Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ކުރަމުންދާ މަސަ

ޓްރަމްޕް ވެރިކަމުން ދެ ވަނަ ފަހަރަށް އަޒުލުކުރުމަށް ކުރަމުންދާ މަސައްކަތްތައް: މިފަހަރު ތަފާތަކީ ކޮބާ؟

ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހައުސް އިން ފާސްކުރުމަށް އަންނަނީ މަސައްކަތްކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2021 | ބުދަ 10:14
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގައި ހިނގި ހަމަނުޖެހުމަށް އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ޑޮނަލްޑް ޓްރަމްޕް ހިތްވަރުދެއްވާފައި ވާތީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހައުސްގައި ބުދަ ދުވަހު ވޯޓު ނެގުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. ޓްރަމްޕްގެ 4 އަހަރުވީ ރިޔާސީ ދައުރުގައި މިއީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް މަސައްކަތްކުރާ ދެވަނަ ފަހަރެވެ. މިފަހަރު ޓްރަމްޕް އިމްޕީޗްކުރުމަށް ހައުސް އިން ފާސްކޮށްފިނަމަ ޓްރަމްޕް ވެގެންދާނީ އެމެރިކާގެ ތާރީޚުގައި ދެވަނަ ފަހަރަށް ހައުސްއިން އަޒުލުކުރުމަށް ފާސްކުރި ފުރަތަމަ ރައީސައަށެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހައުސް އިން ވަނީ ފާސްކޮށްފައެވެ. ޓްރަމްޕް ވެރިކަމުން އަޒުލުނުކުރެވުނީ ސެނެޓާއި ހިސާބުން އެކަމަށް ބޭނުންވާ މިންވަރަށް ވޯޓު ނުލިބުމުގެ ސަބަބުންނެވެ. ވެރިކަމުން ރައީސަކު އަޒުލުކުރުމުގެ ފައިނަލް ވޯޓު ނެގުމަށް ދުވަސްތަކެއް ހޭދަވެއެވެ. އެތައް ތަހުގީގެއް ހިނގާ އެތައް އަޑުއެހުންތަކެއް ބާއްވައެވެ. އެކަމަށްޓަކައި ކުރިން ގިނަ ދުވަސްތަކެއް ނެގިނަމަވެސް މިފަހަރު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް އޮތީ ހަފްތާއެއްހާ މުއްދަތެވެ. އެއީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އިންތިޚާބީ ރައީސް ޖޯ ބައިޑަން ވެރިކަމުގެ ހުވާ ކުރައްވާނެތީއެވެ. އެއާއެކު ޓްރަމްޕްގެ ވެރިކަން ރަސްމީ ގޮތުން ނިމުމަކަށް އަންނާނެއެވެ.

އެހެންކަމުން އޭގެކުރިން ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ޑިމޮކްރަޓުން ކޮންމެހެންވެސް ބޭނުންވެއެވެ. އެއީ ކެޕިޓޮލްގައި ހިނގާދިޔަ ކަންތައްތަކަށްފަހު ޓްރަމްޕް ވެރިކަމުގައި އިތުރަށް ބަހައްޓައިފިނަމަ އެމެރިކާގެ ޑިމޮކްރަސީ އަށާއި ސަލާމަތަށް އެކަމުގެ ސަބަބުން ގެއްލުންވާނެ ކަމަށް ޑިމޮކްރަޓުން ދެކޭތީއެވެ. ކެޕިޓޮލްގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފަސް މީހުންގެ ފުރާނަ ގެއްލިފައިވާއިރު އެހަމަނުޖެހުންތަކަށްފަހު ހައުސްގެ ސްޕީކަރ ނެންސީ ޕެލޯސީ ވިދާޅުވީ ޓްރަމްޕާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭކަމަށެވެ.

އެހެންކަމުން ޕެލޯސީ އާއި ޑިމޮކްރަޓުންގެ އިސްލީޑަރުން ވަނީ ވަގުތުން ވަގުތަށް ޓްރަމްޕް ވެރިކަމުން ދުރުކުރުމުގެ މަސައްކަތްތައް ފަށާފައެވެ. އަދި އެކަމުގެ މަޝްވަރާތައް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަނުންނާވެސް ވަނީ ކުރައްވާފައެވެ. ސެނެޓްގެ މެޖޯރިޓީއަކީ ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަނުން ކަމަށްވިޔަސް މިފަހަރު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ތަހުގީގެއް ހިންގާނެކަމަކަށް ނުބެލެވެއެވެ. އެހެންނަމަވެސް ހައުސްގެ މެޖޯރިޓީ އޮންނަ ޑިމޮކްރަޓުން ބޭނުންވަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހައުސް އިން ފާސްކޮށް ގައުމަށް މުހިންމު މެސެޖެއްދޭށެވެ.

