ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 19:48
ޢިލްމާއި، ވިސްނުމާއި ފިކުރުގެ ބޭނުންކޮށްގެން، އިންސާނުންގެ ބޭނުންތައް ފުއްދުމަށް ފަސޭހަވާނެ ފަދަ އެކި ކަހަލަ ވަސީލަތްތައް އިންސާނުން އުފައްދާ
ޢިލްމާއި، ވިސްނުމާއި ފިކުރުގެ ބޭނުންކޮށްގެން، އިންސާނުންގެ ބޭނުންތައް ފުއްދުމަށް ފަސޭހަވާނެ ފަދަ އެކި ކަހަލަ ވަސީލަތްތައް އިންސާނުން އުފައްދާ
ދަ ޓައިމްސްހަބް.އިން
މެޝިންގ ލާރނިންގ އާއި އާރޓިފިޝަލް އިންޓެލިޖެންސް
އިންސާނުން ކުރިއަރައި ދިއުމުގައި އެންމެ މުހިއްމު އެކައްޗަކީ "މެޝިންގ ލާރނިންގ އާއި އާރޓިފިޝަލް އިންޓެލިޖެންސް"
 
މެޝިން ލާރނިންގ ގެ ބޭނުން ހިފައި އެއިން ކަންކަން ދަސްކޮށް ރަނގަޅު މަޢުލޫމާތު ހޯދުމަކީ މިހާރު ދުނިޔޭގައި ވަރަށް ޢާންމު ކަމެއް
 
ކޮމްޕިއުޓަރައިޒް އެއްޗެއްސަކީ އިންސާނުންގެ ބޭނުންތަކަށް ފަސޭހަކަމާއި އަވަސްކޮށް ހައްލުތަކެއް ހޯދައިދޭ އެއްޗެހި

ދުނިޔޭގައި ދިރިއުޅޭ އަމިއްލައަށް މަސައްކަތް ކުރެވޭ ހުރިހާ މަޚްލޫޤުންނަކީ ވެސް ދުނިޔެއަށް އުފަން ވުމަށް ފަހު ކޮންމެ ދުވަހަކުވެސް އެތައް ކަންތައްތަކެއް ދަސްކުރަމުން އަންނަ ބަޔެކެވެ. އެ މަޚްލޫޤުންގެ ތެރޭގައި ހިމެނޭ ދުނިޔޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވާ ފަރާތްތަކުން ކުރަމުންދާ ކަންކަން ބަލައި، ކެއުމާއި ބުއިމާއި އެއް ތަނުން އަނެއްތަނައް ދަތުރުކުރުމާއި އެކި ފަރާތްތަކާއި މުޢާމަލާތްކުރުމުގައި ގެންގުޅެންވާ ހުރިހާ އުސޫލުތަކެއްވެސް ދަސްކޮށް އުނގެނެމުންދަނީ މިފަދައިންނެވެ. އަދި އެފަދައިން އުމުރުން ދުވަސްވީ ފަރާތްތަކުން އަންނަން އޮތް ޖީލުތަކަށް ފެންނާނެހެން ދުނިޔެއަށް ދޫކޮށްފައިދާ އިލްމީ އެކި ކަހަލަ ލިޔުންތަކާއި ހިއްސާކޮށްފައިވާ ދިރިއުޅުމުގެ ތަޖުރިބާތަކުން އެތައް ކަންތައްތަކެއް ދަސްކުރަމުން ދެއެވެ.

އިންސާނުންނަކީ މި ދުނިޔެ މަތީގައި އުޅޭ އެހެނިހެން މަޚްލޫޤުންނާއި ޚިލާފަށް ބުއްދީގެ ބޭނުން ހިފައިގެން ދިރިއުޅުމުގެ އެކި މަރުހަލާތައް ކަނޑައްތުކުރަމުން އަންނަ ބަޔެކެވެ. ކުޑަ ކުއްޖަކު އުފަންވުމަށްފަހު އެކުއްޖާގެ މަންމަ އާއި ބައްޕަ އަދި ވަށައިގެންވާ އެހެނިހެން މީސްމީހުންގެ ޢަމަލުތަކާއި ވާހަކަދައްކާ ބަހާއި ރާގުތައް ދަސްކުރަން ފަށައެވެ. އަދި ހިނގަން ދަސްކުރަނީވެސް ބޮޑެތި މީހުންގެ އެހީތެރިކަމާއިއެކު އެމީހުން ހިނގާގޮތް ބަލައި އެއިން ފިލާވަޅުތަކެއް ލިބެމުންނެވެ. ކެއިންބުއިމާއި ނިދުމާއި ހޭލުން އަދި ހޭލުމަށް ފަހު ކުރާ ކަންކަން ދަސްކުރެއެވެ. ބޮޑު ވަމުން އަންނަ ވަރަކަށް ގާތްތިމާގެ މީހުންނާއި އެމީހުން އުޅޭ ގޭގެއާއި އެގޭގެއަށް ދާނެ ގޮތް ދަސްކުރަނީ އެންމެ ކުޑައިރުއްސުރެން މައިންބަފައިނާއި އެކު އެ ގޭގެއަށް ދިޔަ މަގުތަކާއި ހިނގަންވީ ގޮތް ވަރަށް ރަނގަޅަށް ދަސްކޮށްގެންނެވެ. ހަމައެހެންމެ، މީހަކު ކުރާ ސުވާލެއް ދެނެގަނެ އެ ސުވާލަށް ދޭނެ ޖަވާބު ދަސްކުރެއެވެ. ދުނިޔޭގެ ޙަޔާތުގައި އޮންނަނީ ދަސްކުރުމާއި ދަސްވާ ކަންކަން ކުރަމުންދިއުމެވެ.

އިންސާނާއަށް ލިބިފައިވާ ޢިލްމާއި، ވިސްނުމާއި ފިކުރުގެ ބޭނުންކޮށްގެން، އިންސާނުންގެ ބޭނުންތައް ފުއްދުމަށް ފަސޭހަވާނެ ފަދަ އެކި ކަހަލަ ވަސީލަތްތައް އިންސާނުން އުފައްދައެވެ. މިކޮންމެ ވަސީލަތެއްވެސް އުފައްދަނީ ދުވަހުންދުވަހަށް އިންސާނުން ކުރާ އެކި ކަހަލަ މަސައްކަތްތަކުގައި އަދި ދިރިއުޅުމުގެ މުހިއްމު ބޭނުންތަކަށް އެ ވަސީލަތެއްގެ ސަބަބުން ލުއި ފަސޭހަތަކެއް ހޯދުމަށެވެ.

މިގޮތުން މިހާރު ދުނިޔޭގައި އެކި ކަންކަން ދަސްކޮށް އުނގެނުމުގައި ގިނަ ބަޔަކު ބޭނުން ހިފަމުންދާ އެއް ވަސީލަތަކީ "މެޝިންގ ލާނިންގ ނުވަތަ އާރޓިފިޝިލް އިންޓެލިޖެންސް" އެވެ. "އާރޓިފިޝަލް ލާރނިން" އެވެ! މިކިޔަނީ އިންސާނުން އެމީހުންނަށް ލިބިފައިވާ އިލްމަކާއި ޙިލްމެއް ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗަކަށް ކިޔަވައިދީ ނުވަތަ މައުލޫމާތުތަކެއް އެ އެއްޗެއްގައި ރައްކާކުރުމަށްފަހު، އެ ރައްކާކުރާ މައުލޫމާތު އެހެން މީހުންނަށް ކިޔަވައިދީ ނުވަތަ އުނގަންނައި ދިނުމަށެވެ. އާރޓިފިޝަލް އެއްޗެއްސަކީ ޤުދުރަތީގޮތުން އުފެދިފައިވާ އެއްޗެހި ނޫން އެއްޗިއްސެވެ. މެޝިނަކީ އެ އެއްޗެއްގެ ބޭނުންކޮށްގެން ނުވަތަ އެ އެއްޗެއްގެ އެހީގައި އިންސާނުންގެ ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަމަށް ނުވަތަ ބޭނުންވާ ބޭނުންތައް ފުއްދުމަށް ފަސޭހަވެ ލުއިވެ އަވަސްކޮށްދޭނެ ފަދައިން އިންސާނުން އުފައްދާފައިވާ އެއްޗިއްސެވެ.

މެޝިން ލާރނިންގ ގެ ބޭނުން ހިފައި އެއިން ކަންކަން ދަސްކޮށް ރަނގަޅު މަޢުލޫމާތު ހޯދުމަކީ މިހާރު ދުނިޔޭގައި ވަރަށް ޢާންމު ކަމެއް

ކޮމްޕިއުޓަރ ނުވަތަ ކޮމްޕިއުޓަރައިޒް އެއްޗެއްސަކީ މިދެންނެވުނު ފަދައިން، އިންސާނުންގެ ބޭނުންތަކަށް ފަސޭހަކަމާއި އަވަސްކޮށް ހައްލުތަކެއް ހޯދައިދޭ އެއްޗެހި ކަމުގައި ކޮންމެ ބޭފުޅަކުވެސް ގަބޫލުކުރާނެއެވެ. މި ފަދަ އެއްޗިއްސަކީވެސް މިހާރު އޭތީގެ ވަށައިގެން ހިނގާ ކަންކަން ދެނެގަނެ، އެކަންކަން ރައްކާކޮށް އެ ފަދައިން ރައްކާކުރާ މައުލޫމާތުތައް، އެ މައުލޫމާތުތައް ބޭނުންވާ އެހެން ފަރާތްތަކަށް ކިޔާދީވެސް ހަދާ އެއްޗިއްސެވެ. މިސާލަކަށް ނަގާނަމަ، މީހަކު ހިނގާ މަގުތަކާއި ދާ ތަންތަން މި ނިޒާމުގެ ތެރެއިން ރައްކާކުރެއެވެ. އަދި އެހެން މީހަކު ތަނަކަށް ދާން ބޭނުންވެއްޖެ ނަމަ ދާންވީ މަގާއި އެތަން އެމީހަކަށް ދައްކައިދެއެވެ. މި ދަންނަވަނީ، މިހާރު ހުރިހާ ސްމާރޓް ފޯނެއްގައިގައިވެސް ބޭނުންކުރެވޭ އެއް ޚިދުމަތްކަމަށްވާ "މެޕް" އަދި މެޕުން ޑައިރެކްޝަން ދައްކައި ދިނުމުގެ ޚިދުމަތެވެ.

އަދި ހަމައެހެންމެ، ކޮމްޕިއުޓަރ އާއި ލެޕްޓޮޕް އަދި މޯބައިލް ފޯނުތަކުގައި މިހާރު ހުންނަ ފޭސް ރެކޮގްނައިސޭޝަން ނުވަތަ ކޯޑެއްގެ ގޮތުގައި ވެރިމީހާގެ ލޯ ދެނެގަތުމާއި، އިނގިލީގެ ނިޝާން ދެނެގަންނަ ގަތުމަކީ ކިހިނެއް ހިނގާ ކަމެއްތޯ ވެސް ވިސްނާލުމުންވެސް މިފަދަ އެއްޗިއްސަކީ އެ އެއްޗަކަށް ކިޔަވައިދޭ އެއްޗެހި ދަސްކޮށް ކުރިއަށް އޮންނަ ތަނުގައި އެ ދަސްކުރާ އެއްޗެއްގެ ބޭނުންހިފާ އެއްޗެހިތަކެއް ކަން ޤަބޫލުކުރެވޭނެއެވެ. އަދި ލެޕްޓޮޕާއި ކޮމްޕއުޓަރ އަދި މޯބައިލް ފޯނު އޭގެ ވެރިމީހާ ދެނެގަންނަނީ ނުވަތަ ދަސްކުރަނީ މެޝިން ލާރނިންގ އާއި އާރޓިފިޝަލް އިންޓެލިޖެރންސް ގެ ސަބަބުންކަން އެނގިގެންދާނެއެވެ.

ހަމަމިއާއެކު، މި ފަދަ ވަސީލަތްތަކުން މީހުންގެ މޫނު ފެނުމުން މީހާގެ މޫނު ދެނެގަނެ، އަޑު އިވުމުން އެ އަޑުތައް ދެނެގަންނަކަން ހާމަވެގެން އެބަ ދެއެވެ. މޫނު ފެނުމުން ނުވަތަ މީހާ ފެނުމުން އެމީހާ ދެނެގަންނަ ކަމުގެ އެންމެ އަލިގަދަ ހެއްކަކީ، ގޫގަލް ފަދަ ސާރޗިންގ އިންޖީނެއްގައި މީހެއްގެ ނަން ޖަހައި، ފޮޓޯތަކުން ހޯދަން ނުވަތަ އިމޭޖަސް އަށް ލައިގެން ހޯދުމުން އެމީހާ ދައްކައިދޭކަމެވެ. އަދި ޔޫޓިއުބް ފަދަ އެޕްލިކޭޝަންތަކުން މަޝްހޫރު މީސްމީހުންގެ ނަން ޖެހުމުން އެމީހަކާއި ގުޅޭ ވީޑިއޯފަދަ އެއްޗެހި ދައްކައިދޭކަމީވެސް މެޝިން ލާރނިންގ އިން ނުވަތަ އާރޓިފިޝަލް އިންޓެލިޖެންސް އިން އެއްޗެހިތަކެއް އުނގެނިފައިވާ ކަމުގެ ހެއްކެކެވެ. މިގޮތުން އިންސާނުންނެކޭ އެއްފަދައިން އެއް ފަހަރު ފެންނަ މީހާ އެއީ ކާކުކަން އެނގޭނަމަ، ދެވަނަ ފަހަރަށް އެމީހަކު ފެނުމުން ދެނެގަންނަ އުސޫލުން މި ފަދަ ޑިވައިސްތަކުން ވެސް އެއް ފަހަރު ފެންނަ މީހާ ދެވަނަ ފަހަރަށް އެބަ ދެނެގަންނަކަން އެނގެއެވެ.

ހަމަ މިފަދައިން، އަޑު ތައް ވެސް ދެނެގަނެ، ވާހަކަދައްކާ ރާގުތައް ދެނެގަނެ، ވާހަކަ ދައްކާ ބަހުރުވަތައް ދެނެގަނެ، ކިޔާ އެއްޗެއް ދެނެގަނެ، ރައްކާކޮށް އޭގެ ބޭނުން ހިފަމުންދާކަންވެސް ރަނގަޅަށް ވިސްނާލުމުން ފާހަގަވާނެއެވެ. މާނައަކީ، މިސާލަކަށް ސިރީ ކައިރީގައި ވަކި އެއްޗެއް ހޯދައި ދިނުމަށް އެދޭ އިރު އެ ބުނާ މީހާގެ އަޑާއި ރާގާއި ފިލިތަކާއި އެއްޗެހި ދެނެގަނެފައިވުމުން، އެ މީހަކު އެ ހޯދަން ބޭނުންވަނީ ކޯއްޗެއްކަން ވަރަށް ފަސޭހައިން އެނގި، އެ ހޯދަން ބޭނުންވާ އެއްޗެއް ނުވަތަ ކަމެއް ކޮށްދޭކަމެވެ. މި އުސޫލުން އަޑުދެނެގަނެ އެ މެޝިނަކުން ކިޔައިދިނުމުން އޭގެ ފައިދާ ތަހްޤީގުތަކަށް ބޭނުންކުރެވޭނެކަމީ ޝައްކެއްނެތް ކަމެކެވެ. މިސާލަކަށް މީހެއްގެ އަޑު ދެނެގަތުމަށްފަހު، އެމީހަކާއިބެހޭ ތަޙްޤީގެއް ކުރަމުންދާއިރު، އޯޑިއޯ ހެއްކެއް ހުށަހެޅިއްޖެ ޙާލަތެއްގައި އެ އޯޑިއޯ އެއްގައި އެވަނީ އެމީހެއްގެ އަޑުކަން ކުރީގައި ދަސްކޮށްފައިވާ ދަސްކުރުމުގެ އަލީގައި މެޝިނުން ކިޔާދޭނެއެވެ.

ތައުލީމު ޙާސިލްކުރަމުންދާ ކުއްޖާ ނުވަތަ ފަރާތުން، ކޮމްޕިއުޓަރުން ނުވަތަ މޯބައިލް ފޯނެއްގެ އެހީގައި މަޢުލޫމާތު މުއްސަނދިވެ، އުނގެނެމުންދާއިރު ކުރަންޖެހޭ އެކި ކަހަލަ މަސައްކަތްތައް ކުރުމުގައި، އެހެނިހެން ފަރާތްތަކަން އިންޓަރނެޓްގައި މިފަދަ މެޝިންތަކަށް ކިޔަވާދީފައި ހުންނަ ގިނަ މަޢުލޫމާތުތަކެއްގެ ބޭނުން ހިފެއެވެ. އަދި ވަޒީފާގެ މާހައުލުގައި ދިމާވާ އެކި އެކި ކަންކަން ޙައްލުކުރުމުގައި މި ނިޒާމުގެ ތެރެއިން އުނގެނި، އޭގެ ބޭނުން ހިފެއެވެ. ތައުލީމު އުނގެނޭ ފަރާތްތަކުން އަދި ވަޒީފާ އަދާކުރާ ފަރާތްތަކުން، ހަމައެކަނި ލިޔެފައިވާ ފޮތުގެ އެހީގައި ކަންކަން ކުރުމާއި ނިންމަމުން އައި ޒަމާން މިހާރު މިވަނީ ވަރަށްބޮޑަށް ފަހަތައް ގޮސްފައެވެ. މިހާރު ކޮމްޕިއުޓާރ މެދުވެރިކޮށް ގިނަ މަޢުލޫމާތުތަކެއް ލިބެމުންދެއެވެ.

މި ފަދަ ވަސީލަތްތަކުން މީހުންގެ މޫނު ފެނުމުން މީހާގެ މޫނު ދެނެގަނެ، އަޑު އިވުމުން އެ އަޑުތައް ދެނެގަންނަކަން ހާމަވެގެން ދޭ

ދިރިއުޅުމުގެ އެކި ކަންކަމުގައި ގޮތް ނިންމުމުގެ ކުރިން، މެޝިން ލާރނިންގ ގެ ބޭނުން ހިފައި އެއިން ކަންކަން ދަސްކޮށް ރަނގަޅު މަޢުލޫމާތު ހޯދުމަކީ މިހާރު ދުނިޔޭގައި ވަރަށް ޢާންމު ކަމެކެވެ.މިސާލަކަށް ބަލާނަމަ، އަންހެނަކު ބަނޑުބޮޑު ވުމަށްފަހު ވިހެއުމާއި ހަމައަށް، ކެއިންބުއިމާއި ނިދުމާއި ކަސްރަތުކުރުމުގައި ގެންގުޅެންވާ ރަނގަޅު އާދަތައް ވަރަށް ގިނަ ބަޔަކު ބަލައި ހަދައެވެ. އަދި ހަމައެހެންމެ، ވެހެއުމަށްފަހު، މައިމީހާ އާއި ދަރިފުޅުގެ ސިއްޙަތާއި ގުޅިފައިވާ އެކި އެކި ކަންކަން މިފަދަ މެޝިންތަކަށް، ކަމުގެ ޢިލްމު ލިބިފައިވާ ޑޮކްޓަރުންނާއި އެހެނިހެން މާހިރުންގެ ހޯދުންތަކާއިއެކު ލިޔެފައި ހުންނަ ނުވަތަ މެޝިންއަށް ދޫކޮށްފައި ހުންނަ ޢިލްމުގެ ބޭނުން ދުނިޔޭގެ ގިނަ އަދަދެއްގެ މައިންނަށް ހިފެއެވެ. އަދި ވަރަށް ރަނގަޅަށް ހިފަމުންދެއެވެ.

ވިސްނާލަން ޖެހޭ މުޙިއްމު ކުރިއެރުންތަކެއް ޓެކްނޮލޮޖީގައި އަބަދުވެސް ދުނިޔެ ހޯދަމުންދެއެވެ. އެއްބަޔަކު އަނެއްބަޔަކާއި ގުޅުވައިދޭ "ސޯޝަލް ނެޓްވޯކިންގ" ސައިޓްތަކާއި އެޕްލިކޭޝަންތަކާއި މެދު ވިސްނާލަމާތޯއެވެ. ދިވެހިރާއްޖޭގައިވެސް އަދި ދުނިޔޭގެ އެހެނިހެން ގިނަ ޤައުމުތަކެއްގައިވެސް ދޭދޭ ފަރުދުން ގުޅުވައިދިނުމުގައި މިހާރު އެންމެ މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ފޭސްބުކް އާއި މެދު ފިކުރު ހިންގާލަމާތޯއެވެ. ފޭސްބުކުގައި މީހާގެ ޕްރޮފައިލް ނުވަތަ ވަނަވަރެއް ހަދާއިރު ތަޢުލީމީ ޙަޔާތާއި ވަޒީފާއާއި ދިރިއުޅޭ އަދި ކުރިން އުޅެފައިވާ ތަންތަނުގެ މަޢުލޫމާތުތައް ހިމަނާލެވެއެވެ. މީގެ ސަބަބުން، ފޭސްބުކް އެ މީހަކަށް ވަކި ތައުލީމީ މަރުކަޒެއްގައި ނުވަތަ ވަޒީފާ އަދާކުރި މާހައުލެއްގައި ނުވަތަ ދިރިއުޅުނު ތަނެއްގައި އެކީގައި އުޅެފައިވާ ފަރާތްތައް ފޭސްބުކުން ހޯދައިދެއެވެ. އަދި ފޮޓޯއެއް ފޭސްބުކަށް ލާއިރު ފޮޓޯ ދެނެގަނެ، ފޮޓޯގައި ތިބި މީހުން ދެނެގަނެއވެ. އަދި އެމީސްމީހުން "ޓެގް"ކުރަން ފުރުސަތު ދެއެވެ. ވިސްނާލަން ޖެހެނީ، ފޭސްބުކް މިކަންކަން ނުވަތަ މި މީސްމީހުން ދެނެގަންނަނީ ކިހިނެއްތޯ؟ ޖަވާބު ވަރަށް ސާފެވެ، ފޭސްބުކް އެވަނީ އެމީހާ ކިޔަވާފައެވެ. ނުވަތަ އެތަންތަން ދަސްކޮށްފައެވެ. ފޭސްބުކް އެމީހުން ދުރުގައި ތިއްބަސް ގާތްކޮށްދެނީ ފޭސްބުކް އުނގެނިފައިވާ އުނގެނުންތަކެއްގެ އެހީގައެވެ.

މީގެ އިތުރުން، މެޝިންގ ލާރނިންގ އާއި އާރޓިލފިޝަލް އިންޓެލިޖެންސްގެ މިޒަމާނުގައި މުހިއްމުވެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ކަމުގެ އެންމެ އަލިގަދަ އެއް ހެއްކަކީ، ގިނަ ބަޔަކު ބޭނުންކުރަމުންދާ ސްމާރޓް ފޯނުތަކުގައި "ސިރީ" އާއި އެފަދަ އެހެން ނިޒާމުތަކާއިމެދު ނަޒަރު ހިންގާލަމާތޯއެވެ. މި ފަހަކަށް އައިސް އަލަށް އުފައްދައި ބާޒާރަށް ނެރެމުންދާ ކޮންމެ ފޯނަކީވެސް ކުރިން ނެރެފައިވާ ފޯނުތަކަށްވުރެން އިންޓާރނަލް ސްޓޯރޭޖް ބޮޑުކޮށް ނެރެމުން އަންނަ ފޯނުތަކެކެވެ. އަދި ކޮންމެ ސްމާރޓް ފޯނެއްވެސް ގޫގަލް އެކައުނޓާއި ގުޅުވާލައި ގޫގަލް ޑްރައިވް ގައިވެސް މުހިއްމު ކިތައްމެ އެއްޗެއް ސްޓޯރު ކުރެވޭނެ ފުރުސަތުވެސް ފޯނުގެ ވެރިފަރާތައް ލިބިގެންދެއެވެ. ގިނަ ބަޔަކު އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފައެވެ. މިގޮތުން މުހިއްމު އެތައް ލިޔެކިއުމަކާއި އެހެނިހެން ޑޮކިއުމެންޓްސް ވެސް ފޯނުގައި ރައްކާކުރެއެވެ. އެހިސާބުން ކުރިން މި ދެންނެވުނު ފަދަ، ސިރީ ނުވަތަ އެހެންވެސް އެފަދަ ނިޒާމެއް ނުވަތަ ލޮލަށް ނުފެންނަ ފޯނުގެ ތެރޭގައި އުޅޭ، މުޅި ފޯނު ހިތުދަސް ފަރާތެއްގެ ބޭނުން ޖެހެއެވެ. މަސައްކަތުގެ މާހައުލުގައި ދުވަހުގެ ގިނަ ވަގުތުތަކެއް ހޭދަކުރަމުންދާ މިފަދަ ޒަމާނެއްގައި ބޮޑު ސްޓޯރޭޖެއްގައި ރައްކާކޮށްފައިވާ ޑޮކިއުމެންޓެއް ހޯދުމަށް ނުވަތަ އިންޓަރނެޓްގެ އެހީގައި މަޢުލޫމާތެއް ހޯދުމަށް ވިޔަސް ނުވަތަ ފޯނުގައި ސޭވް ކޮށްފައިވާ ފަރާތަކަށް ގުޅާލުމަށް ވިޔަސް އަދި އެތައް އެތައް ކަމެއް ކުރުމުގައި ފަސޭހަކޮށްދީ ވަގުތު ސަލާމަތްކޮށްދިނުމުގައި މިދެންނެވުނު ފަދައިން، މެޝިންގ ލާރނިންގ އާއި އާރޓފިޝަލް އިންޓެލިޖެންސްގެ އެހީގައި މުޅި ފޯނު ނުވަތަ އެ ޑިވައިސް ހިތުދަސްކޮށްފައިވާ ފަރާތުގެ ބޭނުން ހިފައެވެ.

އެކި އެކި ދާއިރާތަކުން ކިޔަވައިގެން ތިބި އެ ދާއިރާތަކުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ފަރާތްތަކުން، އެ ފަރާތްތަކަށް ލިބިފައިވާ ޢިލްމާއި ޙިލްމުގެ އަލީގައި އެހެނިހެން ފަރާތްތަކަށް، ޒަމާންތަކަށް ދެމިގެންދާނެހެން ރައްކާކުރެވިފައި ހުންނާނޭ ފަދައިން، އެފަރާތްތަކުން ބޭނުންކުރައްވަމުންދާ މިފަދަ މެޝިންތަކަށް ދޫކޮށްލަނީ ވަރަށްވެސް މުހިއްމު ޢިލްމީ ޚަޒާނާތަކެކެވެ. ޢާންމު ގޮތެއްގައި ދުނިޔޭގައި ގިނަ ތަޖުރިބާ ތަކެއް ލިބިފައިވާ، ޑޮކްޓަރުންނާއި، ސައިންޓިސްޓުންނާއި، އިންޖިނިއަރުން އަދި ޓީޗަރުންނާއި ވިޔަފާރިވެރިންގެ "ބްލޮގްސް"ތަކުގައި، އެ ފަރާތްތަކާއި ގުޅުންހުރި ދާއިރާތަކުން އުނގެނެމުންދާ ފަރާތްތަކަށާއި އަމަލީ ގޮތުން އެފަދަ ކަންކަމުގައި އުޅޭ ފަރާތްތަކަށް ކުރިއަށް ދިއުމަށް ބޭނުންވާނެ މުހިއްމު ގިނަ މަޢުލޫމާތްތަކެއް އަބަދުވެސް ހިއްސާކުރަމުން ގެންދެއެވެ. ވިސްނާލަން ޖެހޭ ކަމަކީ، އެ މަޢުލޫމާތުތައް ނުވަތަ ފިލާވަޅުތައް އެފަރާތްތަކުން ކިޔަވައިދެނީ އެ ބޭނުންވާ މީހުންނަށް ނޫންކަމެވެ، އެ ފިލާވަޅުތައް ކިޔަވައިދެމުންދަނީ މެޝިން ނުވަތަ މެޝިންތަކަކަށެވެ. އަދި އެ ފިލާވަޅުތަކުން ކިޔަވަމުންދާ ފަރާތްތަކަށް ކިޔަވައިދެނީ އެ މެޝިންތަކުންނެވެ.

މަތީގައި ބަޔާންކުރެވުނު ގިނަ ކަންކަމަށް ބަލާއިރު، މެޝިން ލާރނިންގ އަކީ މިވަގުތަށް ބަލާއިރު ދިވެހިރާއްޖެއަށް، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެތައް މައުލޫމާތުތަކެއް ފޯރުކޮށްދީ އުނގަންނައިދީ، އެހެނިހެން ފަރާތްތަކަށް އުނގަންނައި ދިނުމަށް މުހިއްމު ދާއިރާއެއް ކަމުގައި ޤަބޫލުކުރެވެއެވެ. އަދި މިފަދައިން ކިޔަވައިދީ މެޝިންތައް ނުވަތަ އިތުރަށް ރައްޔިތުންނަށް ބޭނުންވާނެ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ކަނޑައަޅާ ވަސީލަތްތައް މައުލޫމާތުގެ ގޮތުން މުއްސަނދި ކުރުމުގައި ސަރުކާރުގެ އިދާރާތަކުން އިސްނަގައި މިކަން މިމަގުން ގެންދިއުމުގެ މުހިއްމުކަން ފާހަގަ ކުރެވެއެވެ. ދިވެހިރާއްޖޭގެ ރަށްރަށާއި ރަށްރަށުގެ ޢާންމު ދިރިއުޅުމުގެ ޙާލަތާއި ވަކި ވަކި ފަރުދުންގެ ޢާންމު ދިރިއުޅުގުގެ ޙާލަތު މިހާރަށްވުރެން ބޮޑަށް ފެންނާނެހެން، އެ މަޢުލޫމާތުތައްވެސް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ ފަދައިން ފެންނަން ހުރުމަކީވެސް ނުހަނު ބޭނުންތެރި ކަމެއްކަމުގައި ފެނެއެވެ.

ޓެކްނޮލޮޖީ ކުރިއަރާފައިމިވާ ޒަމާނުގައި، ކޮންމެ މީހަކު ބޭނުންވާ ކޮންމެ މައުލޫމާތަކީ ވެސް ފަސޭހަކަމާއިއެކު، ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ، އެ މަޢުލޫމާތުގެ އަލީގައި ދިރިއުޅުމުގެ އެކި ހިސާބުތަކުގައި ނިންމަންޖެހޭ މުހިއްމު ނިންމުންތައް ނިންމުމަށް އެހީތެރިއަކަށް ވެގެން ދިއުމަކީ ކޮންމެހެންވެސް ވާންޖެހޭ ކަމެއްކަމުގައި ދެކެމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
100%
0%
0%
0%
0%
0%
ކޮމެންޓް