Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑިއޭގޯ މަރަޑޯނާ މަރުވުން

ފުޓްބޯޅައިގެ ރަސްގެފާނުގެ ހިތާމަވެރި ވަކިވުން

މަރަޑޯނާ މަރުވީ އުމުރުން 60 އަހަރުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2020 | ބުރާސްފަތި 05:22
1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ތަށި މަރަޑޯނާ އުފުލާލަނީ

1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ތަށި މަރަޑޯނާ އުފުލާލަނީ

އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް އަދި ދުނިޔޭގެ ތާރީޚުގައި ފެނުނު އެންމެ މޮޅު އެއް އެޓޭކިންގ މިޑްފީލްޑަރު ޑިއޭގޯ މަރަޑޯނާ އުފަންވީ 1960 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އުމުރުން އެންމެ 12 އަހަރުގައި ބޯލްބޯއި އަކަަށް މަސައްކަތްކުރި މަރަޑޯނާ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 1976 ވަނަ އަހަރު އާޖެންޓީނޯސް ޖޫނިއާސްއިންނެވެ. އަދި ހަމަ އެ އުމުރުގައި 1977 ވަނަ އަހަރު އާޖެންޓީނާ ގައުމީ ޓީމުންވެސް އޭނާ ފުރުސަތު ހޯދިއެވެ.

1977 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އާޖެންޓީނާގެ ޖާޒީގައި މަރަޑޯނާ ކުޅުނު ފުރަތަމަ މެޗަކީ ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗެވެ. އޭގެ ފަހުން 1978 ވަނަ އަހަރު އާޖެންޓީނާގައި ބޭއްވި ފޯފާ ވޯލްޑް ކަޕް އެ ގައުމުން ކާމިޔާބުކުރި ނަމަވެސް، މަރަޑޯނާ ހަގު ކަމަށް ބުނެ ކޯޗު އޭނާ ޓީމުގައި ހިމަނާފައެއް ނުވެއެވެ.

އާޖެންޓީނާގެ ޖާޒީގައި މަރަޑޯނާ އެންމެ ފުރަތަމަ ވިދާލީ 1979 ވަނަ އަހަރު ޖަޕާނުގައި އޮތް ފީފާ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕުގައެވެ. އެ މުބާރާތުގެ ފައިނަލުގައި ސޯވިއެޓް ޔޫނިއަން ބަލިކޮށް އާޖެންޓީނާއިން ތަށި ހޯދިއިރު، އެ މެޗުގައި މަރަޑޯނާ ހަ ލަނޑު ޖެހިއެވެ.

މަރަޑޯނާގެ އެންމެ ފުރަތަމަ ވޯލްޑް ކަޕަކީ 1982 ވަނަ އަހަރު ސްޕެއިނުގައި ބޭއްވި މުބާރާތެވެ. އެކަމަކު އެ މުބާރާތުގެ ދެވަނަ ބުރުން އާޖެންޓީނާ ވަނީ ކަޓާފައެވެ. ނަމަވެސް 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތަކީ މަރަޑޯނާގެ މުޅި ފުޓްބޯޅަ ކެރިއަރުގައިވެސް އެންމެ ފާހަގަކޮށްލެވޭ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދީ މަރަޑޯނާގެ ކެޕްޓަންކަމުގެ ދަށުގައި ކުޅެ ފައިނަލުގައި ވެސްޓް ޖާމަނީ އަތުން 3-2 ން މޮޅުވެގެންނެވެ. މިއީ އާޖެންޓީނާގެ ތާރީޚުގައި އެ ގައުމުން ކާމިޔާބުކުރި ދެވަނަ ވޯލްޑް ކަޕެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މަރަޑޯނާ ހޯދިއިރު، މުބާރާތުގެ ކުއާޓާފައިނަލުގައި އިންގްލެންޑް އަތުން އާޖެންޓީނާ 2-1 ން މޮޅުވި މެޗުގައި މަރަޑޯނާ ޖެހި ދެ ލަނޑަކީ އަދިވެސް ފާހަގަކޮށްލެވޭ ދެ ލަނޑެވެ. އެގޮތުން އެ މެޗުގައި މަރަޑޯނާ ޖެހި ފުރަތަމަ ލަނޑު އޭނާ ޖެހީ އަތުންނެވެ. އެއާއެކު "ހޭންޑް އޮފް ގޯޑް" ގެ ނަމުން މަރަޑޯނާއަށް ނަން ދެވުނެވެ. އަދި އެ މެޗުގައި މަރަޑޯނާ ޖެހި ދެވަނަ ލަނޑަކީ މިދިޔަ ގަރުނުގެ އެންމެ މޮޅު ލަނޑުގެ ގޮތުގައި ހޮވުނު ލަނޑެވެ.