ޓްރަމްޕްގެ ވެރިކަމުގެ އެންމެ ފަހު ހަފްތާ އަދި ވައިޓް ހައުސްގައި ހޭދަކުރައްވާނެ އެންމެ ފަހު ދުވަސްތައް ވެގެން ގޮސްފައިމިވަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ކުރިޔަށްދާ ދުވަސްތަކަށެވެ. މިއީ އެމެރިކާގެ ތާރީޚުގައިވެސް އަލަށް ލިޔެވިގެންދާނެ ކަންތައްތަކެކެވެ.

އެމެރިކާގެ ޤާނޫނު އަސާސީ ބުނާގޮތުން މަގާމުން އަޒުލުކުރެވޭނީ ރައީސް އާއި ނައިބު ރައީސް އަދި ސިވިލް އޮފިސަރުންނެވެ. އެމީހުން މަގާމުން އަޒުލުކުރެވޭނީ ރިޝްވަތު ނެގުމާއި، ގައުމަށް ގައްދާރުވުމާއި އަރޓިކަލް 2، ސެކްޝަން 4 ގައި ބަޔާންކޮށްފައިވާ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަން ސާބިތުވުމުންނެވެ.

ރައީސަކު ވެރިކަމުން އަޒުލުކުރުމަށް އާންމު ގޮތެއްގައި ކަން ހިނގާގޮތަކީ ފުރަތަމަ ކަމަކަށް ވެރިކަމުން އަޒުލުކުރުމަށް ހުށަހަޅާ ސަބަބުތައް ތަހުގީގުކޮށް އެކަމުގެ ހެކިތައް ހައުސްގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމެވެ. އެއާއެކު ޖުޑީޝަރީ ކޮމިޓީން އަޑުއެހުންތައް ބާއްވާ އަޒުލުކުރުމަށް ތައްޔާރުކުރާ އަރޓިކަލް ޑްރާފްޓް ކުރާނެއެވެ. އަދި ފުލް ހައުސް އަށް އެއަރޓިކަލް ފޮނުވާނެއެވެ. މިއީ 2019 ވަނަ އަހަރު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ކަން ހިނގާދިޔަ ގޮތެވެ. އެފަހަރު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކުރީ ޔޫކުރެއިންގެ ރައީސަށް ގުޅުއްވާ ޑީލް ހައްދަވަން އުޅުއްވުމުންނެވެ. އެކަން ތަހުގީގުކޮށް އަރޓިކަލް ތައްޔާރުކުރުމަށް އެފަހަރު ތިން މަސްދުވަސް ނެގި އެވެ.

އެހެންނަމަވެސް މިފަހަރު ކަންތައް ހިނގާގޮތް އެއާ މުޅިން ތަފާތެވެ. އެއީ މިފަހަރު ތަހުގީގުކުރުމަށް މާބޮޑެތި ކަންތައްތަކެއް ނެތީމައެވެ. ސަބަބަކީ ހުރިހާ ކަމެއްވެސް ހިނގީ ހުރިހާ މެމްބަރުންގެ ކުރިމަތީގައެވެ. ޓްރަމްޕްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ހަމަނުޖެހުމަށް ހިތްވަރު ދެއްވާ ދެއްކެވި ވާހަކަފުޅު ވަނީ ކޮންގްރެސްގެ ގިނަ މެމްބަރުން އަޑުއައްސަވާފައެވެ. އަނެއްކޮޅުން ކެޕިޓޮލްގެ ތެރެއަށް ގަދަކަމުން މީހުން ވަދެ ހައުސްގެ ފްލޯރގެ ތެރެއަށް ވަދެފައިވަނީ ފްލޯރގައި މެމްބަރުން ތިއްބަވަނިކޮށެވެ. އެހެންކަމުން ހުރިހާ ކަމެއްވެސް ހިނގާފައިމިވަނީ މެމްބަރުންނަށް ފެނި އިވިގެންނެވެ.

