ކ. މާލެ
|
16 އޮކްޓޯބަރ 2020 | ހުކުރު 11:33
ކުރީގެ ރައީސް ޔާމީން އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ
ކުރީގެ ރައީސް ޔާމީން އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ
ރާއްޖެއެމްވީ
ސިޔާސީ ދުނިޔެ
އަދުރޭ އެވެ. ހަމަ ރަނގަޅަށް ވެސް ޖަލަން ދާން ބޭނުންވަނީތޯ އެވެ؟
ހިޔާނާތުގެ ލިސްޓުން ނަން ނަގައިދިނުމަށް އެދި އަދުރޭ އަދީބާއި ބައްދަލުކުރި
މިސަރުކާރުން އަދުރޭ ޖަލަށް ލުމަކީ ޖިހާދެއް ކަމުގައި ބުނި
ޖަލަށް ލާދިނުމަށް އެދި އަމިއްލަ ޕާޓީގެ މެންބަރުންގެ ކިބައިން އަދުރޭ އާދޭސް ކުރި

މަމެންގެ ސަރުކާރެއްގައި ޖަލަށް ލާން "ލާހިކު ކުޅާދާއެއް ނޫނޭ" ބުނެ ހިތު ހުރި ގޮތަކަށް އުޅެމުން ދިޔައީ ދުނިޔެ މައްޗަށް އަނދިރިކަން ވެރިވީމަތޯއެވެ؟ ނޫނީ ރައްޔިތުންގެ ލޯ މައްޗަށް ފެންނަހެން އެއްވެސް "ހަމައެއް ލަމައެއް ނެތި ތޯ" އެވެ؟ އުޅެވުނީ އާސުމާނުގައި ކަމާއި، ދުނިޔެ އޮތީ ހިތަކަށް ލިބިފައި ކަމަށް ވެސް އޭރު ދެކުނީމު ނޫންތޯއެވެ؟

އަދުރޭ އެވެ. ހަމަ ރަނގަޅަށް ވެސް ޖަލަށް ދާން ބޭނުންވަނީ ތޯ އެވެ؟ މިހެން މި އަހާލެވުނީ ދާދި މިދާކަށް ދުވަހު ކަން ހިނގި ގޮތް ހިތަށް އަރާފައި، ތިޔަ ވިދާޅުވެވުނީ މުޅިއަކުން ގޯސް ވާހަކައެއް ކަމަށް ނުދެކޭތީއެވެ. އަދުރޭމެންނަށް ވުރެ އެތައް ތަނެއް ކުރީގައި އުޅުއްވި، ކުރީގެ ރައީސް ޔާމީން ޖަލަށް ލާން ޖެހުމަކީ ތިޔަ ވިދާޅުވެވުނު ވާހަކަ އަށް ބާރު ލިބޭ ޖުމުލައަކަށް ވެސް ފަހަރުގައި ވެދާނެއެވެ. "އެޑްވާންސް" ކޮށް ވައްކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި، ހަލާލު ހަރާމް ނުބަލާ ގެއަށް ފައިސާ ވައްދާ ވާހަކަ، ރައްޔިތުންގެ ކުރިމަތީގައި ދެއްކުމަކީ މިއަދު އެމަނިކުފާނު "އެޑްވާންސް" ކޮށް، ޖަލުގައި އޮންނަން ޖެހުނު މައިގަނޑު ސަބަބު ކަމުގައި ވެސް ވެދާނެ އެވެ. ސިޔާސީ ވިޔަސް ދައްކަން ނުޖެހޭ "ސިޔާސަ" ވާހަކަ ހުންނަ ކަން ވެސް ހަނދާން ބަހައްޓަން ވާނެއެވެ.

އަދުރޭ މެންގެ އިނގިލި ކުރީގައި އިން އަގު ބޮޑު އަނގޮޓީގެ ވަހަކަ ވެސް ދެއްކީ އެވަރަކަށް ނޫނެވެ. އޭގެ އަގަށް ވާވަރަށް އެވެނި ކަމެއް ކަލޭމެންނަށް ނުވާނެއޭ ވެސް ބުނެ އުޅުނީ ހަމަ އަދުރޭ ނޫން ބާވައޭ ހިތަށް އަރައެވެ. އެހެން ކަމަށްވާ ނަމަ "އެޑްވާންސް" ކޮށް ވައްކަން ކުރާ ވާހަކަ ދެއްކި މީހާ ޖަލަށް ލާފައި، އޭގެ ދަށުން ތަމްރީނުވީ މީހުންގެ މައްޗަށް ޝަރީއަތެއް ނުހިންގާ ބޭތިއްބުމަކީ އިންސާފެއް ކަމަކަށް ރައްޔިތުން ނުދެކޭނެއެވެ.

