raajjemv logo
ދަތުރުފަތުރުގެ ވިއުގައަކުން، މުޅިރާއްޖެ ގުޅާލުން
ދަތުރުފަތުރުގެ ވިއުގައަކުން، މުޅިރާއްޖެ ގުޅާލަދޭ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި، 100 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓަކާއެކު ފަށަނީ
 
މި މުޅި ވިއުގަ ގާއިމްވެގެންދާއިރު، ވިއުގައިގެ ތެރޭން މުޅި ރާއްޖެއަށް ކޮންމެ ދިވެއްސަކަށް ދަތުރުފަތުރުކޮށް އުޅުމުގެ ފަހިކަން ލިބިގެން ދާނެ
 
ފަސިންޖަރ ޓާމިނަލްތައް ހެދުންވެސް، މަޝްރޫޢުގައި ހިމެނޭ
 
މިހާރު އޮތީ، ދަތުރުފީ އާއި، ޝެޑިއުލްވެސް ރާވާ ނިންމާފައި
މުހައްމަދު އާދަމް ސަލީމް
9,067
ކ. މާލެ |
11 ނޮވެންބަރ 2020 | ބުދަ 14:02
ވިލިނގިއްޔާއި މާލެ އާއި ދެމެދު ދަތުރު ކުރާ ފެރީއެއް (ފައިލް ފޮޓޯ)
ރާއްޖެއެމްވީ

ޙަޤީގީ ލާމަރުކަޒީ ނިޒާމަކުން ދިވެހިރާއްޖެ ލާމަރުކަޒު ކުރުމަށް، އޮތް "އީކްއޭޝަން" އަކީ، ވަރަށް ސާދާ ސީދާ އީކުއޭޝަނެކެވެ. މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމްގެ ނަޒަރުގައި، އެއީ،" ދަތުރުފަތުރާ، ޑީސެންޓްރަލައިޒޭޝަން އެއްވަރޭ" ބުނެ، ދެނެގަންނަ އީކުއޭޝަނެކެވެ. އޭގެ މާނައަކީ، ދަތުރުފަތުރު ނެތިއްޔާ ޑީސެންޓްރަލައިޒެއް ނުވާނެއޭ ބުނުމެވެ.

ކޮންމެ އަކަސް މިދެންނެވި އީކުއޭޝަންގެ މަފްޙޫމުގެ ދަށުން، މުޅި ރާއްޖެ ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމުގެ މަޝްރޫޢު، މިނިސްޓަރ އަސްލަމް މިހާރުވަނީ، ރަނުންރަނަށް އެކުލަވާލައްވައިފައެވެ. ރާއްޖެ ޓީވީއަށް، އެމަނިކުފާނު ދެއްވި، ޚާއްސަ ބަސްދީ ގަތުމެއްގައި، މި މުޅި ވިއުގަ ރޭވިފައިވާ ގޮތާއި، އަންނަ އަހަރު ފަށްޓަވާ، މި ވިއުގައިގެ ފުރަތަމަ ފިޔަވަހީގެ ތަފްސީލުތައްވެސް ވަނީ ހާމަ ކޮށްދެއްވައިފައެވެ. އެއީ އެ ފިޔަވައްސަކަށް 100 މިލިއަން ރުފިޔާ ޚަރަދުކުރަން ބަޖެޓު ކޮށްފައިވާ، ހއ. ހދ. ށ. ހިމެނޭ ފުރަތަމަ ޒޯނާއި، މި ޒޯނަށްފަހު، ދެންހުރި ޒޯނުތަކަށް މި ނިޒާމް ތަޢާރަފު ކުރައްވާނެ ގޮތުގެ ރީތި ތަސައްވުރެކެވެ.

އަންނަ އަހަރު ފުރަތަމަ ޒޯނަށް ހަމަޖެއްސެވި ބަޖެޓު ލިބުމާއެކު، ޒޯނު 1ން، ތަޢާރަފުވާ، މި ވިއުގަ ފަރުމާކުރެއްވި ގޮތް، ވަރަށް ޝައުޤުވެރި ކަމާއެކު، މިނިސްޓަރ އަސްލަމް ވަނީ، ރާއްޖެ ޓީވީއާ ޙިއްސާ ކޮށްދެއްވައިފައެވެ. މި ވިއުގަ ފަރުމާކުރެއްވި ގޮތް، އެމަނިކުފާނު ސިފަކުރެއްވި ގޮތުންނަމަ، ދަތުރުފަތުރުގެ ވިއުގައެއް ގާއިމް ކުރަން، އެ ނިޒާމް ގާއިމް ކުރުމަށްޓަކައި، ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ސިފަތަކާ ފައިހަމަކުރާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްވާން ޖެހެއެވެ. "މެރިޓައިމް ޓްރާންސްޕޯޓު" ގެ ނިޒާމެއް އޮންނަން ޖެހެނީ މިހެންވެއެވެ. މިކަމުގައި ކުރިން ކުރެވިފައިވާ ތަޖުރިބާތަކާއެކީގައި، އެންމެ ބޮޑު އިސްކަމެއް ދެވުނީ، ދަތުރުފަތުގެ ނިޒާމެއްގައި ހުންނަންޖެހޭ މައިގަނޑު ސިފަތައް ދެނެގަތުމަށެވެ. އެއްކަމަކީ، ބަރާބަރަށް ހިނގާ ނިޒާމަކަށް ވުމެވެ. ދެވަނަ ކަމަކީ، ޚިދުމަތް ހޯދާ ފަރާތްތަކަށް، ރިލައިބަލް ކަމާއެކު، އޭގެ ފަސޭހައާއި އަރާމު، ފަސިންޖަރުން ބޭނުންކުރާ ފެރީތަކުން ލިބުމެވެ. ތިންވަނަ ކަމަކީ، ދަތުރުގެ ދިގުމިން ވަކިވަރަކަށްވުރެ ދިގުނުވުމެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ޤިޔާދަތުގައި، ރާއްޖެއަށް އަލަށް ތަޢާރަފުވާ ދަތުރުފަތުރުގެ ވިއުގައިގެ މައިގަނޑު ސިފަތައް، އަސްލަމް އެވަކީ، ޙިއްސާ ކޮށްދެއްވައިފައެވެ. ދެން އޮތީ ދަތުރުފަތުރު ބަހާލެވިފައިވާ ގޮތެވެ. ދަތުރުތައް ބަހާލެވިފައި އޮތީ، އެ ކްލަސްޓަރއެއްގެ މެދުގައި އިންތިޒާމް ކުރެވޭ ދަތުރުތަކާއި، ދެ ކްލަސްޓަރއެއްގެ ދެމެދު ނުވަތަ އެއް ރީޖަނުން އަނެއް ރީޖަނަށް ގުޅުވައިލަ ދިނުމަށް ކުރެވޭ ދަތުރުތަކާއި، އަދި މުޅި ރާއްޖެ ގުޅުވާލަދޭ ދަތުރު ތަކުގެ މައްޗަށް. ރޭވިފައިވާ ވިއުގައެވެ.

މުޅި ވިއުގަ ސިފަކޮށްދެއްވުމަށްފަހު، އެމަނިކުފާނު ދެން ތަފްސީލް ކޮށްދެއްވީ، ފަސިންޖަރުންނަށް ހިތްފަސޭހަ ކަމާއި އަރާމުގައި، އަދި ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް، ދަތުރުކުރާނީ، ކޮން ފެންވަރެއްގެ އުޅަނދު ތަކެއްގައި ކަމެވެ.

އެހެންވީމަ، މި ނިޒާމުގެ ތެރޭގައި، އެ ރީޖަންގެ އެއްރަށް އަނެއްރަށާ ގުޅުވާލަދޭ ދަތުރުފަތުގެ ވިއުގައެއް ގާއިމް ކުރެވިފައި އޮންނާނެ. އެ ވިއުގަ މިހާރު އެ އޮތީ ޝެޑިއުލްކުރެވިފައި، ކޮން ރަށަކުން ކޮން އިރަކު ފުރައިގެން، ކޮންރަށަކަށްކަން ދާނި، މި ޝެޑިއުލް މިހާރު ތަރުތީބު ކުރެވިއްޖެ. ދެން އޮތީ އެކަމަށް އެކަށޭނަ އުޅަނދު. އެއީ އެކަމަށް ޚާއްސަކޮށް ބަނދެފައި ހުންނަ، އޭގެ ފަސޭހަތައްވެސް އެކުލެވޭ ގޮތަށް ހުންނަ، އުޅަނދުފަހަރުގައޭ މިކަން ކުރަންޖެހޭނި. އަދި އެއީ ސީވާދީ އުޅަނދުފަހަރަށް ވާންޖެހޭ. އެހެންވީމާ، މިފަދަ އުޅަނދު ފަހަރުގެ ޚާއްސަ ސިފަތައް، ނުވަތަ ސްޕެސިފިކޭޝަންތައްވެސް، މިހާރު އެ އޮތީ ކަނޑައަޅައި ނިމިފަ. އޭގެ ތެރޭގައި ސްޕީޑާއި ސައިޒުވެސް ހިމެނިފައިވާނެ
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމް

ދެން އޮތީ، ދިވެހި ތާރީޚުގައި އަލަށް ތަޢާރަފުވާ، މި ނިޒާމު ދިރިދެމި އޮތުމާމެދު، އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރެވެ. ނުވަތަ އެކަމަށް އަމާޒުކުރެވޭ ސަރުކާރުގެ ސިޔާސަތެވެ. ދެމެހެއްޓެނިވި ގޮތަކަށް މި ޚިދުމަތް ވައިގަ ހިފަންދެއް، ދިރިދެމި އޮވެވޭނީ، ހަރުދަނާ ފެށުމަކުން އިތުބާރުހުރި ގޮތަކަށް މިކަން ފެށުނިއްޔާ އެވެ. މިކަމުގައި އެމަނިކުފާނު ދެކެވަދައި ގަންނަވާގޮތް، އަންނަނިވި ކޯޓޭޝަންގައި، އެވަނީއެވެ.

މިއީ އަލަށް ފަށާކަމަކަށްވާތީ، މިކަމަކީ ސަރުކާރުގެ ހިއްސާ އޭގެ ތެރޭގައި، އެއްކޮށް ނުވަތަ ވަރަށް ބޮޑަށް އޮންނަ ޕަބްލިކް ޓްރާންސްޕޯޓު ނިޒާމަކަށް ހެދުން ވަރަށް މުހިންމު. ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް މިފަދަ ޕަބްލިކް ޓްރާންސްޕޯޓު ނިޒާމް. ޕްރައިވަޓައިޒް ކުރަނީ، ވަރަށް ޒަމާންވަންދެން، އެ ހިނގައިފަ އެ ރަނގަޅަށް އަޖުމަ ބަލައިފަ އަދި އެކަމެއް އެސްޓެބްލިޝް ވީމަ. މިސާލަކަށް ވަރަށް ފަހުން ބްރިޓިޝް ރޭލް ޕްރައިވަޓައިޒްވީ. ވީމާ ސަރުކާރުގެ ވިސްނުން މިހުރީ މިއީ ޕަބްލިކްޓްރާންސްޕޯޓު ނިޒާމަކަށް ވީތީ، ސަރުކާރުގެ ބޮޑު ދައުރެއް އޮންނަ ކަމަކަށް ހެދުން. ކޮންފަޓަބަލް، ރިލައިބަލް ނިޒާމަކުން މިކަން ގާއިމްވީމައި، ފަތުރުވެރިކަމުގެ ދާއިރާވެސް މިއަށް ބަރޯސާވާން ފަށާނެ
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމް

ސަރުކާރުގެ ވިސްނުންހުރީ، މިކަން ފަށައިގަންނައިރު، އިގްތިސާދީ ގޮތުން، ފުރަތަމަ މަރުޙަލައިގައި ވައިބްލަ ނުވިޔަސް، މި މަޝްރޫޢުގެ ސަބަބުން، ސޯޝިއޯ އިކޮނޮމިކް އިމްޕެކްޓް ޕޮޒިޓިވް ގެންދާނެއަތީ، މި ނިޒާމު ހިނގައިގެން، އޭގެ ޒާތުގައި އެކަން އަމިއްލަ ޒާތުގައި ހިނގައިގަންނަން ދެން، މިގޮތަށް ހިނގުމަށެވެ. އެކަން ދެންމެ މި ދެންނެވި މިނިސްޓަރ އަސްލަމްގެ ކޯޓޭޝަނުންވެސް، ވަރަށް ސާފެވެ.

މިނިސްޓަރ އަސްލަމްގެ ނަޒަރުގައި، މިކަން މުސްތަގުބަލުގައި އޭގެ އަމިއްލަ ޒާތުގައި ހިނގާނެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިހެން މި ދެންނެވީ، ދުނިޔޭގަ އޮންނަ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިނގަނީ ރާއްޖޭގައި ކަމަށްވެފައި، އެކަން އެހެން އެވަނީ އާބާދީއަށްވުރެ 5 ގުނަ އިތުރަށް ފަތުރުވެރިން ރާއްޖެއަށް އަންނާތީއާއި އަދި އެ ފަތުރުވެރިންނަކީވެސް ދިވެހީންނަށްވުރެން އެތައް ތަނެއް ބޮޑު ބަޔަކަށްވެފައި ވާތީ، މިފަދަ ޓްރާންސްޕޯޓު ނިޒާމެއް ގާއިމްވުމުން، އެމީހުން ( ފަތުރުވެރިން) މި ނިޒާމުގެ ތެރެއަށް ވަންނާނެއަތީއެވެ. އަދި އެމީހުން މީގެ ތެރެއަށް ވެއްދުނީމާ، އިގްތިސާދީ ގޮތުން މިއީ ނަފާވަނިވި ކަމަކަށްވެސް ވެގެންދާނެއަތީއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، ހުރިހާ ރަށެއްގައިހެން، ލަފާފުރޭނެ ކޮންމެވެސް މިންވަރެއް ގާއިމްވެފައެވެ. ރާއްޖެ މި އޮތީ މިކަމަށް ފައްކާވެފައެވެ. އެހެންވެ ސްޕެޝަލް ޑިވެލޮޕްމަންޓް ޕްލޭނާއެކީ ދަތުރުފަތުރުގެ ނިޒާމް ގެނެސް، ލާމަރުކަޒީ އިދާރީ ނިޒާމު އައިމަ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަވެގެން ދާނެއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ތަފްސީލު ޕްލޭން ހަދައި، ހއ.ހދ.ށ ގައި ފަށަން މިއަހަރު ފަށަން 100 މިލިއަން ރުފިޔާ ބަޖެޓުކުރިއެވެ. އެއީ މިކަމަށް ބޭނުންވާ އުޅަނދު ފަހަރު ހޯދަން ދާނެ މިންވަރެވެ. ނަމަވެސް ކޯވިޑު19ގެ ލޮކްޑައުނާ ގުޅިގެން، އެކަން މަޑުޖެހިގެން ދިޔައީއެވެ. އެހެން ނަމަވެސް އަންނަ އަހަރު މިކަން ސަރުކާރުން ފަށާނެއެވެ. އެކަމަށް ބޭނުންކުރާނީ ކޮންމެ ތާކުން ބަތްކަމުގައި ވިޔަސް ފެރީގެ ގޮތުގައި ބަނދެފައި ހުންނަ އުޅަނދުފަހަރެވެ. ބިޑު ހުޅުވާލާނީ، އަންނަ އަހަރު މިކަމަށް ބަޖެޓު ހަމަޖެހުމުންނެވެ.

މިނިސްޓަރ ތަފްސީލު ކޮށްދެއްވި ގޮތުގައި، ޒޯން އެކެއްގައި މި ޚިދުމަތް ފަށާތާ، އެއް އަހަރުގެ ތެރޭގައި އެ ސަރަޙައްދުގައި މި ނިޒާމް ގާއިމް ފުރިހަމަ ކުރެވިގެންދާނެއެވެ. ލަފާކުރެވޭ ގޮތުގައި އެ ސަރަޙައްދަށް، ބޭނުންވާނީ 13 ވަރަކަށް އުޅަނދެވެ. މި ޝެޑިއުލްގެ ތެރޭގައި މުދާ އުފުލާ ފެރީ ވެގެންދާނީ އަދި ވަކި ފެރީއަކަށެވެ. އެއީ ތަންކޮޅެއް ލޯ ފްރިކުއެންސީކޮށް ދަތުރުކުރާ އެއްޗެކެވެ. ފަސިންޖަރުންގެ ފެރީއަށް އެރުވޭނީ ފަސިންޖަރަކު އަތުން އުފުލާ އެއްޗެއް އެކަންޏެވެ. އޭގެ ތެރޭގައި ލަގެޖު ގެންދެވޭނެއެވެ. ނުއުފުލޭނީ މުދާ އެކަންޏެވެ. މިފަދަ ކޮންމެ ކްލަސްޓަރއެއްގެ ތެރޭގައި ދެން ޖެހިގެން އޮންނަ ޒޯނަށް ކަނެކްޓުވާ އުޅަނދެއްވެސް އޮންނާނެއެވެ. އެއީ އެ ޒޯނަށް ގޮސް، އެމިހަކު ފުރި ޒޯނަށް އެނބުރި އައުމަށެވެ. އެއީ ދުވާލަކު އެއްފަހަރު ދަތުރެއް ކުރާ ގޮތަށް އިންތިޒާމް ކުރެވިފައިވާ ދަތުރެކެވެ.

މާލެ ސަރަހައްދުގައި ދަތުރުކުރާ ފެރީ އެއް

މި މުޅި ވިއުގަ ގާއިމްވެގެންދާއިރު، ވިއުގައިގެ ތެރޭން މުޅި ރާއްޖެއަށް ކޮންމެ ދިވެއްސަކަށް ދަތުރުފަތުރުކޮށް އުޅުމުގެ ފަހިކަން ލިބިގެން ދާނެއެވެ. އެއީ ޓްރާންސިޓުކޮށް ކުރެވޭނެ ދަތުރުތަކެވެ. މި ދަތުރު ތަކުގެ ފީތައް ހުންނާނީ، މިހާރުގެ އާންމު ދަތުރުފަތުރުގައި މި ގެންގުޅޭ ކުޑަ ރޭޓުތަކުގައެވެ. އެ އަގުތައްވެސް މިހާރު ހުރީ ހަދައިނިމިފައެވެ.

ރަށްރަށުގެ އާބާދީއާއި ޑިމާންޑަށް ބަލައި، އެކި ތަންތާނގައި އެކި މިންވަރަށް އުފެދިގެން ދާ ގޮތަށް ކޮންމެ ރަށެއްގައިވެސް ފެރީޓާމިނަލް ހެދިގެންދާނެއެވެ. ދަތުރުތަކުގެ ޝެޑިއުލްތައް ފެންނާން ހުންނާނެއެވެ. މި ނިޒާމުން ކޮންމެ މީހަކަށް އޭނާ ރާއްޖޭގައި ދާން ބޭނުންވާ މަންޒިލްތަކަށް ގޮސް، އެނބުރި ރަށަށް އައުން ދުރާލާ ޕްލޭންކޮށްލައިގެން ދަތުރު ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މުޅި ނެޓްވޯކު ގާއިމްކޮށް ނިންމުމުގެ ވިސްނުންހުރީ މި ދައުރުގެ ތެރޭގައި މި ނެޓްވޯކު މުޅި ރާއްޖޭގައި ގާއިމް ކުރުމަށެވެ. ނިޒާމު ހިނގައިގަތީމައި ނިޒާމަށް އަންނަ ކުރިއެރުންތައް، އޭގެ ފަހުން ގެނެވޭނެއެވެ. ޒޯނަކަށްފަހު، ޒޯނެއްގައި މި ވިޔުގަ ތަޢާރަފް ކުރުމަކީ، ސަރުކާރުގެ ވިސްނުން ބަށްޓަން ކުރެވިފައިވާ ގޮތެވެ. ނިޒާމު ރޭވިފައި އޮތީ، މީހުންގެ މޫވްމަންޓުވެސް ކޮންމެވެސް މިންވަރަކަށް ބަލައިފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި، ބޭންކުތަކާއި އެއަރޕޯޓުތައް ހުރި ގޮތްވެސް އޮތީ ބަލައިފައެވެ. އަދި ސްޕެޝަލް ޕްލޭނިންގެ ތެރެއިން، ކްލަސްޓަރތަކަށް ފަހުން ލާންހުރި ބައިތަކަށްވެސް އޮތީ ނިޒާމުގައި ރިޢާޔަތް ކުރެވިފައެވެ. މި ދަތުރުފަތުރުގެ މި ޚިދުމަތް ތަޢާރަފު ވާއިރު، ޚިދުމަތްދޭނީ، އެމް.ޓީ.ސީ.ގެ ސަބްސިޑަރީއެއްގައި މިކަން ފަށައިގެން، އެ ކުންފުނިންނެވެ. އެމީހުންގެ ގާބިލްކަން މިކަމަށް އެބަ އޮތްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް