އަލަށް ހުށަހަޅާ އަބުރުގެ ބިލުން ނޫސްވެރިންނަށް ނުރައްކަލެއް ނެތް: އޭޖީ އޮފީސް
6 އޮކްޓޯބަރު 2020 | އަންގާރަ 04:04މިގާނޫނަކީ ނޫސްވެރިންނަށް ބިރު ދެއްކުމަށް ހަދާ ގާނޫނެއް ނޫން


މީޑިއާތަކުގެ ނޫސްވެރިންތަކެއް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އަލަށް ހުށަހަޅާ "އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް" ގެ އެއްވެސް ނުރައްކަލެއް ނޫސްވެރިންނަށް ނެތް ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުނެފިއެވެ.
ރާއްޖެޓީވީގެ ސުންގަޑި ސުންމިނެޓްގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހުސެއިން ހަސަން ވިދާޅުވީ މާޒީގައި ކަންހިނގާފައިވާ ގޮތުން އަބުރުގެ ގާނޫނޭ ބުނުމުން ގިނަ ނޫސްވެރިން ބިރު ގަންނަ ކަމަށެވެ. ނަމަވެސް މި ގާނޫނަކީ ނޫސްވެރިންނަށް ބިރު ދެއްކުމަށް ހަދާ ގާނޫނެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ތަފްސީލް ކޮށްދެއްވަމުން ހުސެއިން ވިދާޅުވީ މި ބިލުގައި ކަނޑައަޅާފައިވަނީ އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަމަށާއި، މީޑިއާތަކަށް އަމާޒުކޮށްގެން ވަކި މާއްދާތަކެއް އެ ބިލުގައި ޚާއްސަކޮށްފައިނުވާނެ ކަމަށެވެ. އަދި މީގެ ކުރިން އަބުރުގެ ބިލްގައި އޮތްގޮތަށް ދުލަށް އައި އަދަދަކުން މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ނޯންނާނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާސް ކުރި އަބުރުގެ ބިލަށް އަލިއަޅުއްވާލައްވާ ހުސެއިން ވިދާޅުވީ މީގެ ކުރިން އެ ގާނޫނަކީ އަބުރާ އަރާގަތް މީހާ ޖޫރިމަނާ ކުރުމުގެ ބަދަލުގައި އޭނާ އެވާހަކަ ދެއްކި ފްލެޓްފޯމް ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް ގާނޫނެއް ކަމަށެވެ. އަދި މިހާރު އަލަށް ހުށަހަޅާ އެގާނޫނުގައި މީޑިއާތަކަށް އަމާޒުކޮށްގެން އެކަހަލަ އެއްވެސް މާއްދާއެއް ނުހިމެނޭނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.
މީގެ އިތުރުން މިފަހަރުގެ މި ބިލަކީ އެގޮތަށް ނޫސްވެރިންނަށް އަމާޒުކޮށްގެން ދުލަށް އައި އަދަދުތަކުން ޖުރިމަނާ ކުރެވޭ ގޮތަށް ހުށަހަޅާ ބިލެއް ނޫން ކަމަށް ހުސެއިން ވިދާޅުވިއެވެ. ނޫސްވެރިކަމުގެ މިނިވަން ކަމަށް ގާނޫނު އަސާސީގެ އިންތަކުގެ ތެރެއިން ކަނޑައެޅިފައިވާ މިންވަރަށް އެ މިނިވަންކަންދޭނެ ކަމުގެ ޔަގީންކަން ހުސެއިން ވަނީ ދެއްވާފައެވެ.
ހުސެއިން ވިދާޅުވީ މި ގާނޫނުގެ ދަށުން ޖޫރިމަނާ ވެގެންދާނީ އަބުރަށް އަރައިގަތް މީހާ ކަމަށާއި، އޭނާ ޖަވާބުދާރީ ވާން ޖެހޭނީ ވެސް ޝަރީއަތުގައި ކަމަށެވެ. އަދި އެ ޕްލެޓްފޯމެއް ނުވަތަ ނޫސްވެރިޔާ ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުސެއިން ވިދާޅުވީ އަބުރުގެ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ފެށުމާއެކު އިތުރު ތަފްސީލުތައް ހާމަ ކުރަމުން ގެންދާނެ ކަމަށާއި، އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަަމަށެވެ.








