ޤާނޫނުން ދޭން ޖެހޭ ބާރު ވަޒީރުގެ އަތްދަށުގައި އޮތް އޮތުން ދޫކޮށްލަން ޖެހޭ: އާޒިމް
ހަސަން ލަތީފަކީ ކުޅިވަރު ސިޔާސީ ކުރައްވާނެ ބޭފުޅެއް ނޫން


މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް
ކުޅިވަރުގެ ގާނޫނުގައި މިހާރު ވެސް ގިނަ ކަންތައްތަކެއް ހިމެނިފައިވާ ކަމަށާއި، ވަރަށް ރަނގަޅަށް ކަންކަން ތަރުތީބު ކުރެވިފައިވާއިރު، އެމަގުން އެކަންކަން ހިނގަމުން ނުދާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ކުޅިވަރުގެ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރުކަންވެސް ކުރައްވާފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކުޅިވަރާ ބެހޭ ވުޒާރާއަކީ ކަންކަން މޮނީޓާކޮށް ސިޔާސަތުތައް ރާވަން އޮތް ތަނެއް ކަމަށާއި، އެ ވުޒާރާގެ ދަށުން ހިނގާ ގިނަ މުއައްސަސާތައް ހިމެނޭއިރު، ކުޅިވަރު ކުރިއަރުވަން ތަންތަން ނެތިގެން ނޫޅޭ ކަމަށާއި، ކުޅިވަރަށް ދިމާވެގެން އުޅެނީ އެ ފަރާތްތަކަށް ދޭންޖެހޭ ބާރު ނުދީގެން ދިމާވާ މައްސަލަތަކެއް ކަމަށެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް އެ އެސޯސިއޭޝަންތައް ހިނގަން ތިބި ފަރާތްތަކަށް ގަބޫލުނުކުރެވިގެން އުޅޭއިރު، ވަރަށް ގިނަ އެސޯސިއޭޝަންތަކުގެ އިންތިޚާބުގެ މައްސަލަތައް ފެންމަތިވެންދިޔަ ކަމަށާއި، އޭގެ ތެރޭގައި ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިޚާބާއި، ވޮލީބޯޅައިގެ އިންތިޚާބީ މައްސަލަތަކާއި، ޓޭބަލް ޓެނިސް އަދި އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިޚާބީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެގެން ދިޔަ ކަމަށްވެސް އެފްއޭއެމުގެ ރައީސްކަން މީގެ ކުރިން ކުރއްވާފައިވާ އާޒިމް ވިދާޅުވިއެވެ.
ބިލަށް ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބުގެ ވާހަކައަށް އިޝާރަތްކުރައްވާ އާޒިމް ވިދާޅުވީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދުގައި އެސޯސިއޭޝަނުގެ ރައީސްކަމުގައި ހުރެވޭނީ ދެ ދައުރު ކަމަށް ކަނޑައެޅިގެން ބަޔާންކުރާ ކަމަށާއި، އެހެން ނަމަވެސް އިންތިޚާބުގެ ކުރި ދުވަހު އެސޯސިއޭޝަނުގެ މެންބަރުން ބައްދަލުވުމަށްފަހު ނިންމީ އަނެއްކާވެސް ތިން ދައުރަށް އިނދެވޭ ގޮތަށް ކަމަށެވެ. އެއާއެކު އަނެއްކާވެސް މިހާރު ހުރި ރައީސް އިންތިޚާބު ވެގެންދިޔައީ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ޤާނޫނަށް އިސްލާހު ހުށަހެޅުއްވި މެންބަރު ހަސަން ލަތީފް 2008 ން 2012 ށް ކުޅިވަރު ވަޒީރަކަށް ހުންނެވިއިރުވެސް އެސޯސިއޭޝަންތަކަށް ބާރު ދޫކޮށްލުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ދެކި، އެމަގުން ކަންކަން ކުރެއްވި ކަމަށާއި، އެކަން އޭރު އެފްއޭއެމުގެ ރައީސްގެ ހައިސިއްޔަތުން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި ހަސަން ލަތީފަކީ ކުޅިވަރު ސިޔާސީ ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި، މި އިސްލާހުތަކަކީ ދިވެހިރާއްޖޭގެ ކުޅިވަރަށް ވަރަށް ރަނގަޅު އިސްލާހުތަކެއް ކަމަށް ޔަގީންކުރެވޭ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ އިބުތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށާފައިވާއިރު، މަޖިލީގެ ގިނަ މެމްބަރުން ވަނީ އިސްލާހުތައް ތާއީދުކޮށް އަންގާރަ ދުވަހުގެ ޖަލްސާގައިވެސް ވާހަކަ ދައްކަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަންގާރަ ދުވަހުގެ ޖަލްސާގައި ވިދާޅުވީ ބިލް ބަލައިގަތުމަށް އަންގާރަ ދުވަހުގެ ބަހުސަށްފަހު ވޯޓަށް އަހަން ކުރިން ގަސްތުކުރެއްވި ކަމަށާއި، އެހެން ނަމަވެސް މި ކަމުގެ މުހިންމު ކަމާއެކު ގިނަ މެމްބަރުންތަކެއް އަދިވެސް ބަހުސްގައި ބައިވެރިވުމަށް އެދިފައިވާތީ ވޯޓަށް އަހާނީ ހުރިހާ މެންބަރުން ބަހުސްކޮށް ނިމުމުން ކަމަށެވެ.







