މެދު ފަންތީގެ ފްލެޓްތަކާއެކު ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ލިބޭނެ: ހައުސިން މިނިސްޓްރީ
25 އޯގަސްޓު 2020 | އަންގާރަ 19:3410،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދޭ

ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
މެދު ފަންތީގެ މީހުންނަށް ޚާއްސަކޮށްގެން ފްލެޓްތައް ގާއިމް ކުރެވި ދޫކުރެވޭ ހިސާބުން ބޯހިޔާވެހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓްރީގެ، ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާ ވިދާޅުވީ ހިޔާ މަޝްރޫއަށް ކުރިމަތިލާފަ ތިބި މީހުންގެ ތެރެއިން 50 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ ހުރިހާ އެންމެނަކީ އާމްދަނީގެ ނިސްބަތުން ކޮންމެހެން ކައުންސިލް ނުވަތަ ސޯޝަލް ހައުސިން ކެޓަގަރީއަށް ވަންނަންޖެހޭ މީހުން ނޫން ކަމަށެވެ. ނަމަވެސް އެމީހުންނަށް ސޯޝަލް ހައުސިން ކެޓަގަރީއަށް ވަންނަން ޖެހެނީ މާކެޓްގައި އެމީހުންނަށް އެފޯޑްކުރެވޭ ވަރުގެ ފެންވަރުގެ އަގުގައި ފެލްޓް ނެތުމުން ކަމަށާއި، މިމައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކުރިއަށް ރޭވިފައި ހުރި މަޝްރޫއުގެ ތެރޭގައި އެކި ފަންތީގެ ފްލެޓްތައް ހުންނާނެ ކަމަށް ނިއުމާ ވިދާޅުވިއެވެ. މިހާރުވެސް 10،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާއިރު، މިފްލެޓްތަކުގެ ތެރޭގައި ވެސް އެކި ފަންތީގެ މީހުންނަށް ޚާއްސަ ފްލެޓް ހިމެނޭކަން ނިއުމާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނިއުމާ ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ކަނޑައެޅިފައިވާ ތާރީހަށް ނިންމުމަކީ ޓަރގެޓެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު އާމިރު ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިއަށްދާ ފްލެޓްތަކުގެ މަސައްކަތް ނިމި އާންމުންނަށް ހުޅުވާލާއިރު ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށެވެ. މިފެލްޓްތައް އާންމުންނަށް ހުޅުވާލާއިރު، މާސްކް ދެވޭނެ ގޮތުގެ އިތުރުން ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދާނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ވަރަށް ތަފްސީލީ ގޮތަށް ކަމަށް އާމިރު ވިދާޅުވިއެވެ.
މީގެ އިތުރުން އާމިރު ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވެފައިވަނީ ހަމައެކަނި ސޯޝަލް ހައުސިން ސެކްޓަރއަކަށް ނޫން ކަމަށެވެ.
އާމިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ރައްޔިތުންނާ ވަރަށް ގާތުން ޑޯޓުޑޯއަށް ގޮސް ރައްޔިތުންގެ ހާލަތު ދެނެގަނެ ދިރާސާތައް ހެދުމަށްފަހު މެނިފެސްޓޯއަކާއެކު ވެރިކަމަށް އައި ސަރުކާރެއް ކަމަށެވެ. އެހެންކަމުން މިސަރުކާރުގައި ހުރިހާ ފަންތީގެ މީހުންގެ ހާލަތު ބަލައި މައްސަލަ ހައްލު ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އާމިރު ވިދާޅުވިއެވެ.