އެހެންކަމުން ޑިމޮކްރަޓުން ގަބޫލުކުރާގޮތުގައި މިފަހަރު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް މާބޮޑު ތަހުގީގުތަކެއްކޮށް ކަންތައްތަކެއް ބަލާކަށް ނުޖެހެއެވެ. އަޒުލުކުރުމަށްޓަކައި ވޯޓު ނެގުމަށްދާނީ ސީދާ ހައުސްގެ ފްލޯރ އަށެވެ. އެކަން ބުދަ ދުވަހު ކުރުމަށް ޑިމޮކްރަޓުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހައުސް އިން ވެރިކަމުން އަޒުލުކުރުމަށް ފާސްކުރުމާއެކު އަރޓިކަލް އާއި ހެކި ދެން ދާނީ ސެނެޓަށެވެ. އެއާއެކު ސެނެޓްގައި ތަހުގީގުތައް ފެށިގެންދާނެއެވެ. އަދި ވެރިކަމުން އަޒުލުކުރަން ފެނޭތޯ ވޯޓަށް އަހާނެއެވެ. ސެނެޓުން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކޮށްފިނަމަ އެހިސާބުން ޓްރަމްޕް ރައީސްކަމުން އަޒުލުކުރެވުނީއެވެ.

މިދިޔަ އަހަރު ހައުސް އިން ޓްރަމްޕް އަޒުލުކުރުމަށް ފާސްކުރުމަށްފަހު ސެނެޓްގައި ވޯޓު ނަގާފައިވަނީ ފެބްރުއަރީ މަހުއެވެ. އެވޯޓުން ޓްރަމްޕް އެބުރު ސަލާމަތްވެވަޑައިގަތީއެވެ.

ޑިމޮކްރަޓުން ވަނީ ހޯމަ ދުވަހު އިމްޕީޗްމެންޓް އަރޓިކަލް ހައުސް އަށް ހުށަހަޅާފައެވެ. ހަތަރު ސަފްހާގެ މިއަރޓިކަލްގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ޓްރަމްޕް ޤާނޫނާއި ގަވާއިދާ ޚިލާފަށް ބާރުތަކުގެ ބޭނުންހިތްޕަވާ ސަރުކާރާއި ނުވަތަ ސަރުކާރުގެ އިދާރާއަކާއި ދެކޮޅަށް ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބީ އާ ކުރިމަތިވެ ވަޑައިގެންނެވުމުން އެކަން ގަބޫލުނުކުރައްވާ އިންތިޚާބު އޮޅުވާލާފައިވާކަމަށް ވިދާޅުވެ ވާހަކަދައްކަވާ ސަޕޯޓަރުންނަށް ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދީފައިވާ ކަމަށް ވަނީ އިމްޕީޗްމަންޓް އަރޓިކަލް ގައި ބުނެފައެވެ.

އަދި ޖޯރޖިއާގެ ރިޕަބްލިކަން ސެކެޓްރީ އޮފް ސޭޓްޓަށް ގުޅުއްވާ އެ ސްޓޭޓުން ޓްރަމްޕަށް ކާމިޔާބު ހޯއްދެވުމަށް ބޭނުންވާ އަދަދަށް ވޯޓު ހޯއްދެވުމަށް އެދިވަޑައިގަންނަވާފައިވާތީ އެކަންވެސް ވަނީ ބަޔާންކޮށްފައެވެ.

"މިހުރިހާ ކަންތައްތަކަކާއެކު ޓްރަމްޕް ވެފައިމިވަނީ އެމެރިކާގެ ސަލާމަތަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ނުރައްކާތެރި މީހަކަށް" އަރޓިކަލްގައި އިތުރަށް ބުނެފައިވެއެވެ.

އިންތިޚާބީ ރައީސް ޖޯ ބައިޑަން އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިފައިވާކަން ރަސްމީކޮށް ހާމަކުރުމަށް އިލެކްޓޯރަލް ކޮލެޖްގެ ވޯޓުތައް ގުނަމުން ދަނިކޮށް ނަތީޖާ އަނބުރާލެއްވުމަށް ޓްރަމްޕް ކުރެއްވި މަސައްކަތުގެ ތެރެއިން ސަޕޯޓަރުން ވަނީ ހައުސް އާއި ސެނެޓްގެ ޗެމްބަރުތެރެއަށް ވަދެ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށްފައެވެ.

އޭރު ޗެމްބަރުގައި ބަހުސް ކުރަމުންދަނީ ބައިޑަން އަށް ވެރިކަން ކާމިޔާބުކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް ސްޓޭޓްކަމުގައިވާ އެރިޒޯނާގެ އިލެކްޓޯރަލް ކޮލެޖްގެ ވޯޓު އަލުން ގުނުމުގެ މައްސަލައާ މެދުއެވެ.

