މަރުގެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަނީ ފުލުހުންގެ އިހުމާލުން: ރައީސް ނަޝީދު
ކޮމިޝަނުން ހަދާފައި އޮތް ރިޕޯޓް ގައި އޮތް މިންވަރަށް ދައުވާ ކޮށްދިނުމަށް މަޖިލީހުން އެދޭ


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑރ. އަފްރާޝީމް އަލީއާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ މަރަށް އިންސާފު ނުހޯދި ލަސްވެގެން އުޅެނީ ފުލުހުންގެ އިހުމާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގެއްލިފައިވާ މީހުންނާއި ގޮތް ނޭންގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފް ނުލިބި ލަސްވެގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އެކަމުގައި ދެން މަޖިލީހުން ކަންކުރަންވީ ގޮތުގެ މަޝްވަރާތައް ހޯމަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ކުރިޔަށް ގެންދަވާފައެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ގުޅޭ ރިޕޯޓެއް މަޖިލީހަށް ލިބުމާއެކު އެރިޕޯޓާއި ގުޅޭ ރިޕޯޓެއް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ގުޅޭ ކޮމިޓީން ދިރާސާކޮށް ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ރިލްވާންގެ މައްސަލާގައި ޚުލާސާ ރިޕޯޓެއް މަޖިލީހަށް ލިބިފައިވާކަމަށާއި އޭގެ މުޅި ރިޕޯޓް ހޯދުމަށް މިކަން ތަހުގީގު ކުރަމުންދާ މަރުތައް ބަލާ ކޮމިޝަންގައި އެދިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ކޮމިޓީން ދެކޭގޮތުގައި އަޅަންވީ ފިޔަވަޅުތަކާއި ދައުވާކުރަންވީ ފަރާތްތައް ބުނެފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ތަކުރާރުކޮށް މިކަމުގައި ސާފުކޮށް ދޭން ބޭނުންފުޅުވާ ކަމަކީ ބައެއް ބޭފުޅުންގެ ނަޒަރުގައި މަޖިލީހަށް ލިބުނު ޑރ. އަފްރާޝީމްގެ ރިޕޯޓް ދިރާސާކޮށް މަޖިލީހުން ރިޕޯޓެއް ނެރުން އެއީ އެކަމާއި ގުޅޭގޮތުން ޖިނާޢީ ތަހުގީގާއި ޖިނާޢީ ދައުވާ ނުކުރެވޭ ކަމެއްގެ ގޮތުގައި ފާހަގަކުރާ ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނު ދަންނަކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ރިލްވާންގެ ގެއްލުވާލި މައްސަލައިގެ ޚުލާސާ ރިޕޯޓް އެމަނިކުފާނުގެ މޭޒުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން އޮންނަކަމަށެވެ. މިމައްސަލައިގެ ތަފްސީލެއް ރިޕޯޓެއް އަދިވެސް މަޖިލީހަށް ނާންނަކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކޮމިޝަނުން މިކަން ކުރަން އުޅޭކަން ގަބޫލުފުޅުކުރެއްވުމަށް މިހާރު ދަތިކަމަށެވެ.
އަދި ރިލްވާންގެ ގެއްލުވާލި މައްސަލައިގެ ހުލާސާ ރިޕޯޓުން ދައުވާކުރެވޭނެ މިންވަރެއް އޮތްކަމަށް ޤާނޫނީ ވަކީލުން ފާހަގަކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިދެ މައްސަލަ ކުރިޔަށް ނުގޮސް މަޑުޖެހިފައި އޮތުމުގައި ތަރުތީބުގެ މައްސަލައެއް އުޅޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިކަން ނުވީކަމަށް ބަލާފައި ނިންމަވާނުލައްވާނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ކުރައްވާނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
ގެއްލުވާލާފައިވާ މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަށްޓަކައި ކޮމިޝަނެއް އުފައްދާ ޤާނޫނީ ބާރުތަކެއް ވަނީ ދީފައެވެ. ނަމަވެސް އިންސާފު ނުލިބި ލަސްވެގެންދާ ދިޔުމުގެ ކަންބޮޑުވުން ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ. އެކަން ފާހަގަކޮށް، ރިލްވާންގެ އާއިލާއިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުވާފައެވެ.








