ކ. މާލެ
|
7 އޭޕްރިލް 2017 | ހުކުރު 22:31
ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު ޖެހުމަށް ދޫނިދޫން މާލެ ގެންނަވައި ކޯޓަށް ގެންދިއުމަށްޓަކައި ޕޮލިސް ވެހިކަލަށް އަރުވަން ގެންދަނީ
ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު ޖެހުމަށް ދޫނިދޫން މާލެ ގެންނަވައި ކޯޓަށް ގެންދިއުމަށްޓަކައި ޕޮލިސް ވެހިކަލަށް އަރުވަން ގެންދަނީ
މުހައްމަދު ޝަރުހާން
ގާސިމް ހައްޔަރުކުރުން
ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފި
 
ބަންދަށް ހަދުވަސް ޖެހީ ވޯޓަށް ނުފޫޒު ފޯރުވަން ކަމަށް ޖޭޕީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ވިދާޅުވި
 
ގާސިމްގެ މައްޗަށް ކޮށްފައިވާ ތުހްމަތުތަކަށް ވަނީ އިންކާރުކުރައްވާފައި
 
ގާސިމް ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގާސިމް އިބްރާހިމް ހައްޔަރުކުރުމަށް ފަހު، ބަންދުގެ މުއްދަތު ޖެހުމަށް އޭނާ ދޫނިދޫން ކްރިމިނަލް ކޯޓަށް ގެންނެވީ ހަވީރު 4:00 އަށެވެ. ބަންދުގެ މުއްްދަތު ޖެހުމުގެ އަޑުއެހުން ކުރިން ތާވަލްކޮށްފައި އޮތީ ގާސިމްގެ ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވި ގޮތުގައި ހަވީރު 3:00 އަށެވެ.  މުއްދަތު ޖެހުމަށް ފަހު ގާސިމް އަނބުރާ ދޫނިދޫ އަށް ގެންދިޔައީ 5:30 ހާއިރު އެވެ.

ގާސިމް ކޯޓަށް ހާޒިރުކުރެއްވިއިރު، ގްރީން ޒޯނާއި ކްރިމިނަލް ކޯޓް ސަރަހައްދުގައި ބެރިކޭޑް ޖަހައި އޮތީ ބަންދުކުރި އެވެ. ނަމަވެސް، ގާސިމް މިނިވަންކުރަން ގޮވާލައި ކޯޓް ސަރަހައްދަށް އެއްބަޔަކު އެއްވިއިރު، ސަލްސާ ރޯޔަލް ސަރަހައްދަށް އެއްވެ އަޑުއުފުލި އެވެ.

 

ގާސިމް މިނިވަންކުރަން ގޮވާލާފައިވާ ޕޯސްޓަރުތައް ހިފައިންގެން މީހުން އެއްވެތިބިއިރު، ބާރުގެ ބޭނުކޮށް، އެއްވުން ރޫޅާލީ ޕެޕާ ސްޕްރޭޖެހުމަށް ފަހު އެވެ. މި އެއްވުމުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ގާސިމްގެ ސަޕޯޓަރުން ބައިވެރިވި އެވެ. އަދި ފާރިސް މައުމޫނާއި ޔުމްނާ މައުމޫން މި އެއްވުމުގައި ބައިވެރިވެވެވަޑައިގެންނެވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ އެއްވުގައި ފުލުހުން އަމަލުކުރި ގޮތަށް، ހުކުރު ދުވަހު ސަލްސާ ކައިރީ ބޭއްވި އެއްވުން ކަވަރުކުރަމުން ދިޔަ ނޫސްވެރިންގެ ގަޔަކަށް ޕެޕާ ސްްޕްރޭ ޖެހި އެވެ. އަދި ވީޓީވީގެ ނޫސްވެރިޔަކު ހައްޔަރުކުރިއިރު، ސީދާ ލޮލަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުމުން ބައެއް ނޫސްވެރިންނަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންޖެހުނެވެ. ހައްޔަރުކުރި ވީޓީވީގެ ނޫސްވެރިޔާ، ގިނަ އިރުތަކެއް ނުވެ ދޫކޮށްލި އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކުރެއްވި، ގާސިމް ހައްޔަރު ކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނެފައިވާ ބަޔާނުގައި ބުނެފައި ވަނީ ގާސިމް ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމަށް މާޗް 27 ވަނަ ދުވަހު އެޖެންޑާކޮށް ވޯޓް ނެގުމުގެ ވަގުތު ކައިރިވެފައި ވަނިކޮށް ގާސިމް އިބްރާހީމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ގާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ގާސިމް ހައްޔަރު ކުރުމާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ގާސިމް އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށާއި އަދި ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ބަދަލުކުރުމަށް ހިތްވަރުލިބޭ ފަދަ އަމަލުތައް ކުރާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މައްސަލައިގެ ހެއްކަށް ނުފޫޒް ފޯރުވައި ހެކި ފޮރުވަން ގާސިމް އިބްރާހީމް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގާސިމް އިބްރާހީމް ގެންދިޔައީ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހުރިހާ ތުހްމަތުތަކަށް ގާސިމް އިންކާރު ކުރައްވާފައިވާއިރު، އޭނާ ބަންދުކޮށްފައިވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންނާއި ސިޔާސީ ޕާޓީތަކުން ވަނީ ބުނެފަ އެވެ.

ގާސިމް ހައްޔަރުކޮށް، ބަންދަށް ހަ ދުވަސް ޖެހީ، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ވިދާޅުވި ގޮތުގައި މި މަހުގެ 11 ވަނަ ދުވަހަށް ތާވަލްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލާ ގުޅިގެން އެކަމަށް ހުރަސްއެޅުމަށް ކަމަށެވެ.

މި މައްސަލަ އެޗްއާރުސީއެމް އާއި ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ހުށަހަޅާނެ ކަމަށް ވެސް ޑރ. ހުސައިން ރަޝީދު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް