ކ. މާލެ
|
11 ސެޕްޓެންބަރ 2020 | ހުކުރު 15:39
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން- ރައީސް ސޯލިޙުގެ ސަރުކާރު އައުމަށްފަހު ދެ ޤައުމުގެ ގުޅުން ވަނީ އިތުރަށް ބަދަހިވެފައި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން- ރައީސް ސޯލިޙުގެ ސަރުކާރު އައުމަށްފަހު ދެ ޤައުމުގެ ގުޅުން ވަނީ އިތުރަށް ބަދަހިވެފައި
ޙުސައިން މަޚްތޫމް
އިންޑިއާ ރާއްޖޭގެ ޚާރިޖީ ގުޅުން
އިންޑިއާ-ރާއްޖެ ގުޅުން: ހީވާ ގޮތާއި، ކަން އޮތް ގޮތް!
 
އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން ރާއްޖޭގެ އީއީޒެޑް ބަލަހައްޓާތާ 12 އަހަރު ވެއްޖެ
 
ހެލިކޮޕްޓަރުތަކުގެ އޮޕަރޭޝަންސްތައްވެސް ހިންގަމުންދަނީ އެމްއެންޑީއެފުގެ ކޮމާންޑުގެ ދަށުން
 
ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ބިނާ ކުރުމަށް މަޝްވަރާ ކުރެވިފައެއް ނުވޭ

ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި އިދިކޮޅުން ކުރަމުންދާ މަސައްކަތްތައް މުޅިންވެސް ބިނާވެފައި އޮތީ ޤައުމު ބައިބައި ކުރުވުމާއި، ޤައުމުގައި ފިތުނަ ފަސާދަ އުފެއްދުމުގެ މައްޗަށެވެ. އެގޮތުން، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ސަރުކާރާއިމެދު އޮންނަ އިތުބާރު ގެއްލުވާލުމަށް އިދިކޮޅުން މިއަދު ގެންގުޅޭ ހަތިޔާރަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތެވެ. އެގޮތުން ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮތް ގޮތާއި، ޚާއްސަކޮށް އަވައްޓެރި އިންޑިއާއާމެދު ރާއްޖެއިން ބާއްވާ ގުޅުމުގެ މައްޗަށް ބިނާކޮށް، ހަޤީޤަތާ ޚިލާފު އެތައް ވާހަކަތަކެއް ދަނީ ދައްކަމުންނެވެ.

އެހެން ނަމަވެސް، މި ވާހަކަތަކުގައި އިދިކޮޅުން ދައްކަމުންދާ މަންޒަރާއި، ކަން އޮތް ގޮތް ވަރަށްވެސް ތަފާތެވެ.

އޭގެ ތެރެއިން އެއް ވާހަކައަކީ ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ބިނާ ކުރުމަށް ރައީސް ސޯލިޙުގެ ސަރުކާރުން ހުއްދަ ދީފައިވާ ވާހަކައެވެ. އެހެން ނަމަވެސް، މިއީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ. ރައީސް ސޯލިޙުގެ ސަރުކާރުން ރާއްޖެއާއި އިންޑިއާއާމެދު ޚާރިޖީ ގުޅުން ބަދަހި ކުރުމަށް ކުރެވޭ މަޝްވަރާތަކުގެ ދަށުން އެއްވެސް އިރެއްގައި ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ބިނާ ކުރުމަށް މަޝްވަރާ ކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި މަޝްވަރާ ކުރެވެމުންދަނީ ދިވެހިރާއްޖެއާއި އެކު ގުޅުން ބަދަހިވެފައިވާ ދޭދޭ ޤައުމުތަކުގެ އެހީގައި އަސްކަރީ ތަމްރީންތައް ހިނގުމާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، އިންޓެލިޖެންސަށް ލިބިފައިވާ މަޢުލޫމާތު ޙިއްސާކުރުމަށް ބާއްވާ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްތަކުގައި ދިވެހި ރާއްޖެއިން ބައިވެރިވުން ފަދަ ކަންކަމާއެވެ. ޙަޤީޤަތަކީ މިކަމުގެ ސަބަބުން ދިވެހި އަސްކަރިއްޔާ އިތުރަށް ކުރިއަރައި، ޒަމާނީ ވެގެން ދާނެ ކަމެވެ.

އޭގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހެލިކޮޕްޓަރުތަކުގެ އޮޕަރޭޝަންސްތައް ވެސް ހިންގަމުންދަނީ އެމްއެންޑީއެފުގެ ކޮމާންޑުގެ ދަށުންނެވެ. އެގޮތުން މީގެ ތެރެއިންވެސް 2 ހެލިކޮޕްޓަރަކީ 2013 ވަނަ އަހަރު ރައީސް ޔާމީން ސަރުކާރުގައި އިންޑިއާއިން ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފައިވާ 2 ހެލިކޮޕްޓަރެވެ.

