އިސްލާމްދީނަށް ފާޑު ކިޔާ ''އުތެމާ''އަށް ފިޔަވަޅު ނާޅާ އޮތީ އިސްލާމިކް މިނިސްޓްރީއާ ފުލުހުން ލަފާ އަރުވާފައިނުވާތީ: ޔޫތް މިނިސްޓްރީ
1 ސެޕްޓެމްބަރު 2020 | އަންގާރަ 18:18އުތެމާގެ މައްސަލަ ވަނީ ސަމާލު ކަމަށް އައިސްފައި


އުތެމަ ޖަމިއްޔާގެ ލޯގޯ، މިޖަމިއްޔާމެދު ފިޔަވަޅު އަޅާފައިނުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރޭ
އިސްލާމްދީނުގައި ބަޔާން ކޮށްފައިވާ ބައެއް ކަންކަމާއި މެދު ސުވާލު އުފައްދާ ޖަމިއްޔާއެއް ކަމަށްވާ ''އުތެމާ'' އާ މެދު ފިޔަވަޅު ނާޅާ އޮތީ އިސްލާމިކް މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލަފާ އަރުވާފައިނުވާތީ ކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރަޖިސްޓްރާ އޮފް އެންޖީއޯ މިނިސްޓްރީ އޮފް ޔޫތްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު އިރާޝް ވިދާޅުވީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އުތެމާގެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލާގައި ފިޔަވަޅު އަޅާފައިނުވާތީ އާންމުންގެ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ އަކީ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް އިރާޝް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ވެސް އެ މައްސަލަތަކުގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އިރާޝް ވިދާޅުވީ މިއަދާ ހަމައަށް އައިރު ވެސް އިސްލާމިކް މިނިސްޓްރީ އަދި ފުލުހުން ވެސް މި މައްސަލާގައި އެއްވެސް ލަފައެއް އަރުވާފައިނުވާ ކަމަށެވެ.
އިރާޝް ވިދާޅުވީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ އަދި މުޖުތަމައުގެ މިންގަނޑުތަކާ ހިލާފަށް އަމަލު ކުރާ ޖަމިއްޔާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އުތެމާގެ މައްސަލާގައި ވެސް ލަފާ އެރުވުމުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އިރާޝް ދެއްވިއެވެ.
އުތެމާ އަކީ އިސްލާމްދީން ގަބޫލު ނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަ ދައްކާ ޖަމިއްޔާއެކެވެ. މީގެ އިތުރުން އިންސާނީ ހައްގުތަކާއި ރާއްޖޭގައި ޑިމޮކްރެސީ ކުރިއެރުވުމުގެ ނަމުގައި އުފެއްދި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ވަނީ ކީރިތި ރަސޫ ލާއާއި އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ވެސް އާންމުކޮށްފައެވެ. އަދި ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރުމަށް އުތެމާ އިން ގޮވާލާފައިވެއެވެ. މި މައްސަލާގައި މިހާރު އެމްޑީއެން ޖަމިއްޔާ ސަރުކާރުން ވަނީ އުވާލާފައެވެ.








