ހުކުރު 25 ސެޕްޓެންބަރ 2020
05 އަތަ
1442 ސަފަރު 07
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:03
އިޝާ 19:14
ހިޔާ މަޝްރޫއުގެ ހިޔާނަތް

ހިޔާ މަޝްރޫއުގެ އެންމެ ބޮޑު ފައިދާ އެއް ކުރި އެއް ބަޔަކަށް މިނިވަން މުއައްސަސާތަކުގެ ވެރިން!

  • ބްރޮޑްކޮމްގެ މެމްބަރުންނާ ގުޅޭ 15 މީހަކަށް ފްލެޓް ލިބިފައިވޭ
  • އޭސީސީގެ މެމްބަރުންގެ އާއިލާތަކަށް ނިސްބަތްވާ 13 މީހަކަށް ލިބޭ
  • މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ ގުޅޭ ފަރާތްތަކަށް 100ށް ވުރެ ގިނަ ފްލެޓް ލިބޭ

ކ. މާލެ | 24 އޯގަސްޓް 2020 | ހޯމަ 22:48 | 16,494

މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އާއިލާ މެމްބަރުންނަށް ފްލެޓް ލިބިފައިވާ ބައެއް ބޭފުޅުން - ރާއްޖެއެމްވީ

ބޯހިޔާވަހިކަން ނެތް ނިކަމެތިންނަށް ރައްޔިތުންގެ ނަމުގައި ބޮޑު ލޯނެއް ނަގައިގެން ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތައް ޔާމީން ސަރުކާރުން ބަހާލި އިރު އެންމެ ބޮޑު މަންފާ އެއް ކުރި ބައެއްގެ ގޮތުގައި ފްލެޓް ދިން މީހުންގެ ލިސްޓުން ފެންނާން އޮތީ މިނިވަން މުއައްސަސާ ތަކުގެ މެމްބަރުންނާއި މެމްބަރުންގެ އާއިލާތަކުގެ މީހުންނެވެ. ސަރުކާރުން އެދުނު ގޮތަކަށް ކަންކަން ކޮށްދިނުމުގެ އިނާމު އައީ ފްލެޓްގެ ގޮތުގައެވެ. ނޫނީ މިއީ ވެސް އިއްތިފާޤެއްބާއެވެ؟

ފާއިތުވެދިޔަ ސަރުކާރުގައި އިންސާފުގެ މަގަށް ރާއްޖެ ގެނައުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި އިސްލާހީ ހަރަކާތުގެ އަޑު ކަނޑުވާލަން އެންމެ ގަދައަށް މަސައްކަތް ކުރި އެއް ބަޔަކީ ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

މީޑިއާތައް އެތައް މިލިއަނަކުން ޖޫރިމަނާ ކުރަމުންދިޔައިރު، އޭރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔައި، އަޑުއުފުލި އެއް މީޑިއާ ކަމަށްވާ "ރާއްޖެޓީވީ" އަށް ކުރި "ދުއްތުރާ" އަކީ އަދިވެސް އޭގެ އަސަރު ނުފިލާހުރި ކަމެކެވެ. އޭރު ބްރޯޑްކޮމްއިން ކުރިހާވެސް މަސައްކަތަކަށް ވެފައި އޮތީ ރާއްޖެ ޓީވީ އިނދަޖައްސާލުން ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އޭރުގެ ސަރުކާރުން ދޯހަޅިކޮށް ކުރި ކޮންމެ ކަމަކަށް އެންމެ ކުރިން ފާޑުކިޔައި، ރައްޔިތުންނަށް އެ ޚަބަރުތައް ތިލަކޮށްދިނުމަށް ރާއްޖެޓީވީން ކުރި މަސައްކަތް ހުއްޓުވުމަށް ބްރޯޑްކޮމްއިން ނުފޮރުޅާ ހަމަ އެންމެ ގާކޮޅެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ބްރޯޑްކޮމް އިން އިސް ނަގައިގެން ރާއްޖެ ޓީވީގެ އެތައް މައްސަލަތަކެއް ބަލައި، ފަސް ފަހަރެއްގެ މަތިން، 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު، އެފަދަ ބައެއް މައްސަލަތައް އެ ކޮމިޝަނުން ބަލާފައި ވަނީ އެއްވެސް އުސޫލެއް ހަމައަކަށް ބެލުމެއް ނެތި ޔާމީންގެ ސަރުކާރު ރުއްސުމުގެ ގޮތުންނެވެ. ނޫނީ މަތިން އޯޑަރު އަންނަ ގޮތައް ކަން ނިންމާލުމުގެ ގޮތުންނެވެ.

