ކޮވިޑް-19އަށް މިހާރު ޓެސްޓު ކުރަމުންދަނީ ކޮންމެހެން ޓެސްޓު ކުރަން ޖެހޭ ފަރާތްތައް: ޑރ. އަފްޒަލް
16 އޯގަސްޓު 2020 | އާދީއްތަ 08:07ރާއްޖެއިން އަމަލުކުރަނީ ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް


ކޮވިޑް-19އަށް ރެންޑަމް ސާންޕަލް ނެގުމުގެ ތެރެއިން
ކޮވިޑް-19އަށް މިހާރު ޓެސްޓު ކުރަމުންދަނީ ކޮންމެހެން ޓެސްޓު ކުރަންޖެހޭ ފަރާތްތައް ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑް-19ގެ މަސައްކަތުގައި ރާއްޖެއިން އަމަލުކުރަމުން ދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި ދުނިޔޭގެ އެކިގައުމުތަކުގައި އަމަލުކުރަމުންދާ ގޮތް ބަލައި އެގޮތަށް ވެސް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ.އަފްޒަލް ވިދާޅުވީ މިބަލިން ފަސޭހަވާ މުއްދަތަކަށް އިންނަނީ 10 ދުވަސް ކަމަށާއި، ނަމަވެސް ރާއްޖޭގައި ޕޮޒިޓިވްވާ މީހެއް ދޫކޮށްލަނީ 14 ދުވަސްފަހުން އެއްވެސް އަލާމާތެއް ނުފެންނަ ކަމުގައިވާނަމަ ކަމަށެވެ. އަދި 14 ދުވަހު އައިސޮލޭޝަންގައި ތިބޭ ފަރާތްތަކުން ޓެސްޓު ނުކޮށް ދޫކޮށްލާ ގޮތަށް ނިންމި ނިންމުމަކީ ވެސް ވަރަށް ގިނަ މަޝްވަރާތަކަށްފަހު ނިންމި ނިންމުމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ
މިއީ ގިނަ ބަޔަކު ޓެސްޓު ކުރަން ޖެހިފައި އޮތް ހާލަތެއްކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ މިހާރު ޓެސްޓު ކުރަނީ ކޮންމެހެން ޓެސްޓު ކުރަންޖެހޭ ފަރާތްތައް ކަމަށެވެ. އަދި އެނިންމުން ނިންމަނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހުކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ އާންމު ރައްޔިތުންގެ ވިސްނުމާއި ސަރުކާރުގެ ވިސްނުން އަދި ސިއްހީ މުއައްސަސާތަކުގެ ވިސްނުން ވަރަށް ތަފާތުވާނެ ކަމަށެވެ. އެގޮތުން ސަރުކާރާ މަޝްވަރާ ކުރުމަށްފަހު ސިއްހީ ފަރާތްތަކުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްތޯ ބަލާނެ ކަމަށެވެ. އަދި އެލިބިފައިވާ ރިސޯސްތައް އެންމެ ފުރިހަމަ ގޮތުގަ އޭގެ ބޭނުން ކުރުމަށް ޚާއްސަ ސަމާލުކަމެއްދޭކަން ޑރ.އަފްޒަލް ފާހަގަކުރެއްވިއެވެ.