އަންގާރަ ދުވަހު ރިޕަބްލިކަން ޕާޓީގެ މައި ތިން މެމްބަރަކު ވިދާޅުވެފައިވަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ތާޢީދުކުރައްވާ ކަމަށެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ރިޕަބްލިކަންގެ އެއްވެސް މެމްބަރަކު ތާއީދު ކުރައްވާފައެއް ނުވެއެވެ.

ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ތާއީދުކުރައްވާ ވާހަކަދެއްކެވި އެއް މެމްބަރަކީ ކުރީގެ ނައިބު ރައީސް ޑިކް ޗޭނީގެ ދަރިކަނބަލުން އަދި ހައުސްގައި އިންނަވާ ރިޕަބްލިކަން މެމްބަރު ލިޒް ޗޭނީއެވެ. އެކަމަނާ ވިދާޅުވީ މިހާތަނަށް އެއްވެސް ރައީސަކު އެމެރިކާގެ ޤާނޫނު އަސާސީ އާއި ކުރައްވައިގެން ހުންނެވި ހުވައާ ޚިލާފުވެވަޑައިނުގަންނަވާ މިންވަރަށް ޓްރަމްޕް ޚިލާފުވެ ވަޑައިގަންނަވާފައިވާ ކަމަށެވެ.

ހައުސް އިން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްކުރުމާއެކު ހައުސްގެ ސްޕީކަރ ޕެލޯސީ އަށް އެއަރޓިކަލް ސެނެޓަށް ފޮނުއްވަން ޖެހިވަޑައި ގަންނަވާނެއެވެ. ސެނެޓަށް އަރޓިކަލް ފޮނުއްވާނެ އިރެއް ނިންމަވާނީ ޕެލޯސީއެވެ. މިހާރު ކަންތައްތައް ދާގޮތުން ސެނެޓްގައި ފުލް ސެޝަނެއް ބޭއްވޭނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ ބައިޑަން ހުވާކުރެއްވުމުގެ އެއް ދުވަސްކުރިއެވެ.

ބައެއް ޑިމޮކްރަޓުން ދެކެވަޑައިގަންނަވާ ގޮތުގައި ޓްރަމްޕްގެ އިމްޕީޗްމަންޓް އަރޓިކަލް ސެނެޓަށް ނުފޮނުވާ ބައިޑަންގެ ވެރިކަން ފެށެންދެން ޕެލޯސީ މަޑުކުރައްވާނީއެވެ. ނަމަވެސް ގިނަ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އިމްޕީޗްމަންޓް އަރޓިކަލް ވަގުތުން ސެނެޓަށް ޕެލޯސީ ފޮނުއްވާނެއެވެ.

ކޮންމެ ގޮތަކަށް ދިޔަޔަސް ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ ޝަރީޢަތް ފެށޭނީ އައު ރައީސް ބައިޑަންގެ ވެރިކަމުގައެވެ. ސެނެޓްގައި އިންނަވާ ޑިމޮކްރަޓިކް ލީޑަރ އަދި ބައިޑަން ހުވާކުރެއްވުމާއެކު ސެނެޓްގައި އެންމެ އިސްކޮށް އުޅުއްވާނެ ޗަކް ޝޫމަރ އަންގާރަ ދުވަހު ވިދާޅުވީ ސެނެޓްގެ ޗެމްބަރގެ ވަގުތު ދެކަންތައް ކުރުމަށް ބަހާލައިގެން ކުރިޔަށްގެންދާނީ ކަމަށެވެ. މީގެތެރޭގައި ބައިޑަންގެ ވެރިކަމުގެ މުހިންމު ކަންތައްތަކެއްވެސް ހިމެނެއެވެ.

އެގޮތުން ބައިޑަންގެ ކެބިނެޓަށް ސެނެޓްގެ ރުހުން ހޯދުމާއި ކޮވިޑްގެ ރިލީފްގެ ކަންތަކުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމާއި ކޮވިޑާއި ގުޅިގެން މާލީ ދަތިތައް ކުރިމަތިވެފައިވާ އެމެރިކާގެ އެތައް މިލިއަން ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކެއް ސެނެޓްގެ ތެރެއިން ބައިޑަން ނިންމަވަން ޖެހިވަޑައިގަންނަވާނެއެވެ. ހަމައެއާއެކު ޓްރަމްޕް މަގާމުން އަޒުލުކުރުމުގެ ޝަރީޢަތްވެސް ކުރިޔަށް ގެންދަންޖެހެއެވެ.

