ހޯމަ 18 ޖެނުއަރީ 2021
13 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 04
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
މަސްވެރިންގެ ދުވަސް 2020

ގަލު އަޅާފައިއޮތް މަސްވެރިންގެ ޒަމާންވީ ޝަކުވާ، ބުޅި ކަނޑާލުމަށްފަހު، ޙަޤީގަތާ ދިމާއަށް؟

  • ދިވެހި އިގްތިސާދުގައި "ބަސްއަހާދަރި" އަކީ، އަދިވެސް މަސްވެރިކަން

ކ. މާލެ | 10 ޑިސެންބަރ 2020 | ބުރާސްފަތި 17:47 | 9,371

މަސްވެރިކަމަށް ނުކުމެ އުޅޭ ދޯންޏެއް، ރާއްޖޭގެ އިގްތިސާދީ އަޑިގުޑަން ތަކަށް ހުއްޓުމެއްނެތި އެހީވެދޭ ސިނާޢަތަކީ މަސްވެރިކަން - ފަރެސްމާތޮޑާ މަސްވެރިއެއް

ދިވެހި ކަނޑުތަކުގައި ކަޅުބިލަމަސް ނުފުމޭ ޒަމާނެއް ނާދެއެވެ. މަސްވެރިން އައިނަށް ނާރާ ދުވަހެއްވެސް ނާދެއެވެ. ދޮށި ނާޅާ ދުވަހެއްވެސް ނާދެއެވެ. ދަހި އައިނުގައި އޮޑިވެސްފުރާލައެވެ. އުންމީދާއެކު މަސްކިރަންވެސް ނައްޓާލައެވެ. އެކަމަކު، ބޯޓާއި ހަމައަށްގޮސް ކިއުގައި ހިފާއިރު، ކިއޫގައި އޮންނަ ދޯނިފަހަރުން ލިބެނީ މާޔޫސީ ޚަބަރެވެ! ލިބޭ ޚަބަރަކީ ޤަދީމީ ޒަމާނުއްސުރެން އިވޭ ބާ ޚަބަރެކެވެ. މިއަދުވެސް އޮޑިއަކުން ކިރަނީ ބޭނިހާ މަހެއް ނޫނެވެ. ކިރެން އޮތީ، ދެތިން ޓަނެވެ. ނުވަތަ ދިހަ ވަރަކަށްޓަނެވެ! ސަބަބަކީ މަސް ގަންނަ އެއްވެސް ބައެއްގެ ކިބައިގައި ފައްލަވަ ކުރާނޭ ޖާގަ ތައްޔާރުވެފައި ނެތުމެވެ. އަނެއްކޮޅުން ކޯލްޑް ސްޓޯރޭޖުގެ ޖާގަވެސް އެވަރަށް ނެތީއެވެ. ދަޅުގައި މަސް ބަންދުކުރާ ޕްލާންޓުތަކުން ދުވާލެއްގެ މައްޗަށް އުފެއްދެން އޮތް މިންވަރުވެސް ދަށީއެވެ. އެހެން ކަމުން އިގްތިސާދީ ލޭނާރުން ހިނގާ ލޭގެ "ހިމޮގްލޮބިން" އަކަށް ދިރުމެއް ނެތެވެ. މަސްވެރންގެ މިދެންނެވި ޝަކުވާތައް ގަލު އަޅާފައި އޮންނަތާ އެތައް ޒަމާނެކެވެ. ސުވާލަކީ، އައު ސަރުކާރުން މަސްވެރިކަމަށް ގެންނަން ފަށައިފައި އޮތް "ޒަމާނީ އިންޤިލާބު" 2022ށް ނިމޭއިރު، ޒަމާންވީ ޝަކުވާގެ ބުޅި ކަނޑާލުމަށްފަހު، ޙަގީގަތާ ދިމާއަށް ވާސިލް ވެވިދާނެ ހެއްޔެވެ؟

މިއަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަސް، އުފާވެރި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރުވެސް، މިދެންނެވި ޙަގީގަތަކަށް ބަދަލެއް ނާދެއެވެ. ސަބަބަކީ، ވޭތުވެ ދިޔަ ޒަމާން ތަކުގައިވެސް، މިދެންނެވި މައްސަލައަށް އެދެވޭ ޙައްލެއް ހޯދައިދެވިފައި ނުވުމެވެ. އެހެން ކަމުން ކިތަންމެ މަސްވެރިކަން ރަނގަޅަސް، މިއަދުވެސް ފެލިވަރަށްވެސް ކިރެން އޮތީ، ދުވާލަކަށް 300 ޓަނާއި 250 އެއްހާ ޓަނެވެ. މަސްވެރިކަން ރަނގަޅުވެފައި ވާ މިދުވަސްވަރު ފެލިވަރު ބަނދަރުގައި ކަލަމިންޖާ 403 އާއި 402 ބާއްވައިގެން މިއިން ކޮންމެ ބޯޓަކަށް 600 ޓަނު ސްޓޯރ ކުރަމުން ގެންދަން ޖެހިފައިވަނީ، އެއްގަމުގައި އެވަރަށް ފައްލަވަ ކުރެވެން ނެތީމައެވެ. ކަލަމިންޖާގެ މިއިން ކޮންމެ ބޯޓެއް ބަރުވުމުން ނައްޓާލަން ޖެހެނީ، އެ ދަތުރަކަށް 36 ގަޑީއިރު ހޭދަވާ ކޫއްޑޫ ބަނދަރަށެވެ. އެތަނަށް އަންނަ ތައިލެންޑަށް މަސް ގެންދާ ބޯޓަށް، މިދެންނެވި ބޯޓު ފަހަރުގައި ސްޓޯރކުރި މަސް، ބަރުކޮށް ނިމުމުން، އަނެއްކާވެސް ފެލިވަރަށް ނުވަތަ އެންމެ ގިނައިން މަސްކިރުވާ ބަނދަރަކަށް ފައްލަވަ ކޮށްދޭން ދަތުރު ފަށައެވެ. ފެލިވަރު ކޭނަރީއަށް އުފެއްދެނީ ދުވާލަކަށް 40 ޓަނެވެ.

މަސްވެރިކަމަކީ، ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާޢަތެއް

ރާއްޖޭގައި އެންމެ ގިނައިން މަސްގަނެ ރައްކާ ކުރެވެން އޮތް މިފްކޯގެ މި މަންޒަރަށް ފަހު، ދެން ބަލާލަން ޖެހެނީ، ހޮރައިޒަން ފިޝަރީޒަށެވެ. ފެންނަނީ ދާދި އެއް މަންޒަރެކެވެ. އެތަނުގެ ޕޮލިސީއަކީ މަހަށްފުރާ ކޮންމެ ދޯންޏަކުންވެސް، މަސް ކިރުވުން ކަމަށްވީތީ، ކިތަންމެ ގިނައިން އެ އޮޑިފަހަރު މަސްބާނައިގެން އައެއް ކަމަކު، ދޯންޏަކުން މިއަދުވެސް ކިރަނީ، އެދުވަހަކަށް ކިރެން އޮތް މިންވަރަށެވެ. މިސާލަކަށް އޮޑިއަކުން ވަކި މިންވަރެކެވެ. ބުރާސްފަތި ދުވަހެއްގައި ނަމަ، 200 ޓަނުގެ މަސް، މަސްވެރިންގެ އަތުން ކިރިޔަސް، ޢާންމު ދުވަސް ދުވަހު، ދުވާލަކަށް 100 ޓަނަށްވުރެ ގިނައިން ކިރަނީ، ފިނިކުރެވެން އޮތް ޖާގައަށް ކަތާވަރު ބަލައިގެންނެވެ. ހޮރައިޒަންގެ ޕްރޮސަސިން ޕްލާންޓުންވެސް ދުވާލަކަށް އުފެއްދެނީ ގާތްގަނޑަކަށް 30 ޓަނެވެ.

