ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓުން ވެސް ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރު ބާތިލް ކަމަށް ނިންމުމާއެކު އެންމެ ބޮޑަށް ތެޅިގަތީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕާއި އިދިކޮޅު ކޯލިޝަންގެ އެކްޓިވިސްޓުން ނެވެ.
ރައީސް ޔާމީން، މޯލްޑިވްސް އިސްލާމިކް ބޭންކްގައި އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ 8 އެކައުންޓެއް ފްރީޒް ކުރުމަށް ކްރިިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއް ކަމަށް ސުޕްރީމް ކޯޓުން ނިންމީ މިދިއަ ބުރާސްފަތި ދުވަހު އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރުމާއެކު، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަގުތުން ނޫސްވެރިންގެ ބައްދަލުވުމެއް ހަމަޖައްސައި، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިއަދު ރައީސް ޔާމީނުގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ދޭހަ ވަނީ މި ސަރުކާރުން އެމަނިކުފާނަށް ކުރަމުން އަންނަ އަނިޔާ ކަމަށާއި، އަދި މިއަދު ސުޕްރީމް ކޯޓުގެ ހުކުމުން ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަކީވެސް މިފަދަ ބާތިލު ދައުވާތަކެއްކަން ސާބިތުވާ ކަމަށެވެ. އަދުރޭ ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ސަރުކާރުން އުފުލާފައިވާ ދައުވާތަކަކީ ނުހައްގުން އެމަނިކުފާނަށް އަނިޔާކުރުމަށް ސަރުކާރުން އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ، ރައީސް ޔާމީނަށް ނުހައްގުން ކުރާ އަނިޔާ މިހާރުން މިހާރަށް ހުއްޓާލައި، މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުމަށް، ސަރުކާރާއި ކަމާގުޅުންހުރި ހުރިހާ އިދާރާތަކަށް، އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއަށް ގޮވާލާފަ އެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިިނަލް ކޯޓުން އަމުރު ނެރެފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވީ، ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށާއި، ނުހައްގުން ދިން އަނިޔާގެ ބަދަލު ލިބެންޖެހޭނެ ކަމަށެވެ.
އަދުރޭ އާއި ޝިޔާމް އެކޭ އެގޮތަށް، ރައީސް ޞާލިހުގެ ސަރުކާރު ކޯލިޝަނުގައި ވެސް ހިމެނޭ، ދިގު 30 އަހަރު ވެރިކަން ކުރެއްވި ވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، އަދި ރައީސް ޔާމީން އެންމެ އިތުބާރު ކުރައްވާ އެއް ބޭފުޅާ ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ގައްސާން މައުމޫން ވެސް ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައްވާފަ އެވެ.
ކުރިން ދެންނެވިހެން، ރައީސް ޞާލިހުގެ ސަރުކާރާއެކު ކޯލިޝަން ހައްދައިގެން ބައްޕާފުޅާއިއެކު އުޅުއްވަނީ ގައްސާނުގެ ބޭބޭފުޅު ފާރިސް މައުމޫން އާއި ދައްތާފުޅު އަދި މިސަރުކާރުގެ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެވެ. ރައީސް މައުމޫންގެ ކޮށްކޯފުޅު ކުރީގެ ރައީސް ޔާމީނާއެކު އިދިކޮޅު ކޯލިޝަނުގައި އުޅުއްވަނީ ގައްސާނާއި އޭނާގެ ދައްތާފުޅު ދުންޔާ މައުމޫން އެވެ. މިއީވެސް ފާޑެއްގެ ކަމެއްވީމައި މިވާހަކަވެސް ހަމަ ފާހަގަކޮށްލީ އެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމާއެކު ގައްސާނު ވިދާޅުވީ، އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ މަސައްކަތް ނިންމާނީ ރައީސް ޔާމީން މިނިވަންކޮށް، ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލުގެ ހިމާޔަތުގައި، ދިވެހި އިގްތިޞާދާއި ރައްޔިތުންގެ ކުރިމަގު އުޖާލާކުރުކުރަން ރައީސް ޔާމީން 2023 ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރުމަށްފަހުގަ ކަމަށް ވިދާޅުވެ، ބައްޕާފުޅާއި ބޭފުޅަކާއި ދައްތާފުޅެއް ހިމެނި ވަޑައިގަންނަވާ ސަރުކާރުން ކޯލިޝަނަށް ރައްދު ދެއްވާފަ އެވެ.
ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމާއެކު، އިދިކޮޅު ޕީޕީއެމް ކޯލިޝަނުގެ ލީޑަރުން ތެޅިގަނެ، ފާޑުފާޑުގެ ވާހަކަތައް ދައްކަވާއިރު، ކަމުގެ ހަގީގަތް ބަލާލުން ވެސް ރަނގަޅު ނޫންތޯ އެވެ.
ސުޕްރީމް ކޯޓުގައި ކުރިން، ފައިސާއާއި ނުފޫޒުން ހުކުމް ލިޔުއްވަމުން ގެންދެވި، ފަނޑިޔާރުން ބޭރުކުރުމަށްފަހު، އަދުލްއިންސާފް ގާއިމު ކުރުމާއި ޖުޑީޝަރީ އިސްލާހު ކުރުމަށް ރައީސް ޞާލިހުގެ ސަރުކާރާއި އެމްޑީޕީގެ "އެޖެންޑާ 19"ގެ ދަށުން ކުރަމުންދާ މަސައްކަތުގެ ފޮނި މީރުކަން ލިބެމުންދާ ކަމުގެ ހެކި މިއަދު މިދަނީ ފެންނަމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލުކޮށް، އިހުލާސްތެރި ފަނޑިޔާރުން އަައްޔަން ކުރުމުގެ ނަތީޖާއަކީ ވަކި މީހެއްގެ މޫނަށް ބެލުމެއްނެތި، ކުރިމަތީގައި އޮތް މައްސަލައަށް، އިސްލާމީ ޝަރީއަތާއި، ގާނޫނުއަސާސީއާއި ގާނޫނުތަކަށް ރިއާޔަތްކޮށް ގޮތެއް ނިންމުމެވެ. އެކަން ވަރަށް ފުރިހަމައަށް މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ކުރައްވަމުން ގެންދަވާތީ ސެލިޔުޓް ކުރާވަރު ވެއެވެ.
އިދިކޮޅު ކޯލިޝަނުގެ އިސްބޭފުޅުންނަށް ސާފު ނުވެއޮތް ކަމަށް ގަބޫލު ކުރެވޭ ބައެއް ކަންކަން:
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވަނީ ރަނގަޅަށެވެ. އަސްލު ކުރުކޮށް ފޮނިކޮށް ބުނާނަމަ، ކްރިމިނަލް ކޯޓުގެ އެ އަމުރުގެ ދަށުން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ވެސް އެންމެ ތިން މަސް ދުވަހަށެވެ. އެއީ ކްރިމިނަލް ކޯޓުން އެ އަމުރު ނެރުނު ތާރީހު ކަމަށްވާ 13 ޑިސެމްބަރު 2018 އިން ފެށިގެން 12 މާރޗު 2019 ވަނަ ދުވަހުގެ ނިޔަަލަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ އެއަމުރުގެ ދަށުން ފްރީޒްކުރި ރައީސް ޔާމީންގެ އެކައުންޓްތައް 12 މާރޗު 2019ގެ ފަހުން އެވަނީ ދޫވެފަ އެވެ. މާނައަކީ ކްރިމިނަލް ކޯޓުގެ އެއަމުރުގެ ދަށުން 12 މާރޗް 2019 ވަނަ ދުވަހު ފެށިގެން ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކޮށްފައި ނުވާކަމެވެ.
ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އެ އަމުރު ނެރުމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި 10 ޖެނުއަރީ 2019 ވަނަ ދުވަހު އެއަމުރު އިސްތިއުނާފް ކުރި އެވެ. އަދި ކްރިމިނަލް ކޯޓު އެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 އަދި 73 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމާ ހިލާފަށް ކަމަށްވާތީ، ހައިކޯޓުން ވަނީ 31 މާރޗް 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލްކޮށްފަ އެވެ. ނަމަވެސް ހައިކޯޓުގައި މިމައްސަލަ ހިނގަމުން ދަނިކޮށް ދައުލަތުން ވަނީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރުގެ މުއްދަތު ހަމަވާތީ އިތުރު އަމުރެއް ހޯދިކަމަށް ވެއެވެ.
ހައިކޯޓުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރުމުން ދައުލަތުން 1 އޭޕްރީލް 2019 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި އެމައްސަލަ އިސްތިއުނާފް ކުރިއެވެ. އަދި 3 އޭޕްރީލްގައި އެމައްސަލަ ސުޕްރީމް ކޯޓުން އެމައްސަލަ ބަލައިގަނެ، 8 އޮކްޓޯބަރު 2020 ގައި މިވަނީ މިމައްސަލާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާފަ އެވެ. އެނގިފައިވާގޮތުގައި، ސުޕްރީމް ކޯޓުގައި މިމައްސަލަ ކުރިއަށް ދިޔައިރު، މިމައްސަލައަށް ވަކިގޮތެއް ކަނޑައެޅެންދެން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރެފައި ވެއެވެ.
އެހެންކަމުން، ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ހައިކޯޓުން ބާތިލް ކަމަށް ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށް ނިންމިއިރު، ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރެވިހުރީ ހަގީގަތުގައި 13 ޑިސެމްބަރު 2018 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އެއަމުރުގެ ދަށުން ނޫންކަމާއި އެއަމުރާއި ގުޅިގެން އުފެދުނު މައްސަލަތަކުގެ ތެރެއިންކަން ހާމަވެއެވެ.
މިވަގުތު ރައީސް ޔާމީންގެ ބޭންކް އެކައުންޓްތަކުގެ ތެރެއިން ފްރީޒްކޮށްފައި ވަނީ ހަމައެކަނި އިސްލާމިކް ބޭންކްގައި އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެވެ. އެ އެކައުންޓަކީ، ގއ. ވޮޑަމުލާގެ ކުށްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ޖަމާކޮށް، ފައިދާ ހޯދަމުން ދިޔަ އެކައުންޓެވެ. ރައީސް ޔާމީން މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ޖަލު ހުކުމަކީ ވެސް ގއ. ވޮޑުމުލާ ގެ މިމައްސަލާގައި ހިމެނޭ މަނީ ލޯންޑަރިންގ ދައުވާއާ ގުޅިގެން އިއްވި 5 އަހަރުގެ ޖަލު ހުކުމެވެ.
ގޯހީ ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޮތްގޮތް، މިއީ ރައީސް ޔާމީންގެ ޖަލު ހުކުމާ ގުޅޭ ކަމެއް ނޫން:
ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލް ކަމަށް ސުޕްރީމް ކޯޓުން ނިންމިނިންމުމާއި ރައީސް ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅުމެއް ހުރިނަމަވެސް އެއީ ތަފާތު ދެ މައްސަލަ އެކެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ނެރުނު އަމުރު، ސުޕްރީމް ކޯޓުން ބާތިލް ކުރީ ކޮންމެހެން އެ އެކައުންޓްތަކުގައި ހުރި ފައިސާއަކީ ރައީސް ޔާމީން ހަލާލު ގޮތުގައި ހޯދާފައިވާ ފައިސާކަން ބުނެ ނިންމާފައިވާ ނިންމުމެއް ނޫނެވެ. ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލްކުރީ އެ އަމުރު، ގާނޫނާ ހިލާފަށް ނެރެފައިވާތީ އެވެ. އެހެންގޮތަކަށް ބުނާނަމަ، ކްރިމިނަލް ކޯޓުން އެ އަމުރު ނެރުމުގައި ބަޔާން ކޮށްފައިވާ ގާނޫނު ގޯހީ އެވެ.
އެހެންކަމުން، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން، މިހާރު ފުލުހުންނާއި އެސެޓްސް ރިކަވަރީ ކޮމިޝަނުން ގުޅިގެން ހިންގާ ތަހުގީގުން، މިހާތަނަށް ތަހުގީގަށް ހާމަވާން އޮތް ކަންކަމާއެކު، ރައީސް ޔާމީން، އެމަނިކުފާނުގެ ވެރިކަމުގެ މުއްދަތުގައި، ގާނޫނާ ހިލާފަށް އެމަނިކުފާނުގެ އެކައުންޓްތަކަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ގުޅިގެން އަލުން ދައުލަތުން އަމުރަކަށް އެދުމުގެ ފުރުސަތު މާބޮޑަށް ފަހިވެގެން ދިޔައީ އެވެ.
ރައީސް ޔާމީންގެ އެކައުންޓްތަކަށް، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. ވެރިކަމުގެ އެ މުއްދަތުގައި އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންވީމާ، އަދި ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރު ސުޕްރީމް ބާތިލް ކުރިޔަސް، ގާނޫނާ އެއްގޮތަށް ވަރަށް ސިސްޓަމެޓިކްކޮށް، ދާދި އަވަހަށް ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރާތަން ދިވެހިރައްޔިތުންނަށް ފެންނާނެ އެވެ.
މިހާރު މިއޮތް ޖުޑީޝަރީއަކީ އެއްގޮތަކަށްވެސް އަދުރޭމެންގެ ބާރުވެރިކަމުގެ ޒަމާނުގައި އޮތް ޖުޑީޝަރީއެއް ނޫނެވެ. އަދުރޭމެންގެ ބާރުވެރިކަމުގެ ދުވަސްވަރު، ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އެކޯޓުގެ ފުރާޅުން ޓިނު ނެގިނަމަވެސް މިއީ އެދުވަހެއް ނޫނެވެ. ރައީސް ޔާމީން ޖަލުން ސަލާމަތް ވާނެ މަންޒަރެއް ނުފެނެއެވެ.