ހޯމް ސްޓޭ ތައާރަފު ކުރުމަށް މިހާރު ދަނީ ދިރާސާތައް ކުރަމުން: މިނިސްޓަރު އަލީ ވަހީދު
25 ޖޫން 2020 | ބުރާސްފަތި 02:31މިސަރުކާރުން ވައުދު ފުއްދާނެ

އެންއީއޯސީގައި ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ
އަމިއްލަ ގޭގެ ކޮޓަރި ގެސްޓުންނަށް ދޫކުރެވޭ ގޮތަށް "ހޯމް ސްޓޭ" ތައާރަފު ކުރުމުގެ ދިރާސާތައް ކުރަމުންދާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ހޯމް ސްޓޭ ތައާރަފު ކުރަން ނިންމި ނިންމުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއް ކަމަށާއި، ހޯމް ސްޓޭ ތައާރަފު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން މިހާރު ހޯމް ސްޓޭގެ ދިރާސާތައް ހަދަމުންދާކަން މިނިސްޓަރު އަލީ ވަހީދު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިިސްފައިވާ ކަމަށާއި، މުޅި ޕްލޭން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ވެފައިވާ ވައުދެއް މި ސަރުކާރުން ފުއްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ގެންދެވޭނީ ނުވަތަ ގެސްޓް ހައުސްތަކުގެ ވިޔަފާރި ފެށުމަށް ސަރުކާރުން ހުއްދަ ދޫކުރާނީ އޮގަސްޓު މަހުގެ ތެރޭގައި ކަމަށެވެ.
ޖުލައި މަހުގެ ތެރޭގައި ގެސްޓްހައުސްތަކުގެ ވިޔަފާރިތައް އަލުން ހުޅުވާލުމަށް 70 އިންސައްތަ ގެސްޓުހައުސްއަކުން އެދިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އޮގަސްޓް މަހު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމީ ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ނިންމުމަކީ ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނިންމި މުހިންމު ނިންމުމެއް ކަމަށެވެ. އަދި ކަރަންޓީން އަށް ރަށްރަށަށް މީހުން ފޮނުވާއިރު، ދެން އަންނަ ނަތިޖާތަކަށް ރިޔާއަތް ކުރާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.





