓް ކުރިޔަސް ތިދެން ތަންފުކެއް ބޮޑުވަރުދޯ. މަހީކުރީ އިމާދު ލަތީފް ތިހާވަރު ނުވާނެކަމަށް. އެހެންނޫންތާ ތިވީ. ބޯހަލާކު.