ކޮވިޑް-19 ފެތުރޭ މިންވަރު ކަނޑައަޅާނީ ދެ ހަފްތާއިން ރޭޓަށް އަންނަ ބަދަލު ބެލުމަށްފަހު: ޑރ. ޝީނާ
27 މެއި 2020 | ބުދަ 22:09އިންފެކްޝަން ރޭޓް މައްޗަށް ދާނެ


ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. ޝީނާ މޫސާ
ކޮވިޑް-19 ފެތުރޭ މިންވަރު ކަނޑައަޅާނީ ދެ ހަފްތާއިން ރޭޓަށް އަންނަ ބަދަލު ބެލުމަށްފަހު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއި ދިނުމާއި ގުޅޭގޮތުން ބުދަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ފޭސް އެކެއްގައި ދިނުމަށް ނިންމާފައިވާ ލުއިތަކަށް ބަލާއިރު، ނިސްބަތުން އިންފެކްޝަން ރޭޓް މައްޗަށް ދާނެ ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ ކޭސް ފެނުނު ކަމުގައިވީ ނަމަވެސް ހޭންޑަލް ކުރެވޭ މިންވަރަށް ބަލާނެ ކަމަށެވެ.
ލުއި ދެމުންދާނެ މިންގަނޑުތަކަށް އަލިއަޅުއްވާލައްވާ ޑރ. ޝީނާ ވިދާޅުވީ އެއް ފޭސްއިން އަނެއް ފޭސްއަށް ދިއުމަށް ޚާއްސަ މިންގަނޑުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، އެމިންގަނޑުތައް ފުރިހަމަ ނުވާނަމަ ނުވަތަ ވާސިލް ނުވެވޭނަމަ ލުއިތައް ދެމުން ނުދާ ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ ކޮވިޑް-19 ފެތުރޭ މިންވަރު ބަލާނީ އެއް ދުވަހުން އަނެއް ދުވަހަށް ފެންނަ ކޭސްތަކުގެ އަދަދުތަކުގެ މައްޗަށް ނޫން ކަމަށާއި، ފެތުރޭ މިންވަރު ކަނޑައަޅާނީ ދެ ހަފްތާއިން ދެ ހަފްތާއިން ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ ރާއްޖެއިން އަމަލު ކުރަމުންދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކޮވިޑް-19ށް ކަނޑައަޅާފައިވާ މިންގަނޑުތަކުގެ މައްޗަށް ކަަމަށެވެ.







