ކ. މާލެ
|
8 ޖުލައި 2020 | ބުދަ 09:41
2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ކުރީގެ ރައީސް ޔާމީނުގެ އަރިހުގައި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު އުސްމާނު (ވ-2) އަދި ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ (ވ)،
2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ކުރީގެ ރައީސް ޔާމީނުގެ އަރިހުގައި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު އުސްމާނު (ވ-2) އަދި ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ (ވ)،
ސޯޝަލް މީޑިއާ
ފަނޑިޔާރު ޝުޖާއު އުސްމާން
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ޓީމުން ހިންގި ގިނަ "ޖަރީމާ" ތަކަކީ ފާޅުގައި ހިންގި ކަންކަން!
 
ފަނޑިޔާރު ޝުޖާއު އުސްމާނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރުވެސް، ހުންނެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމުގައި
 
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު ވަނީ ދާދިފަހުން ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި 3 މިލިއަން ޑޮލަރުގެ މައްސައެއްވެސް ނިންމާފައި
 
ގާޒީ ހަސަން ނަޖީބާއި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲދީދީއަކީ އެކުގައި އުޅުއްވި ގާތް ބޭފުޅުން

އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިބުގައި، ޕީޕީއެމުން ވަދާކުރި ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމުގެ ގޮތުން، ފަނޑިޔާރުންތަކަކާއި ދައުލަތުގެ މިނިވަން ބައެއް މުއައްސަސާތަކުގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން، ކެމްޕެއިން ކުރިއިރު، އެއްބަޔަކު ދާދި ފަހަކާ ޖެހެންދެން މަގާމުގައި ތިއްބެވި އެވެ. އަދި މިހާރު ވެސް މަގާމުތަކުގައި ބައެއް ބޭފުޅުން އެބަތިއްބަވަ އެވެ. އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ، ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި، ޝުޖާއު އުސްމާނު އެވެ.

ގއ. އަތޮޅުގައި ޕީޕީއެމާއި ރައީސް ޔާމީނާއި ރައީސް ޔާމީންގެ އަނބިކަނބަލުންގެ ސިޔާސީ ހަރަކާތްތައް ހިންގެވުމަށް އެންމެ ކުރީ ސަފުގައި އުޅުއްވީ މިބުނާ ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި އިސް މަގާމުތަކުގައި ތިއްބެވި އިސް ބޭފުޅުންނެވެ. މިބޭފުޅުން ޖެހިލުންނުވެ، ފާޅުގައި ސިޔާސީ ހަރަކާތްތައް ހިންގަވާތީ، އެދުވަސްވަރުވެސް، އެފަދަ ބައެއް ޚަބަރުތައް މީޑިއާތަކުގައި ޝާއިރުކޮށްފައިވެއެވެ އެވެ. ނަމަވެސް އޭރު ޚަބަރުތައް ޝާއިރުކޮށްފައިވަނީ ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށެވެ.

ނަމަވެސް މިއަދު މި ވާހަކަތައް ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ބާރު ލިބި، ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް ބެލުމަށް އުފައްދާފައިވާ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކޮށް، ނިންމުމަށްފަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބުނާ ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހަދާ، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓެއްގައި ކަށަވަރުކޮށްދީފަ އެވެ. ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މި ރިޕޯޓަކީ، ކްރިމިނަލް ކޯޓުގެ ގާޒީ، ހަސަން ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވުނު 6 މައްސަލައަކާ ގުޅިގެން ޖޭއެސްސީން ހިންހި ތަހުގީގުން، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ހިންގާފައިވާ އަމަލުތަކެއްކަން ސާބިތުވާތީ، ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި ރިޕޯޓެކެވެ.

