ޒުވާނުންނަށް ޒުވާނުން ހިންގަމުންދާ ކެފޭއެއް
ކެފޭ އައިޑްސް ބައި މައުރޯ - ޒުވާނުން ޒުވާނުންނަށް ދިން ހަދިޔާއެއް
 
ކެފޭ އައިޑްސްއިން ލިބެން ހުންނަ ހުރިހާ ހިދުމަތްތަކަކީވެސް ހިތްހަމަޖެހޭނެ ޖީބަށް ލުއި ހިދުމަތެއް
 
ކެފޭއަށް އަންނަ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް އައު ރަހައެއް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ
 
ކެފޭ ހިންގަނީ އުމުރުން 20 އަހަރާއި 19 އަހަރުގެ ޒުވާނުން
ކ. މާލެ |
ކެފޭ އައިޑްސް ބައި މައުރޯ

މިހާރުގެ ގިނަ ޒުވާނުން އެކުވެރިންނާއިއެކު ކޮފީއަކަށް އަރާލާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކެފޭތަކުން ލިބެން ހުންނަށް ސްޕެޝަލިޓީ ކޮފީގެ ރަހަ ބަލާލެވޭނެ ވަރުގެ ފައިސާގެ ތަނަވަސްކަން ނެތުމެވެ. ސްކޫލް ދައުރު ނިންމާލުމަށްފަހު ވަޒީފާގެ މާހައުލަށް ނުކުންނައިރު، މަސައްކަތްކުރުމުގެ ފުރުސަތު ލިބެނީ ކުޑަ މުސާރައަކަށެވެ. މިކަމުގެ ސަބަބުން ރައްޓެހިންނާއިއެކު ހޭދަކޮށްލާ ވަގުތުކޮޅުގައިވެސް މާބޮޑެތި ހަރަދެއް ނުކުރެވެއެވެ. ސްޕެޝަލިޓީ ކޮފީއެއް ބޯލަން ބޭނުންވިޔަސް ކޮފީގެ އަގު ފެނުމުން އެހެން ދުވަހަކުން މިކަން ކުރަން ރާވާލަންޖެހެއެވެ.

ރިފާއު، ޔުއާން އަދި އައިހަމް އަށްވެސް މިކަމާ ކުރިމަތިލާން ޖެހުނެވެ. އުމުރުން އެންމެ 20 އަހަރާއި 19 އަހަރުގެ މި ޒުވާނުންނަށް މިކަމާ ތަކުރާރުކޮށް ކުރިމަތިލާން ޖެހުމުން އެ ތިން ޒުވާނުން ނިންމީ މިކަމަށް ހައްލެއް ހޯދައި އެއުމުރުފުރާގެ ޒުވާނުންނަށްވެސް ހިތްހަމަ ޖެހިލައިގެން ސްޕެޝަލިޓީ ކޮފީއެއް ބޯލުމުގެ ފުރުސަތު ދިނުމަށެވެ. އެގޮތުން މި ތިން ޒުވާނުންވެގެން ކެފޭ އައިޑްސް ބައި މައުރޯ ހުޅުވަން ނިންމިއެވެ.

އާދައިގެން މަތިން މިތިން މިތުރުން އެރި ކޮފީއެއްގައި ތިބެގެން މިކަމާ މެދު މަޝްވަރާކޮށް، ރައްޓެއްސެއްގެ ބައްޕައެއްގެ އަތުން ނެގި ލޯނެއްގެ އެހީގައި، ކޮވިޑް-19 އާއިއެކު ދިމާވި ގޮންޖެހުންތަކާއިއެކުވެސް މި ޒުވާނުން ބޭނުންވީ ކެފޭގެ މަސައްކަތް ނިންމައި ޒުވާނުންނަށް ހިދުމަތް ދޭން ފެށުމެވެ.

ތިން މަސް ދުވަހުގެ ތެރޭގައި ކެފޭ އައިޑްސް ހުޅުވުމަށް ކުއްޔަށް ނަގާފައިވާ ތަންކޮޅެއް، ރައްޓެހިންނާއި އާއިލާއާއިއެކު މަރާމާތުކޮށް ރީތިކޮށް، ޒުވާނުންގެ ފަރާތުން ޒުވާނުންނަށް ހަދިޔާއެއް ދިނެވެ.

