ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!
10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 07:45ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 22 އިންސައްތަ ނިމިފައި


ގުރައިދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން
ކ.ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 22 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ތެރެއިން ބިން ހިއްކުމުގެ މަސައްކަތުގެ 20 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ،
މި މަޝްރޫއު ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ.
އެމްޓީސީސީން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް 85.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްލަފާ ކުރެވޭކަމަށެވެ.
ގުރައިދޫ ބިން ހިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ނިމުނު މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައިވެސް އެ ވައުދު ތަކުރާރުކުރައްވާފަ އެވެ.