ރާއްޖެޓީވީން ބްރޮޑްކޮމްގެ ޖޫރިމަނާ ދެއްކުމަށް ހުޅުވި އަބުރުފުޅު ފަންޑު

މިނިވަން މުއައްސަސާތަކުގެ ތެރެއިން އެއް އެއް މުއައްސަސާއަކަށް އެންމެ ގިނަ ފްލެޓް ލިބިފައިވަނީ ބްރޮޑްކޮމްއަށް!

އޭރުގެ ސަރުކާރުން އެވޯރޑް ކޮށްފައިވާ ފްލެޓް ލިސްޓަށް ބަލާލުމުން، އޭރު ބްރޯޑްކޮމްގެ މެމްބަރުން ކުރި މިންނެއް މަސައްކަތުގެ ނަތީޖާ "ފޮނިކަން" ދޭހަވެއެވެ.

ފްލެޓް ދީފައިވާ ގޮތަށް ބަލައި ދިރާސާކުރިއިރު "ރާއްޖެއެމްވީ" އަށް ދޭހަވި ކަމަކީ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެއް މުއައްސަސާއަކަށް އެންމެ ގިނަ ފްލެޓް ލިބިފައިވާ އެއް މުއައްސަސާއަކީވެސް ބްރޯޑްކޮމް ކަމެވެ. އެގޮތުން ބްރޯޑްކޮމްގެ މެމްބަރުންނާއި، މެމްބަރުންގެ އާއިލާ މީހުންނާއި، އަނބިންނާއި، އަނބިންގެ އާއިލާ ހިމެނޭ ގޮތަށް 15 މީހަކަށް ފްލެޓް ލިބިފައިވެއެވެ.

ރާއްޖޭގައި މިނިވަން ނޫސްވެރިކަން ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެ، އެންމެ ގަދަޔަށް އަޑުއުފުއްލެވި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އޭރުގެ ރައީސް ޝަހީބުއަށްވެސް ފްލެޓް ލިބިފައިވެއެވެ. ޝަހީބަކީ ބޯހިޔާވަހިކަން ނުލިބޭ ނިކަމެތިންގެ ލިސްޓަށް އަރަން ކިހާ އެކަށޭނަ ފަރާތެއްކަން ނިންމާނީ ކިޔުންތެރިންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބޭނުންވި ގޮތަށް ޝަހީބް ކޮމިޝަނުގެ ރައީސް ކަމުގައި ހުންނަވައި މީޑީއާތަކާއި ދޭތެރޭ ނިންމި ނިންމުންތަކުގެ އަގު މި ލިބިގެން ދިޔައީ "ތަބަކަކަށް ލާފައި" ދިން ފްލެޓަކުން ބާއެވެ؟

ދެން ދައްކަން އޮތީ ރައީސް ޔާމީނުގެ ސަރުކާރު ޕްރޮމޯޓް ކުރާ ޗެނަލް13ގެ ނިއުސްހެޑްގެ މަޤާމުގައި ހުންނަވައި، ފަހުން ބްރޯޑްކޮމްއަށް އައްޔަނުވެ ވަޑައިގަތް އަމްޖަދު ވަހީދުގެ ވާހަކައެވެ. އެގޮތުން މެމްބަރު އަމްޖަދު ވަހީދުގެ އާއިލާގެ 3 މީހަކަށް ފްލެޓް ލިބިފައިވާއިރު، އޭނާގެ އަނބިކަނބަލުންގެ އާއިލާގެ 7 މީހަކަށް ފްލެޓް ލިބިފައިވެއެވެ. ޖުމުލަކޮށް ބަލާއިރު އަމްޖަދަކީ މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ފްލެޓް އާއިލާގެ މެމްބަރުންނަށް ލިބިވަޑައިގަތް އެއް ފަރާތްކަން އިތުރަށް ބެލި ބެލުމުން އެނގިގެން ދިޔައެވެ.

ހަމައެއާއެކު، މެމްބަރު އިސްމާއިލް ސޮފްވާނުގެ އާއިލާ މީހަކާއި، މެމްބަރު ޒީނާ ޒާހިރުގެ ފިރިމީހާގެ އާއިލާ މީހަކާއި، މެމްބަރު ހަސަން ނަބާހުގެ އާއިލާ މީހަކަށްވެސް ފްލެޓް ލިބިފައިވެއެވެ. މިއީ ދެން އިއްތިފާގު ކަމަށް ވާނަމަ މިއީ ހާދަ ބޮޑު އިއްތިފާގެކެވެ.

އޭސީސީ ގެ މެމްބަރުންގެ އާއިލާތަކަށް ނިސްބަތްވާ 13 މީހަކަށް ފްލެޓް ލިބޭ!

މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ބައެއް އިތުރު މުއައްސަސާތަކަށް ބަލާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންގެ އާއިލާތަކަށް ނިސްބަތްވާ 13 މީހަކަށް ފްލެޓް ލިބިފައިވެއެވެ. އޭސީސީގެ މެމްބަރުންގެ ތެރެއިން އެންމެ ގިނަ ފްލެޓް ލިބިފައިވަނީ މެމްބަރު ޔަޒުމީ މުޙައްމަދުގެ އާއިލާއަށެވެ. އެގޮތުން މެމްބަރު ޔަޒުމީގެ އަނބިކަނބަލުންނަށް ފްލެޓް ލިބިފައިވާއިރު، އާއިލާގެ 6 މީހަކަށްވެސް ފްލެޓް ލިބިފައިވާކަން ފާހަގަވެގެން ދިޔައެވެ.

ނަޒާހަތްތެރި އޭސީސީ މެމްބަރުންގެ ވާހަކަ ދައްކާލާއިރު، ޚުދު އޭސީސީގެ އޭރުގެ ރައީސް ޙަސަން ލުތުފީގެ އާއިލާ މެމްބަރަކަށްވެސް ފްލެޓް ލިބިފައިވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ބައެއް ފްލެޓްތައް

ޖުމުލަކޮށް މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ ގުޅޭ ފަރާތްތަކަށް 100ށް ވުރެ ގިނަ ފްލެޓް!

މިނިވަން މުއައްސަސާތައް އިތުރަށް ދިރާސާ ކޮށްލުމުން ރާއްޖެއެމްވީއަށް ފާހަގަވި އަނެއް ކަމަކީ އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވި މެމްބަރުންނާއި ގުޅުންހުރި ފަރާތްތަކަށްވެސް 3 ފްލެޓެއް ދޫކޮށްފައިވާ ކަމެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުންގެ އާއިލާތަކަށް ނިސްބަތްވާ 9 މީހަކަށް ފްލެޓް ލިބިފައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުންގެ އާއިލާތަކުން އެކަނިވެސް 7 ފަރާތަކަށް ފްލެޓް ދީފައިވާއިރު، އޭގެ ތެރޭގައި ސީއެސްސީގެ ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އަނބިކަނބަލުންނާއި، އޭނާގެ އާއިލާގެ އިތުރު 6 މެމްބަރަކަށް ވެސް އޮތީ ފްލެޓް އެވޯޑް ކޮށްފައެވެ. ހައްތަހާވެސް މިނިވަން މުއައްސަސާތަކުގެ ފަތްފުއްތަށް ދިރާސާ ކޮށްލުމުން ފާހަގަވި ކަންކަމެވެ.

