ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ދެތިން ދުވަހުގެ ތެރޭގައި ބަދަލު ކުރަން: ޑރ.ނަޒްލާ
23 އޯގަސްޓު 2020 | އާދީއްތަ 07:19ބޮޑަށް ލަސްތައް ކުރިމަތިވަނީ ޕޮޒިޓްވާ މީހުން ކޮންމެވެސް ސަބަބުތަކާ ހުރެ, ދިއުމަށް ދެކޮޅު ހަދާތީ


އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު، އެސެންޓަރުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވެފައިވޭ
ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ދެތިން ދުވަހުގެ ތެރޭގައި ބަދަލު ކުރާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ގެންދިއުމަށް ބައެއް ލަސްތައް ކުރިމަތިވާކަން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ބޮޑަށް ލަސްތައް ކުރިމަތިވަނީ ޕޮޒިޓްވާ މީހުން ކޮންމެވެސް ސަބަބުތަކާ ހުރެ, ދިއުމަށް ދެކޮޅު ހަދާތީ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ފެސިލިޓީތައް ލިބުމުގައި ބައެއް ދަތިތައް ކުރިމަތިވެގެން ދަތިތަކާއި ކުރިމަތިވިކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ މިހާރު ފެސިލިޓީ ލިބުމުގައި ދަތިކަމެއް ނެތް ކަމަށެވެ. އަދި އެޗްއީއޯސީގެ މަސައްކަތްތައް މުއައްޒަފުން ވެސް ހޯދުމަށް މަސައްކަތްތައް ކުރެވުނުކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެދުވަހެއްގެ ޕޮޒިޓިވްވާ މީހުން ފެސިލީޓީތަކަށް ގެންދިއުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ޑރ.ނަޒްލާ ވިދާޅުވީ އައިލާއަކުން ފުރަތަމަ ޕޮޒިޓިވްވާ މީހާ ގެންދާ ރިސޯޓަށް ދިއުމަށް އެއާއިލާއަކުން ދެން ޕޮޒިޓިވްވާ މީހުން ވެސް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އެރިސޯޓެއްގެ ކެޕޭސިޓީ ފުލްވެ ނުވަތަ އެރިސޯޓަކީ މާލެއާ ދުރު ރިސޯޓެއް ކަމުން ސީޕްލޭންގެ ދަތުރު އެންމެ މީހަކަށް ހަމަޖައްސައި ނުދެވޭ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ މާލެއާ ކައިރި ފެސިލިޓީތަކަށް ޕޮޒިޓިވްވާ މީހުން ގެންދިއުމަށް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޖުމްލަކޮށް ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވާތާ މާގިނަ ދުވަހެއް ނުވެ، ދެތިން ދުވަސްގެ ތެރޭގައި ފެސިލިޓީތަކަށް ގެންދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ޚާއްސަކޮށް ހައިރިސްކްގެ ފަރާތްތައް ބެލުމަށްފަހު އެމީހުން އަވަހަށް ފެސިލީޓީތަކަށް ގެންދާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ









