ރާއްޖޭގެ ތިން ހިސާބަކުން އޮކްސިޖަން ރިފިލް ކުރުމުގެ ކެޕޭސިޓީ ގާއިމްކުރުމުގެ މަސައްކަތް ފަށައިފި
1 ޖޫން 2020 | ހޯމަ 07:15އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ އޮކްސިޖަން ޕްލާންޓްތައް ގާއިމް ކުރާނެ


ކޮވިޑް-19ގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް
ރާއްޖޭގެ ތިން ހިސާބަކުން އޮކްސިޖަން ރިފިލް ކުރުމުގެ ކެޕޭސިޓީ ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އާދިއްތަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ ރާއްޖޭގެ އުތުރުންނާއި ދެކުނުން އަދި މާލެއިން އޮކްސިޖަން ރިފިލް ކުރުމުގެ ކެޕޭސިޓީ ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މަބްރޫކް ވިދާޅުވީ އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ އޮކްސިޖަން ޕްލާންޓްތައް އޮޕަރޭޝަނަލައިޒް ކުރެވި އޮކްސިޖަން ސިލިންޑަރތައް ރިފިލް ކުރުމުގެ މަސައްކަތް އެތަންތަނުން ކުރެވޭނެ އިންތިޒާމް ރާވަމުންދާ ކަމަށެވެ.
ރާއްޖޭގެ އުތުރުންނާއި ދެކުނުން އަދި މާލެއިން އޮކްސިޖަން ރިފިލްކުރުމުގެ ކެޕޭސިޓީ ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކޮވިޑް-19އާ ގުޅިގެން އަތޮޅުތެރޭގެ ސިއްހީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ގާއިމްކުރަން ފެށި ރީޖަނަލް މެޑިކަލް ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ބ. އޭދަފުށި، ށ. ފުނަފޫ، ހއ. އިހަވަންދޫ، ގއ. ވިލިނގިލި، ލ. ގަން، އައްޑޫ ސިޓީ، އަދި ފުވައްމުފުލަކު ގާއިމްކުރެވޭ ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.








