ބުރާސްފަތި 13 އޯގަސްޓު 2020
03 މާ
1441 ޒުލްޙައްޖު 23
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:34
އަދުލު އިންސާފު ގާއިމުކުރުން

ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް ރައީސް އެދިވަޑައިގެންފި

  • އަދުލު އިންސާފު ގާއިމު ކުރުމަށް ފުލުހުންގެ ދައުރު ވަރަށް ބޮޑު
  • އިޖްތިމާއި ގިނަ މައްސަލަތަކެއް ފެންމަތިވަމުންދޭ
  • ކަންކަން ކާމިޔާބު ކުރުމަށް ގާނޫނުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ

ކ. މާލެ | 5 ޖުލައި 2020 | އާދީއްތަ 21:42 | 2,393

އާދިއްތަ ދުވަހު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ - ރައީސް އޮފީސް

އަދުލު އިންސާފު ގާއިމްކުރުމަށް ފުލުހުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ޚާއްސަކޮށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

އާދިއްތަ ދުވަހު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ އަޑިގުޑަންތަކުން އަރައިގަތުމަށް މި ކުރާ މަސައްކަތުގައި އަދި ވެސް ވަރަށް ދަތި އުނދަގޫ މަރުހަލާތަކެއް ކަނޑައްތު ކުރަން ޖެހޭ ކަމަށާއި، ރާއްޖޭގެ އިގްތިސާދަށް މިއައި ހީނަރުކަމާއެކު އާންމު ރައްޔިތުންގެ އަތްމަތި ދަތިވެ ދިރިއުޅުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ހަމައެއާއެކު އިޖުތިމާއި ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ ކޮވިޑް-19އާ ސީދާ ގުޅިގެން އަލަށް ކުރިމަތިވާން ފެށި މައްސަލަތައް ނޫން ކަމަށެވެ. އެފަދަ ގިނަ މައްސަލަތަކަކީ އެތައް ޒަމާނެއް ވަންދެން އެކަންކަމެދު މީގެ ކުރިން މާބޮޑު ސަމާލުކަމެއް ނުދީ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހުމުގެ ސަބަބުން ތިލަވަމުން އަންނަ މައްސަލަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަކަމުގައި ވިޔަސް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ގެވެށި އަނިޔާ މަސްތުވާތަކެތީގެ މައްސަލަތައް ކަމުގައި ވިޔަސް މިއީ ހައްލު ނުކުރެވި މުޖުތަމައުގައި ހުރި ދުވަސްވީ މައްސަލަތައް މިސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ އިޖްތިމާއީ މިފަދަ މައްސަލަތައް ހައްލު ކުރުމަށް. ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރުމުގައި އެންމެ މުހިންމު ރޯލު އަދާ ކުރާ އަދި ރައްޔިތުންނާއި އެންމެ ގާތުން މުއައްސަސާއަށްވުމުން މިމައްސަލަތައް ހައްލު ކުރުމުގައި ތިބޭފުޅުންގެ ދައުރު ވަރަށް ބޮޑު. އަދި ވަރަށް މުހިންމު.

~ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ މިކަން ކާމިޔާބު ކުރުމަށްޓަކައި ގާނޫނުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، ފުލުހުންނަށާއި، ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތައުލީމާ ތަމްރީން ވެސް އިތުރަށް ހޯދާ ދޭން އެބަޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ވެލްފެއަރގެ ކަންކަން ހަރުދަނާ ކުރުމަށް ވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ތަރައްގީވަމުން އަންނަ މިޒަމާނުގައި މަސައްކަތް ކުރަމުންދަނީ ފުލުހުންގެ ތެރޭގައި ތިބި ފަންނުގެ އިލްމީ ތަޖުރިބާގެ ބޭފުޅުންގެ ލަފަޔާ މަޝްވަރާގެ މަތިން ކަމަށެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އަދުލު އިންސާފު ގާއިމު ކުރަން ކަމަށާއި، އެކަމުގެ ފެށުން ވެސް ގުޅިފައިވަނީ ފުލުހުންގެ ޚިދުމަތާއި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލާ ތަހުގީގު ފުރިހަމަކޮށް އަވަސް ކުރުމަކީ އޭގެ ތެރެއިން ވެސް އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

އަޅުގަނޑު ބޭނުންވަނީ ފާޑު ކިޔާ މީހެއްގެ ގޮތުގައި ހުންނާކަށް ނޫން. އަޅުގަނޑުގެ ބޭނުމަކީ ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެ ވެސް ބޮޑަށް އިތުބާރު ކުރާ އަދި ތިޔަ ފުލުހުން ވެސް އެތަނަކާ މެދު ފަހުރުވެރިވާ ނަޒާހަތްތެރި ޕްރޮފެޝަނަލް މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ހެދުން.

~ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ ޚާއްސަކޮށް އަންހެނުންނާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ތަހުގީގު އަވަސްކޮށް ޝަރީއަތްތައް ހަލުވިކޮށް އަވަހަށް އިންސާފު ގާއިމު ކުރެވެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.