ޝޫމަރ ވިދާޅުވީ ސެނެޓްގެ ބައްދަލުވުމުގެ އެއް ބައި ބައިޑަންގެ ވެރިކަމުގެ ކަންކަމަށް ބޭނުންވާ ކަންކަން ކުރުމަށްފަހު ބައްދަލުވުމުގެ ބާކީ ވަގުތު ޝަރީޢަތް ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާނީއެވެ.

ޓްރަމްޕް އޮފީހުން ނިކުމެ ވަޑައިގަތުމުގެ ކުރިން ވެރިކަމުން އަޒުލުނުކޮށްފިނަމަ ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ޓްރަމްޕަށް ލިބިވަޑައިގަންނަވަފާނެތީ ޑިމޮކްރަޓުންގެ ކަންބޮޑުވުންތަކެއް މިކަމުގައި އެބަހުއްޓެވެ.

ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަބަބަކީވެސް ދެވަނަ ފަހަރަށް ވެރިކަމުން އަޒުލުކުރުމާއެކު 2024 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެންދާނެތީއެވެ.

ގަބޫލުކުރެވޭ ގޮތުގައި ސެނެޓްގައި ތިއްބަވާ ރިޕަބްލިކަން މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންތަކެއް ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ވޯޓުލާނެކަމަކަށް ނުބެލެވެއެވެ. ސެނެޓުގެ ތިންބައިކުޅަ ދެ ބައި ވޯޓު ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ބޭނުންވާނެއެވެ.

އަނެއްކޮޅުން ބައެއް ރިޕަބްލިކަން މެމްބަރުން ވަނީ ޓްރަމްޕް އިސްތިއުފާ ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އޭގެތެރޭގައި ޕެންސިލްވީނިއާގެ ސެނެޓަރުން ހިމެނެއެވެ. އަދި ބައެއް މެމްބަރުން ގެންދަވަނީ ޓްރަމްޕް ދިފާއުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ބައެއް މެމްބަރުން ވަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ވޯޓު ދެއްވާނެކަމުގެ ޔަގީންކަން ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

އަނެއްބައި ރިޕަބްލިކަން މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަމުން އަޒުލުކުރުމުގެ ކަންތަކުގައި ބައިބައިވުން އުފެދިގެންދާނެއެވެ. ޓްރަމްޕް އާ ވަރަށް ގާތުން މަސައްކަތްކުރައްވާ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަމުން އަޒުލުކުރުމުގެ ސަބަބުން ނިކުންނާނެ ރަނގަޅަށްވުރެ ގޯސް މާބޮޑުވާނެއެވެ.

މިދިޔަ އަހަރު ސެނެޓްގައި ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ނެގުނު ވޯޓުގައި ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ރިޕަބްލިކަންގެ އެންމެ މެމްބަރެކެވެ.

ޑިމޮކްރަޓުން ގަބޫލުކުރާ ގޮތުގައި ސެނެޓުން ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްނުކުރިނަމަވެސް ހައުސްއިން ގޮތެއް ނިންމާ އެގޮތް ސެނެޓަށް ފޮނުވަންޖެހޭނެއެވެ.

އެއީ ދެން އަންނަ ރައީސަކަށްވެސް އެމެރިކާގެ ސަރުކާރާއި ޤާނޫނު އަސާސީ އާއި ރައްޔިތުންނާ ދެކޮޅަށް ކަމެއް ކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. އެމެސެޖް ދިނުމަކީ މުހިންމު ކަމެއްކަމަށް ޑިމޮކްރަޓުން ދެކެވަޑައިގަންނަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރީޢަތް މެދުވެރިކޮށް ވެރިކަމުން ދުރުކުރުމަކީ އާ ކަމެއް ނޫން!

ޝަރީޢަތް މެދުވެރިކޮށް ވެރިކަމުން ދުރުކުރުމަކީ އާ ކަމެއް ނޫން!

29 ޖެނުއަރީ 2018
ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟

ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟

14 ޖެނުއަރީ 2018
ރައީސް ޓްރަމްޕް: 1975 ގެ ފަހުން އެންމެ މަގުބޫލު ނޫން ރައީސް

ރައީސް ޓްރަމްޕް: 1975 ގެ ފަހުން އެންމެ މަގުބޫލު ނޫން ރައީސް

05 ޖެނުއަރީ 2018
ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

10 ނޮވެމްބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު