ފަގީރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި
8 ސެޕްޓެމްބަރު 2020 | އަންގާރަ 17:50މިމަހުގެ 8ން 13ށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި


ފަގީރުންނާއި މިސްކީނުންގެ ލިސްޓު އައު ކުރުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ދަނީ ކުރަމުން
ފަގީރުންނާއި މިސްކީނުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިހާރު އެކުލަވާލެވިފައިވާ ފަގީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނުމަށް އެދި 2020 ގައި ހުޅުވާލި ފުރުސަތުގައި އައްޑޫސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށުން ހުށަހަޅުއްވާފައިވާ ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިވެލުއޭޓް ކޮށްފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ޝަރުތު ހަމަ ނުވާފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 08 ސެޕްޓެންބަރ 2020 އިން 13 ސެޕްޓެންބަރ 2020 ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ފަގީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނުމަށް ޝަރުތު ހަމަނުވާ ފަރާތްތައް އެ އަވަށެއްގެ އަވަށު އޮފީނުން އެނގެން ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެމީހަކު ފޯމް ހުށަހެޅި އަވަށެއްގެ އަވަށު އޮފީހުން ފަގީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނިފައިނުވާނަމަ ކަނޑައެޅިފައިވާ މުއްދަތުގައި ސިޓީއަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ކަނޑައަޅާފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ޝަކުވާގެ ސިޓީއަށް އަމަލު ނުކުރެވޭނެ ކަމަށެވެ.
ފަގީރުންނާއި މިސްކީނުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލާފައިވާއިރު ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ދަނީ މި ލިސްޓް އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.