މި ހެލިކޮޕްޓަރުތައްވެސް އެމްއެންޑީއެފުން ބޭނުން ކުރަމުންދަނީ އިމަރޖެންސީ ހާލަތްތަކުގައި މާލެއަށް ބަލިމީހުން އުފުލުމާއި، ކަނޑުގެ ހާދިސާތަކުގައި މީހުންނާއި އުޅަނދު ފަހަރު ހޯދުން ފަދަ އޮޕަރޭޝަންސްތަކުގައެވެ.

އޭގެ އިތުރުން، ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޝަންތަކުގެ ސަރވައިލަންސްގެ ސަބަބުންވެސް ފައިދާ ކުރަނީ ހަމަ ދިވެހިންނަށެވެ. އެގޮތުން ބޯޑަރު ބެލެހެއްޓުމާއި، މެރިޓައިމް ސެކިއުރިޓީއާއި ގުޅުންހުރި ކަންތައް މޮނިޓަރ ކުރުމާއި، ކައުންޓަރ ޓެރަރިޒަމް އަދި ކައުންޓަރ ޕައިރަސީ ފަދަ މައްސަލަތަކުގައި އަސްކަރިއްޔާއަށް ފަސޭހަތައް ލިބިގެންދެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަޙާއްދުގައި ކުރިއަށް ގެންދެވޭ މިފަދަ އޮޕަރޭޝަންތައް ހިންގާނީވެސް އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުންނެވެ. އެކަމުގެ ރިމޯޓުވެސް އޮންނަނީ ހަމަ ދިވެހި އަސްކަރިއްޔާގެ އަތުގައެވެ. އެގޮތުން 2009 ވަނަ އަހަރުން ފެށިގން މިހާތަނަށް 54 ސަރވައިލަންސް އޮޕަރޭޝަން ހިނގިފައިވާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ.

އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން ރާއްޖޭގެ އީއީޒެޑް ބަލަހައްޓާތާ 12 އަހަރު!

މި ސަރުކާރު އައުމާއެކު އިންޑިއާއާއެކު ހަސްފަސްވެފައިވާ ގުޅުން އަލުން އިއާދަކޮށް، ދެ ޤައުމުގެ ގުޅިގެން ތަރައްޤީޤެ މަޝްވަރާތައް ކުރަން ފެށި ހިސާބުން އިދިކޮޅުން ވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި އޮޕަރޭޝަންތައް ހިންގަން ފުރުސަތު ދޭނަމަ ރާއްޖެ ހިސޯރުކުރާނެ ކަމަށް ބުނެ، "އިންޑިއާ އައުޓް" ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއްވެސް ފަށާފައެވެ.

އެހެން ނަމަވެސް، ހަޤީޤަތަކީ އިންޑިއާގެ ސިފައިންނާއި ގުޅިގެން ދިވެހި އަސްކަރިއްޔާއިން ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދު (އީއީޒެޑް)ގައި ސަރވައިލެންސް އޮޕަރޭޝަންސްތައް ހިންގާތާ 12 އަހަރު ވެފައިވާ ކަމެވެ. އެގޮތުން މިއީ ކޮންމެ 3 މަހަކުން ހިންގާ އޮޕަރޭޝަނެކެވެ. ކުރިއާ އަޅާބަލާއިރު، މިހާރު އައި ހަމައެކަނި ތަފާތަކީ ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރަނީ ދިވެހިރާއްޖޭގެ ދިދަ އާއި އެމްއެންޑީއެފްގެ މަރުކާއާއި އެކު، އެމްއެންޑީއެފް ގެ ކޮމާންޑްގެ ދަށުން ކަމެވެ. އެހެން ނަމަވެސް، މިކަމުގައި އިންޑިއާ އިން ފޯރުކޮށްދޭނީ ހަމައެކަނި ފަންނީ އެހީތެރިކަމެވެ.

އޭގެ އިތުރުން، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ނުވަތަ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައިސްފައިވާ އެހެން ގައުމެއްގެ އަސްކަރީ ފަރާތްތަކަށް، އެމީހުންގެ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ކަންކަން ނޫން އިތުރު ކަންކަން ނުކުރެވޭނެކަމަށްވެސް ސާފުކޮށް އަންގާފައި އޮވެއެވެ. މިއީ ޒަމާނުއްސުރެ މިކަން ހިނގަމުންދިޔަ ގޮތް ކަމަށްވީއިރު، މިހާރު ކުއްލި ގޮތަކަށް އިދިކޮޅުން ސަރުކާރާމެދު ރުޅިވެރިކަން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ޙަޤީޤަތް ސާފެވެ.

