ކ. މާލެ
|
14 އޯގަސްޓް 2020 | ހުކުރު 07:38
ކުރީގެ 2 ފިނޭންސް މިނިސްޓަރުން ކަމަށްވާ ޢަބްދުﷲ ޖިހާދުއާއި، އަޙްމަދު މުނައްވަރު
ކުރީގެ 2 ފިނޭންސް މިނިސްޓަރުން ކަމަށްވާ ޢަބްދުﷲ ޖިހާދުއާއި، އަޙްމަދު މުނައްވަރު
ރާއްޖެއެމްވީ
މުނައްވަރާއި ޖިހާދުގެ މައްޗަށް ދައުވާ ކުރުން
މުނައްވަރާއި ޖިހާދުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ނައިބެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
 
އެއީ ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ 7 އެއްބަސްވުމަކާ ގުޅޭ މައްސަލަތަކެއް
 
މި މައްސަލައާއި ގުޅިގެން 4 ދައުވާއެއް އުފުލުން އެދި އޭސީސީން ވަނީ ފޮނުވާފައި
 
ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޙުސައިން ޟިރާރުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވޭ

ކުރީގެ 2 މިނިސްޓަރުންނާއި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ނައިބެއްގެ މައްޗަށް ދައުވާކޮށްދިނުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ބުރާސްފަތި ދުވަހު އޭސީސީން ބުނީ، ދަޢުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދުއާއި، ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެނޑް ޓްރެޜަރީ އަޙްމަދު މުނައްވަރުގެ އިތުރުން ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޙުސައިން ޟިރާރުގެ މައްޗަށް ކަމަށެވެ.

މި 3 ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުން އެދި ފޮނުވާފައިވަނީ ޓޫރިސްޓް ރިސޯޓު ތަރައްޤީ ކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ 7 އެއްބަސްވުމަކާ ގުޅޭ މައްސަލަތަކެއްގައެވެ. އެގޮތުން އެއީ އެ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް (ޕުޓް-އޮޕްޝަން ރައިޓް) ހިމަނާފައިވާކަމަށް ބުނެ ކޮމިޝަނަށް ހުށައެޅި ތަހުޤީޤު ކުރެވުނު މައްސަލައެކެވެ.

އޭސީސީން ބުނީ، މި މައްސަލައާއި ގުޅިގެން 4 ދައުވާއެއް އުފުލުމަށް އެދިފައިވާނެ ކަމަށެވެ.

  • މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ
  • ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާ
  • ދަޢުލަތުގެ މުވައްޒަފަކަށްވެހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ޤާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދަޢުވާ
  • ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްސަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ

އޭސީސީން ބުނީ، މި މައްސަލައިގައި ހިމެނޭ 7 ރަށަކީ ބ ތިލަދޫ، ށ ހުރަސްފަރު، ށ ނާއިންފަރު، ރ ފަސްމެންދޫ، ކ އެނބޫދޫ ފިނޮޅު، ކ ކޮއްދިއްޕަރުފަޅު (ދިއްދޫ ފިނޮޅު)، އަދި ކ ކޮއްދިއްޕަރުފަޅު (އަމީންގިރި) ކަމަށެވެ. އެގޮތުން ބ ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއް ކަމާއި، ބ ތިލަދޫ ކުއްޔަށް ދޫކޮށްފައިވަނީ އެ ޤާނޫނަށް 8 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު އައުމުގެ ފަހުންކަން ބަޔާން ކޮށްފައިވެއެވެ. ބ ތިލަދޫ ކުއްޔަށް ދޫކޮށްފައިވާއިރު ޕުޓް-އޮޕްޝަން ރައިޓް މާއްދާ ހިމަނާފައި ވީނަމަވެސް، އެ އިސްލާހުގައިވާގޮތުން ސަރުކާރަށް ލިބެނީ ޖޮއިންޓް ވެންޗަރ އެގްރީމަންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ އިހުތިޔާރު ކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި އެއީ އެއްވެސް އަގަކާ ނުލައި، ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ އިހުތިޔާރެއް ނޫންކަން ބަޔާން ކޮށްފައިވެއެވެ.

އޭސީސީން ބުނީ، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަހްމަދު މުނައްވަރު ކަމަށެވެ.