މަނީ ލޯންޑަރ ކުރުމުގެ ސަބަބުން ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން

އަދުރޭ އަށް ދަންނަވަންތޯއެވެ؟ މި ޤައުމުގެ ވެރިޔަކަށް އިންތިހާބު ކުރުމަށް، ރައްޔިތުން ނުކުމެ އިބްރާޙީމް މުޙައްމަދު ޞާލިހަށް ވޯޓު ދިނީ އަބްދުއްރަޙީމް އަބްދުﷲ ޖަލަށް ލާކަށް ނޫނެވެ. ނޫން ނަމަ އަދުރޭ އަމިއްލަ އަށް ޖަލަށް ދާން ބޭނުން ވެގެން ވިދާޅުވެވުނު ދުވަހު ރާއްޖޭގެ ރައީސް ކަމުގައި އިބްރާޙީމް މުހައްމަދު ޞާލިހު ހުންނެވުމަކީ އެބޭފުޅާގެ ކުށެއް ވެސް ނޫނެނެވެ. އެއީ ހަމަ އިއްތިފާގެކެވެ.

ކުށްކުރި މީހާއަށް ހައްގު އަދަބު ދިނުމަށް އަބަދު ވެސް އެމްޑީޕީން އަންނަނީ ގޮވާލަމުންނެވެ. އެ ޕާޓީގެ ސަރުކާރެއްގައި އެކަން ތަންފީޒު ކުރަމުން އަންނައިރު، ޖަލަކީ ކޮންމެ މީހަކު "ހަމަ" ދާން ބޭނުންވީމަ ދާން ހުންނަ ތަނެއް ކަމުގައި އެބައި މީހުން ނުދެކެއެވެ.

ޖަލަށް ލާން ޖެހެނީ ބޮޑެތި ކުށްތަކަށް އަރައިގަތުމުންކަން ހަނދާން ކުރަންވާނެއެވެ. މަނިކުފާނު އަދި ޖިނާއީ ހުކުމެއް އައިސްގެން ޖަލަށް ދާން ނުޖެހުނެއް ކަމަކު، މިނިވަން މުސްތަގިއްލު ޖުޑިޝަރީއެއް ހިނގަމުން މިދާ ގައުމުގައި ހެޔޮވަރު ފައިލެއް ހުޅުވާލާ ދުވަހަކު އަދުރޭ ޖަލަށް ދާން ޖެހުމަކީ ވެސް ހަމަ ނުވެ ނުދާނެ ކަމަކެވެ. ފަހަރުގައި އެއީ ސަބަބަކަށް ވެސް ވެދާނެއެވެ.

އަދުރޭ އެވެ. ހީފުޅުވެގެން ތިޔަ އުޅުއްވަނީ މި ގައުމުގެ ވެރިކަމުގައި އަދިވެސް ހުރީ އަބްދުﷲ ޔާމީން ކަމަށް ތޯ އެވެ؟ އެދުވަހެއްގައި ބޭނުންފުޅުވި ކޮންމެ މީހަކު ނުހައްގުން ޖަލަށް ލަމުން ދިޔަ ދުވަސް އަދިވެސް ތަކުރާރު ކުރައްވަން ބޭނުންވަނީ ތޯ އެވެ؟ އަދުރޭ އެވެ. މިއީ ތިން ބާރު ވަކިވެގެންދާ މިނިވަން މުސްތަގިއްލު ވެރިކަމެކެވެ. މި ސަރުކާރުން ނުހައްގުން އެއްވެސް މީހަކު ޖަލަކަށް ނުލާނެކަން މި އަންނަނީ ސާބިތުކޮށްދެމުންނެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފައި ނޯންނާނެ ކަމަށާއި އެކަން ކުރި މީހަކީ އަދީބު ކަމަށް ދައްކަން ވެސް އަދުރޭ މެން ތިޔަ ދަނީ ލައްކަ ބުހުތާނު ހަދަމުންނެވެ. އެތައް ބައެއްގެ ބޮލަށް އެކަން ކަނޑަމުންނެވެ. އެހެނަސް މިފަހަރު އެކަމުން ސަލާމަތްވާން ކުރެވޭނެ މާބޮޑު ކަމެއް އޮތް ކަމަކަށް ނުދެކެމެވެ. ދާދި މިދާކަށް ދުވަހު މިވަނީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ ލިސްޓުގައި އަދުރޭގެ ނަން އޮވެގެން އެ ލިސްޓުން ނަން ނަގައިދިނުމަށް އެދި އަދީބާއި ބައްދަލުކުރި ވާހަކަ ފެންމަތިވެފައެވެ. ޖަލަށް ލާނެކަން އެނގިގެން އެކަމާ ތެޅިގެންފައެވެ. ހަމަ އަދިވެސް ވިދާޅުވާނީ ހެޔޮ ނުވާނެޔޭ ތިމަންނާ ޖަލަށް ލާދޭށޭ ހެއްޔެވެ.

އަދުރޭ އެވެ. ރައްޔިތުންގެ ކަންފަތަށް އިވޭ ގޮތަށް ހޮޅި ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެއެވެ. ރައްޔިތުން ގަބޫލުކުރާ ޒާތުގެ އޮށްޓަރު ހުރި ވާހަކައެއް ދައްކަންވެއްޖެއެވެ. އަބަދުވެސް ނިކަން ފަރިތަކޮށް ދައްކަވަމުން ގެންދަވާ ދޮންބާޑަރައިންނާއި، ހަސަން ތަކުރުފާނުގެ ވާހަކަ ދައްކަން ވީނުންތޯއެވެ. އެ ވާހަކަތައް ރައްޔިތުން ޝައުގުވެރިކަމާއެކު އަޑު އަހާނެއެވެ. އަދި ޖަލުގައި އޮތް މަނިކުފާނުގެ "އަލިރަސްގެފާނު" ވެސް ނިކަން ކަނުލާ އަޑު އަހާނެއެވެ. އެއީ ތާރީހުން އެވާހަކަތައް އައިސްފަ ހުރީމައެވެ. ނަމަވެސް މިއަދު ތިމަންނާ ޖަލަށް ލާށޭ ކިޔައި ކުރެވިފައިހުރި ކަންތައްތަކުން ބަރީއަވާން އުޅުމުގެ އެއްވެސް މާނައެއް ނެތެވެ. ކުރެވުނު ކަމެއް ކުރެވިފައި އޮތީ ހީއަކަށް ނުވަތަ އަދުރޭ ލައްވާ ގަދަކަމަކުން ނޫނެވެ.

ޖަލަށް ދާން ބޭނުން ނަމަ ފާޅުގައި ކުށަކަށް އަރައިގަންނާށެވެ. ނޫންނަމަ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތިމަންނާގެ އަތެއް ވާނެ ކަމަށް ވިދާޅުވާށެވެ. މިހެން މިބުނީ މުޒާހަރާ ކުރަން އެއްވަން ބޭނުންނަމަ ހައްޖަށް ދާންވީނޫންހޭ މިގައުމުގެ ކުރީގެ ވެރިޔަކު ބުނެފައިވާތީ އެ މިސާލުން މިސާލު ނަގައިގެންނެވެ. އަދުރޭއެވެ. ކިތަންމެ ދާން ބޭނުން ވިޔަސް އަދި ނުވިޔަސް، ޖިނާއީ ކުށަކަށް އަރައިގަނެފައި އޮތިއްޔާ އަދުރޭއެއް ކަމަކު ޖަލުގެ ތޭރިތަކުގެ އެތެރެއަށް ލާނެއެވެ. މިހާ އަވަހަށް ޖަލަށް ދާ ވަހަކަ ތިޔަ ދެއްކެނީ ވެސް އެކަން އެމަގުން ދާނެ ކަން އަމިއްލަފުޅަށް ކަށަވަރުވެފައި އޮތީމަ އެވެ.

- ކޮމެންޓް