ދެން އޮތީ، "އެންސިސް" އެވެ. ކަންނެއްޔާއެކު، އެ ފެކްޓަރީން މަސްވެރިންގެ އަތުން މިދުވަސްވަރު ދުވާލަކަށް 60 ޓަނުގެ މަސް ކިރުވާ ކަމަށް ކުންފުނީގެ އެމް.ޑީ ވަސީމް ވިދާޅުވެފައި ވެއެވެ. ސަރުކާރުތަކުން މިހާތަނަށް ގެންގުޅެމުންއައި ޕޮލިސީގެ ސަބަބުން މިހާތަނަށް ކަޅުބިލަމަސް ގަތުމުގެ ފަހި ފުރުސަތު އެ ކުންފުންޏަށްވެސް އޮތީ ލިމިޓު ވެފައެވެ. ކަނޑުމަސް ގަތުމުގެ ފަހިކަން އިތުރަށް ލިބިފައިވަނީ، އައު ސަރުކާރުން، މިކަމުގެ ސިޔާސަތަށް ދާދިފަހުން ގެނެސްދިން ފަހިކަމެއްގެ ސަބަބުންނެވެ. އެހެން ކަމުން، މަސްކިރޭނެ ޖާގަ އިތުރުކުރަން އެ ކުންފުނިން މިއަދުވަނީ ވިސްނަން ފަށައިފައެވެ.

މީހަކު މަސް ހިފައިގެން ދަނީ

މިދެންނެވީ، މަސްވެރިން ބާނާމަސް ކިރަމުންދާ ބޮޑެތި ކުންފުނި ތަކުގައި، މަސްގަނެ ރައްކާ ކުރުމަށާއި ފިނި ކުރުމުގެ ގާބިލްކަން މިއަދު އޮތް މިންވަރެވެ. މި ކެޕޭސިޓީ އިތުރު ކޮށްގެން ނޫނީ މަސްވެރިން ބާނާހާ މަހެއް ކިރޭކަށް ނެތެވެ. އަދި ގަންނަހާ މަސް، ރާއްޖޭގައި ޕްރޮސަސް ކުރެވޭ ވަރަށް ޕްލާންޓު ތަކުގެ ޖާގަ އިތުރު ކޮށްގެން ނޫނީ، "ވެލިއު އެޑެޑް ޕްރޮޑަކްޓު"ގެ ގޮތުގައި، ޕްރޮސަސް ކުރެވޭ ކަށެއް ނެތެވެ. އެހެންކަމުން، ގިނަ ފަހަރަށް ޖެހެނީ، ގަންނަ މަހުގެ ބޮޑުބައެއް ފިނިކުރި މަހުގެ ގޮތުގައި ތައިލޭންޑަށް ވިއްކާށެވެ. ތައިލޭންޑުގެ ބާޒާރުގައި، އެންމެ އަގު ރަނގަޅު ދުވަސްވަރު ފިނިކުރި މަސް ޓަނެއްގެ އަގު 1600/00 ނުވަތަ 1700/00 ޑޮލަރުގައި ހުރެއެވެ. މިއަގު ވެއްޓިގެން ދާއިރު، 850/00 ޑޮލަރަށްވެސް ތިރިވެއެވެ. އެކި ދުވަސްވަރު ތައިލޭންޑުގެ ބާޒާރުގެ އަގަށް ބޮޑެތި ވެއްޓުންތައް އަންނާތީ، ފިނިކުރި މަހަށް އެންމެ ރަނގަޅު އަގުލިބެނީ ދާދި މަދު ފަހަރެއްގައެވެ.

މަސްވެރިކަމަކީ، ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާޢަތަކެވެ. މަސްވެރިކަމުން ލިބޭ އާމްދަނީ މަސްވެރިންނަށާއި މަސް ގަންނަ ފަރާތް ތަކަށް ލިބެން އޮތީ، މަހުގެ އަގަށް ވާދަވެރި ބާޒާރެއްލިބި، ވަށާޖެހޭ ފުރިހަމަ ކަމެއް، މި ސިނާޢަތަށް ގެނެވިގެންނެވެ. އޭގެ ތެރޭގައި ބާނާހާ މަހެއް ކިރޭނެ މަގު ތަނަވަސް ވުމާއި، މަސްވެރިންނަށް ވީ އެންމެ އަވަހަކަށް ފައިސާ ލިބޭނެ ގޮތްވުމާއި، ރާއްޖެއަށް ބާނާ މަހުގެ ބޮޑުބައެއް، "ވެލިއު އެޑެޑް" ޕްރޮޑަކްޓަކަށް ހަދަން، ކޭނިން ފެކްޓަރީތައް ޒަމާނީކޮށް، ޖާގަ އިތުރުކުރުމާއި، މަސްވެރިންނަށް ފަސޭހައިން އައިސްލިބޭނެ އިންތިޒާމް ހަމަޖެހެން ޖެހެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ އައު ސަރުކާރަށްފަހު، މަސް ގަންނަ އަގުގެ ވާދަވެރި މާކެޓެއް އުފެދިއްޖެއެވެ. އިއްޔެ ހޮރައިޒަނުން މަސް ގަންނަމުންދިޔައީ ކިލޯއެއް 14 ރުފިޔާއަށެވެ. އެންސިސުން މަސްގަނެފައި އޮތީ ކިލޯއެއް 15 ރުފިޔާ އަށެވެ. އިއްޔެ މިފްކޯއިން މަސް ގަންނަމުން ދިޔައީ، ކިލޯއެއް 16 ރުފިޔާ އަށެވެ. މިކަމުން ހާމަވަނީ، މިދެންނެވި ވާދަވެރި ބާޒާރުގައި ތަފާތު އަގުތަކެއް އޮތް ކަމެވެ.

ހަމަ އެހެންމެ މަސްވެރިންނަށް ތެޔޮ ވިއްކާ އަގުތަކަށް ބަލާއިރުވެސް، މިފަދަ ވާދަވެރިކަމެއް ފެނެއެވެ. ދެން އޮތީ އައިސްގެ ޚިދުމަތެވެ. ހއ ން އައްޑޫސިޓީއާއި ދެމެދު، އައިސްގެ ޚިދުމަތްދޭ ވިއްސަކަށް ޕްލާންޓު، މިފްކޯއިން ވަނީ ގާއިމްކޮށްފައެވެ. އެންސިސް އާއި ހޮރައިޒަނުންވެސް މި ޚިދުމަތް ފޯރުކޮށްދެއެވެ. މީގެ އިތުރުން އަލަށް މަސްވެރިކަމަށް ނިކުންނަ 5ވަނަ ޖީލުގެ ބައެއް ދޯނި ފަހަރަކީ، އައިސް އުފެއްދޭނެ ނިޒާމް ގާއިމްކޮށްފައި ހުރި އޮޑިފަހަރެވެ. މިފަދަ ދޯނިފަހަރު، އެން އަޅަން ހަލުގައި އޮވެ، އައިސް ޕްލާންޓު ހިންގައިފިނަމަ، އައިނަށް އަރާ މަސް ބާނަން ވާއިރަށް، އޮޑިއަށް ބޭނުންވާރަށް އައިސް އުފެއްދެއެވެ. އެހެންކަމުން، މިއަދަކީ، އަމިއްލަ ގާބިލްކަން މިކަމުގައި އޮތް ދޯނިފަހަރުވެސް އިތުރުވަމުން އަންނަ ދުވަސް ވަރެކެވެ. ދެން އޮތީ މިފަދަ އިންވެސްޓުމަންޓުތައް ކޮށްގެން ބާނާ މަސް، އަމިއްލައަށް ފިނިކޮށްގެން އަންނަ އިރު، މަސްކިރުން ލިމިޓުވެފައި އޮތް އޮތުމަށް ނިމުން ގެނުވުމެވެ. ސުވާލަކީ އެއީ ކިހާތާކު ޖަވާބު ލިބެން އޮތް ސުވާލެއް ތޯއެވެ؟