މަޖިލީހަށް އެ ރިޕޯޓް ޖޭއެސްސީން ހުށަހެޅުމުން ގާޒީ ހަސަން ނަޖީބު ވަނީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ގާނޫނު ބުނާ ގޮތުން މައްސަލަ ބަލަމުންދަނިކޮށް، ފަނޑިޔާރު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ، އެމައްސަލަ އެހިސާބުން އެނިމުނީ އެވެ. މާނައަކީ އެމައްސަލަތައް ދެން ކުރިއަށް ނުދިއުމެވެ. ނަމަވެސް ގާޒީ ހަސަން ނަޖީބާއި އޭނާގެ ބައިވެރިން ހިންގާފައިވަނީ، އާދައިގެ ކުދިކުދި ކަންތައްތަކެއް ނޫނެވެ.

ބޮޑެތި ޖިނާއީ އަމަލުތަކެކެވެ. އެންމެ ކުޑަމިނުން، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ކުށުގެ ދައުވާ ނުކުރެވެންވީ ސަބަބެއް ނެތެވެ. ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވައިގެން ހިންގާފައިވާ އަމަލުތަކުން، ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުން އެމައްސަލަތައް ނުބެލުމަށް އޮތްތުން ބަދަލުކުރަން ޖެހެއެވެ.

ހަމައެކަނި ނަޖީބުގެ މިމައްސަލަތަކަށް ބެލިޔަސް ވަރަށް ހައްސާސް ބޮޑެތި ޖިނާއީ ކުށްތައް ހިމެނެއެވެ.

އޭގެތެރޭގައި:

  1. 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ގއ. ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި، ކެންޑިޑޭޓުގެ ނަން އަނބުރާ ނެގުމަށާއި، އަދި ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ގާޒީ ހަސަން ނަޖީބު ބުނިކަމަށާއި، އަދި އެމްޑީޕީގެ ކެންޑިޑޭޓުގެ ކެންޑިޑެންސީ ބާތިލު ކުރުމަށް ގާޒީ ނަޖީބު އުޅުނު މައްސަލަ.
  2. 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމުން ވާދަކުރި ކެންޑިޑޭޓާއެކު ގާޒީ ހަސަން ނަޖީބު، ގއ. ވިލިނގިލި ގެއަކަށްގޮސް، މީހަކު ލައްވާ ޕީޕީއެމަށް ސޮއި ކުރުވި މައްސަލަ.
  3. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރި ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމުގެ ގޮތުން، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ގާޒީ ހަސަން ނަޖީބާއި އެހެން ފަނޑިޔާރުންތަކަކާއެކު، ގއ. ވިލިނގިލީ ގެއެއްގައި އެސްޓީއޯގެ މުވައްޒަފުންތަކަކާއެކު ބައްދަލުވުމެއް ބާއްވައި، ރައީސް ޔާމީނަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދައްކާފައިވާ މައްސަލަ.
  4. ގާޒީ ހަސަން ނަޖީބު، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ވަޒީފާގައި އުޅެނިކޮށް، އެއްވެސް ފަރާތަކުން، ގއ. ވިލިނގިލީ ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާފައި ނުވަނީސް، ގާޒީ ހަސަން ނަޖީބު، އެ ރަށު ދެ މީހަކު ހައްޔަރުކުރުމަށް ނެރުނު ދެ އަމުރުގެ މައްސަލަ.
  5. ގާޒީ ހަސަން ނަޖީބު، ގއ. ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓެއްގެ މަގާމުގައި ހުރިއިރު، ގާޒީ ހަސަން ނަޖީބުގެ އެއްބަނޑު މީހެއްގެ ދަރިއެއްގެ މައްޗަށް ދައުވާ ކުރެވުނު މައްސަލައެއް ބެލުމާއި، ޝަރީއަތަށް ފާހަގަކުރެވުނު އެއްވެސް ނުކުތާއެއްނެތި، ހުކުމްކުރި މައްސަލަ.
  6. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ގާޒީ ހަސަން ނަޖީބާއި އެހެން ފަނޑިޔާރުންތަކެއް ގއ. ގެމަނަފުއްޓަށް ދަތުރުކޮށް، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޖަލުގައި ބަންދުކޮށްފައިވާ ގއ. ގެމަނަފުށި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެއާއިލާގެ އެންމެން ރައީސް ޔާމީނަށް ވޯޓު ދޭން އެއްބަސްވާނަމަ، ޖަލު ބަންދުގައި ހުރި އެއާއިލާގެ މީހާ މިނިވަން ކޮށްދޭނެ ކަމަށްބުނެ ހުށަހެޅި ހުށަހެޅުމުގެ މައްސަލަ.