ސްޕެޝަލިޓީ ކޮފީއެއް ބޯލަން ބޭނުންވުމުން އެކަމަށް ޖީބުން މާބޮޑު ހަރަދެއް ނުކޮށް، އެކަން ކުރެވޭނެ މަގުފަހި ކޮށްދިނެވެ. މަޑުމަޑުން ހިދުމަތްތައް ރަނގަޅު ކުރަމުން ގޮސް، ކެފޭ އައިޑްސް އަކީ ޒުވާނުންގެ މެދުގައި މަގްބޫލު ތަނަކަށް ހެދުމަކީ މި ޒުވާނުންގެ އުންމީދެވެ.

ކެފޭއިން ލިބެން ހުންނަ ތަފާތު ބުއިންތަކަށް ނަން ދީފައި ވަނީ ވެސް ޒުވާނުންގެ މެދުގައި ނަންތައް މަގުބޫލުވާނެ ގޮތަށް ބަލައިގެންނެވެ. އަދި ކެފޭއިން ލިބެން ހުންނަ ކާއެއްޗެއްސަކީ ގޭގައި ތައްޔާރުކޮށްގެން ގެންނަ އެއްޗެހި ކަމުން، ކާއެއްޗެހީގެ ރަހަޔަކީވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލް ރަހަތަކަކެވެ. ކެފޭގެ މެނޫގައި މިހާރުވެސް ތަފާތު ބާވަތްތައް ހިމެނޭއިރު، ކުރިއަށް އޮތްތަނުގައި މެނޫ އިތުރަށް ތަރައްގީކޮށް ތަފާތު އެކި ބާވަތަތްތައް މެނޫއަށް ތައާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާރުވެސް ކެފޭއަށް އަންނަ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް އައު ރަހައެއް ތަޖުރިބާކުރުމުގެ ފުރުސަތު ކެފޭ އައިޑްސް ބައި މައުރޯ އިން ދަނީ ދެމުންނެވެ.

ކަސްޓަމަރުންގެ ފީޑްބެކަށް ހާއްސަ ސަމާލުކަމެއް ކެފޭ އައިޑްސްއިން ދޭއިރު، ކެފޭ އައިޑްސްއަކީ ޒުވާނުންނަށް ހާއްސަ ކެފޭއަކަށް ވުމުން، ކެފޭއިން ލިބެން ހުންނަ ހުރިހާ ހިދުމަތްތަކަކީ އަމިއްލަ އަށްވެސް ހިތްހަމަ ޖެހޭނެ ފަދަ ހިދުމަތްތަކަކަށް ހެދުމަށް މިޒުވާނުން މަސައްކަތްކުރެއެވެ.

ކެފޭ އައިޑްސްގެ ހުރިހާ މަސައްކަތަކީވެސް ޒުވާނުންގެ އަތުން، ހުރިހާ ކަމެއްގައިވެސް އަމިއްލައަށް ބައިވެރިވެގެންކުރިއަށް ގެންދާ މަސައްކަތްތަކެވެ. ކެފޭ އަށް އަންނަ ކަސްޓަމަރުންނަށް ހިދުމަތްދީ ކެެފޭގެ ހުރިހާ ހަރަދަކާއި އެނޫންވެސް ކަންތައް ކުރަނީ ހަމަ މި ތިން ޒުވާނުންނެވެ.

ކެފޭ އައިޑްސްއަކީ ކޮންމެ ޒުވާނަކަށްވެސް ހިތްހަމަ ޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ތަނަކަށް ހެދުމަށް ރިފާއު އާއި ޔުއާން އަދި އައިހަމް ފެށި މަސައްކަތުގެ އަމާޒަކަށްވީ ރަނގަޅު ކޮލެޓީއެއްގެ ކޮފީ، އަތްފޯރާފަށުގައި ޒުވާނުންނަށް ފޯރުކޮށްދިނުމެވެ. މިއަމާޒާއިއެކު ކެފޭ އައިޑްސްއިން ލިބެން ހުންނަ ހުރިހާ ހިދުމަތްތަކަކީވެސް ހިތްހަމަޖެހޭނެ ޖީބަށް ލުއި ހިދުމަތްތަކެކެވެ.

ޒުވާނުންގެ މާހައުލެއްގައި ޒުވާނުން ހިތްހަމަޖެހޭ ގޮތަށް ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންނަމަ ކެފޭ އައިޑްސް ބައި މައުރޯ އަކީ އެއްފަހަރު ނަމަވެސް ހިނގައްޖެނަމަ ދެވަނަ ފަހަރަށްވެސް އެތަނަށް ނުގޮސް ނުހުރެވޭނެ ކެފޭއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved