ފްރަންޓްލައިން ވޯކަރުންގެ އެލަވަންސް ޖުލައި މަހުގެ މުސާރައާއެކު ޖަމާވާނެ: އެޗްއީއޯސީ
15 ޖުލައި 2020 | ބުދަ 03:30މިނިސްޓްރީތަކުން އެމުވައްޒަފުން މައުލޫމާތު ޕޯޓަލްއަށް އެންޓަރ ކުރަން ޖެހޭ


ކޮވިޑް-19 ށް ޓެސްޓު ކުރުމުގެ މަސައްކަތުގެ ތެރެއިން
ކުރީ ސަފުގައި މަސައްކަތްކުރާ ހެލްތު ވޯކަރުންނާއި އެހެނިހެން ފަރާތްތަކަށް ދޭން ބުނެފައިވާ އެލަވަންސް ޖުލައި މަހުގެ މުސާރައާއެކު ޖަމާވާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އަންގާރަ ދުވަހުގެ ރޭ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފްރޮންޓްލައިން ވޯކަރުންގެ އެލަވަންސް ޖަމާކުރުމުގައި މިނިސްޓްރީން އެމުވައްޒަފެއްގެ މައުލޫމާތު އެންޓަރ ކުރަމުންދަނީ ވަކި ޕޯޓަލްއަކަށް ކަމަށާއި، މައުލޫމާތު އެންޓަރ ކުރުމުން ޖުލައި މަހުގެ މުސާރައާއެކު އެލަވަންސް ލިބޭނެ ކަމަށެވެ.
އަންގާރަ ދުވަހު ޖުލައި މަހުގެ މުސާރައާއެކު ޖަމާވާނެ ކަމަށް އެޗްއީއޯސީން ހާމަކޮށްފައިވާއިރު، މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ ޖޫން މަސް ނިމުމުގެ ކުރިން ޖަމާވާނެ ކަމަށެވެ. މިއެލަވަންސް ދިނުމުގައި ލަސްވާ ވަކި ސަބަބެއް ހާމަކޮށްފައިނުވެއެވެ.
ފްރޮންޓްލައިން ވޯކަރުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ކަނޑައަޅާފައި ވަނީ މަރޗް މަހުން ފެށިގެންނެވެ.
ފްރޮންޓްލައިން ވޯކަރުންނަށް ހާއްސަ އެލެވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވިކަން އިއުލާނުކުރެއްވީ ނިމިދިޔަ މެއި މަހުގެ 7 ގައެވެ. އެކަން އިއުލާނުކުރައްވާ ދެއްކެވި ވާހަކައިގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަައް ތިން ގިންތިއަކަށް ބަހާލައިގެން "ފްރޮންޓްލައިން" އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.








