މީޑިއާތަކާއި ނޫސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ހެދި ސަރވޭގެ ހޯދުންތައް އާންމުކޮށްފި
ސަރވޭގައި ބައިވެރިވި 65.1 އިންސައްތަ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްފައިވާ އިރު، 36.7 އިންސައްތަ މުވައްޒަފުންގެ މުސާރައިން 50 އިންސައްތަ ވަނީ ކުޑަކޮށްފަ


ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް
ކޯވިޑް-19 އާ ގުޅިގެން މީޑިއާތަކަށް ދިމާވާ މާލީ މައްސަލަތައް ދެނެގަތުމުގެ މަގުސަދުގައި މީޑިއާ ކައުންސިލްގެ ފަރާތުން މީޑިއާތަކުގެ ވެރިންނާއި މުވައްޒަފުންގެ މެދުގައި ޖޫން 5ން 10ށް ކުރިއަށް ގެންދިޔަ ސަރވޭގެ ހޯދުންތައް ހިމެނޭ ރިޕޯޓް މިއަދު އާންމުކޮށްފިއެވެ.
މި ރިޕޯޓް ނެރެފައި ވަނީ، މީޑިއާތަކުގެ ފަންނީ ބޭފުޅުން ހިމެނޭ ގޮތަށް "ކޯވިޑް-19އާ އެކު މީޑިއާތަކުގެ ކުރިމަގު" މި ނަމުގައި އާންމުކޮށް އެންމެންނަށް ބައިވެރިވެވޭ ގޮތަށް ކައުންސިލުން ބޭއްވި ވެބިނާއެއްގައެވެ.
މި ވެބިނާގެ ޕެނަލިސްޓުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ކޯވިޑް-19އާ އެކު އެތައް ވިޔަފާރިތަކެއް ހުއްޓުމަކަށް އައިސްފައިވާ އިރު، ވިޔަފާރިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ވިޔަފާރިތަކުން އިޝްތިހާރަށް ކުރާ ހަރަދު ކުޑަކުރަމުންދެއެވެ. އެކަމުގެ ސަބަބުން މީޑިއާތަކުގެ އާމްދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުން އަންނަ އިރު އިޝްތިހާރު ސްލޮޓްތައް ވިއްކުމުގެ އިތުރަށް އާމްދަނީ ހޯދުމަށް މީޑިއާތަކުގެ ވިސްނުން އެހެން ދިމާލަކަށް ބައްޓަން ކުރަން ޖެހޭކަން ފާހަގަ ކުރެއްވިއެވެ.
އެގޮތުން ވިޔަފާރިތަކަށް ޙާއްޞަ ފެންވަރު ރަނގަޅު ޒަމާނީ ކޮންޓެންޓް މީޑިއާތަކުން އުފައްދައި ދީގެން އޭގެ ތެރެއިން އާމްދަނީ ހޯދޭނެ ގޮތްތަކެއް ރޭވުމާއި، ފައިސާ ދީގެން ޚަބަރު ކިޔޭ ގޮތަށް ޕޭވޯލް ތަޢާރަފް ކުރުން ފަދަ އާ ގޮތްތަކަކަށް މީޑިއާތަކުގެ ވިސްނުން ބަދަލު ކުރަން ޖެހޭކަން ޕެނަލިސްޓުން ފާހަގަކުރެއްވިއެވެ. އަދި ނޫސްތަކުގައި އިޝްތިހާރު ކުރަން ވިޔަފާރިތަކުން ޝައުގުވެރި ނުވާ ސަބަބުތަކުގެ މައްޗަށް ވެސް ވެބިނާގައި ޕެނަލިސްޓުން ވަނީ ތަފްސީލްކޮށް ވާހަކަ ދައްކަވައިފަ އެވެ.
ކޯވިޑް-19 އާ ގުޅިގެން މީޑިއާތަކަށް ހުރި ގޮންޖެހުންތަކާއި މުވައްޒަފުންނަށް ދިމާވާ ދަތިތައް ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިއަށް ގެންދިޔަ ސާވޭގެ ރިޕޯޓް މި ވެބިނާގައި ޢާންމުކުރިއިރު، އެ ސާވޭއިން ވަނީ މީޑިއާތަކަށް ހުރި ގޮންޖެހުންތަކާއި ރަނގަޅު ކުރަން ހުރި ގިނަ ކަންކަން ކައުންސިލުން ވަނި ފާހަގަކޮށްފައެވެ. އެގޮތުން މީޑިއާތަކުގައި މަސައްކަތް ކުރާ ޖުމްލަ 63 ފަރާތަކުން ސާވޭގައި ބައިވެރިވި އިރު، އޮންލައިންތަކާއި ރޭޑީއޯ، ޓީވީތައް ހިމެނޭ ގޮތުން މީޑިއާތަކުގެ އިސްވެރިން ވެސް ވަނީ ސަރވޭ އަށް މައުލޫމާތު ދެއްވައިފައެވެ.
މި ސަރވޭގެ ރިޕޯޓުން ފާހަގަވީ ކަންކަމާ ގުޅިގެން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ މި ރިޕޯޓް ހިއްސާކޮށް މީޑިއާތަކަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެ ފަރާތްތަކުގައި އެދުމަށް ވަނީ ނިންމާފައެވެ. އަދި އެ ކަންކަން ތަންފީޒުވަމުންދާ ގޮތް ކައުންސިލުން ގާތުން މޮނީޓާކުރަމުން ގެންދިޔުމަށް ވެސް ނިންމާފައިވެއެވެ.