ގާޒީ ހަސަން ނަޖީބާއެކު މިކަންކަމުގައި ބައިވެރިވަނީ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ދާދިފަހާ ޖެހެންދެން ހުންނެވި ޔަޒީދު މުހައްމަދާއި އޭނާގެ އާއިލާގެ އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރަކަށް ކުރިން ހުންނެވި ޔަޒްމީދު މުހައްމަދު، ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރެވި، އަދި އެކޮމިޝަނުގެ ނާއިބު ރައީސް ޝަހީދު މުހައްމަދު ހިމެނެ އެވެ. އަދި ރައީސް ޔާމީން، ޖޭއެސްސީއަށް އައްޔަން ކުރެއްވި މެމްބަރެއްގެ ގޮތުގައި ކުރިން އުޅުއްވި މުހައްމަދު ސަލީމް (ރޭނީސް ސަލީމް) ހިމެނެ އެވެ.

ގާޒީ ހަސަން ނަޖީބުގެ ބައިވެރިންގެ ގޮތުގައި ހިމެނޭ ފަނޑިޔާރުންނަކީ، ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު މަގާމުގެ ބޮޑެތި ކުރިއެރުންތައް ހޯއްދެވި ފަނޑިޔާރުން ނެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަމަށް ވަޑައިގެންނެވިއިރު، ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމުގައި ހުންނަވައި، ސިޔާސީ އެތައް ބޭފުޅުންނެއްގެ މައްޗަށް ހުކުމް ކުރި، އަބްދުﷲ ދީދީ ފާހަގަ ކޮށްލެވެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އަބްދުﷲ ދީދީ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމާއި ހައިކޯޓުގެ އިސްގާޒީކަމުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެވިގެންދިޔަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވި، ނުފޫޒުން އެތައް ހުކުމެއް ކުރިކަމަށް ތުހުމަތު ކުރެވޭ އަބްދުﷲ ދީދީ، ފަނޑިޔާރުކަމުން ވަކިކުރުމުގެ މަސައްކަތް ފެއްޓެވިތަނުން، ދިރިއުޅުއްވަނީ މެލޭޝިއާއަށް ބަދަލުކޮށްފަ އެވެ.

ދެން ހުރީ، ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އެވެ. މިހާރުވެސް ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ޝުޖާއު އުސްމާނު ހުންނަވާ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ. އަބްދުﷲ ދީދީ އެކޭ އެއްގޮތަށް ޝުޖާއުއަކީ، ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ އެތައްބަޔަކަށް ހުކުމް ކުރުމުގައި އަވަދިނެތި އުޅުއްވި ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީގެ ރައީސް، މުހައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރު ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް، އަދި މިހާރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝެއިހު އިމްރާން އަބްދުﷲގެ އިތުރުންވެސް ސިޔާސީ، ގިނަ މައްސަލަތަކެއް ހިންގައި ގިނަ އަދަދެއްގެ ބަޔަކު ޖަލަށްލި އެވެ. އޭގެ ތެރޭގައި އޭރު މުޒާހަރާތަކުން ހައްޔަރުކުރި 300 އެތަށް ބައެއްގެ ބަންދުގެ މުއްދަތުތަކާއި ހުކުމްތައް ހިމެނެއެވެ. 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާ ރޫޅާލުމާއި މީހުން ބަންދުކުރުމުގައިވެސް އޭރުގެ ސަރުކާރާއެކު "ކޯޓު ޑީލްތައް" ހެއްދެވި ކަމަށްވެސް ތުހުމަތުތައް ކުރެވިފައިވެއެވެ.

ޝުޖާއު އުސްމާން ކްރިމިނަލް ކޯޓަށް އައްޔަން ކުރީވެސް، ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރި މައްސަލައާއެކު އެވެ. ރައީސް ޔާމީންނަށް ވަފާތެރި، އެމަނިކުފާނު ދެކެ "ލޯބިވާ" ބޭފުޅުންގެ ލިސްޓްގައި ވެސް މިދެންނެވި ކުރީގެ ފަނޑިޔާރުންނާއި މިހާރު ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާނު ހިމެނެ އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ހުންނެވިއިރު، ޖޭއެސްސީގައި އޭނާއާމެދު ތުހުމަތު ކުރެވޭ އެތައް މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ވެއެވެ. ހަމައެކަނި ގާޒީ ހަސަން ނަޖީބުގެ މިމައްސަލަތަކުގެ ރިޕޯޓަށް ބެލިޔަސް، ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި ޝުޖާއު އުސްމާން ހުންނަވަންޖެހޭ ސަބަބެއް ނުވިސްނެ އެވެ. މިރިޕޯޓްގައި މީސްމީހުން ދީފައިވާ ބަޔާންތަކާއި، ކަން ހިނގާފައިވާ ގޮތަށް ބަލައި، ހަސަން ނަޖީބު މަގާމުން ވަކިކުރަން ފާސްކުރިއިރު، ޝުޖާއު އުސްމާނު ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވަންޖެހޭ ސަބަބެއް ނުވިސްނެއެވެ.

ފަނޑިޔާރު ޝުޖާއު އުސްމާނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް، ދާދިފަހުން ވަނީ ބޮޑު މައްސަލައެއްގެ ހުކުމެއްވެސް ކުރައްވާފަ އެވެ. ޝުޖާއު އުސްމާނު ރިޔާސަތު ބެލެހެއްޓެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗަކުން ވަނީ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި، 3 މިލިއަން ޑޮލަރުގެ މައްސަލައެއް ގ. ޗާންދަނީމާގެ އިސްމާއީލް ޝުޖާއަށް ދިނުމަށް ހުކުމް ކޮށްފަ އެވެ. މިމައްސަލައަކީ މިދިއަ ޑިސެމްބަރު މަހުގެ ފަހުކޮޅު ހައިކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. އެތައް ދުވަހެއް ވެފައިވާ މިއައްވުރެ ހައްސާސް ބޮޑެތި މައްސަލަތަކެއް ގިނަ ދުވަހު ހައިކޯޓުގައި ހުރިއިރު، އަވަސް އަރުވާލައިގެން، ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި އަދި އާއްމުކޮށް ހުޅުވާނުލައި މިޝަރީއަތް ބާއްވައި ހުކުމް ކުރުމުން ސުވާލު އުފެދޭ ނޫންތޯ އެވެ.

ހަމަ މިގޮތަށް، ޝުޖާއު އުސްމާނުގެ ޓީމުގައި ހިމެނޭ، ހަސަން އަލީ އަކީ އަދި މާތަފާތު ބޭފުޅެކެވެ. މިހާރުވެސް އެއީ ހައިކޯޓުގެ ފަނޑިޔާރެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެއްދުވަސްވަރެއްގައި، ރޯޑް ކޯޕަރޭޝަން މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައި އުޅުއްވި އެވެ. އެކުންފުނި ކޮރަޕްޝަން ހާއްޔަކަށް ވުމުން އެންމެފަހުން ރައީސް ޔާމީން ވަނީ އެކުންފުނި އުވާވެސް ލައްވާފަ އެވެ. އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަގާމަށް ވެސް އައްޔަން ކުރެއްވި އެވެ. އަދި އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުވެސް ދުވަސްކޮޅަކު ފުރުއްވިއިރު، ހައުސިންގ މިނިސްޓްރީގެ މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް ވެސް އައްޔަން ކުރެވިގެން ދިޔަ އެވެ.

ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ، އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމުގައި އޭނާ ހުންނެވި ދުވަސްވަރު، ވަގަށް ނަގައި މަރާލާފައިވާ، ރިލްވާން އަބްދުﷲ، ރާއްޖެއިން ބޭރަށް ދިޔަކަށް ދެއްކުމަށް ފުލުހުންގެ ދެ އިންޓެލިޖެންސް އޮފިސަރަކާ ގުޅިގެން ފޭކް ލިޔުމެއް ތައްޔާރު ކުރަން އުޅުމުގެ ތުހުމަތުގައި އެ ފަނޑިޔާރުގެ މައްސަލައެއް ރިޔާސީ ކޮމިޝަނުން ބަލާކަށް އަންގާފައިވާތީ އެވެ. މިމައްސަލާގައި ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކޮށްފައިވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މިހާރު އަހަރެއްވާން ކައިރިވާއިރުވެސް އެ ފަނޑިޔާރު އެހުންނަވަނީ މުސާރަ ނަގާލައިގެން ގޭގަ އެވެ. ކޮވިޑް-19 އާގުޅިގެން މުޅި ދުނިޔޭގެ އިގްތިޞާދު ދަށަށްގޮސް، މީސްމީހުންގެ ވަޒީފާއަށް އަސަރުކޮށް، މުސާރަ ކުޑަވެ، ނުވަތަ މުސާރަ ނުލިބި އެތައް މިލިއަން ބަޔަކު ދިރިއުޅޭއިރު، މިރާއްޖޭގައި މިކަންކަން ހިންގާގޮތް މިހުރީ ފެންނާށެވެ.

ބޮޑެތި ތުހުމަތުތައް ކުރެވޭ، މިފަދަ ފަނޑިޔާރުން މަގާމުގައި ދެމިތިއްބަވާއިރު، ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރާ ހިސާބަށްދާއިރަށް އިސްތިއުފާ ދެއްވުމުން، އެމީހުން "ހުދު ކާފޫރަށް" ބަދަލުވުމަކީ ބަލައިގެނެވޭނެ ކަމެއް ނޫނެވެ. މަގާމުން އިސްތިއުފާ ދެއްވިނަމަވެސް، އެމީހުން ހިންގާފައިވާ ޖިނާއީ ކުށްތައް ބަލާ ތަހުގީގު ކުރަން ޖެހެއެވެ. އަދި ފިޔަވަޅު އަޅާ، އަދުލްއިންސާފުގެ ކުރިމައްޗަށް އެމީހުން ވެސް ގެންނަންޖެހެ އެވެ. ނޫނީ އަދުލްއިންސާފުގެ ވާހަކަ ދެއްކުމަކީ ދެކޮޅުޖެހޭ ކަމަކަށް ނުވާނެ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
13%
13%
0%
75%
0%
0%
ކޮމެންޓް
9 ޖުލައި 2020 | ބުރާސްފަތި 18:05
ޢައިސަ
ނޫސްތަކުގައި ޝާއިރެއް ނުކުރަާނެ!
8 ޖުލައި 2020 | ބުދަ 22:15
މިހާދު
ބަލަ މިހާރު ޖޭއެސްސީ ގަ ތިއްބެވީ ކޮތަރު ކޮއްޓެއްގައި ތިއްބެވި ބޭފުޅުންތޯ؟
8 ޖުލައި 2020 | ބުދަ 11:17
ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒުފޯރުވި، އެ ފަނޑިޔާރުން މިއަދު ވެސް މަސައްކައި ކުރަނީ ހަމަ އެ ނުފޫޒުގަ، ތަފާތަކީ ވެރިން ބަދަލުވުން. ވަޒީފާ ނިގުޅައިގަތުމުގެ ނުފޫޒް އަދިވެސް އޮތީ އޮތްގޮތަށް. ނަޝީދުވެސް ޔާމީންވެސް ގެންގުޅެނީ އެ ނުފޫޒު، ރިޕޯޓް ލިޔެފަ ތި އޮތީ ވަކި ކޮޅަކަށް ބުރަވެ.