އޮޕަރޭޝަންގައި 6 ދިވެހި ޕައިލެޓުން މިހާރުވެސް ހަރަކާތްތެރި ވަމުންދޭ!

އަސްކަރީ ހެލިކޮޕްޓަރުތަކާއި ގުޅުވައިގެން ދެން އެންމެ ގިނައިން ދެކެވޭ އެއް ވާހަަކައަކީ، ރާއްޖެއަށް ފައިދާހުރި އޮޕަރޭޝަންސްތައް ހިންގުމުގެ މަޤުސަދުގައި ކުރާ ކަމެއް ނަމަ، އެކަމުގައި ދިވެހި ޕައިލެޓުން ހަރަކާތްތެރި ނުވަނީ ކީއްވެތޯއެވެ؟ މިކަމުގެ ޙަޤީޤަތެއް ހޯދާލުމަށް ރާއްޖެއެމްވީން ކުރި މަސައްކަތުން އެނގިގެން ދިޔަ އެއް ކަމަކީ އިންޑިއާއާމެދު ވެފައިވާ އެއްބަސްވުންތަކުގައި މިހާރު އިތުރު ކުރެވިފައިވާ ލެޓަރ އޮފް އެކްސްޗޭންޖު (އެލްއޯއީ) ގައި ވަކިން ޙާއްސަކޮށް، އެއަރކްރާފްޓްތައް އޮޕަރޭޓްކޮށް އުދުހޭނީ، ދިވެހި ޕައިލެޓުންކަން ބަޔާން ކުރެވިފައިވާކަމެވެ.

އޭގެ އިތުރުން، މި އޮޕަރޭޝަންގައި މިހާރުވެސް 6 ދިވެހި ޕައިލެޓުން ހަރަކާތްތެރި ވަމުންދާއިރު، ކައިރި މުސްތަޤްބަލެއްގައި މިހާރު ތިބި ޕައިލެޓުންނާއި އިތުރު ޕައިލެޓުން އުފެއްދުމަށް ޓްރެއިންންގ ދިނުމަށް އެމްއެންޑީއެފް އިން މަސައްކަތް ކުރަމުންދާކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދިވެހި އަސްކަރިއްޔާގެ ސިފައިންވެސް އެކި ޤައުމުތަކުން އަސްކަރީ ތަމްރީނުތައް ހޯދަމުން ގެންދާއިރު، އޭގެ ތެރޭގައި ދިވެހި ސިފައިންގެ ކޯސްޓްގާޑާއި އިންޑިއާއާއި، ސްރީލަންކާގެ ކަނޑުގެ ބާރުތައް ގުޅިގެން ރާއްޖޭގައި ބާއްވާ "އެކްސަސައިޒް ދޯސްތީ" އާއި، އެމެރިކާގެ އަސްކަރިއްޔާއާއި ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ ބޭކަރ މެޓަލް، ވެކްޓަރ ބެލެންސް މެޓަލް، ފްލޭސް މެޓަލް، ފްލޭސް ބެލެންސް މެޓަލް، އައިއެމްއެސް ޓްރޭނިންގ، ޕެސިފިކް ޑިފެންޑަރ އައުޓްރީޗް، ލޮޖިސްޓިކް ސަބްޖެކްޓް މެޓަރ އެކްސްޕާޓް އެކްސްޗޭންޖް ޕްރޮގްރާމްތައް ފާހަގަ ކޮށްލެވެއެވެ.

އިންޑިއާއިން ވަނީ ކޮވިޑްގެ މި ޙާލަތުގައިވެސް ރާއްޖެއަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައި

ކާރިސާގެ ވަގުތުތަކުގައި ކުރިންވެސް އިންޑިއާގެ އަސްކަރިއްޔާގެ ހިމާޔަތް ހޯދި!

ދިވެހިންނަށް ދިމާވެފައިވާ ކާރިސާގެ ޙާލަތްތަކުގައިވެސް އިންޑިއާގެ އަސްކަރިއްޔާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޤައުމު އުދުވާނީ ޙަމަލާއެއްގެ ތެރެއަށް ވެއްޓި، އެންމެ ބަލިކަށި ޙާލަތުގައި އޮތް ދަނޑިވަޅުގައިވެސް އިންޑިއާގެ އަސްކަރިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އިންޑިއާއިން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމުގެ ވިސްނުން ގެންގުޅޭނަމަ، ރާއްޖެ އަސްކަރީ ގޮތުން އެންމެ ބަލިކަށިވި ދަނޑިވަޅުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެތޯ މިއީ ހައްތަހާވެސް އުފެދޭ ސުވާލެވެ. އެގޮތުން 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާގައި ދިވެހި ރާއްޖެއިން އެހީއަށް އެދުނުތާ 12 ގަޑިއިރުގެ ތެރޭގައި އިންޑިއާ ސިފައިން ދިވެހިންގެ އެހީތެރިކަމަށް އައެވެ.

އޭގެ އިތުރުން، 2014 ވަނަ އަހަރު ހިނގައިދިޔަ ފެނުގެ ކާރިސާގައިވެސް ރާއްޖެއަށް އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިން އެއް ޤައުމަކީ އިންޑިއާއެވެ. އެފަހަރުވެސް 4 ގަޑިއިރުގެ ތެރޭގައި އިންޑިއާގެ ނޭވީ އަދި ވައިގެ ސިފައިން ދިވެހިރާއްޖެއަށް ފެން ފޯރުކޮށްދީފައިވެއެވެ.

ކާރިސާގެ ޙާލަތްތަކުގެ އިތުރުން، ރާއްޖެއިން ހިންގާ ސާރޗް އޮޕަރޭޝަންތަކުގައިވެސް އިންޑިއާގެ އަސްކަރިއްޔާގެ ބޭނުން ރާއްޖެއިން ވަނީ ހިފާފައެވެ. އެގޮތުން 2017 ވަނަ އަހަރު ގެއްލިގެން ހޯދަމުން ދިޔަ ކޮޅުވެއްޓިއެއް ކަމަށްވާ މާރިއާ 3 ހޯދުމަށް އެހީތެރިވެދިނުމަށް ދިވެހި ސަރުކާރުން އޭރު އެދިފައިވެއެވެ. މިއީ ހައްތަހާވެސް ރާއްޖެއަށް ކުރިމަތިވި ދަތި ދަނޑިވަޅުތަކުގައި އިންޑިއާގެ އަސްކަރިއްޔާގެ ސިފައިންނާއި، ވަސީލަތްތަކުގެ އެހީތެރިކަން ދިވެހިން ހޯދި ފަހަރުތަކެވެ.

އޭގެ އިތުރުން، ކޮވިޑް-19 ގެ މި ޙާލަތުގައި އިންޑިއާއިން ރާއްޖެއަށް ވެދެމުން ގެންދާ އެހީތެރިކަމަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އަދި މި އެހީތައް ފޯރުކޮށްދިނުމުގައިވެސް އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތައް ބޭނުން ކޮށްފައިވެއެވެ. މިއިން އެއްވެސް ފަހަރެއްގައި ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއެއް އަރާނެފަދަ ކަމެއް އިންޑިއާ ސިފައިން ކޮށްފައެއް ނުވެއެވެ.

ޚާރިޖީ ސިޔާސަތު މިއަދު ބައްޓަންވެފައި އޮތީ ހުރިހާ ޤައުމެއްގެ ލޯބި ލިބޭ ގޮތަށް!

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އޭރު ގެންގުޅުނު "ޗައިނާ ފަރސްޓް" ޕޮލިސީގެ ސަބަބުން ޚާރިޖީ ގުޅުންތަކަށް އޭރު ބުރޫއެރިކަން މިއީ މިއަދު ފެންނަން އޮތް ޙަޤީޤަތެކެވެ. އެހެން ނަމަވެސް، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަމަހަމަކަމާއެކު، ރާއްޖެއަށް އެންމެ ލާބައާއި މަންފާ ކުރާނެ ގޮތަކަށް ޚާރިޖީ ގުޅުންތައް ބައްޓަން ކުރުމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޗައިނާއާއި، އަވައްޓެރި އިންޑިއާއިންވެސް ދަނީ ރާއްޖެއާ ގުޅިގެން އެކި މަޝްރޫއުތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވަނީ

މި ހުރިހާ ކަމަކުން އެނގިގެންދަނީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ކިލަނބު ކުރުމަށް އިދިކޮޅުން ދައްކަމުން ގެންދާ ވާހަކަތަކަކީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް ކަމެވެ. ދިވެހި ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށްވީއިރު، ދިވެހި ރާއްޖޭގައި ހިނގާނީ ދިވެހި ރައްޔިތުން ހޮވާފައިވާ އޮންނަ ސަރުކާރެއްގެ ހުކޫމަތުކަން މިއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި ޤައުމަށް ލާބައާއި މަންފާ ހުރި ކަންކަމުގައި އެކި ޤައުމުތަކާ މެދު އޮންނަ ގުޅުން ބަދަހި ކުރުމަކީ އަޅުވެތިވުމެއްވެސް ނުވަތަ ޤައުމިއްޔަތު ވިއްކާލުމެއްވެސް ނޫންކަން ވަރަށް ސާފެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
21%
7%
64%
0%
7%
ކޮމެންޓް