''އަޅުގަނޑު ވަރަށް ހިސާބު ޖަހައިފިން، ދެރަވާނެ އެއްވެސް ގޮތެއް ނުފެނުނު''
31 ޖެނުއަރީ 2021 | އާދީއްތަ 10:45އާބާދީ ބޮޑު 27 ރަށުން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ


އާދިއްތަ ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ހިސާބު އެކި ގޮތްގޮތަކަށް ޖަހާފައިވާ ކަމަށާއި، ދެރަ ނުވަތަ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެ އެއްވެސް ގޮތެއް ނުފެންނަ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު އިންތިޚާބުގެ ކެމްޕޭން ފެށުމުގެ ގޮތުން އެމް.ޑީ.ޕީ. އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާ ކަމަށާއި، އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އެގޮތުން މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އާބާދީ ބޮޑު 27 ރަށުން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ ކާމިޔާބީއަށް އަލިއަޅުއްވައިލައްވާ ރައީސް ނަޝީދު ވިދާޅުވީ ލާމަރުޒަކުކުރުމުގެ ވިސްނުމަކީ އެމް.ޑީ.ޕީ.ގެ ވިސްނުން ކަަމަށާއި، އަތޮޅުތެރޭގެ ރަށްތައް ކުރިއަރައިގެން ދިޔައީ އަދި ތަރައްޤީ ގެނައުމުގެ ފުރުޞަތު ލިބިގެންދިޔައީ ވެސް އެމް.ޑީ.ޕީ.ގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ 221.1 މިލިއަން ރުފިޔާ އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 17،174 މީހުންނަށް ދޫކުރެވިފައިވާ ކަމަށާއި، އަމިއްލަ ފަރާތްތަކުން ނަގާފައިވާ ލޯނު އަދި ސަރުކާރަށް ދަރާފައިވާ ދަރަނިވެރި ވެސް ޑިސެންބަރު 20ށް ލަސްކުރެވިފައިވާ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 55.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، 222 ދަރިވަރުންނަށް 33.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
141 އައު ސިއްޙީ ޚިދުމަތް ދޭ ތަންތަން މިސަރުކާރުން ގާއިމުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ 139 ޑޮކްޓަރުން، 801 ނަރުހުން އަލަށް ޚިދުމަތާ ގުޅިފައިވާ ކަމަށެވެ. އަދި ރީޖަނަލް ހެލްތް ސެންޓަރު ގާއިމުކުރެވި، ޓާޝަރީ ހޮސްޕިޓާތައް ގާއިމުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އުމްރާނީ ތަރައްޤީއަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 14 ބަނދަރު، 3 ބައިނަލް އަގުވާމީ ބަނދަރު، 13.86 ކިލޯ މީޓަރުގެ މަގު މި ސަރުކާރުން އަޅާފައިވާ ކަމަށާއި، ބައްތިރީސް ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ހިންގަމުންދާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ 73 ކުޅިވަރު ފެސިލީޓީ ގާއިމް ކުރެވި، 58 ރަށުގެ ކަރަންޓު އައު ޖަނަރޭޓަރު ބެހެއްޓި، 24 ރަށުގައި 4.3 މެގަ ވޯޓުގެ ޢިޔާދަކުރަނިވި ހަކަތައިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ކަމަށެވެ. އަދި 12 ރަށުގައި 28 ހާސްޓަނުގެ ފެން ސާފު ފެން ހަދަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.