ގާތްގަނޑަކަށް 2022 ށް، އެ މަޝްރޫޢެއް ނިންމަން، އަމާޒު ހިފައިފައިވާ މިފްކޯގެ ތަރައްޤީގެ އައު މަޝްރޫޢުގައި ފެލިވަރުގައި މަސް ފައްލަވަ ކުރުމުގެ ގާބިލްކަން 4000 ޓަނަށް ބަދަލުވާނެއެވެ. ފެލިވަރުގައި މިއަދު ދުވާލަކު ކޭނަރީގާ އުފެއްދޭ މިންވަރު 40 ޓަނުން 100 ޓަނަށް އިތުރުވާނެއެވެ. ހަމަ އެހެންމެ މިފްކޯގެ ކޫއްޑޫގައި މަސް ފައްލަވަ ކުރެވޭ ޖާގަ 2000 ޓަނުން 6000 ޓަނަށް ބަދަލު ވެގެން ދާނެއެވެ. ދެން އޮތީ، އައްޑޫގައި ހުރި 1500 ޓަނުގެ ފެކްޓަރީއަށް، މަސްކިރަން އަންނަ އޮޑިފަހަރަށް ވަދެވޭނެ ގޮތަށް ބަނދަރަށް ގެންނަ ލުއިފަސޭހަ ކަމެވެ. މިކަންކަން ނިމިގެންދާއިރު، ހަމައެކަނި މިފްކޯއަށް ބެލިނަމަވެސް، ދުވާލަކަށް، މަސް ފައްލަވަ ކުރެވެން އޮތް ޖާގަ 11500 ޓަނަށްވުރެ، އިތުރުވެގެން އަންނާނެއެވެ. މިއާއެކު، އެންސިސް އާއި، ހޮރައިޒަންގެ މުސްތަގުބަލުގެ ރޭވުންތައްވެސް އޮތީ ފައްލަވަ ކުރުމާއި ފިނި ކުރުމުގެ ފަހިކަން އިތުރުކުރުމާ ދިމާއަށެވެ. އެހެން ކަމަށް ވާނަމަ، ދެ އަހަރެއްގެ ތެރޭގައި، ފަހިވެގެންދާނެ އެންމެ ބޮޑު އެއް ކަމަކަށްވާނީ، ބާނާ މަސް ކިރުވެން އޮތް މިންވަރު އިތުރުވުމާއި، "ވެލިއުއެޑެޑް" އެއްޗެއްގެ ގޮތުގައި، ރާއްޖެއިން އެކްސްޕޯޓު ކުރެވޭ މަސް، އިތުރުވެގެން ދިއުމެވެ. ހަމަ އެއާއެކު، މަސް ގަންނަ އަގަށް މި އައި ވާދަވެރި ބަދަލާއެކު، މަސްވެރިކަމުގެ ސިނާޢަތު ފުޅާވެގެން ދިއުމުގެ މާދަމާއަކަށް މިދަނީ އަލިވިލެންކަން އެނގެއެވެ.