އޭގެ ފަހުން 1990 ވަނަ އަހަރާއި 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް މަރަޑޯނާ ކުޅުނުއިރު، 1994 ވަނަ އަހަރުގެ މުބާރާތަކީ މަރަޑޯނާގެ ފަހު މުބާރާތެވެ. ޑްރަގުގެ ވަބާގައި ޖެހުނު ނަމަވެސް، މަރަޑޯނާ ވަނީ އާޖެންޓީނާއަށް 17 އަހަރު ކުޅެދީ 91 މެޗުގައި 34 ލަނޑު ޖަހައި ވޯލްޑް ކަޕުގެ ތަށި އެއް ފަހަރު އަދި ދެވަނަ މަގާމު އެއް ފަހަރު އާޖެންޓީނާއަށް ހޯދައިދީފައެވެ.

ޑްރަގުގެ ވަބާއާއެކު މަރަޑޯނާގެ ކެރިއަރަށް ބޮޑު ވެއްޓުމެއް އައި ނަމަވެސް، ކުލަބު ފެންވަރުގައިވެސް އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

1976 ވަނަ އަހަރު އާޖެންޓީނޯސް ޖޫނިއޯސްއިން ކުލަބު ކެރިއަރު ފެށުމަށްފަހު، ބޮކާ ޖޫނިއާސްއަށް ބަދަލުވީ 1981 ވަނަ އަހަރުއެވެ. އަދި އެ އަހަރު މަރަޑޯނާ ވަނީ ބޮކާ ޖޫނިއާސްއާއެކު އާޖެންޓީނާ ލީގު ކާމިޔާބުކޮށްފައެވެ.

އޭގެ އަހަރެއް ފަހުން ބޮކާ ޖޫނިއާސް ދޫކޮށް އޭރުގެ ދުނިޔޭގެ ރިކޯޑު އަގަކަށް ބާސެލޯނާއަށް ބަދަލުވި މަރަޑޯނާ ވަނީ އެ ކުލަބުގައި ދެ ސީޒަން ހޭދަކޮށްފައެވެ. އަދި ވަނީ ބާސާއާއެކު 1983 ވަނަ އަހަރުގެ ސްޕެނިޝް ކަޕާއި، ސްޕެނިޝް ލީގު ކަޕުގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

އެކަމަކު 1984 ވަނަ އަހަރު ބާސާ ދޫކޮށް އަނެއްކާވެސް ދުނިޔޭގެ ރިކޯޑު އަގަކަށް އިޓަލީގެ ނާޕޮލީއަށް ބަދަލުވިއެވެ. އަދި ކުލަބު ކެރިއަރުގައި މަރަޑޯނާގެ އެންމެ ވިދުން ގަދަވީ ކުލަބަކީ ނާޕޮލީއެވެ. އެގޮތުން ނާޕޮލީއަށް ހަތް ސީޒަނުގައި ކުޅުނު މަރަޑޯނާ ވަނީ އެ ޓީމާއެކު އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕް އެއް ފަހަރު، ޔުއެފާ ކަޕް އެއް ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ނަމަވެސް އޭގެ ފަހުން މަރަޑޯނާގެ އަޚުލާގީ ގިނަ މައްސަލަތަކެއް ފެންމަތިވިއިރު، ކޮކެއިންއަށް ދެވިހިފާފައިވާ މަރަޑޯނާ ވަނީ 1991 ވަނަ އަހަރު ފުޓްބޯޅައިން 15 މަހަށް ސަސްޕެންޑް ކޮށްފައެވެ.

އެ ސަސްޕެންޝަނަށްފަހު ސްޕެއިނުގެ ސެވިއްޔާ އަދި އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއިސްއަށް ކުޅުމަށްފަހު، މަރަޑޯނާގެ ކެރިއަރު ނިންމާލި އަލުން އަނބުރާ ބޮކާ ޖޫނިއާސްއަށް ބަދަލުވުމަށްފަހު 1997 ވަނަ އަހަރުއެވެ.

އާޖެންޓީނާގެ ޓެކްސްޓީލް މަންޑިޔޫ އާއި ރޭސިންގ ކުލަބަށްވެސް އިރުޝާދު ދިން މަރަޑޯނާގެ ކޯޗިންގ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ދުވަސްތަކަކީ އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗުކަން ކޮށްދިން ދުވަސްވަރެވެ. އެގޮތުން 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާޖެންޓީނާއާ ހަވާލުވި މަރަޑޯނާ ވަނީ 2010 ވަނަ އަހަރު އާޖެންޓީނާ ގޮވައިގެން ވޯލްޑް ކަޕަށްވެސް ނުކުމެފައެވެ. ލިއޮނަލް މެސީއާއެކު ގްރޫޕުގެ އެއްވަނަ އާޖެންޓީނާއިން އެފަހަރު ހޯދި ނަމަވެސް، ކުއާޓާ ފައިނަލުން ޖަރުމަން އަތުން 4-0 ން ބަލިވެ އާޖެންޓީނާ މުބާރާތުން ކެޓިއެވެ. އެއާއެކު މަރަޑޯނާ ވަނީ އާޖެންޓީނާގެ ކޯޗުގެ މަގާމުން ވަކިކޮށްފައެވެ.

