ކ. މާލެ
|
26 ޖުލައި 2020 | އާދީއްތަ 14:14
ކުއަލަލަމްޕޫރުގެ ހައިކޯޓަށް ކުރީގެ ބޮޑުވަޒީރު ނަޖީބު، ސަޕޯޓަރުންނާއެކު ޖޫން މަހުގެ 1 ވަދަ ދުވަހު ވަޑައިގަންނަވަނީ
ކުއަލަލަމްޕޫރުގެ ހައިކޯޓަށް ކުރީގެ ބޮޑުވަޒީރު ނަޖީބު، ސަޕޯޓަރުންނާއެކު ޖޫން މަހުގެ 1 ވަދަ ދުވަހު ވަޑައިގަންނަވަނީ
ރޮއިޓަރސް
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ކަރަޕްޝަން
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރުގެ މައްޗަށް ކުރެވޭ ވައްކަމާއި ޚިޔާނާތުގެ ދައުވާގެ ހުކުމް އަންގާރަ ދުވަހު
 
ސާބިތު ވެއްޖެ ނަމަ ކޮންމެ ކުށަކަކަށް ބޮޑު ޖުރިމަނާ އަކާއި ޖަލު ހުކުމެއް އަންނާނެ
 
9.9 މިލިއަން ޑޮލަރު ނަޖީބުގެ އަމިއްލަފުޅު އެކައުންޓަށް ވަތްކަމުގެ ތުހުމަތު ކުރެވޭ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް އުފުލިފައިވާ ޚިޔާނާތުގެ ދައުވާތަކުގެ ތެރެއިން ފުރަތަމަ ދައުވާގެ ހުކުމް އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފިއެވެ.

މެލޭޝިއާގެ ދައުލަތުގެ ފަންޑެއް ކަމުގައިވާ ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (ވަން-އެމްޑީބީ) އާ ގުޅޭ އެތައް ބިލިއަން ޑޮރެއް އެކުލެވޭ ޚިޔާނާތުގެ ތުހުމަތު މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ މައްޗަށް ވަނީ ކުރެވިފައެވެ. އަދި މި ޚިޔާނާތާ ގުޅޭ އެތައް ދައުވާއެއް އޭނާގެ މައްޗަށް ވަނީ އުފުލިފައެވެ. މި ގޮތުން އަންނަ އަންގާރަ ދުވަހުގެ ހުކުމް ވެގެން ދާނީ ނަޖީބުގެ މައްޗަށް އުފުލިފައިވާ ދައުވާތަކުގެ ތެރެއިން މިހާތަނަށް ނިމުމަކާ ހަމައަށް އައިސް ހުކުމް އިއްވޭ ފުރަތަމަ މައްސަލައަށެވެ.

މެލޭޝިއާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އަންގާރަ ދުވަހުގެ ހުކުމަކީ، ކަރަޕްޝަނާ ދެކޮޅަށް މެލޭޝިއާއިން ކުރާ މަސައްކަތް ޓެސްޓް ކޮށްލުމަށް ލިބޭ ފުރުސަތެއް ކަމުގައެވެ.

2018 ވަނަ އަހަރުގެ އިންތިޚާބުގައި ނަޖީބުގެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނި އެންމެ ބޮޑު އެއް ސަބަބަކީ ވަން-އެމްޑީބީ ފަންޑުން 4.5 ބިލިއަން ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ކުރެވުނު ތުހުމަތު ތަކުގެ ސަބަބުންނެވެ. ދައުލަތުގެ ވަކީލުން ބުނެފައިވަނީ ފަންޑުން ވަގަށް ނެގި ފައިސާގެ ތެރެއިން ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ވަދެފައިވަނީ ނަޖީބުގެ އަމިއްލަފުޅު އެކައުންޓަށް ކަމުގައެވެ.

އަންގާރަ ދުވަހުގެ ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ، ވަން އެމްޑީބީގެ އެސްއާރުސީ އިންޓަނޭޝަނަލް ޔުނިޓުން 2014 ވަނަ އަހަރު 9.9 މިލިއަން އެމެރިކާ ޑޮލަރު ނަޖީބަށް ލިބިވަޑައިގެންނެވި މައްސަލައިގައެވެ. މި މައްސަލައިގައި ނަޖީބުގެ މައްޗަށް ޚިޔާނާތާއި، އިތުބާރު ގެއްލުވާލުމާއި، މަނީ ލޯންޑްރިން އާއި، ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރުމުގެ ދައުވާ އުފުލިފައިވެއެވެ. ނަޖީބު ވަނީ މި ހުރިހާ ދައުވާ ތަކަށްވެސް އިންކާރު ކުރައްވާފައެވެ.

ނަޖީބު ވިދާޅުވެފައިވަނީ އެ ފައިސާ އަކީ ސައުދީ އަރަބިއްޔާއިން ހަދިޔާއެއްގެ ގޮތުގައި ދިން ފައިސާ ކަމަށް ވަން-އެމްޑީބީގެ އޮފިޝަލުން އޭނާ އަށް މައުލޫމާތު ދީ ހަގީގަތް އޮޅުވާލާފައިވާ ކަމުގައެވެ. އަދި އެއީ އެ ފަންޑުގެ ފައިސާކަން އެއް ގޮތަކަށްވެސް އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމުގައެވެ.

ކުށް ސާބިތު ވެއްޖެ ނަމަ ކުރީގެ ބޮޑު ވަޒީރު ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކޮންމެ ކުށަކަށް ބޮޑު ޖުރިމަނާ އަކާ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

ނަޖީބުގެ މައްޗަށް އަންނާނެ ހުކުމަށް ގިނަ ބަޔެއްގެ ލޯ އަމާޒުވެފައިވާ ސަބަބަކީ، މެލޭޝިއާގައި މިހާރު ގާއިމްވެފައިވާ އުމުރުން އެންމެ ހަތަރު މަސް ދުވަސްވީ މުހިއްޔުއްދީންގެ ސަރުކާރަށް ގާނޫނު ހަދާ މަޖިލިހުގައި އޮތް ހަނި އަޣުލަބިއްޔަތަކީ ނަޖީބުގެ ޕާޓީގެ އެހީތެރިކަމާއެކު އޮތް އަޣްލަބިއްޔަތެއް ކަމުގައި ވާކަމެވެ. އަނެއް ކޮޅުން އިދިކޮޅު ފަރާތްތަކުން ގެންދަނީ އައު އިންތިޚާބަކަށް ގޮވާލަމުންނެވެ.

ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ނަޖީބުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މުހިއްޔުއްދީންގެ ސަރުކާރުގެ އިތުބާރު ބޮޑުވެގެން ދާނެއެވެ. އެހެން ނަމަވެސް ވެރިކަން ހިންގާ ކޯލިޝަންގެ ތެރޭގައި އެކަމުގެ ސަބަބުން ނުތަނަވަސް ކަން ބޮޑުވެގެން ދާނެއެވެ.

ޕާޓީ ހިންގުމުގައި ނަޖީބު އިސް ދައުރެއް އަދާ ނުކުރެއްވިޔަސް، ޕާޓީގެ ކަންކަމުގައި ނަޖީބު ހުންނެވީ ވަރަށް ނުފޫޒް ގަދަ ބޭފުޅެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް