ކ. މާލެ
|
20 ޖެނުއަރީ 2021 | ބުދަ 12:49
ސެރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ބޮޑު ފާމަސޫޓިކަލް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި
ސެރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ބޮޑު ފާމަސޫޓިކަލް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި
ރޮއިޓަރސް
ސެރަމްއިން އުފައްދާ އެސްޓްރަޒެނެކާ ވެކްސިން
ސެރަމްއިން އުފައްދާ އެސްޓްރަޒެނެކާ ވެކްސިން - މެދުފަންތީގެ ގައުމުތަކަށް އޮތް އުންމީދު
އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ އެއް ބިލިއަން ޑޯޒް ސެރަމްއިން ދަނީ އުފައްދަމުން
ސެރަމްއިން އުފައްދާ މިވެކްސިނަށް ކިޔަނީ ކޮވިޝީލްޑް
އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެނީ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް

ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އާއި އެސްޓްރަޒެނެކާއާ ދެމެދު 2020 ވަނަ އަހަރުގެ ޖޫން މަހު ވެވުނު ލައިސަންސިން އެގްރީމެންޓެއްގެ ދަށުން ސެރަމްއިން ވަނީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޑް-19 ވެކްސިންގެ އެއް ބިލިއަން ޑޯޒް އިންޑިއާގައި އުފެއްދުމަށް އެއްބަސްވެފައެވެ.

މި އެއްބަސްވުމުގެ ދަށުން ސެރަމް ކޮވިޝީލްޑް އުފައްދަން ފަށާފައިވާއިރު، އެކުންފުނިން އަމާޒުކޮށްފައި ވަނީ ވެކްސިންގެ ޑޯޒްތައް ކުދި އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް އަތްފޯރާފަށުގައި ފޯރުކޮށްދިނުމަށެވެ.

ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭއިރު، އިންޑިއާއިން ވަނީ މި ވެކްސިން އެގައުމުގައި އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދީފައެވެ. މި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް 2 އަދި 3 ގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް ދާއިރު، ސެރަމްއިން ވަނީ މި ވެކްސިން އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އެދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގައި މިހާރު އެދިފައެވެ.

ސެރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑްއަކީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފައްދާ ކޮވިޑް ވެކްސިން ނަމަވެސް އެ ވެކްސިން އާއި މި ވެކްސިން ކުދި ކުދި ތަފާތު ހުންނާނެ ކަމަށް މާހިރުން ބުނެއެވެ. އެހެންނަމަވެސް ދެ ވެކްސިން މަސައްކަތްކުރާ ގޮތުގައި މާބޮޑެތި ތަފާތުތަކެއް ނުހުންނާނެކަމަށް މާހިރުން ބުނެއެވެ. މިހާތަނަށް އައިރު ސެރަމް އިން ވެކްސިންގެ ނަތީޖާތައް އާންމުކޮށްފައި ނެތް ނަމަވެސް އެސްޓްރަޒެނެކާ އާއި އޮކްސްފޯޑްއިން ވަނީ ގިނަ ރިސާޗްތަކެއް އާންމުކޮށްފައެވެ.

އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީން ކޮވިޑް-19 ވެކްސިންގެ މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރުއެވެ. އަދި އެއަހަރުގެ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް 3 ގެ ފުރަތަމަ ސައިންޓިފިކް ޕޭޕަރ އެކުންފުނިން އާންމުކޮށްފައިވާ އިރު، އެ ޕޭޕަރުން ވެކްސިނަކީ ކޮވިޑް-19 އަށް ރައްކާތެރިކަން ފޯރުކޮށްދޭ ވެކްސިނެއް ކަމަށް ދެއްކި ނަމަވެސް ވެކްސިންއާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ބަލިމަޑުކަމުގެ ކުރީކޮޅު އޮކްސްފޯޑްގެ ދިރާސާކުރާ ފަރާތްތައް ވެކްސިން ޑިވެލޮޕްކޮށްފައި ވަނީ ޗިންޕަންޒީސްއަށް އިންފެކްޓުވާ އެޑެނޯވައިރަސްއެއް ޖެނެޓިކަލީ އިންޖިނިއަރ ކޮށްގެންނެވެ. އެގޮތުން އެވެކްސިން އުފެއްދުމަށް ފަހު މަކުނަށް ވެކްސިން ޖެހުމުން ވެކްސިންގެ ސަބަބުން ޖަނަވާރުން ބަލިން ރައްކާތެރިކޮށްދޭ ކަމަށް ނަތީޖާދެއްކިއެވެ.

ފާއިތުވި އަހަރުގެ އޭޕްރިލް މަހު އެސްޓްރަޒެނެކާ އާއި އޮކްސްފޯޑްއިން ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް އެކެއް އަދި ދޭއްގެ މަސައްކަތް ފެށި އިރު، އެ ޓްރަޔަލްތަކުގެ ނަތީޖާއިން ވެކްސިނުން މާބޮޑެތި ސައިޑް އިފެކްޓްތަކެއް އަންނަ ކަމަށް ދައްކާފައިނުވާ އިރު، ވެކްސިން ޖެހުމުން ކޮރޯނާވައިރަސްއަށް ހަށިގަނޑުގެ ދިފާޢީ ނިޒާމް މަސައްކަތްކުރާތަން ވަނީ ދައްކާފައެވެ. އަދި ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ އެހެނިހެން ކަންކަމަށް ވެސް ވެކްސިން މަސައްކަތްކުރާ ކަމަށް ޓެސްޓްތަކުން ވަނީ ދައްކާފައެވެ.

މިވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް ދޭއް އަދި ތިނެއްގެ މަސައްކަތް އިނގިރޭސިވިލާތާއި އިންޑިއާގައި ފެށި އިރު، އެސްޓްރަޒެނެކާއިން ވަނީ ފޭސް ތިނެއްގެ ޓްރަޔަލްތައް ބްރެޒިލް، ސައުތު އެފްރިކާ އަދި އެމެރިކާގައި ވެސް ފަށާފައެވެ.

ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހުގެ ހަވަނަ ދުވަހު ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގައި ބައިވެރިވި ވޮލެންޓިއަރަކަށް ޓްރާންސްވާސް މައިލެއިޓިސް ޖެހުމުން އެސްޓްރަޒެނެކާއިން ވަނީ ވެކްސިންގެ ޓްރަޔަލްތައް މެދުކަނޑާލާފައެވެ. އޭގެ ހަފްތާއެއް ފަހުން ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް އަލުން ފެށި ނަމަވެސް އެމެރިކާގައި ވެކްސިންގެ ޓްރަޔަލްތައް ފަށާފައެއް ނުވެއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އޮކްޓޫބަރ 21 ގައި ބްރެޒިލްގައި ކުރިއަށް ގެންދިޔަ އޮކްސްފޯޑް އާއި އެސްޓްރަޒެނެކާ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ބައިވެރިއެއް ކޮވިޑް-19 ގައި މަރުވިކަމަށް ރިޕޯޓްކުރި ނަމަވެސް މިކަމާ ގުޅިގެން ޓްރަތައް ހުއްޓާލާފައެއް ނުވެއެވެ. އަދި މިކަމާ ގުޅުގެން ވަކި އެއްޗެއް ނުބުނުމުން އެ ވޮލެންޓިއަރަށްދީފައި ވަނީ ވެކްސިންގެ ޕްލެސިބޯއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެގައުމުގައި އެސްޓްރަޒެނެކާއާއި އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޑް-19 ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް އަލުން ކުރިއަށް ގެންދިއުމުގެ ހުއްދަދީފައި ވަނީ އޮކްޓޫބަރ މަހުގެ 23 ވަނަ ދުވަހުއެވެ.

ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ވެކްސިންގެ ޓްރަޔަލްތަކުގެ ފުރަތަމަ ފައިންޑިންގްސް އާންމުކޮށްފައިވާ އިރު، އެ ޓްރަޔަލްތަކުގައި އެކި އުމުރުފުރާތަކުގެ ވޮލެންޓިއަރުން ވަނީ ބައިވެރިވެ ވެކްސިން ޖަހާފައެވެ.

އެގޮތުން އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ 160 މީހުން ޓްރަޔަލްގައި ބައިވެރިވެފައިވާ އިރު، އުމުރުން 56 އަހަރާއި 69 އަހަރާއި ދެމެދުގެ 160 މީހުން ވަނީ ޓްރަޔަލްގައި ބައިވެރިވެފައެވެ. އަދި އުމުރުން 70 އަހަރުން މަތީގެ 240 މީހުން ވަނީ އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ވެކްސިންގެ ޓްރަޔަލްގައި ބައިވެރިވެފައެވެ.

މި ޓްރަޔަލްތަކުން ދައްކާގޮތުން ޓްރަޔަލްތަކުގައި ބައިވެރިވި ފަރާތްތަކަށް ވެކްސިން ދިނުމުން މާ ބޮޑެތި އަދި ސީރިއަސް ސައިޑްއިފެކްޓްތަކެއް ދައްކާފައެއް ނުވެއެވެ. އަދި އެޓްރަޔަލްއިން ވަނީ މި ވެކްސިނުން ޒުވާނުންނަށް ލިބޭ މިންވަރަށް ރައްކާތެރިކަން އުމުރުން ދުވަސްވީ މީހުންނަށް ވެސް ލިބޭ ކަމަށް ދައްކާފައެވެ.

ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު އެސްޓްރަޒެނެކާ އާއި އޮކްސްފޯޑުން ވަނީ އިނގިރޭސިވިލާތާއި ބްރެޒިލްގައި ކުރިއަށް ގެންދިޔަ ޓްރަޔަލްގައި ބައިވެރިވި ފުރަތަމަ 131 މީހުންގެ ޓެސްޓްތަކަށް ބަލައި ވެކްސިނުން ކޮވިޑް-19 އަށް ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށް ބުނެފައެވެ.

މި ޓްރަޔަލްގައި ބައިވެރިވި ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒް ދީފައިވާ އިރު، ބައެއް ފާރަތްތަކަށް ދިން ވެކްސިންގެ ފުރަތަމަ ޑޯޒްގެ ވަނީ ކުޑަކޮށްފައެވެ. އަދި ނަތީޖާތައް ދެއްކިގޮތުން ވެކްސިންގެ ކުޑަ ޑޯޒް ދިން ފަރާތްތަކަށް 90 އިންސައްތަ އެފިޝިއަންސީ ދައްކާފައިވާއިރު، ސްޓޭންޑާޑް ދެ ޑޯޒް ދިން ފަރާތްތަކަށް ވެކްސިންގެ އެފިޝިއަންސީ ދައްކާފައި ވަނީ 62 އިންސައްތައެވެ.

މިއާއެކު ދިރާސާކުރާ ފަރާތްތަކުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭއިރު، ކުޑަ ޑޯޒްއެއް ދިނުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ވަރު އިތުރުކަމަށް ބުނެފައެވެ. އެހެންނަމަވެސް މިގޮތަށް ދިރާސާކުރާފަރާތްތަކުން ބުނެފައި ވަނިކޮށް ފުރަތަމަ ޑޯޒް ކުޑަކޮށް ދެވިފައި ވަނީ ވެކްސިން މިންކުރުމުގައި ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށް ވަނީ އާންމުވެފައެވެ. އަދި މިގޮތަށް ޑޯޒް ދެވިފައި ވަނީ އުމުރުން 55 އަހަރުން ދަށުގެ ފަރާތްތަކަށް ކަމަށް ވަނީ އާންމުވެފައެވެ. މިއާއެކު ވެކްސިންގެ ރައްކާތެރިކަމާ މެދު ޝައްކު އުފެދި ވެކްސިންގެ ޕްރިލިމިނަރީ ނަތީޖާގެ ސައްޙަކަމާމެދު ސުވާލުއުފެދުނެވެ.

އެހެންނަމަވެސް އެސްޓްރަޒެނެކާއިން އާންމު ކުރި އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން ހަތަރު ހަފުތާގެ ދުރުމިނުގައި ދެ ޑޯޒްއިން ޖަހާ މި ވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. އަދި މި ވެކްސިނަކީ ހަ މަސް ދުވަސްވަންދެން ރެފްރިޖަރޭޓަރގައި ރައްކާކޮށްފައި ބެހެެއްޓޭނެއެވެ. އެހެންކަމުން މިވެކްސިނަކީ ރައްކާތެރިކަަމާއިއެކު އެއް ގައުމަށް ގެންދިއުމުގައި ވެސް އެންމެ ފަސޭހަ ވެކްސިނެވެ.

މިއާއެކު ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހު އިނގިރޭސިވިލާތުން މި ވެކްސިން އެގައުމުގައި އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު، އިންޑިއާއިން ކޮވިޝީލްޑް އެގައުމުގައި އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދީފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. މީގެ އިތުރުން މެކްސިކޯ، ބްރެޒިލް އަދި ޕާކިސްތާނުން ވެސް ވަނީ މި ވެކްސިނަށް ހުއްދަދީފައެވެ.

މީގެއިތުރުން އެސްޓްރަޒެނެކާއިން ވަނީ ރަޝިއާގެ ގަމަލެޔާ އިންސްޓިޓިއުޓުން ކޮވިޑް-19 އަށް އުފައްދާފައިވާ އެޑެނޯ ވައިރަސް ވެކްސިން އެއް ކަމަށް ސްޕަޓްނިކް ވީ އާއި އެކުންފުނީގެ ވެކްސިން އެއްކޮށްލުމުން މާ އަސަރުގަދަ ވެކްސިނެއް އުފެއްދޭނެތޯ ބެލުމަށް އެއްބަސްވުމަކަށް ގޮސްފައެވެ. މި ދެކުންފުނި ގުޅިގެން އުފައްދާ ވެކްސިންގެ ޓްރަޔަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފެބްރުއަރީހާ ތާނގައި ޔޫކްރެއިންގައެވެ.

- ކޮމެންޓް