ގދ. ހޯނޑެއްދޫގައި ސިއްހީ ވަސީލަތްތައް ހުރީ ވަރަށް މަދުން: މެމްބަރު ފިރުޝާން
6 ސެޕްޓެމްބަރު 2020 | އާދީއްތަ 18:51މިހާލަތު ދިގުލައިގެން ގޮސްފިކަމުގައިވާނަމަ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ


މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން، ރަށަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެމުންދާ ކަމަށް މެމްބަރު ވިދާޅުވެފައިވޭ
ގދ. ހޯނޑެއްދޫގެ ސިއްހީ ނިޒާމުގައި ހުރި ވަސީލަތްތައް ވަރަށް މަދު ކަމަށާއި، މި ހާލަތުގައި ބޭނުންވާ އާލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
ހޯނޑެއްދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުން 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މިހާރު ޖުމްލަ އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މިވަނީ 25ށް އަރާފައެވެ.
މިކަމާ ގުޅިގެން ރާއްޖެޓީވީގެ 60 މިނެޓަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މެމްބަރު ފިރުޝާން ވިދާޅުވީ ރެންޑަމްކޮށް ނެގި ސާންޕަލްތަކުން ކޮވިޑްގެ ކޭސްތައް ފެނުމުން ކޮމިއުނިޓީ ސްޕްރެޑެއް ކަމަށް ބަލައިގެން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ރަށް މޮނިޓަރިންގައި އޮވެ، މިހާލަތު ދިގުލައިގެން ގޮސްފިކަމުގައިވާނަމަ ގިނަ ދަތިތަކާ ރައްޔިތުން ކުރިމަތިލާން ޖެހިދާނެ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާން ވިދާޅުވީ ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތައް ގދ. ތިނަދޫގައި ގާއިމުކޮށްފައިވާ އެސްޓީއޯ ފިހާރައިން މިހާރު ލިބޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަދި މޯލްޑިވް ގޭހުގެ ފަރާތުން ގޭހުގެ ޝޯޓޭޖެއް ނެތި ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
ހޯނޑެއްދޫގައި ވަސީލަތްތައް މަދުކަން ފާހަގަކުރައްވައި ފިރުޝާން ވިދާޅުވީ އެމްބިއުލާންސެއް ވެސް ނެތް ކަމަށެވެ. ނަމަވެސް މާދަމާ ހެނދުނު އެމްބިއުލާންސްއެއް ފޮނުވަން ސަރުކާރުން ނިންމާފައިވާކަން ފިރުޝާން ވިދާޅުވިއެވެ.
މީގެ އިތުރުން ފިރުޝާން ވިދާޅުވީ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ގެ ބޭފުޅުންނާ ބައްދަލުކޮށް، ޓެސްޓިންގެ ކެޕޭޓިސީ އިތުރުކޮށް ދިނުމަށް އެދިފައިވާ ކަމަށެވެ. އެގޮތުން މިހާރު މަޑަވެލީގައި ގާތްގަނޑަށް 60 ސާންޕަލް، ގާތްގަނޑަކަށް ހޯނޑެއްދޫގައި 76 ސާންޕަލް ނަގާފައިވާ ކަމަށް ފިރުޝާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ރެސްޓޯރެންޓްތަކާއި، ފިހާރަތަކުގެ އިތުރުން ފެރީތަކުގައި މަސައްކަތް ކުރާ މީހުންގެ ސާންޕަލްތައް ނަގާއިރު، ބަލީގެ އަލާމާތެއް ފެންނަ މީހުންގެ ސާންޕަލްތައް ވެސް ނަގަމުންދާ ކަމަށް އެޗްއީއޯސީން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފިރުޝާން ވިދާޅުވީ ސޯޝަލް ސަޕޯޓު ދިނުމަށް ޖެންޑަރ މިނިސްޓްރީގައި މިހާރު އެދިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށެވެ. އަދި މިހާރު ފުލުހުންގެ ޚިދުމަތް ވެސް ލިބެމުންދާކަން ފިރުޝާން ފާހަގަ ކުރެއްވިއެވެ.
މިހާރުގެ ހާލަތަށް ވުރެ ހާލަތު ގޯސްވެ ކޮމިއުނިޓީ ބޮޑު ސްޕްރެޑަކަށް ގޮސްފިއްޔާ ދެން ކަންތައް ކުރާނެ ގޮތުގެ ރަނގަޅު ޕްލޭނެއް އެޗްއީއޯސީން ތައްޔާރު ކުރަމުންދާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
ގދ.ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ފަތާތް ހަސަން ވިދާޅުވީ މިހާރު ކުރިއަށް ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމަށެވެ.
ފަތާތް ވިދާޅުވީ ހެލްތް ސެންޓަރގައި މިހާރުގެ ބައެއް މަސައްކަތްތައް ބަދަލުކުރެވިފައިވާ ކަމަށެވެ. އެގޮތުން ޖެނަރަލް އޯޕީޑީގެ ޚިދުމަތްތައް އޮންލައިން ކޮންސަލްޓޭޝަންގެ ގޮތަށް ބަދަލު ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.








