ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ ސްޓެލްކޯގެ މުވައްޒަފުން ގޮސް ހައްލުކޮށްދޭނެ: މުގުނީ
30 މެއި 2020 | ހޮނިހިރު 14:24މައްސަލައެއް ދިމާވެއްޖެނަމަ އެންގުމަށް ވަނީ އެދިފައި


ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކޮވިޑް-19އާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުން
ކޮވިޑް-19ގެ މިހާލަތުގައި މާލެ ސިޓީ ގެއަކުން ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މުވައްޒަފުން ގޮސް މައްސަލަ ހައްލުކޮށްދޭނެ ކަމަށް މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ ވިދާޅުވީ މާލެސިޓީގެ ގެއަކުން ކަރަންޓު ކެނޑިއްޖެ ހާލަތުގައި ނުވަތަ އެހެން ވެސް ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެ ނަމަ ސްޓެލްކޯއަށް އެންގުމުން މުވައްޒަފުން އެމައްސަލަ ހައްލު ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މުގުނީ ވިދާޅުވީ ސްޓެލްކޯއިން މަސައްކަތް ކުރަނީ އަބަދުވެސް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ކަމަށާއި ލޮކްޑައުންގެ މިހާލަތުގައި ރައްޔިތުންނަށް ހަމަޖެހިލައިގެން ތިބެވެނީ ކަރަންޓްގެ ޚިދުމަތް ފުރިހަމައަށް ލިބޭތީ ކަމަށެވެ.
މިހާލަތުގައި ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް މުގުނީ ފާހަގަކުރައްވައި ހިތްވަރު ދެއްވާފައިވެއެވެ.