އަދި ހަމަ އެހެންމެ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މަންޒަރު އަދި މާ ނަލައެވެ. ސަބަބަކަށް ވަނީ، އިންސާނީ ޙައްޤުތަކާ ގުޅުންހުރި އެތައް ޖަރީމާއެއް އޭރުގެ ސަރުކާރުން ހިންގަމުން ދިޔައިރުވެސް އެ މަންޒަރު ނުފެންނަކަމަށް ހަދައި، ފުން ނިންޖެއްގެ ތެރޭގައި ތިއްބެވި ކޮމިޝަނުގެ މެމްބަރުންގެ އާއިލާތަކަށްވެސް ފްލެޓް ލިސްޓުން ޖާގަތައް ކަށަވަރު ވެފައިވުމެވެ. އެގޮތުން އެޗްއާރްސީއެމްގެ މެމްބަރު މުސާ އަލީ ކަލޭގެފާނުގެ އާއިލާއަށް އެކަނިވެސް 5 ފްލެޓް ލިބިފައިވެއެވެ.

އިތުރު ތަފްސީލުތަކަށް ބަލާލުމުން އަދި ޝައުޤުވެރިވާ އެހެން ކަމެއްވެސް ފެނިގެން ދިޔައެވެ. އެއީ ފްލެޓް ލިސްޓުގައި ހިމެނޭ ސިޔާސީ ފަރާތެއް ނަމަވެސް، ނުވަތަ މަޖިލިސް މެމްބަރެއް ނަމަވެސް، ނުވަތަ މިނިވަން މުއައްސަސާއެއްގެ މެމްބަރެއް ނަމަވެސް، ސީދާ އެ ބޭފުޅަކަށް ފްލެޓް ލިބިފައިހުރީ މަދު ފަހަރަކު ކަމެވެ. މުޅިންވެސް ފެންނަނީ އެފަދަ ބޭފުޅުންގެ އަނބިންނާއި، އަނބިންގެ އާއިލާ މެމްބަރުންނާއި، އާއިލީ ގޮތުން ގުޅިފައިވާ ފަރާތްތަކަށް ފްލެޓް ލިބިފައިވާ މަންޒަރެވެ. ފަހަރުގައި ސީދާ އެ ބޭފުޅުންނަށް ފްލެޓް ލިބިފައިވާކަން ފެނުމުން ރައްޔިތުން އުފައްދާނެ ސުވާލުތައް ތަސައްވަރު ކޮށްލެވެނީ ކަންނޭނގެއެވެ.

ޖުމުލަ އަދަދުތަކަށް ބަލާއިރު، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ ގުޅޭ ފަރާތްތަކަށް 100ށް ވުރެ ގިނަ ފްލެޓް ދޫކޮށްފައިވެއެވެ. ކޮންމެއަކަސް އެ މުއައްސަސާތައް އޮތްލެއް މިނިވަންކަން އެނގިގެން މިދަނީ ބިތުފަންގި ނެގުމުންނެވެ. އޭރު މިނިވަން މުއައްސަސާތަކާ ގުޅިގެން ރައްޔިތުން ފާޅު ކުރަމުންދިޔަ ކަންބޮޑުވުންތަކާއި، ކުރަމުންދިޔަ ތުހުމަތުތަކުގެ ސައްޙަކަންވެސް މިއަދު ހާމަވަމުންދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތް ކޮށްފައި އޮންނާނެ މިންވަރު މި ކަންކަމުން ސާފުކޮށް ދޭހަވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.