ކާބޯތަކެތި އަތް ފޯރާ ފަށުގައި ހުރުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމަކުން އަރައި ގަތުމަށް ކޮންމެހެން ބޭނުންތެރިކަމެއް: މިނިސްޓަރު ޒަހާ
16 އޮކްޓޯބަރު 2020 | ހުކުރު 07:54ފުދުންތެރި ކުޑަ މުޖުތަމައުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށް ބަލަން ޖެހޭ


މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު، ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވޭ
ކާބޯތަކެތި އަތް ފޯރާ ފަށުގައި ހުރުމަކީ ކޮވިޑް-19 ފަދަ ބަލިމަޑުކަމަކުން އަރައި ގަތުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމެއް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި މިނިސްޓަރު ޒަހާ ވިދާޅުވީ އިޖުތިމާއީ، ސަގާފީ ގޮތުން ވެސް ކާބޯތަކެއްޗަކީ ދިރިއުޅުމުގެ އެންމެ މުހިންމު އެއްބައި ކަމަށެވެ. މުޅި ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށްވާއިރު، ރައްކާތެރި އަދި ހަށިގަނޑަށް ފައިދާ ކާބޯތަކެތި އަތް ފޯރާ ފަށުގައި ހުރުމަކީ ކޮވިޑް-19 ފަދަ ބަލިމަޑުކަމަކުން އަރައި ގަތުމަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ. އަދި ވަކިން ޚާއްސަކޮށް ފުދުންތެރި ކުޑަ މުޖުތަމައުތައް ދިރިއުޅޭ ފަރާތްތައް ބަލިމަޑުކަމުން އަސަރު ކުރާ މިންވަރު ކުޑަ ކުރުމަށް އެހާ ވެސް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަމުން ދަނީ ދުނިޔެ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހިތްދަތި ދުވަސްތަކެއް ގުނަމުންދާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވައި މިނިސްޓަރު ޒަހާ ވިދާޅުވީ މިދަނޑިވަޅުގައި ވެސް ރާއްޖޭގެ ރައްޔިތުން ދަނޑުވެރިކަން ކުރުންމަތީގައި ސާބިތުވެ ތިބުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ކާބޯތަކެތީގެ ފުދުންތެރިކަން ދުނިޔެއަށް ގެނެވޭނީ އެންމެން އެކުގައި މަސައްކަތް ކުރެވިގެންކަން ފާހަގަކުރައްވައި މިނިސްޓަރު ޒަހާ ވަނީ ރާއްޖޭގެ މަސްވެރިންނާއި ދަނޑުވެރިން އަދި ދަނޑު ގޮވާން ކުރާ ފާރާތްތައް އަދި ކާބޯތަކެތި އުފައްދާ ފަރާތްތައް ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.