އޭގެ ފަހުން ކުލަބު ފެންވަރުގައި ޔޫއޭއީގެ އަލް-ވަސްލް އާއި ފުޖައިރާއަށްވެސް އިރުޝާދު ދިނން މަރަޑޯނާ ވަނީ 2018 ވަނަ އަހަރު މެކްސިކޯގެ ޑޮރަޑޯސްއަށްވެސް ކޯޗުކަން ކޮށްދީފައެވެ. އެކަމަކު މަރަޑޯނާ އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ ހުރިއިރު، ސިއްހީ ހާލަތު ގޯސްވުމުން އޭނާއަށް ގިނަ މެޗުތަކެއް ގެއްލުނެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަރަޑޯނާ ހަވާލުވީ އާޖެންޓީނާގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމަށްވާ ޖިމްނާސިއާއާއެވެ.

އެހެންކަމުން ކާމިޔާބު ފުޓްބޯޅަ ކެރިއަރެއް ނިންމާލާފައިވީ ނަމަވެސް، މަރަޑޯނާގެ ކޯޗިންގ ކެރިއަރު އެންމެ ފުރިހަމައެއް ނޫނެވެ.

މީގެ ކުރިން މަރަޑޯނާ ވަނީ ޑްރަގުން ސަލާމަތްވާން ރިހެބިލިޓޭޝަން ސެންޓަރުން އެތައް ފަހަރަކު ފަރުވާ ހޯދާއެވެ. އެކަމަކު އެކަމުން ސަލާމަތްވެ ދެން ބަނގުރަލާއި ސުއްޓާ އަށާއި ކެއުމަށްވެސް ދެވި ހިފި މަރަޑޯނާ އޭނާ އާދަޔާޚިލާފަށް ފަލަވެ، ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ 2007 ވަނަ އަހަރު ވަނީ މަރާވެސް ހަނގުރާމަކޮށްފައެވެ.

އަދި އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ހާޓްއެޓޭކެއް ޖެހުނުއިރު، ހެޕަޓައިޓިސްއަށް ވަނީ ފަރުވާ ހޯދާއެވެ. އަދި މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ ގޭސްޓްރިކް މައްސަލަތަކުގެ ސަބަބުން ބައިޕާސް ސާޖަރީއެއްވެސް ހަދާފައެވެ.

މަރަޑޯނާގެ ހާލަތު އެންމެ ފަހުން ގޯސްވީ މި މަހުގެ ކުރީކޮޅު އޭނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުންނެވެ. އެއާއެކު އޭނާ ވަނީ ސިކުނޑީގެ ކުއްލި އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އެކަމަކު ކުއްލި ގޮތަކަށް މަރަޑޯނާ ބުދަ ދުވަހުގެރޭ މަރުވީ އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން އުމުރުން 60 އަހަރުގައެވެ.

ފުޓްބޯޅައިގެ ރަސްގެފާނުގެ މަރާއެކު މުޅި ފުޓްބޯޅަ އާއިލާ އަންނަނީ ހިތާމަފާޅުކުރަމުންނެވެ. ހަމަގައިމުވެސް ގެއްލިގެން އެ ދިޔައީ ފުޓްބޯޅައިގައި އެފަދަ ދެވަނައެށް ނުވާނެ ތަރިއެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވޯލްޑް ކަޕާ ދިމާކޮށް ކޮކާ-ކޯލާއިން ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ގަދަކޮށްލަނީ

ވޯލްޑް ކަޕާ ދިމާކޮށް ކޮކާ-ކޯލާއިން ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ގަދަކޮށްލަނީ

16 އޮކްޓޯބަރު 2022
ފުޓްބޯޅައިގެ މާނަ ފުން އެތައް ވާހަކައެއް ބުނެދޭ ފޮޓޯއެއް!

ފުޓްބޯޅައިގެ މާނަ ފުން އެތައް ވާހަކައެއް ބުނެދޭ ފޮޓޯއެއް!

25 ޖުލައި 2022
ލަންކާއަށްވުރެ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ގޯސް؟

ލަންކާއަށްވުރެ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ގޯސް؟

27 ޖޫން 2022
 އެއީ ވެލެންސިޔާގެ ހާލަތެއްނޫން, ދިވެހި ފުޓްބޯޅައިގެ ހާލަތު!

އެއީ ވެލެންސިޔާގެ ހާލަތެއްނޫން, ދިވެހި ފުޓްބޯޅައިގެ ހާލަތު!

18 އެޕްރީލު 2022
ފުޓްބޯޅައިގެ އައު ޖީލެއް ބިނާކުރަން މާޒިޔާ ކެނދިކުޅުދޫއަށް

ފުޓްބޯޅައިގެ އައު ޖީލެއް ބިނާކުރަން މާޒިޔާ ކެނދިކުޅުދޫއަށް

26 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު