ކޮންޓެކްޓް ޓްރޭސިންއަށް ދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރެވޭ: އެޗްއީއޯސީ
17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 04:10ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއްދީގެން ކުރިއަށްދޭ


އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތައް ކުރިއަށްދާއިރު، މައުލޫމާތުގެ ސައްހަކަން ދެނެގަތުމަށް ވަރަށް ގިނަ ގޮތްތަކުން ބަލަމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.
ބުދަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެންމެ ޚާއްސަ އިސްކަމެއްދީގެން ކުރާ މަސައްކަތަކީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމަށެވެ. ނަމަވެސް މި މަސައްކަތަށް ބައެއް މީހުންގެ ފަރާތުން އެއްބާރުލުން ނުލިބި ސައްހަ ނޫން މައުލޫމާތު ހިއްސާ ކުރާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ބައެއް ހާލަތްތަކުގައި މައުލޫމާތު ހިއްސާ ކުރުމުން ކަނޑައެޅިގެން އެއީ ސައްހަ މައުލޫމާތު ނޫންކަން އެނގޭ ފަހަރު އަންނަ ކަމަށާއި، އެ ހާލަތުގައި އެމީހެއްގެ ފޯނުގެ މޫވްމަންޓަށް ބަލައިގެން އިތުރު ކަންކަން ދެނެގަންނަ ކަމަށެވެ. އެގޮތުން އެމީހާ ދިޔައީ ކޮންތޯކަށްތޯ އަދި ބައްދަލުވީ ކޮންބަޔަކާތޯ ވެސް ބަލާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ އައުޓް ބްރޭކް ފެށިގެން އައިރުގައި ކޮންޓެކްޓުންގެ ގޮތުގައި ގިނަ ބަަޔަކު ފާހަގަކުރެވުނު ނަމަވެސް މިހާރު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވޭ މީހުންގެ އަދަދު ނިސްބަތުން މަދު ކަމަށެވެ. އަދި ކުއްލިއަކަށް ޑޭޓާތައް ގިނަވެފައި މިހާރު މަދުވާނީ ސައްހަ މައުލޫމާތު ނުލިބޭތީކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ކޮންޓެކްޓުންގެ ގޮތުގައި ނަން ނުދިން ނަމަވެސް ޕޮޒިޓިވްވާ ބައެއް މީހުން ކުރީގެ ބައެއް ކޭސްތަކާ ގުޅޭ ކަމަށެވެ. އެހިސާބުން އެމައޫލުމާތު ހަނދާން ނެތުމުގެ ސަބަބުން ހިއްސާ ނުކުރެވުނީ ކަމަށް ބައެއް މީހުން ބުނާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މިކުރަމުންދާ މަސައްކަތަށް އާންމު ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ވެސް އެއްބާރުލުން ދިނުމަށް ބާރު އަޅާ ކަމަށާއި، މަސައްކަތް ކުރަނީ ހަރުކަށި ފިޔަވަޅު އަޅައިގެން މައްސަލަތައް ހައްލު ކުރަން ނޫން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.