އޭގެ އިތުރުން، ބ ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ޓޫރިޒަމާ ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ބަޔާންކުރާ އިސްތިސްނާ ޙާލަތުގައި ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއްކަން އޭސީސީން ބުނެފައިވެއެވެ. އެގޮތުން އާންމުކޮށް އިއުލާނު ކޮށްގެން ރަށްތައް ކުއްޔަށް ދިނުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗަރ އެގްރީމަންޓުތަކެއްގެ ދަށުން ހަދާ ޖޮއިންޓް ވެންޗަރ ކުންފުނިތަކާއެކު ލީސް އެގްރީމަންޓް ހަދައިގެން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއްކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި އެރަށްތަކަށް ލީސް އެކުއިޒިޝަންގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވީނަމަވެސް، ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ޙާލަތަކީ އެ ޙާލަތުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗަރގެ ދަށުން ޓޫރިސްޓް ރިސޯޓުތައް އޮޕަރޭޓްކުރަން ފެށުމުން ސަރުކާރަށް ލިބޭ ކުލީގެ އިތުރުން، ސަރުކާރުން ކުރާ އިންވެސްޓްމަންޓްގެ ބަދަލު ލިބިލިބި ހުރުމުގެ މުޤާބިލުގައި ދެވޭ އިސްތިސްނާއެއް ކަމަށް ތަޙްޤީޤަށް ޤަބޫލު ކުރެވޭކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، ކ.އެނބޫދޫ ފިނޮޅާއި، ށ.ނާއިންފަރާއި، ށ.ހުރަސްފަރާއި، ރ.ފަސްމެންދޫއާއި، ކ.ކޮއްދިއްޕަރު (ދިއްދޫފިނޮޅު) ފަޅާއި އަދި ކ.ކޮއްދިއްޕަރު (އަމީންގިރި) ފަޅާއި ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި ކުއްޔަށްދޫކުރާ ރަށުގެ ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް ފުރިހަމަ ވުމުން ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރު 5% ހިއްސާ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާއިނުލާ ބަދަލުކުރޭވޭނެ ގޮތަށް “Put-Option right” ހިމަނާފައިވާކަމަށްވެސް އޭސީސީން ބުނެފައިވެއެވެ. އަދި އެ މާއްދާ ހިމަނާފައިވަނީ ބައެއް އިންވެސްޓަރުންނާ އެއްކޮށް މިނިސްޓްރީ އޮފް ޓޫރިޒަމުން މަޝްވަރާ ކޮށްގެން އެ މާއްދާ ހިމެނުމަށް އެއްބަސްވެގެންކަން ބައެއް ރަށްތަކަށް އިންވެސްޓަރުން ހުށަހަޅާފައިވާ ސިޓީތަކުން އެނގެން އޮތްކަމަށްވެސް އޭސީސީން ބުނެފައިވެއެވެ. އަދި މި އެގްރިމެންޓްތަކުގައ ސަރުކާރުގެ ފަރާތުން ސޮއި ކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދުކަންވެސް ބަޔާން ކޮށްފައިވެއެވެ.

އޭސީސީން ބުނީ، ޟިރާރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ބ.ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ވެފައިވާ ލީސްއެގްރީމެންޓާއި، ށ.ހުރަސްފަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ވެފައިވާ ލީސް އެގްރީމެންޓާއި، ށ.ނާއިންފަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ވެފައިވާ ލީސް އެގްރީމެންޓުގައި ސޮއިކޮށްފައިވާތީ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
33%
50%
0%
17%
0%
0%
ކޮމެންޓް
14 އޯގަސްޓް 2020 | ހުކުރު 08:38
ބޮޑު ޖޯކް
މީތޯ ބޮޑު މައްސަލަ. ޙެ ހެ ހެ ތީ ބޮޑު ޖޯކެއް. އަނެއްކާ ވެސް ތާކުންތާކު ނުޖެހޭ ދައުވާ. ތި ދައުވާ ތަކުން ސަރުކާރަށް އަނބުރާ ލިބޭނެ އެއްވެސް ލާރިއެއްނޯންނާނެ. ތީ ކަމެއް ކުރިކަން ދައްކާލަން ކޮށްލާ ކަމެއް. އަކުރާއި ފިލީގައި ހިފާ ދަމަނީ. ފައިސާ ނެގި މީހުންނަށް ދައުވާ ކުރާކަށެއްނުކެރުނު.