Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ހައްޖު 1441

ކޮވިޑު-19 ބަލިމަޑުކަމާއި އެކުގައި ވެސް ޙައްޖުގެ އަޅުކަން

2020 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދެވިފައި ވަނީ ހަމަ އެކަނި ސަޢުދީ ޢަރަބިއްޔާ ގައި މިހާރު ތިބި މީހުންނަށް

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 30 ޖުލައި 2020 | ބުރާސްފަތި 03:44
ގައި ދުރުކަމާއި އެކު ހައްޖުގެ އަޅުކަން އަދާކުރަނީ - 2020 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދެވިފައި ވަނީ ހަމަ އެކަނި ސަޢުދީ ޢަރަބިއްޔާ ގައި މިހާރު ތިބި މީހުންނަށް

ގައި ދުރުކަމާއި އެކު ހައްޖުގެ އަޅުކަން އަދާކުރަނީ - 2020 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދެވިފައި ވަނީ ހަމަ އެކަނި ސަޢުދީ ޢަރަބިއްޔާ ގައި މިހާރު ތިބި މީހުންނަށް

ޙައްޖަކީ މުސްލިމުންގެ އިސްލާމް ކަމުގެ ރުކުންތަކުގެ ތެރެއިން ފަސް ވަނަ ރުކުނެވެ. މި ރުކުން ނުވަތަ އަޅުކަން އަދާކުރުމަށް ﷲ ވަނީ ވަގުތު ކަނޑައަޅުއްވައި އަންގަވާފައެވެ. ބަޤަރާ ސޫރަތުގެ 197 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ބަސްފުޅުގެ މާނާގައި ވަނީ "ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި ޙައްޖު ފަރްޟުކޮށްގެންފި މީހާ (އެބަހީ: ޙައްޖު ވުމަށް ޤަޞްދު ކޮށް އިޙްރާމް ބަނދެފި މީހާ، ދަންނާށެވެ!) ފަހެ ޙައްޖު ވުމުގެ ތެރޭގައި ޖިމާޢުވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ. އަދި، (اللَّه އީ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަޤްވާ އެވެ. އޭ ބުއްދީގެ އަހްލުވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ތަޤްވާ ވެރިވާށެވެ!"

މިފަދައިން އަންގާވާފައިވާއިރު ކަނޑައެޅި އެނގިގެންވާ މައްސަރުގެ ގޮތުގައި ކީރިތި ނަބިއްޔާ (ޞ) އަންގަވާފައި ވަނީ އެ މައްސަރަކީ ޙައްޖުމަސް ކަމުގައެވެ. އަދި އެދުވަހަކީ އެ މަހުގެ 9 ވަނަ ދުވަސް ކަމުގައެވެ. މި ދުވަހަށް ކިޔަނީ ޢަރާފާތު ދުވަހެވެ. އެއީ ޙައްޖާޖީން ޢަރަފާތު ބިމުގައި ތިބޭ ދުވަސް ކަމުގައި ވާތީއެވެ. އެއީ ޙައްޖުގެ އެއްމެ މުހިއްމު ރުކުނެވެ. އެހެނީ ކީރިތި ރަސޫލާ އަންގަވާފައި ވަނީ "ޙައްޖަކީ ޢަރަފާތު" ކަމުގައެވެ.

ޢަރަފާތަށް ދިއުމުގައި މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމާ ހުރެ މިއަހަރުގެ ޙައްޖަށް ޖަމާވުމުގައި ދަތި އަދި ހުރަސްތަކެއް ކުރިމަތި ވެފައި ވެއެވެ. ޙައްޖުގެ އަޅުކަމަށް ދިއުމަށް މަގުތައް އަމާން ވާން ޖެހެއެވެ. އެއީ ވާޖިބުވުމުގެ ޝަރުޠުތަކުގެ ތެރެއިންވާ ޝަރުޠެކެވެ. ނާމާންކަމާއި، ނުރައްކަލާއި، ބިރުވެރި ކަމުގައި އަޅުކަމެއް ކުރުމަށް ނުވަތަ ޙައްޖު ކަމުގައި ވީނަމަ ވެސް ދަތުރުކުރުމެއް ނުވެއެވެ. ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން، މިއަހަރު ޙައްޖުގެ އަޅުކަމަށްޓަކައި ބޭރުގެ އެއްވެސް ޤައުމަކުން ސަޢުދީ ޢަރަބިއްޔާ އަށް ދަތުރުކުރުމުގެ ހުއްދަ އެ ޤައުމުން ދީފައި ނުވެއެވެ. ނަމަވެސް ސަޢުދީގައި މިހާރު ދިރި އުޅެމުންދާ ބިދޭސީންނަށް ވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރި ވުމުގެ ހުއްދަ އަދި ފުރުސަތު ތަނަވަސް ކޮށްދީފައި ވެއެވެ.

ޙައްޖުގެ އަޅުކަމަށްޓަކައި މައްކާއަށް އެކި ޤައުމުތަކުން މުސްލިމުން ޖަމާވަމުން ދާ މިންވަރު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަކަން އެއީ ތާރީޚުގެ ތެރެއިން ފެންނަން އޮތް ހެއްކެކެވެ. އަދި ހަމަ އެއާއެކު ކީރިތި ރަސޫލާ އިސްލާދީނައިގެން ވަޑައިގެން ފަހުން އެއްމެ ފުރަތަމަ ފަހަރު ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމުގެ ފަހުން މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ޖަމާވަމުން ގެންދެއެވެ. ހިޖުރައިން 6 ވަނަ ނުވަތަ 9 ވަނަ އަހަރު، ކީރިތި ރަސޫލާ ޙައްޖަށް ވަޑައިގެންނެވިތާ މި ވޭތުވެ ދިޔަ 1435 ނުވަތަ 1432 އަހަރުގެ ތެރޭގައި ތަފާތު އެކި ކަންކަމާއި، ޙަދިޘާތައް ހިނގާފައި ވެއެވެ.

މި ރުކުން އަދާ ކުރުމަށް މިދިޔަ 1440 ވަނަ އަހަރު 2.5 މިލިއަނަށްވުރެ ގިނަ މީހުން އަދި 1439 ވަނަ އަހަރު 2.37 މިލިއަން ޙާޖީން ޢަރަފާތަށް ޖަމާ ވެފައިވާ ކަމުގައި ސަޢުދީ ޢަރަބިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ގޮތުން އެއްމެ ގިނައިން މިހާތަނަށް ޙައްޖަށް މީހުން ޖަމާވެފައިވާ ކަން ފެންނަނީ 2012 ވަނަ އަހަރު އެވެ. އެއީ 3.16 މިލިއަން މީހުންނެވެ. އެކިފަހަރު މަތިން މުސްލިމުން މައްކާއަށް ދިއުމުގައި ނުވަތަ ފަރުޟު ޙައްޖު އަދާކުރުމުގައި އަމާންކަން ގެއްލި، ދަތިތަކެއް ނުވަތަ ހުރަސްތަކެއް ކުރިމަތި ވެފައި ވެއެވެ.ސަޢުދީ ޢަރަބިއްޔާގެ ރަސްމީ ލިޔުންތަކުގައި ވާ ގޮތުން މީގެ ކުރިން 40 ފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގައި ހުރަސްތަކެއް ކުރިމަތި ވެފައި ވެއެވެ.

އެގޮތުން އެންމެ ފުރަތަމަ ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރިމަތިވި ހުރަހަކީ މީލާދީން 930، ހިޖްރައިން 317 ވަނަ އަހަރު ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހު ކުރިމަތިވި "އަލްޤަރާމަޠާ"ޙާދިޘާއާ ހުރެއެވެ. އަބޫ ޠާހިރުލްޤަރަމަޠީ ކިޔާ މީހަކު ގެފުޅުގެ ދޮރުކޮޅުގެ ކުރިމަތީގައި ހުރެ ގެފުޅަށް އަޅުކަން ނުކޮށް އޭނައަށް ތަބާވުމަށް ގޮވާލުމާ ގުޅިގެން ކުރިމަތި ކަންތައްތަކަކާ ހުރެ އެ އަހަރުގެ ޙައްޖުގެ އަޅުކަން ކުރިއަށް ގެންދެވިފައި ނުވެއެވެ. މި ޙާދިޘާގައި 30 ހާހަށް ވުރެ ގިނާ ޙާޖީން ޝަހީދުވެފައި ވެއެވެ. މިގޮތުގެ މަތިން 10 އަހަރު ޙައްޖުގެ އަޅުކަން ކުރިއަށް ގެންދެވިފައި ނުވާ ކަމުގައި ލިޔުމުގައި ވެއެވެ. ބައެއް ލިޔުންތަކުގައި ވާ ގޮތުން ހިޖްރައިން 251 ގައި ޢަރަފާތު ބިމުގައި ހިނގައި ދިޔަ ޤަތްލަކާ ގުޅިގެން ވެސް ޙައްޖުގެ އަޅުކަން ފުރިހަމަ ކުރެވިފައި ނުވާ ކަމުގައި ވެއެވެ.

އެކި ލިޔުންތަކުގައި އަހަރު ތަފާތު ގޮތްގޮތަށް ހުރި ނަމަވެސް ޙައްޖުގެ އަޅުކަން 40 ފަހަރު ނުކުރެވި ނުވަތަ ދަތިތަކާ އެކު ކުރެވިފައި ވާކަން ސާބިތުވެއެވެ. އޭގެތެރޭގައި ބަލިމަޑު ކަމުގެ ސަބަބުންނާއި، ހަނގުރާމަ އާއި، ތަފާތު ނުރައްކާތައް ކުރިމަތި ވެފައިވާ ކަމުގައި ވެއެވެ. މިގޮތުން ބަލާއިރު މީލާދީން 983 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާނުކުރެވި ޙައްޖުގެ އަޅުކަން މެދުކެނޑިފައި 8 އަހަރު އޮތެވެ. އެއީ އިރާޤާއި ސޫރިޔާގައި އޮތް އައްބާސީ ދައުލަތާއި މިޞްރުގައި އޮތް ފާޠިމީ ދައުލަތުގެ ވެރިންގެ މެދުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަކާ ހުރެއެވެ.

މީލާދީން 1831 ވަނަ އަހަރު އިންޑިޔާގެ ޖައިސޫރު ކިޔާ ރަށަކުން ކޮލެރާގެ ބަލިމަޑުކަން ފެތުރެން ފަށުމާ ގުޅިގެން ޙައްޖަށް ދިއުން ހުއްޓުވުނެވެ. މީލާދީން 1837 ވަނަ އަހަރު މައްކާގައި ފެތުރެނު ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން 1840 ވަނަ އަހަރާ ހަމައަށް ޙައްޖުގެ އަޅުކަން މެދުކަނޑާލެވުނެވެ. މީގެ އިތުރުން 1846 ވަނަ އަހަރު މައްކާގައި ފެތުރުނު ކޮލެރާގެ ވަބާގައި 15000 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ޙައްޖުވުން ހުއްޓުވުނެވެ. ހަމައެހެންމެ، 1858 ވަނަ އަހަރު މިޞްރުގައި ކޮލެރާ ފެތުރެން ފެށުމުން އެޤައުމުން ޙައްޖަށް ދިޔަ މީހުން ރަތްކަނޑުގެ އައްސޭރީގައި ކަރަންޓީނު ކުރެވުނެވެ. އަދި ހަމަ އެހެންމެ 1864ގައި އާއި، 1871 ގައި އާއި، 1898 އަދި 1899 ގައި ވެސް ބަލިމަޑުކަމަކާ ހުރެ ޙައްޖު ކުރުމުގައި އުނދަގޫތަކެއް ކުރިމަތި ވެފައި ވެއެވެ.

ޙައްޖުގެ ތާރީޚަށް ބަލާއިރު ވޭތުވެ ދިޔަ ޤަރުނެއްހާ ދުވަހު ޙައްޖުގެ އަޅުކަމުގެ ދުވަސްވަރު ޙައްޖު ނުކުރެވި ނުވަތަ ކުރުމުގައި އުނދަގޫތަކެއް ކުރިމަތި ވެފައި ވާކަމަށް ރެކޯޑު ކުރެވިފައި ނުވެއެވެ. ނަމަވެސް 80 ގެ ތެރޭގައި ނަބީކަމަށް ދަޢުވާކުރި މީހަކު ޙައްޖުގެ ދުވަސްވަރު ޙަރަމްފުޅުގައި ކަންތައްތަކެއް ހިންގާފައި ވެއެވެ.

މި އަހަރުގެ މި ދުވަސްވަރަކީ މި ފަހަކަށް އައިސް ދުނިޔޭގައި ބޮޑުވެގެންވާ ބަލިމަޑުކަމެއް ފެތުރި މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ނުވަތަ ކަރަންޓީނު ކުރެވިފައިވާ ދުވަސްވަރެއް ކަމުން މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދެވިފައި ވަނީ ހަމަ އެކަނި ސަޢުދީ ޢަރަބިއްޔާ ގައި މިހާރު ތިބި މީހުންނަށެވެ. އޭގެތެރޭގައި ސަޢުދީގެ ރައްޔިތުންގެ އިތުރުން އެ ޤައުމުގައި ތިބޭ އެހެނިހެން ޤައުމުތަކުގެ ރައްޔިތުންނަށް ވެސް ޙައްޖުވުމުގެ ފުރުސަތު ހުޅުވާލައިފައި ވެއެވެ. އެއާ ޚިލާފަށް އެޤައުމުގެ ރައްޔިތަކު ކަމުގައި ވީނަމަވެސް ޤައުމުން ބޭރުގައި ދިރި އުޅޭ މިހަކަށް އެފުރުސަތު ހުޅުވާލާފައި ނުވެއެވެ. މިގޮތުން މިއަހަރު ސަޢުދީ ޢަރަބިއްޔާގައި ދިރި އުޅޭ ބޭރުގެ ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން 70 އިންސައްތަ މީހުން ޙައްޖުގައި ބައިވެރިވާނެ ކަމަށް ސަޢުދީގެ ސަރުކަރުން ލަފާކޮށްފައި ވެއެވެ. އަދި ސަޢުދީގެ ރައްޔިތުންގެ ތެރެއިން 30 އިން ސައްތަ މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނޭ ކަމުގައި އެ ޤައުމުގެ ސަރުކާރުން އަންދާޒާ ކޮށްފައި ވެއެވެ.

ދުނިޔޭގައި ކޮވިޑު-19 ބަލި އިއްޔެއާ ހަމައަށް 16.8 މިލިއަން މީހުންނަށް ޖެހިފައިވާ އިރު ހައްލައްކަ 63 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. ސަޢޫދީ ޢަރަބިއްޔާ އަށް ބަލާއިރު 270 ހާ ހަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 2789 މީހުންނަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދައިގެ އަޅުކަން

ރޯދައިގެ އަޅުކަން

12 އެޕްރީލު 2021
ޙައްޖުގެ އަޅުކަމަކީ އިންސާނީ ނަފުސުތައް ތަރުބިއްޔަތު ކޮށްދޭ ތަރުބަވީ އަޅުކަމެއް

ޙައްޖުގެ އަޅުކަމަކީ އިންސާނީ ނަފުސުތައް ތަރުބިއްޔަތު ކޮށްދޭ ތަރުބަވީ އަޅުކަމެއް

29 ޖުލައި 2020
ކޮވިޑް19: އަޅުކަން ކުރުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ލިބުނު ފުރުސަތެއް!

ކޮވިޑް19: އަޅުކަން ކުރުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ލިބުނު ފުރުސަތެއް!

24 އެޕްރީލު 2020
ހައްޖުގެ އަޅުކަން ނިމުމަކަށް، 2 މިލިއަން ހައްޖާޖީން އެނބުރި ގައުމަށް ފުރަނީ

ހައްޖުގެ އަޅުކަން ނިމުމަކަށް، 2 މިލިއަން ހައްޖާޖީން އެނބުރި ގައުމަށް ފުރަނީ

04 ސެޕްޓެމްބަރު 2017
މި ފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އެންމެ ދުވަސްވީ މީހާގެ އުމުރަކީ 104 އަހަރު!

މި ފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އެންމެ ދުވަސްވީ މީހާގެ އުމުރަކީ 104 އަހަރު!

21 އޯގަސްޓު 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު