ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރަނީ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުވާ ގޮތަށް: ގައިސް
6 އޮކްޓޯބަރު 2020 | އަންގާރަ 02:36އެއަރޕޯޓު ޑިވަލޮޕް ޕްރޮޖެކްޓަކަށް ގާތްގަނޑަކަށް ލަފާކޮށްފައިވަނީ 17 މިލިއަން ޑޮލަރު


ގަން އިންޓަނޭޝަނަލް އެއަރޕޯޓު، މިއަންނަ އަހަރުގެ މެދެއްހާ ހިސާބުން ޑިވެލޮޕްމެންޓް ޕްލޭން ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައި
ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރަނީ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުވާ ގޮތަށް ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވެއްޖެއެވެ.
ގަން އިންޓަނޭޝަނަލް އެއަރޕޯޓަކީ ގެއްލުމުގައި ހިންގާ އެއަރޕޯޓަކަށްވާއިރު، ކޮވިޑް-19އާ ގުޅިގެން ބޮޑެތި ގެއްލުތަކެއް ވަނީ ވެފައެވެ. ނަމަވެސް މިހާރު އެއަރޕޯޓު އިތުރަށް ތަރައްގީ ކުރުމަށް މިހާރު ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
ރާއްޖެޓީވީގެ ފަލަސުރުހީގެ ޕްރޮގްރާމްގައި އެއަރޕޯޓު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ގައިސް ވިދާޅުވީ މަގާމާ ހަވާލުވީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށާއި، ފުރަތަމަ ވެސް މަސައްކަތް ފެށީ އެއަރޕޯޓް ޑިވެލޮޕްމެންޓް ޕްލޭނެއް ހެދުމުގެ މަސައްކަތް ކަމަށެވެ.
އެއަރޕޯޓަށް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ބޮޑަށް ކުރަނީ ވީހާ ވެސް ހަރަދުތައް ކުޑަ ގޮތަށްކަން ފާހަގަކުރައްވައި ގައިސް ވިދާޅުވީ 2016 ވަނަ އަހަރު ވެސް އެއަރޕޯޓު ތަރައްގީ ކޮށްފައިވަނީ ބޮޑު ލޯނަކާއެކު ކަަމަށެވެ. ގައިސް ވިދާޅުވީ އިތުރަށް ލޯނު ނަގައިގެން ކުރާއިރު ރެވެނިއު ލިބޭ ވަރަކަށް ޑިވެލޮޕް ކުރުމަށް ވިސްނާ ކަމަށެވެ. އަދި އެއަރޕޯޓު ޑިވަލޮޕް ޕްރޮޖެކްޓަކަށް ގާތްގަނޑަކަށް ލަފާކޮށްފައިވަނީ 17 މިލިއަން ޑޮލަރު ކަމަށާއި، ބޮޑަށް ވިސްނުން ހުރީ އޮޕަރޭޝަން އެފިޝިއަންސީ އެއަރޕޯޓެއް ގެނައުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގައިސް ވިދާޅުވީ އުންމީދު ކުރަނީ މިއަންނަ އަހަރުގެ މެދެއްހާ ހިސާބުން ޑިވެލޮޕްމެންޓް ޕްލޭން ނިންމާލެވޭނެ ކަމަށެވެ. ޕްލޭންގައި ހުރި ކަންތައްތަކާ ބެހޭ ގޮތުން ގައިސް ވިދާޅުވީ މިހާރު ބޭނުން ކުރާ ޓަރމިނަލް ކެޕޭސިޓީ ކުޑަ ކަމަށެވެ. އެގޮތުން މިހާރު ބޭނުން ކުރާ ޓަރމިނަލް ހަމައެކަނި އިންޓަނޭޝަނަލް ޕަސެންޖަރސްއަށް ޚާއްސަ ކުރުމަށްފަހު އިތުރު ޑޮމެސްޓިކް ޓަރމިނަލްއެއް އެޅުމަށް ޕްލޭންގައި އެކުލަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައިސް ވިދާޅުވީ އެއަރޕޯޓުގެ ޓަވަރަކީ ވެސް ވަރަށް ދުވަސްވީ ޓަވަރެއް ކަމަށެވެ. އެހެންކަމުން އައު ޓަވަރެއް ވެސް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އަދި އެއަރޕޯޓުގެ ފަޔަރ ސްޓޭޝަން ވެސް އައު އިމާރާތަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ގައިސް ވިދާޅުވިއެވެ.
މީގެ އިތުރުން އެއަރޕޯޓު ރަން ކުރުމާ ބެހޭ ގޮތުން ގައިސް ވިދާޅުވީ ރިސޯޓުތަކާއި ގެސްޓްހައުސްތައް އިތުރު ކުރަން ޖެހޭ ކަމަށެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ނުހިނގާ އެންމެ ބޮޑު ސަބަބަކީ ކަނެކްޓްވިޓީ ނެތުން ކަމަށާއި، ބެޑް ކެޕޭސިޓީ ނެތުން ކަމަށެވެ. އެގޮތުން އިންޓަރނޭޝަނަލް އެއަރޕޯޓެއް ހިންގާ ކަމަށްވާނަމަ އެންމެ މަދު ވެގެން 5000 ނުވަތަ 6000 ބެޑް ކެޕޭސިޓީ ހުންނަން ޖެހޭ ކަމަށް ގައިސް ވިދާޅުވިއެވެ.
ގައިސް ވިދާޅުވީ މިހާރު އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި އިތުރަށް ރަށްތަކެއް ހިއްކައިގެން ރިސޯޓުތައް ހިންގުމާއި އަދި ގެސްޓްހައުސްތަކަށް ފުރުސަތު ދިނުމާއި އަދި ގަމުގައި ވެސް ބެޑް އިތުރު ކުރުމުގެ ޕްލޭންއާއެކު އެއަރޕޯޓު އިތުރަށް ތަރައްގީ ކުރެވި، އިންޓަނޭޝަނަލް ފެންވަރުގައި ފައިދާވާ މިންވަރަށް ހިންގޭނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އެބަ އޮތް ކަަމަށެވެ. އަދި އެއަރޕޯޓު ތަރައްގީ ކުރުމުގެ ޕްލޭން ވެސް އެކުލަވާލާފައިވަނީ އެ ވިސްނުމުގައިކަން ގައިސް ފާހަގަކުރެއްވިއެވެ.





