އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ ދެބައިކުޅައެއްބައި މީހުން މަރުވާނެ ކަމުގެ އިންޒާރެއް
30 ޖުލައި 2020 | ބުރާސްފަތި 18:36ބަލި ފެތުރޭ މިންވަރު ދަނީ އިތުރުވަމުން


ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ އެންމެ ހާލު ބޮޑެތި މީހުންނަށް
ކޮވިޑް-19 ފެތުރޭ ބާރު މިނުގައި ފެތުރިގެން ގޮސްފިކަމުގައިވާނަމަ އައިސީޔޫއަށް ފަރުވާއަށް ލެވޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ރާއްޖެއިން މިހާތަނަށް އައިރު ގިނައިން ޕޮޒިޓިވްވީ ޒުވާނުން ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކޮވިޑް-19އަށް ޕޮޒިޓިވްވާ ނިސްބަތް މަދު ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ބަލިޖެހޭ މިންވަރަށް ބަލާއިރު، ޖުލައިން ފެށިގެން ދުވަސްވީ މީހުންނާއި، ދައިމީ ބަލިތަކަށް ފަރުވާ ކުރާ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު މަދުމަދުން އިތުރުވަމުންދާ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.
ބަލި ފެތުރޭ މިންވަރު އަވަސްކަން ފާހަގަކުރައްވައި ޑރ .ޝީނާ ވިދާޅުވީ އޭގެ ތެރެއިން އައީސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މަރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ އާންމުން މަގުމަތީގައި އުޅޭ މިންވަރު މަދުކޮށް، ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކޮށްފިކަމުގައިވާނަމަ ބަލި ފެތުރޭ މިންވަރު މަދުކުރެވޭނެ ކަމަށެވެ. އަދި ކޮންޓެކްޓުން މަދުކުރެވޭ ވަރަކަށް ރާއްޖޭގެ ހެލްތް ނިޒާމުގެ ކެޕޭސިޓީ ހިފެހެއްޓޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.