މަސްވެރިކަމުން ލިބޭ އާމްދަނީ މިއަހަރުވެސް ބޮޑު

މިދިޔަ އަހަރަށް ބަލާއިރު، މިފްކޯއިން އެކަނި މަސްވެރިންގެ އަތުން 48،400 ޓަނުގެ މަސް ގަނެފައި ވެއެވެ. މިއަހަރުގެ މިހާތަނަށް 42 ހާސް ޓަނުގެ މަސް ގަތެވެ. 2019 ވަނަ އަހަރު މިފްކޯއިން އެކަނި، 903 މިލިއަން ރުފިޔާ މަސްވެރިންނަށް ދެއްކިއެވެ. މިއަހަރުގެ މިހާތަނަށް 760 މިލިއަން ރުފިޔާ، މަސްވެރިންގެ އަތުން ގަތް މަހަށް ދައްކާފައި ވެއެވެ. އެންސިސް ކުންފުނިން ހާމަކުރާ ގޮތުގައި މަސްވެރިންގެ އަތުން މަސް ގަތުމަށް، އެ ކުންފުނިން ދުވާލަކަށް އެވްރެޖު ގޮތެއްގައި 4 މިލިއަން ރުފިޔާ ޚަރަދު ކުރެއެވެ. ހޮރައިޒަން ފިޝަރީޒަށް ބަލާއިރު، އެ ކުންފުނިން ދުވާލަކަށް އޮޑިއަކުން 10 ޓަނުގެ މަސް، އެވްރެޖުގޮތެއްގައި ކިރާއިރު، އެ ކިރަނީ 14 ރުފިޔާގެ ރޭޓުން 10 ހާސް ކިލޯގެ މަހެވެ. އެހެން ކަމުން މަސްވެރިންނަށް ލިބޭ ނަފާއަކީ، އަދި މަސްވެރިކަމުން ލިބޭ އާމްދަނީއަކީ، ކުޑަ އަދަދެއް ނޫނެވެ.

ޚާއްސަ ގޮތެއްގައި ކޮވިޑު19ގެ ޙާލަތުގައި ރާއްޖޭގެ އިގްތިސާދު މުޅިންހެން ހުއްޓިފައި އޮތް ވަގުތުވެސް، ހުއްޓުމެއް ނެތި، އާމްދަނީ ލިބެމުންދިޔަ ބަޔަކީ، މަސްވެރިންނެވެ. ސަރުކާރުން ކުންފުނިތަކަށް ފަހިކޮށްދިން "އެސް އެމް އީ" ލޯނުގެ ސަބަބުން، އެކްސްޕޯޓު ކުރުމުގެ މަގު ހަނިވެފައި އޮތް އިރުވެސް، ކުންފުނިތަކުން ގެންދިޔައީ މަސް ކިރަމުންނެވެ. ހަމަ އެހެންމެ މަސްވެރިންވެސް ގެންދިޔައީ މަހަށް ފުރަމުންނެވެ. ޢާންމު ގޮތެއްގައި ރާއްޖޭގެ އެންމެ ރަނގަޅު މަސްވެރިކަމެއް އޮންނަނީ ނޮވެމްބަރުން އެޕްރީލު މަހާއި ހަމައަށް ކަމަށް ވީނަމަވެސް، ކަން ދިމާވި ގޮތުން ނިމެމުން މިދާ 2020 ވަނަ އަހަރަކީ، މުޅި އަހަރުގެ ތެރޭގައިވެސް އެއްވަރެއްގައި މަސްވެރިކަން ރަނގަޅަށް އޮތް އަހަރެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މަސްވެރިންނަށް އާމްދަނީ ލިބުން ހުއްޓުމެއްނެތި ކުރިއަށް ދިޔައެވެ.

މިއަދު މަސްގަންނަ މާކެޓަށް ވާދަވެރި އަގުތައް ތަޢާރަފުވެފައި ވީހިނދު، ރާއްޖޭގެ މަސްވެރިކަމަށް ނިކުންނަމުން އަންނަ 5 ވަނަ ޖީލުގެ ދޯނިފަހަރަކީ، 50 ޓަނުގެ މަސް ފައްލަވަކުރެވޭހާ ބޮޑެތި ދޯނިފަހަރެވެ. އެފަދަ ބައެއް ދޯނިފަހަރަކީ، އޭގެ ޒާތުގައި އަމިއްލައަށް އައިސް އުފެއްދޭ ދޯނިފަހަރަށް ވީތީ، އެ އޮޑިފަހަރު ކަނޑަށް ނިކުންނަނީ ދުވަހު މަސްވެރި ކަމުގެ ބަދަލުގައި ދެތިން ދުވަހުގެ މަސްވެރި ކަމަށެވެ. މިފަދަ ދޯނިފަހަރުން ބާނާހާ މަސް ކިރޭނެ ޖާގައިގެ ދަތިކަން ގަންނަ ފަރާތްތަކުގައި އޮތް މައްސައަށް ޙައްލު ހޯދަދޭނީ، ކުރިމަގުގައި އިތުރުކުރެވޭ ސްޓޯރިން ކެޕޭސިޓީ އިތުރުވެގެންނެވެ. އަދި ރާއްޖޭގައި މަސް ޕްރޮސަސް ކުރެވޭ މިންވަރު އިތުރުވެގެން އަންނަ އިރު، މަސްވެރިކަން ވެގެން ދާނީ، މަސްވެރިންނަށާއި އެކްސްޕޯޓަރުންނަށް މިއަދަށްވުރެވެސް ބޮޑު ނަފާއެއް ލިބޭނެ ސިނާޢަތަކަށެވެ.

ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ނަފާއެއް، ލިބެމުން އަންނަ ފަތުރުވެރިކަމަށް، ގަލްފް ހަނގުރާމައާއި، ސާސް ރޯގާ އާއި، ސެޕްޓެމްބަރުގެ އެގާރައިގެ ހާދިސާއާއި، ކޮވިޑު19 ފަދަ، "އިގްތިސާދީ ކުއްލި އަނދިރި" ފެތުރިގަތް ކޮންމެ ފަހަރަކުމެ، އިގްތިސާދަށް ފަތުރުވެރިކަން ހީނަރުކަން ދިން ނަމަވެސް ، ދިވެހި އިގްތިސާދުން ޒަމާނުއްސުރެ ފެންނަ "ބަސްއަހާ ދަރި"އަކީ، މަސްވެރިކަމުގެ ސިނާޢަތެވެ.

މަސްވެރިކަމުގެ ސިނާޢަތް ވެފައިވަނީ، މިއިން ކޮންމެ ގޮންޖެހުމެއްގެ ތެރޭގައިވެސް، ރާއްޖޭގެ އިގްތިސާދީ އަޑިގުޑަން ތަކަށް ހުއްޓުމެއްނެތި އެހީވެދޭ ސިނާޢަތަށެވެ. ކުރި މަގުގައި ރާއްޖެއަށް ބާނާހާ މަސް ކިރޭނެ ގޮތް މެދުވެރިވެ، ރާއްޖޭގެ މަހުގެ އެކްސް ޕޯޓަކީ، "ވެލިއުއެޑެޑް" އުފެއްދުމަކަށްވެ، މަސް ގަންނަ އަގަށް އެކަށޭނަ ވާދަވެރިކަން، މިހާރަށްވުރެ ބޮޑުވެގެން ހިނގައްޖެނަމަ، މަހަށް ނިކުންނަ އޮޑިފަރުގެ ސައިޒް އަނެއްކާވެސް ބޮޑުވެ، މަހަށްދާ މީހުން އިތުރުވެގެން ދާނެއެވެ. އެދުވަސް ވެގެންދާނީ، ގަލު އަޅާފައިއޮތް މަސްވެރިންގެ ޒަމާންވީ ޝަކުވާ، ބުޅި ކަނޑާލުމަށްފަހު، ޙަޤީގަތާ ދިމާއަށް މިސްރާބު ޖަހާނެ ދުވަހަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: ރިޒުނާ ޒަރީރު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.